ސުލޭމާނާއި އައިމިނަގެ މަރުގެ ހަބަރު އަނީގާއަށް ދިނީ ސިމްނާއެވެ. އަހްމަދުގާތު އެވާހަކަ ދައްކާކަށް އަނީގާ ބޭނުމެއް ނުވިއެވެ. އަހްމަދަށް އެކަން އަންގައިގެން ނުވާނެކަމަށް ސިމްނާގާތު ވެސް އަނީގާ ބުންޏެވެ. އަހްމަދަށް އެކަން އަންގަން ސިމްނާ ކުރި މަސައްކަތް ހުއްޓާލީ އެހެން މަގެއް ނުފެނުމުންނެވެ.
ސުލޭމާނާއި އައިމިނަގެ މަރާއިއެކު ޒިނާން ހުއްޓުމަކަށް އައެވެ. އެހީތެރިކަމަށް އެންމެ ބޭނުންވި ވަގުތު އަނީގާއަކަށް އާދެވޭގޮތެއް ނުވިއެވެ. އެކިފަހަރު އެކިކަންކަން ކުރިމަތިވަމުން އަދުނޫނީ މާދަން ވޭވޭ ހުރީއެވެ. އަންނަން ބޭނުން ނުވާތީ ފަރުވާކުޑަކޮށްލަނީއޭ ބުނަން ޒިނާނަށް ނުކެރުނީއެވެ. ވާލޯތްބެއްގެ ބޮޑުކަމުންނާއި ދައްކަމުންދާ ދަޅަތަކަށް ހެއްލިފައިވާ ހެއްލުމެއްގެ ބޮޑުކަން ނޫން އެހެން ކަމެއް ނޫނެވެ.
ސިމްނާއަކީ ހިތްވަރުގަދަ ޒުވާނެކެވެ. ކުޑައިރުއްސުރެ އުޅުމުންދިޔަ ނިކަމެތި ހާލުގައި ވެސް އޭނާ ކެތްތެރިވެ ހަމަޖެހުނެވެ. ކުރިމަތިލާންޖެހޭ ކަންކަމާއި ކުރިމަތިލައި ކާމިޔާބު ހޯދިއެވެ. މިއަދު އޭނާ އެހުރި ހިސާބުގައި އޭނާއަށް އެހުރެވުނީ އެދުވަހު އެ ހިތްވަރު ކުރީތީއެވެ. އިތުރަށް އޭނާއަށް ބޭނުންވި ތަޢުލީމީ ގާބިލްކަމާއި ގެވެހި އާދަކާދަތައް އައިމިނައާއި ސުލޭމާން ދަސްކޮށްދިނެވެ. ކުރިޔަށް ދާން ބޭނުންވި ރަނގަޅު ކޮންމެ މަގަކުން ކުރިޔަށް ދިއުމަށް މަގުކޮށައިދިނެވެ. ކައިރީ ތިބީ މައިންބަފައިން ނޫންކަން ވިސްނަން ނުޖެހޭ ވަރަށް ހުރިހާކަމެއް ފުރިހަމަ ކޮށްދިނެވެ.
ސުލޭމާނާއި އައިމިނަގެ މަރުގެ މަޢުލޫމާތު އަހްމަދަށް ލިބުނީ ހުރިހާކަމެއް ނިމުނު ފަހުންނެވެ. ރުއިމަކުން ހިތާމަ ކުރުމަކުން ވާނެ ފައިދާއެއް ނެތްކަން އެނގުނު ނަމަވެސް އަހްމަދަކަށް ކެތެއް ނުވިއެވެ. އެކަމުގެ ހިތާމައިގަ އެތައް ދުވަހެއް ވޭތުކުރަން ޖެހުނެވެ. ކެއިން ބުއިމާއި ނިދިން މަހުރޫވި އެތައް ދުވަހެއް މާޒީއާއެކުވިއެވެ. ވީހާ ވެސް އަވަހަށް ރާއްޖެދާން ބޭނުންކަމަށް ބުނަން ފެށިއެވެ. މާމަ އާއި ކާފަގެ މަހާނަ ނަމަވެސް ދެކިލަން ދާން ބޭނުންވިއެވެ.
ސުލޭމާންމެންގެ ވަކިވެ ދިޔުމާއިއެކު ޒިނާނަށް ކުރިމަތިވި ހިތާމަޔާއި ހިތްދަތިކަމުގައި އޭނާ އެއުޅެމުންދާ ހިތާމަވެރި ވޭނީ ދިރިއުޅުން ބަލާކަށް ސިމްނާއަށް ކެތެއް ނުވިއެވެ. އެއްބަނޑު އެއްބަފާ ބޭބެފަދައިން ދެކެމުންދާ ޒިނާންގެ އަތު ހިފައިގެން ސިމްނާ ނުކުތެވެ. ބައްޕައެއްގެ އެހީއާ ނުލައި އެކަނި މާއެކަނި ބަލަމުންދިޔަ ކުޑަދަރިފުޅު ކިހިލި ޖަހާލައިގެންނެވެ. މީހުން ކުރަމުންދާ މަލާމާތަކަށް ފުރައްސާރައަކަށް އޭނާ ފަސްނުޖެހޭނެކަން ދައްކައިދިނެވެ. ޒިނާންއާއެކު ރިސޯޓަށް ގޮސް ކުރަންޖެހޭ ކަންކަން ކުރިއެވެ. ވާހަކަދައްކަން ޖެހޭ ފަރާތްތަކާއި ދައްކަންޖެހޭ ވާހަކަ ދެއްކިއެވެ. މިހާރުން މިހާރަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސިއެވެ. ލާންޗުތަކަށް ގޮސް އެމީހުނާއި ވާހަކަދައްކައި ކޮށްދޭންޖެހޭ ކަންކަން ކޮށްދިނެވެ. އެ ވިޔަފާރިއާ ގުޅިގެން ކުރަންޖެހޭ އެހެން ކަމެއް އޮތްނަމަ އެކަމެއް ވެސް އޮޅުން ފިލުވިއެވެ. ކުރަންޖެހޭ މަސައްކަތްތައް މަޑުމަޑުން ކުރަމުން ގޮސް ހަމައަކަށް އަޅުވާލިއެވެ.
އަހަރުގެ ފަހު އިމްތިހާނާއި ދިމާވުމުން އަނީގާ ބޭނުންވީ އަހްމަދު ގޮވައިގެން ސްރީލަންކާގައި މަޑުކުރާށެވެ. އަހްމަދަށް ޓަކައި މިވަގުތަށް އެންމެ ރަނގަޅުވާނީ އެގޮތް ކަން ވިސްނުމުން ޒިނާނަށް ވެސް އެގޮތް ކަމުދިޔައެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ޒިނާން ވެސް މަޑުމަޑުން ހަމައަކަށް އެޅެމުން މަސައްކަތްތަކާއިގެން އުޅެން ފެށިއެވެ.
އަހްމަދުގެ ކިޔެވުން ނިމުނުހާ އަވަހަކަށް ޒިނާންގާތަށް މާލެއަށް ދިރިއުޅުން ބަދަލުކުރަން ބޭނުން ކަމަށް އަނީގާ ބުނުމުން ޒިނާން އެކަމަށް އެއްބަސްވިއެވެ. މިހާރަށް އެންމެ ރަނގަޅުވާނީ އެގޮތް ކަމަށް ވެސް ބުންޏެވެ.
ޒިނާން ކުރަމުންދިޔަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އަނީގާ ފޮނުވައިގެން އޭނާގެ ކޮއްކޮ ނާޖިލާ ދުވަސްކޮޅަކަށް މާލެ އައެވެ.
އުމުރުގެ ޒުވާން ދުވަސްތައް ގުނަމުންދިޔަ ބާވީހަކަށް އަހަރުގެ ނާޖިލާއަކީ ރީތި ޒުވާނެކެވެ. ފިރިހެނަކު އަންހެނަކަށް ޝަޢުޤުވެރި ވާނެ އެތައް ސިފައެއް އޭނާއަށް ލިބިގެންވެއެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑާއި އިސްކޮޅެވެ. އައިބެއް ފާހަގަނުވާ ޗާލު މޫނާއި ފަންކަން އެކުލެވިގެންދާ ދިގުއިސްތަށިގަނޑެވެ. ބައްޓަންތަކުގެ ފުރިހަމަކަމާއި ވަނާތަކާއިގުޅި ލާމެހިފައިވާ ލާމެހުމެވެ. ކުލައަލި ހަށިގަނޑާއި ބަލައި ފޫހިނުވާފަދަ ދެލޮލެވެ.
ނާޖިލާ މާލެ އައުމާއިއެކު އެތައް ކަމެއް ބަދަލުވެގެން ދިޔައެވެ. ކުރިން ކުރަމުންއައި މަސައްކަތްތަކުގެ އިތުރަށް ނާޖިލާ އާއި އޭނާގެ ދަރިފުޅުގެ ކަންތައްތައް ވެސް ސިމްނާ ބަލަހައްޓަން ޖެހުނެވެ.
ޒިނާންއާއެކު ނާޖިލާ ރިސޯޓަށް ދާންފެށިއެވެ. ބައެއް ފަހަރު ރިސޯޓްގައި ރޭކުރާން ވެސް ފެށިއެވެ. މަސައްކަތް ގިނައީޔޯލައެވެ. ދަރިފުޅުގެ މަތިން ހަނދާން ހުންނަހެނެއް ހިޔެއް ނުވެއެވެ. ރިސޯޓް ވަޒީފާއަކީ އޭނާ މާ ގަޔާވާ ކަމަކަށް ވިއެވެ.
ކާންދޭ އަތުގައި ދަތްއެޅުމަކީ ސިމްނާ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫނެވެ. ޒިނާނަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އޭނާ ކުރާނެއެވެ. ނާޖިލާގެ ދަރިފުޅު ވެސް ބަލައިދޭނެއެވެ. ނާޖިލާއަށް އެކަން ބަލައިގަނެވުނަސް ބަލައިނުގަނެވުނަސް އޭނާގެ މައްސަލައެއް ނެތެވެ. އެނޫން ގޮތެއް އޭނާ އިހްތިޔާރު ކުރާނީ ޒިނާން އެގޮތެއް ބުނުމުންނެވެ. މިއަދު ޒިނާންއަކީ އޭނާގެ ބައްޕައެއްގެ މަގާމްގައި ހުރި މީހާއެވެ. އޭނާގެ ހުރިހާ ޒިންމާއަކާއި ހަވާލުވެގެން ހުރި މީހާ ވެސް މެއެވެ. ޒިނާންގެ ހިމާޔަތުގައި ހުރިހާ ދުވަހަކު އޭނާ ހުންނާނީ ހިތްހަމަ ޖެހިގެންނެވެ.
ނާޖިލާގެ ޢަމަލުތަކާއިމެދު ޒިނާން ހިތްހަމަ ނުޖެހޭކަން ސިމްނާއަށް އެނގުނީ ޒިނާން ފޯނުން ދެއްކި ވާހަކަތައް އަޑުއިވުނު ހިސާބުންނެވެ. އެއާއެކު އިތުރު އެތައް ވާހަކައެއް ވެސް އަޑު އިވިގެން ދިޔައެވެ. ލަދުން ބޯ ހަލާކުވާވަރުވިއެވެ. އެވެސް އަންހެނެކެވެ. އެކަނިވެރި މައެކެވެ. ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ. ދައްކާ މީހާ ގޯސްވުން ނޫން ކަމެއް ނުވާނެއެވެ. ރަނގަޅުވާނީ އިތުރަށް އެވާހަކަ ނުދެއްކުމެވެ.
” ކީއްވެ އެވާހަކަ ނުދައްކަންވީ ؟ އަހަރެން ދޯ މި ބުނަނީ ދެއަނތްބަށް ވިޔަސް އޯކޭއޭ. ” ނާޖިލާ އާއި ރިޔާހް ތިބީ ރިސޯޓްގެ ޕޫލްބާގައެވެ. ދެމީހުންގެ ޢަމަލުތަކާއި ބަސްމަގު ހުރިގޮތުން އެދެމެދުގައިވާ ގުޅުން ކިތަންމެހާ ވެސް ސާފެވެ.
” އަހަރެންނަކަށް ހިޔެއް ނުވޭ ބޮސް މިކަމާއި އެއްބަސްވާނެ ހެނެއް. ” ރިޔާހް ހާމަކުރީ އޭނާއަށް ހީވީ ގޮތެވެ. ނުވަތަ އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ.
” ހިހި …. އަހަރެންނާއި ރިޔާހް ކައިވެނި ކުރަން އޭނާގެ ރުހުން ހޯދަން ޖެހޭތަ ؟ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކާ. އަހަރެންނަށް ހީވަނީ ރިޔާހަށް އަހަރެން ކަމުނުދަނީހެން …. އެހެންވިއްޔާ އެހެން ވެސް ބުނަންވީނު. ” ރިޔާހްގެ ވާހަކަތައް ހުރިގޮތުން ނާޖިލާ ހިތްހަމަ ނުޖެހުނެވެ. ނާޖިލާއަކީ ކަންކަން ހިތުއަޅައިގެން ހުންނަ ޒާތުގެ ޒުވާނެއް ނޫނެވެ. ދިމާލަށް ބުނަންޖެހޭ އެއްޗެއް ނުބުނެ އޭނާ މަޑެއް ނުކުރާނެއެވެ.
” ތި އެއްކަލަ ގޯސްވަނިއްޔޭ. އެއްފަހަރު ވެސް އަހަރެން އެހެން ބުނެފިންތަ ؟ ކެތްތެރިވެ ހަމަޖެހިގެންދޯ ކަންކަން ވާނީ. ހަމަ ހިތަށް އަރާހާއިރަކަށް ކައިވެންޏެއް ނުކުރެވޭނެދޯ ؟ ދެވަނަ ކައިވެންޏަށް ކުރަން އުޅޭއިރު އެ ކައިވެންޏަކާއި ހަމައަށް ދިއުމުގެ ކުރިން އަހަރެން ކުރަންޖެހޭ ބައިވަރު ކަންކަން ހުންނާނެކަން ނާޖިލާއަށް ވެސް އެނގެންވާނެ. ކޮންމެ ކަމެއް އަކުރުން އަކުރަށް ކިޔައިދޭ ވަރަށްވުރެ ބޮޑުވެފައި މިހާރު ތިހުރީ. ” ނާޖިލާގެ ވާހަކަތައް ހުރިގޮތުން ރިޔާހް ހިތްހަމަ ނުޖެހުނެވެ.
” އަބަދު ދޮށީއަނބި ދޮށީއަނބި. ގޮސް އޮންނަންވީނު ދޮށީއަނބި ފޫބުޑުން ނުނެއްޓި ގޭގަ. ކިހާ ބޮޑު ބަލ.. އެއް. މަށަށް އޭރު ވެސް ހީވިޔޭ ކަލޭ ތިޔަ އުޅެނީ މަލުގެ ފޮނިކޮޅު ބޯލައިގެން ބަޗާށޭ. ތީ ކަލޭމެންގެ ވައްތަރޭ. ހަނދާން ކުރާތި …. ” ނާޖިލާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް އަޑު ގަދަވަމުން ބަސްމަގު ބަދަލުވަމުން ދިޔައެވެ.
ނާޖިލާ ހަމައަކަށް އެޅުވޭތޯ ރިޔާހް ކުރަމުންދިޔަ މަސައްކަތަށް ކުރިއެރުމެއް ލިބޭގޮތެއް ނުވިއެވެ.
ޕޫލްބާގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނާއި އެތަނުގައި ތިބި ފަތުރުވެރިންގެ ސަމާލުކަން ނާޖިލާއަށް ހުއްޓުނު ނަމަވެސް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ދޭކަށް ނާޖިލާ ބޭނުމެއްނުވިއެވެ.
” ކީކޭ ؟ ތައްޓެއް ތަޅާލިއްޔޭ ؟ ޕޫލްބާ ތެރޭގައި އަޑުގަދަކޮށް ޒުވާބު ކުރަނީއޭ ؟ ގެސްޓުންނަށް އުނދަގޫވަނީއޭ ؟ … ނުވާނެ ތިހެނެއް. ތިވާނީ ކޮންމެވެސް ބަޔަކު ހަދައިގެން ދައްކާ ވާހަކައަކަށް. ނާޖިލާ ނޫޅޭނެ އެހެނެއް. އަހަރެން ހަމަމިހާރު މިގުޅަނީ ނާޖިލާއަށް. އޭނަ އަހަރެންނަކަށް ދޮގެއް ނުހާނެ. ތިޔަ ހަބަރަކީ ދޮގަކަށް ވެއްޖެނަމަ އެވާހަކަ ދެއްކި މީހަކު ވަޒީފާއިން ވަކިކުރަންވާނެ. އޭނާ އެހެދި ދޮގުގެ އަދަބު ލިބެންވާނެ. ” ނާޖިލާ އާއި ބެހޭގޮތުން ޒިނާން ދެއްކި ވާހަކަތައް އަޑުއިވުމުން އަނީގާއަކަށް ކެތެއް ނުވިއެވެ. އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްނުލައި ކޮއްކޮގެ ދިފާއުގައި ނުކުތެވެ. ވަގުތުން ވަގުތަށް ގޮތް ނިންމާލިއެވެ.
ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން އަހްމަދުމެން ރާއްޖެ އަންނަ ދުވަސް ގާތްވަމުން ދިޔައެވެ. އަހްމަދުމެން އަންނަން ވާއިރަށް ޒިނާން ބޭނުންވާ ގޮތަށް ގޭތެރެއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން އެކިފަހަރު އެކި ތަންތަން ފޮޅާ ސާފުކުރުމާއިގެން ސިމްނާ އުޅެމުން ދިޔައެވެ. ކުޑަ ދެކުދިން ބަލަމުން ގޭތެރޭގެ ކަންތައްތައް ހަމަޖައްސަމުން އެކަނި މާއެކަނި އުޅެން ޖެހޭތީ އެންމެ ބޭނުންވާ ވަރަށް މަސައްކަތް ކުރިޔަށް ނުދިޔަ ނަމަވެސް ސިމްނާ ހިތްވަރު ދުލެއް ނުކުރެއެވެ. ޒިނާންގެ އެންމެ އެދުމަކަށް ވެސް ނޫނެކޭ ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ.
” ބޮޑު ފަނިގުޅި. މަ ބަލާނަމޭ ކަލެއަށް ތިހެން މަށާ ޖައްސާލައިގެން ކިހާ ދުވަހަކު މިގޭގައި އުޅެވޭތޯ ؟ ދޮންތަބެ ކައިރީ ފާޑުފާޑުގެ ވާހަކަ ދައްކައިގެން މޮޅުތަކެއް ވޭތޯ ؟ މަ ބޭނުމިއްޔާ މާދަމާ ވެސް ރިސޯޓަށް ދާނަން. ކަލޭ ޖެހޭނީ ތިހެން ބޮންދެއްހެން ގޭތެރޭގައި މަސައްކަތް ކޮށްލަ ކޮށްލަ ހުންނަން. ” ގޭތެރެއަށް ވަދެގެން އައި ނާޖިލާ ހުރީ ސިމްނާ ފެނުން ލަސްވެފައެވެ. ފުންމައިގެން އަރާފާނެހެން ވެސް ހީވިއެވެ. ހައިވެފައިއިން ބުޅަލަކަށް މަސްކޮޅެއް ފެނުނު ކަހަލައެވެ.
” އަހަރެން …. އަހަރެން ދޮންބެ ކައިރީ އެއްވެސް ވާހަކައެއް ނުދައްކަން. ” ނާޖިލާއަށް ބަލާލަމުން މަޑުމަޑުން ސިމްނާ ބުނެލިއެވެ.
” ދޮންބެއޭ … ހަޔާތްކުޑަކަން. ކަލޭ ތީ މި ޢާއިލާއާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން. މިގޭ މީހުން ރާއްޖެތެރެއިން ހޮވައިގެން ގެނައި އެއްޗެއްތީ. މާ ދޮންބެވެލާފަ މިއުޅެނީ ހިތުން މިތަނުން ބައެއް ހޯދަން. ކަލޭ ޝުކުރުކޮށްބަލަ މިހާ ދުވަހު ވެސް މިމީހުން ކަލޭ މިތަނުގައި ގެންގުޅުނީތީ. ފެންވަރު އޮޅިގެން މިއުޅެނީ. ” ނާޖިލާގެ ރުޅިގަނޑު މައިތިރިވާގޮތެއް ނުވިއެވެ.
ނާޖިލާ އެހާ ވަރެއް އަރައިގެން އެ އުޅެނީ ކޮންމެވެސް ކަމެއް ހިނގައިގެންކަން އޭނާގެ ބަސްމަގާއި ޢަމަލުތަކުން ކިތަންމެހާ ވެސް ސާފެވެ. ރިސޯޓަށް ނުގޮސް ގޭގައި މަޑުކުރަން ބުނުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ބައިވެރިވާން ބުނުން ވެސް އެކަމުގެ ތެރޭގައި ހިމެނޭކަން އިތުރަށް ދެއްކި ވާހަކަތަކުން އެނގުނެވެ.
ނާޖިލާއާ ދެކޮޅަށް ވާހަކަދައްކަން ބޭނުންނަމަ ސިމްނާ ދައްކާނެ ވާހަކަތައް ބައިވަރެވެ. ނާޖިލާ ބުނިހެން ސިމްނާއަކީ އެޢާއިލާމީހުން ރާއްޖެތެރޭން ގެނައި ނިކަމެތި ކުއްޖެކެވެ. ސިމްނާއާމެދު އެޢާއިލާއިން ދެކެމުންއައި ގޮތް ނާޖިލާއަށް ނޭނގުމަކީ ސިމްނާގެ މައްސަލައެއް ނޫނެވެ. އެ ރިސޯޓަށް ދާން ބޭނުންނަމަ ސިމްނާއަށް ވެސް އެރިސޯޓަށް ދެވިދާނެއެވެ. އެތަނުގައި މަޑުވެސް ކުރެވިދާނެއެވެ. ނާޖިލާގެ ދަރިފުޅު ނުބަލައި ވެސް ވާނެއެވެ. އެކަނި މާއެކަނި ގޭތެރޭގެ ކަންތައްތައް ކުރުމުގެ ބަދަލުގައި އެހީތެރިއެއް ވެސް ހޯދިދާނެއެވެ. އެގޮތްތައް ބޭނުން ނުވީ ސިމްނާއެވެ.
ދައްކާނެ ވާހަކަތައް ބައިވަރެވެ. އެ ޢާއިލާގެ މީހުންނަކީ ނާޖިލާފަދަ ނާތަހުޒީބު، ކިބުރުވެރި ބޮޑާ ބައެއް ނޫނެވެ. އެ ޢާއިލާއާއެކު ދިރިއުޅެން ފެށިފަހުން ސިމްނާގެ ދިރިއުޅުމުގައި އުނިވި އެއްވެސް ކަމެއްނެތެވެ. ސުލޭމާނާއި އައިމިނަގެ ދަރިއަކަށް ނުވުމުން ނުލިބުނު ހައްގެއް ވެސް ނެތެވެ.
ފުފޭނެ ވަރަކަށް ފުފޭން ކެކޭނެ ވަރަކަށް ކެކެން ނާޖިލާ ދޫކޮށްލުމަށްފަހު، ދަރިފުޅު ގޮވައިގެން ސިމްނާ ކޮޓަރިއަށް ވަނީ ބޭކާރު ވާހަކަދައްކަން ބޭނުން ނުވާތީއެވެ. މިހާރަށް އެންމެ ރަނގަޅުވާނީ އެގޮތްކަން ވިސްނުމުން ވެސް މެއެވެ.
އަހްމަދު ރާއްޖެ އަންނަ ދުވަސް ގާތްވަމުންދާވަރަކަށް ސިމްނާގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.
ތުއްތުތުއްތު އިރުއްސުރެ ފެށިގެން އުފަންދަރިއެއް ފަދައިން ސިންމާ ބަލައި ބޮޑުކުރި އަހްމަދު ގޮވައިގެން އޭނާގެ ދޮންނަމަންމަ އަނީގާ ސްރީލަންކާއަށް ދިރިއުޅުން ބަދަލުކުރީ އަހްމަދުގެ އުމުރުން ހަތްއަހަރުގައެވެ. އެހެން ނުހެދުމަށް އެދި ސިމްނާ ރޮއި އާދޭސް ކުރިއެވެ. މާލޭގައި އަހްމަދު ބަހައްޓައިގެން ކިޔަވައި ދިނުމަށް ސުލޭމާނާއި އައިމިނަ ވެސް އެދުނެވެ. ބޭރަށް ދާން ޖެހޭވަރު ވުމުން އެކަން ވެސް ކޮށްދޭނެކަމަށް ބުންޏެވެ. އެއިން އެއްވެސް ގޮތެއް ބޭނުންނުވީ އަނީގާއެވެ.
މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. ރެއަކީ ހަނދުމަހެއްގެ ސާދަ ފަނަރައިގެ ރޭތަކުގެތެރެއިން ރެއަކަށް ވާތީ މުޅިބިން ވަނީ އަލިވެ އުޖާލާވެފައެވެ. ދުވާލުގެ އަލިކަން ފަދައޭ ވެސް ބުނެވިދާނެއެވެ. ފަސްވަނަ ފަންގިފިލާގެ އޯޕަންބައިގަ ކޮފީއެއް ބޯންއިން ޒިނާނަށް ބަލާލުމުން އެނގި ޔަގީންވަނީ އޭނާ އެއިނީ ނިދާން ތައްޔާރުވެގެންކަމެވެ. އިރުއިރުކޮޅުން ފޯނަށް ބަލާލާގޮތުން ފޯންކޯލެއްގެ އިންތިޒާރުގައި އިންހެން ވެސް ހީވެއެވެ.
ނައިޓީއަކާއި ޓައިޓެއް ލައިގެން ކޮޓަރިން ނުކުތް ނާޖިލާ މިސްރާބުޖެހީ ފަސްވަނަ ފަންގިފިލާގެ އޯޕަންބަޔާއި ދިމާއަށެވެ. ލައިގެންހުރި ނައިޓީގެ ތުނިކަމުންނާއި ނައިޓީ ފަހާފައިހުރި ފޮތީގެ ސަބަބުން ނާޖިލާގެ ހަށިގަނޑު ކިތަންމެ ރަނގަޅަކަށް ވެސް ހާމަވާން ހުއްޓެވެ. ނައިޓީ އާއި ޓައިޓް ފިޔަވައި އެހެން އެއްވެސް އަންނައުނެއް އެ ހަށިގަނޑުގައި ނެތްކަން ސުވާލެއް ނުއުފެދޭހާ ވެސް ސާފެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި