ނައިޓީއަކާއި ޓައިޓެއް ލައިގެން ކޮޓަރިން ނުކުތް ނާޖިލާ މިސްރާބުޖެހީ ފަސްވަނަ ފަންގިފިލާގެ އޯޕަންބަޔާއި ދިމާއަށެވެ. ލައިގެންހުރި ނައިޓީގެ ތުނިކަމުންނާއި ނައިޓީ ފަހާފައިހުރި ފޮތީގެ ސަބަބުން ނާޖިލާގެ ހަށިގަނޑު ކިތަންމެ ރަނގަޅަކަށް ވެސް ހާމަވާން ހުއްޓެވެ. ނައިޓީ އާއި ޓައިޓް ފިޔަވައި އެހެން އެއްވެސް އަންނައުނެއް އެ ހަށިގަނޑުގައި ނެތްކަން ސުވާލެއް ނުއުފެދޭހާ ވެސް ސާފެވެ.
ވެރެންޑާއަށް ނުކުމެގެން އައި ނާޖިލާ ފެނުމާއިއެކު ޒިނާން ދިޔައީ ސިއްސައިގެންނެވެ. ހިއްސުތައް ގަނޑުވެ ކަޅިޖަހާލަން ވެސް ހަނދާން ނެތުނު ކަހަލައެވެ. ހަދާނެ ގޮތް ހުސްވިއިރު ބުނާނެ އެއްޗެއް، ކުރާނެ ހަރަކާތެއް ވެސް ހަނދާނަކަށް ނައެވެ.
ފޯން ރިންގުވާން ފެށުން އެއީ ޒިނާންގެ ނަސީބަށް ވެސް ވެދާނެއެވެ. މޫނުމަތިން އުފަލާއި ހިތްހަމަ ޖެހުން ފާޅުވެގެން ދިޔައެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބު ދެމުން ޒިނާން ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ އެގޮތެވެ. އެފޯންގެ އިންތިޒާރުގައި އޭނާ ހުންނަތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ.
ވެރެންޑާއަށް ވަދެގެންދިޔަ ނާޖިލާ ދިޔަގޮތަށް ގޮސް މަޑުކޮށްލީ މަގާވީ ފަރާތު ފާރުކައިރި އަށެވެ. އަވަސް އަވަހަށް މަގުމައްޗަށް ނަޒަރު ހިންގާލަމުން ފޯނާއިކުޅެލިއެވެ. ކޮންމެ ވެސް ނަންބަރަކަށް ގުޅާލަމުން ފޯނު ކަންފަތާއި ކައިރިކޮށްލިއެވެ. ވަގުތަކީ މެންދަމުގެ ހަމަހިމޭން ވަގުތު ކަމަށްވާތީ މަގުމަތިން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެއްވެސް މީހެއް ނުވަތަ ދުއްވާފައިދާ އެއްޗެއް ވެސް ފެންނާކަށް ނެތެވެ.
ފޯނުން ވާހަކަ ދައްކަމުން ދައްކަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތް ޒިނާންގެ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުވީ ކުއްލިއަކަށެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އޭނާ ހިނގައިގަތީ ކޮންޓްރޯލްރޫމާއި ދިމާއަށެވެ.
” މި ގާތްކުރަނީ. ގޭޓް ހުޅުވާލާ. ” އިވުނީ ފިރިހެނެއްގެ އަޑެވެ. ލިބުނު އުފަލާއިއެކު ނާޖިލާގެ މޫނުމަތިން ހިތްހަމަޖެހުން ވިދައިގަތް ކަހަލައެވެ. ގައިގާ އަތް އުނގުޅާލަމުން ކޮށްލި ހަރަކާތުން ފެނިގެން ދިޔައީ އިސްގީ މަސްތީ ފެންބޮވައިގަތުމަކަށް އޭނާ ކަރުހިއްކައިގެން ފައިވާ ވަރެވެ. ކެތްތެރިކަން ކޮޅުންލާފައިވާވަރު ވެސް މެއެވެ.
ނާޖިލާ ގޭތެރެއަށް ވަނުމުގެ ކުރިން ޒިނާން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
މަޑުމަޑުން ދުވެލާފައި ކަހަލަގޮތަކަށް ގޭތެރެއަށް ވަދެގެންދިޔަ ނާޖިލާ މަޑުކޮށްލީ ގޭޓްގެ ކޮންޓްރޯލް ކައިރީގައެވެ. ކޮންމެ ފަންގިފިލައެއްގެ ސިޓިންރޫމްގައި އަމިއްލައަށް ބޭނުން ކުރެވޭހެން ގޭޓްގެ ކޮންޓްރޯލް ހުރުމަކީ ނަސީބެކޭ ނާޖިލާގެ ހިތަށް އެރިއެވެ. އިންތިޒާރުގައި މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ގޭޓް ހުޅުވައިދިނުމަށް ބޭރުން އެދުނެވެ. ސިގުނަލް ލިބުމާއިއެކު ނާޖިލާ އަވަސްވެގަތެވެ.
ސިސްޓަމް މަސައްކަތްކުރާކަމަށް ދެއްކި ނަމަވެސް ގޭޓެއް ނުހުޅުވުނެވެ. އެތައް ފަހަރަކު އުޅެވެސް އެކަން ކާމިޔާބެއް ނުވިއެވެ. ނާޖިލާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ހިތްހަމަ ނުޖެހުމާއިއެކު ބާރުބާރަށް ބިންމަތީގައި ފައިންޖެހުމަށްފަހު ސިޑިއާއި ދިމާއަށް ދުއްވައިގަތެވެ. އެންމެ ސިކުންތެއް ވެސް ދޫކޮށްލަން ބޭނުންނުވާ ކަހަލައެވެ.
ގޭޓާއި ހަމައަށް ދެވުނުއިރު ނާޖިލާ ހުރީ ވަރުބަލިވެ މާނޭވާ ލެވިފައެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ނާޖިލާ އަވަސްވެގަތީ ގޭޓް ހުޅުވާށެވެ. މަޑުކުރާކަށް ހިތެއް ހަމައެއް ނުޖެހުނެވެ.
ގޭޓެއް ނުހުޅުވުނެވެ. އެގޮތަށް އެކަން ނުވާނެކަން އޭނާއަށް ވިސްނުނީ އިރުކޮޅެއް ފަހުންނެވެ. ގޭޓް ހުޅުވަން ބޭނުންވެފައިވާވަރުން ކުރިން އެކަން ހަނދާން ނެތުނީއެވެ. ހިތްހަމަ ނުޖެހުން ހައްތަހާވީ އިތުރެވެ.
” މީތި މީނީ މޮޔަވެފަ. ނުހުޅުވުނު. ” ހިތްހަމަ ނުޖެހުމާއިއެކު ނާޖިލާ ހަޅޭލަވައިގަތެވެ.
” ނާޖީ … ހަމަޖެހިބަލަ. ތިވާނީ ކޮންމެވެސް މައްސަލައެއް ޖެހިފަ އިނީކަމަށް. ދެން ގޮސް ނިދާލާ. މާދަމާރޭ ކޮންމެ ވެސް އެހެން ގޮތެއް ހަދާނީ. ” ފޯނުގައި ހުރި ފިރިހެންމީހާ މަސައްކަތްކުރީ ނާޖިލާ ހަމައަކަށް އަޅުވާށެވެ. ވަގުތާއި ހާލަތު އޭނާއަށް ވިސްނުނެވެ. މިވަގުތަށް އެންމެ ރަނގަޅުވާނެގޮތަށް ކަންތައް ކުރުމަށް އޭނާ އިސްކަން ދިނެވެ.
” ވަރަށް ރީއްޗެއްނު. ދެން ދޭ އަވަހަށް ….. ގޮސް އަންހެނުން ކައިރީ އޮތީމާ ވަދީފަށް ވީނު. ނާޖީ ދެން މިހެން ތެޅިތެޅި ހުންނަންވީ؟ …. ވަރަށް ފޫހިވޭ. ” ވަދީފުގެ ވާހަކަތަކާއި ނާޖިލާ ހިތްހަމައެއް ނުޖެހުނެވެ.
” އަންހެނުން ކައިރީ ނޯއްނަންވެގެންދޯ މިދަންވަރު ވެސް މިއައީ. މަ ހިތަށް އަރާ ކޮންދުވަހަކުން ބާއޭ ނާޖީގެ ތިޔަ ވިސްނުން ބަދަލުވާނީ. ތިޔަށްވުރެ ރަނގަޅަށް ވިސްނަން ވެއްޖެއެއްނު. ތިހެން ކަންތައް ކުރާތީއޭ ހިތްހަމަ ނުޖެހެނީ. ކިހާ ރީތިކޮށް އަހަރެން މިބުނީ ގޮސް ނިދާލާށޭ. މާދަމާރެއަށް އެހެން ގޮތެއް ހޯދާނަމޭ. ކިތަންމެ ބޭނުން ވިޔަސް ތިޔަ ގޭޓް ނުހުޅުވިއެއް ނުވަދެވޭނެދޯ؟ ނުވެސް ނުކުމެވޭނެދޯ؟ ހަމަ ހިތަށް އަރާ ކޮންމެ އެއްޗެއް މީހުނާއި ދިމާއަށް ބުނާއިރު އަނެކުން އެކަމާއިމެދު ވިސްނާނެ ގޮތަކާއިމެދު ވެސް ވިސްނާލަން ޖެހޭނެދޯ ؟ ” ވަދީފު މަސައްކަތްކުރީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރާށެވެ. އޭނާގެ އަންހެނުންނަށްވުރެ ނާޖިލާ އޭނާއަށް މުހިންމުކަން ނާޖިލާއަށް ވިސްނައިދޭށެވެ.
” ސޮރީ. ” ނާޖިލާއަށް އޭނާގެ ކުށް ގަބޫލުކުރެވި މައާފަށް އެދުނެވެ. ވަދީފުގެ ވާހަކަތަކާމެދު ފުންކޮށް ވިސްނާލެވުނެވެ.
” ވަރަށް ބޭނުން …. ގެއަށް ގޮސް ވީޑިއޯ ކޯލު ކުރާތި. ” އަނެއްކާ ވެސް ވާހަކަ ދެއްކީ ނާޖިލާއެވެ.
ސިޓިންގްރޫމަށް ވަދެގެން ކޮޓަރިއާ ދިމާއަށް އައި ނާޖިލާގެ ފިޔަވަޅުތައް ބާރުވީ ކޮޓަރިތެރޭން އިވުނު ރުއިމުގެ އަޑަށެވެ. އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަތްއިރު ދަރިފުޅު ހޭލައިގެން ރޮނީއެވެ.
އަހްމަދުގެ ދިރިއުޅުން ސްރީލަންކާއަށް ބަދަލުކުރި ފަހުން ސިމްނާ އާއި އަހްމަދު ބައްދަލުވެފައިވަނީ އެންމެ ދެތިން ފަހަރުއެވެ. ސުލޭމާނާއި އައިމިނަ އަހްމަދަށް ފޯނުކުރާ ފަހަރެއްގައި ނޫނީ ސިމްނާއަކަށް އަހްމަދާއި ވާހަކައެއް ނުދެއްކެއެވެ. އަހްމަދާއި ސިމްނާ ވާހަކަ ދެއްކުމަކީ އަނީގާ ހިތްހަމަޖެހޭ ކަމަކަށް ނުވެއެވެ.
ސުލޭމާނާއި އައިމިނަ ނިޔާވި ފަހުން އަހްމަދާއި ވާހަކަދައްކަން ސިމްނާ ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ސިމްނާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަނީގާ އެފުރުސަތު ނުދޭނެކަން އެނގުމުން ސިމްނާ އެކަން ހުއްޓާލިއެވެ. އަހްމަދު ހޯދަން އޭނާ ފޯނުކުރުމުން އަނީގާ ކަންތައް ކުރާގޮތް ޒިނާނަށް ކިޔައިދީފިނަމަ، އަނީގާ ދެކެ ޒިނާން ރުޅި އަންނާނެކަން ސިމްނާއަށް އެނގެއެވެ. ޒިނާން މެދުވެރިކޮށް އަހްމަދާއި ވާހަކަ ދައްކަން ސިމްނާ މަސައްކަތް ނުކުރީ އެހެންވެއެވެ. އެ ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހޭކަށް އޭނާ ބޭނުންމެއް ނުވެއެވެ.
އަނީގާމެން ރާއްޖެއައުމުން ދުވަސްކޮޅަކު މާލޭގައި މަޑުކޮށްލަން ގަސްދުކުރާތީ ޒިނާން މަސައްކަތް ކުރަމުންދިޔައީ އެކަމަށް ވިސްނައި ސަމާލުކަންދީގެންނެވެ. މަސައްކަތްތައް ރާވައި ތަރުތީބުކޮށް ނިންމާލީ ވެސް އެދުވަސްކޮޅު އެއިން އެއްވެސް ކަމަކާއި އޭނާ އުޅެން ނުޖެހޭ ހެން ބަލައިގެންނެވެ. އަނބިދަރިން އައުމުން ދުވަސްކޮޅަކަށް ނަމަވެސް އެމީހުނަށްޓަކައި ހުސްވެލަން ޒިނާން ބޭނުންވިއެވެ. އެހާ ދުވަހަށްފަހު ބައްދަލު ވުމުން ކައިރީ މަޑުކޮށްލުން ކޮންމެހެން ވެސް މުހިންމުވިއެވެ.
އަހްމަދު ބަލައި ޒިނާންމެނާއިއެކު އެއާރޕޯޓަށްދާން ސިމްނާ ވެސް ބޭނުންވިއެވެ. އެގޮތް ބޭނުންނުވީ އަނީގާއެވެ. އަނީގާމެން ރާއްޖެ އަންނަނީ ވަރަށްދިގު ދަތުރެއް ކޮށްފައި ކަމާއި އެމީހުން އަންނަންވާއިރު ރަނގަޅު ކެއުމެއް ތައްޔާރުކޮށް އެމީހުނަށް ރެސްޓްކޮށްލެވޭހެން ހުރިހާ ކަމެއް ބަރާބަރަށް ހަމަޖައްސަން ޖެހޭނެކަމަށް އަނީގާ ބުންޏެވެ. އެކަންކަން ފުރިހަމަ ކުރެވޭނީ ސިމްނާ ގޭގައި މަޑުކޮށްގެން ކަމަށް ވެސް ބުންޏެވެ.
އެއާރޕޯޓަށް ދާން ގެއިން ނުކުންނަމުން ސިމްނާއާ ދިމާއަށް ނާޖިލާ ކޮށްލި އިޝާރާތް ނާޖިލާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އޭގެ މާނަ ކިތަންމެހާ ވެސް ރަނގަޅަކަށް އޭނާއަށް ވިސްނުނެވެ.
ގޭތެރެއަށް ވަދެގެން އައި އަހްމަދަށް ސިމްނާ ފެނުމާއިއެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސިމްނާގެގައިގާ ބައްދައިގަތެވެ. ދޮންތާއޭ ކިޔައި ރޮއިގަތެވެ. މާމަ އާއި ކާފަ ނިޔާވި ވާހަކަ ނުބުނުމުން ސަކުވާ ކުރިއެވެ. އޭނާގެ ހާލު ބަލާލަން ނުގުޅާތީ ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ. ދޮންތަ އޭނާ ދެކެ ރުޅި އައީ ކީއްވެތޯ އާއި ދުރުކޮށްލީ ކީއްވެތޯ ސުވާލުކުރިއެވެ.
ރޮމުން ރޮމުން ވާހަކަ ދައްކަމުންދިޔަ އަހްމަދުގެ ބޮލުގައި ފިރުމާލަ ފިރުމާލަ ހުރި ސިމްނާގެ ދެލޮލުން ވެސް ކަރުނަ ފައިބަމުން ދިޔައެވެ. ކެތްތެރިވެ ހަމަޖެހި ނަފްސް ކޮންޓްރޯލް ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.
އަހްމަދުގެ ކޮނޑުގައި ހިފަހައްޓައި މަޑުމަޑުން ދުރަށް ޖައްސާލަމުން ސިމްނާ އިސްކަންދިނީ އަހްމަދު ހަމައަކަށް އަޅުވާށެވެ. ކެތްތެރި ހަމަޖެހުމަށް ނަސޭހަތް ދިނެވެ. ކޮންމެވެސް އެއްޗެއް ކާލައިގެން އަރާމްކޮށްލުމަށް ވިސްނައިދިނެވެ. ދުނިޔެއަކީ ކޮންކަހަލަ ތަނެއްކަމާއި ދިރިއުޅުމަކީ ކޮބައިކަން އަދި ވިސްނޭނެކަމަށް ބުންޏެވެ. ދައްތަގެ ހިތުން އަހްމަދަށް ދެވިފައިވާ ޖާގަ ދުވަހަކު ވެސް ފޮހެވިގެން ނުދާނެކަން ހަނދާން ކޮށްދިނެވެ.
ކޮޓަރިން ނުކުތް ހައިކަލް ފެނުމާއިއެކު ދަރިފުޅާއޭ ކިޔާ ސިމްނާ ގޮވާލިއެވެ. ސިމްނާއަށްވުރެ ކުރިން އަހްމަދު ގޮސް ހައިކަލް ނަގައި ބައްދާލިއެވެ. ނިތްކުރީގައި ބޮސްދެމުން ބޮލުގައި ފިރުމާލިއެވެ.
ފެންނަމުންދިޔަ މަންޒަރުތައް ބަލާކަށް ނާޖިލާއަކަށް ކެތެއް ނުވިއެވެ. ހިތްހަމަ ނުޖެހުމާއެކު ޗުކުޗުކު ތަޅުވަމުން ދަރިފުޅު ގޮވައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނާޖިލާއަށް ވީގޮތް އަނީގާއަށް ފެނުނުނެވެ. އަނގައި ނުބުނު ހުންނާކަށް ހިތްހަމައެއް ނުޖެހުނެވެ.
” ސިމްނާ! ކާން ތައްޔާރުކޮށްފިންތަ؟ އޭރު ވެސް އަހަރެން ބުނިންދޯ އަންނަންވާއިރަށް ކެއުން ރެޑީކުރައްޗޭ. މި އަންނަނީ ފްރެސްވެލައިގެން. ނާޖިލާ …. މަޑުކުރޭ ކައިގެން ކޮޓަރިއަށް ދާން. ” ސިމްނާއަށް ބަލާލުމަށްފަހު ކޮޓަރި އާއި ދިމާއަށް ހިނގައިގަންނަމުން އަނީގާ ވާހަކަ ދެއްކިއެވެ.
ވަގުތަކަށް އިންތިޒާރުކޮށްކޮށް ޒިނާން ހުރި ކަހަލައެވެ. ކޮޓަރިއަށް ވަދެ ދޮރުލެއްޕުމާއިއެކު އަނީގާގެ ފުރަގަހުން ބައްދާލިއެވެ. މަޑުމަޑުން ގަޔާއި ކައިރިއަށް ގެނެސް ކޮލުގައި ބޮސްދިނެވެ. ލޯތްބާއި އޯގާތެރިކަމާއެކު މުޅި ހަށިގަނޑުގައި ފިރުމާލިއެވެ. އެ ބީހިލުމާއިއެކު ޒިނާނަށް ވެގެންދިޔަ ގޮތް އަނީގާއަށް އިހުސާސްވިއެވެ.
” އަދިވެސް ބަލަން ހުންނަނީތަ؟ ދެން ވެސް ދޮންތައާއި އަހްމަދުގެ ފޮށިތައް ކޮޓަރިއަށް ގެންގޮސްބަލަ. ”
ސިމްނާއަށް ބަލާލަމުން ނާޖިލާ ބުނެލިއެވެ. ފުރުސަތެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ.
” ދޮންތަ މަޑުކުރޭ ކޮއްކޮ ކައިރީ. އަހަރެން އަންނާނަން މަންމަގެ ފޮށި ގެންގޮސްފައި. ” އެފޮށި ހިއްލުމަކީ ސިމްނާއަށް ފަސޭހަ ކަމަކަށް ނުވާނެކަން ހަނދާންވުމާއިއެކު އަހްމަދު އެކަމަށް އަވަސްވެގަތެވެ. ފޮށީގެ ބޮޑުމިން ހަމަލޮލަށް ފެންނަންއިން ނަމަވެސް އޭގެ ބަރުދަން ނާޖިލާ އާއި ސިމްނާއަށް އިހުސާސްނުވާނެކަން އަހްމަދަށް އެނގެނީ އެފޮށި އެންމެގިނައިން އުފުލި މީހަކީ އޭނާއަށް ވާތީއެވެ.
އަހްމަދު އެކަމަށް އިސްނެގުމުން ނާޖިލާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ސިމްނާއަށް ފެނުނު ނަމަވެސް އޭނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
” އަހްމަދު! ދަރިފުޅު ކީއްވެ ތިހިފައިގެން ތިއައީ؟ މިގޭގައި ހުންނާނެ މަސައްކަތްތައް ކުރަން ހިލޭ ސާބަހަށް ބަހައްޓާފައި ހުންނަމީހެއް. ” ފޮށިހިފައިގެން އައި އަހްމަދު ފެނުމުން އަނީގާ ހިތްހަމައެއް ނުޖެހުނެވެ. ސިމްނާއަކީ ކާކުކަން އަހްމަދަށް ހަނދާންކޮށް ދިނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި