ބޯކޮށް ވެހިގަތް ވާރެއާއިއެކު ކުޑަކުޑަ ހާނިމްއަށް ހޭލެވުނެވެ. ދަންވަރުގެ ހަމަ ހިމޭންކަން ތޫފާނަކަށް ބަދަލުވި ކަހަލައެވެ. ކުކުރާލުމަށްފަހު ބައްޕާއޭ ކިޔާފައި ގޮވާލިއެވެ. ފުޅިބައްތީގެ ފަނޑު އަލީގެ ސަބަބުންނާއި ލޮލުގައި ނިދި ހުރިވަރުން ކިރިޔަކިރިޔާ ތަަނެއް ފެންނަނީއެވެ. ގޭގެ އެތެރެގޭގައި ހުރި ރޯނުފުރާފައި ހުރި އެނދެއްގައި އަޅާފައި އޮތް ކުނާމަތީގައި ހާނިމް ފުރޮޅިލަފުރޮޅިލާ އޮތެވެ. ބޯދަށުގައި އޮތް ބާލީސް ފިޔަވާ އެހެން އިތުރު އެއްޗެއް އެނދުމަތީގައި ނެތެވެ. ބިތުގައި ޖަހާފައިހުރި ފަންތަކުގައި ވާރޭ ތިކިތައް އައިސް ޖެހި ތެމެން ފެށުމާއިއެކު ގޭތެރޭގެ ފިނިކަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. ފުރާޅުގައި ހުރި ފަންތަކުގެ ތެރެއިން ފޫދިގެން އަންނަ ފެންތިކިތައް ގޭތެރޭގެ އެކި ދިމަ ދިމާލަށް ފައިބަމުންދެއެވެ. ހާނިމްގެ ގަޔަށް ފެންތިކި ޖަހަން ފެށުމާއިއެކު ތެދުވެ އެނދުމަތީގައި އިށީނދެލިއެވެ. ފެންތިކި ނުޖެހޭ ދިމާލެއްބަލާފައެވެ. ވިދާލާ ވިދުވަރުގެ އަލިކަން ފުރާޅުގެ ފަންގަޑުގެ ދަށުން ގޭތެރެ އަލިކޮށްލައެވެ. ކޮންމެ ވިދުވަރެއްގެ ފަހަތުން ގުގުރީގެ އަޑު އިވެމުންދެއެވެ. ވައި އެހާމެ ބާރެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ގެގަނޑު އެއްލާލަ ފާނެ ހެންނެވެ. ރޭގައި ރަނގަޅަށް ނުކެވުމުގެ ސަބަބުން ހާނިމް އިނީ ބަނޑުހައިވެސް ވެފައެވެ. ނަމަވެސް މި ދަންވަރުގައި ކާނީ ވަކި ކޯއްޗެއް ހެއްޔެވެ. ބައްޕަ ފިޔަވާ ހާނިމްގެ އެއްވެސް މީހަކު މި ދުނިޔޭގައި ނެތެވެ.
ހާޝިމް ފެންތަށްޓެއް ހިފައިގެން އައިސް ހާނިމްއަށް ދިއްކޮއްލަމުން އެނދުގައި އިށީނދެލިއެވެ. ހަޔާތުގައި ކުރިމަތިވަމުން އަންނަ އިމްތިހާނުތަކަށް ކެތްކުރުން ނޫން އިތުރުގޮތެއް މިއަދު ހާޝިމްއަކަށް ނެތެވެ. މަތީނާގެ ވަކިވެދިއުން ވެގެންދިޔައީ ކުޑަކުޑަ ހާނިމްއެކޭ އެއްގޮތަށް ހާޝިމްއަށް ވެސް ލިބުނު އެންމެ ބޮޑު ހިތްދަތިކަމަށެވެ. މިއަދު އެދެބަފައިން ކުރަމުންދާ ހިތާމައަކީ މީހެއްގެ ހިތަށް ތަސައްވުރުކޮށްލެވޭވަރަށް ވުރެވެސް ފުން ހިތާމައެކެވެ. ހާޝިމްގެ ބުރަމަސައްކަތުން އާރާސްތުކުރަމުން އައި ދިރިއުޅުމަށް ބަނަކަން ވެރިވެ ބިންދާލި ބޮޑު ރާޅާއެކު، އެ ދެބަފައިން ބިކަވެ ދުނިޔެއަށް އެކަނިވެރި ވެއްޖެއެވެ. ބަނޑަށް ދުވަސް ފުރެން ކައިރިވެފައި ހުއްޓާ މަތީނާ ވަކިވެ ދިޔައީ ރަނގަޅު ބޭސްފަރުވާއެއް ލިބެން ނެތުމުގެ ސަބަބުންނެވެ. ރަށުގައި ފޯރާ މީހުން ތިބިއެއް ކަމަކު އެފަދަ މީހެއްގެ އެހީއެއް ނުލިބި ފަރުވާ ކުރެވޭނެ ގޮތެއްނުވެ މަތީނާ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔަން ޖެހުނީއެވެ. ނަމަވެސް ހާޝިމްގެ ހިތުގައި އެއްވެސް މީހަކާއިމެދު ހިތްބަރު ކަމެއްނެތެވެ. އެކަލާނގެއަށް ޝުކުރުކޮށް ދިރިއުޅުމުގައި ކުރިއަށް ދިއުން ނޫން ގޮތެއް ނެތްކަމަށް ހިތުގެ އަޑިން ހާޝިމް ގަބޫލުކުރެއެވެ.
ޖަހާލި ވަރުގަދަ ގުގުރިއަކާއިއެކު ހާޝިމް ވެސް ދިޔައީ ސިއްސައިގެންނެވެ. ކުޑަކުޑަ ހާނިމްވެސް ބައްޕާއޭ ކިޔާ ހާޝިމްގެ ގައިގައި އޮޅުލައިގަތެވެ. ވާރޭ އިހުނަށްވުރެ ބޯކޮށްލިއެވެ.
“މަންމަ މަތިން ހަނދާންވަނީ!” ހާނިމް މަޑުމަޑުން ބުނެލިއެވެ. ހަމަ އެއާއިއެކު ހާނިމްގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަންފެށިއެވެ.
“ދަރިފުޅާ ކެތްކުރަންވާނެ، ކޮންމެ މީހަކީ ތާއަބަދު މިދުނިޔޭގައި ހުންނާނެ މީހެއް ނޫން.” ހާޝިމްބެލީ ހާނިމްއަށް ވިސްނައިދެވޭތޯއެވެ. ހާނިމް ދެރަވާނެވަރު ހާޝިމްއަށް އެނގެއެވެ. ކޮއްކޮއެއް ލިބުމުގެ އިންތިޒާރީގައި ހާނިމް ނުކުރަނީ ކޮންކަމެއް ހެއްޔެވެ. ނުކިޔަނީ ކީކޭ ހެއްޔެވެ. ކޮއްކޮއާއި އެކު ކުޅެން އުޅޭނެ ގޮތާއި ކޮއްކޮ ގޮވައިގެން ދާނެ ހުރިހާ ތަނަކާއި ކޮއްކޮ ގެންގުޅޭނެ ހުރިހާ ގޮތެއް އެ ކުޑަކުޑަ ސިކުނޑިން ވަނީ ރާވާ ނިންމާފައެވެ. ނަމަވެސް ތަގުދީރުގައި ލިޔެވިފައިވަނީ ކޮން ގޮތަކަށް ކަމެއް އެއީ އެއްވެސް މީހަކަށް އެނގޭނޭ ކަމެއްނޫނެވެ. މިދިޔަ ދުވަސްތަކުގައި ހާނިމްގެ ހުރިހާ ވަގުތެއް ހޭދަކުރީ މަތީނާއާއިއެކު ގޭތެރޭގައެވެ. ހާޝިމްއަކީ އެކިއެކި މަސައްކަތްތަށްކުރާ މީހަކަށް ވުމާއިއެކު މުޅި ދުވާލު އުޅެންޖެނީ ގެއިން ބޭރުގައެވެ. އެދެމައިންނާއި އެކު ހޭދަކޮށްލަން ލިބެނީ މަދު ވަގުތުކޮޅެކެވެ. އިތުރު ދަރިއެއް ލިބެން އުޅޭތީ ހާޝިމްވެސް ދިޔައީ އިތުރު މަސައްކަތްތައް ކުރަމުން ވިހެއުމަށް ބޭނުންވާނެ އެއްޗިހި ހަމަކުރަމުންނެވެ.
ވެހެމުންދިޔަ ވާރޭ މަޑުމަޑުން ތުނިކުރަން ފަށައިފިއެވެ. ވައިރޯޅި މަޑުވެ ހަމަހިމޭންކަން ވެރިވާން ފެށިއެވެ.
“ދަރިފުޅު ދެން ނިދޭތޯ ބަލާބަލަ!” ހާޝިމް ލޯތްބާއެކު ހާނިމް އެނދުގައި ބާއްވާލިއެވެ. ކައިރީގައި އޮތް އަތުފަންކާއަކުން ހާނިމްގެ ގަޔަށް ފިނިކުރަމުން ގެންދިޔައެވެ. މަތީނާގެ ދުނިޔޭގައި، ހާނިމްގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ މަތީނާއެވެ. ކިތަންމެ ދަންވަރަކަސް ހާނިމްގެ އެއްވެސް ކަމެއްގައި މަތީނާ ހާޝިމްއަށް ނުގޮވާނެއެވެ. ސަބަބެއްވެސް އޮތީމައެވެ. ދުވާލުދާ ހަތަރުދަމު ބުރަ މަސައްކަތުގައި އުޅެފައައިސް އަރާމުކޮށްލަން ލިބޭވަގުތުގައި ހާޝިމްއަށް އުނދަގޫ ނުކުރަންވެގެންނެވެ.
އެމީހުނަށްޓަކައި ހާޝިމް ވަމުންދާ ގުރުބާނީއަކީ ހިތުގެ އަޑިން ޝުކުރު ހައްގު ކަމަކަށްވާ ކަމަށްޓަކައެވެ. ހާނިމްއަށް ނިދުމާއި އެކު ހާޝިމްވެސް އެނދުގައި އޮށޯވެލިއެވެ. މަތީނާގެ ހަނދާންތައް ހާޝިމްގެ ހިތުގައި އެނބުރެމުންދެއެވެ. މަތީނާއާއި ނުލައި ދިރިއުޅުން ކުރިއަށް ގެންދިއުމަކީ ހާޝިމްއަށް ފަސޭހަކަމަކަށް ނުވާނެއެވެ. ހާނިމްއަށް މަންމައެއްގެ ލޯބި ހޯދައި ދިނުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް ހާޝިމް ކަހަަލަ ފަގީރު މީހަކަށް އެފަދަ އެހީތެރިކަމެއް ދިއްކޮއްލާނީ ކާކުހެއްޔެވެ. އެފަދަ ލޯތްބެއް ދޭނެ މީހަކު ހޯދުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ. ދިރިއުޅުމުގެ މަސައްކަތްތައް ކުރެވޭނީވެސް ހާނިމް ބަލާނެ މީހަކު ހުރެގެންނެވެ. މަތީނާގެ މައިންބަފައިންގެ ނުގަބޫލުގައި ކުރެވުނު ކައިވެނީގެ ސަބަބުން، މިއަދާއި ހަމައަށްވެސް އެމީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އެއާއިލާއަކަށް ނުލިބެއެވެ. ހާޝިމްގެ މަންމަވެސް ވަނީ، ހާޝިމް މީހަކާއި އިނުމުގެ ކުރިން މިދުނިޔެ ދޫކޮށްފައެވެ. އެހެންކަމުން ހާޝިމްގެ އާއިލާގައިވެސް ހާނިމް ބަލާނެ އިތުރު މީހަކުނެތެވެ. މިކަހަލަ ފިކުރުތަކެއްގައި އޮއްވާ ހާޝިމްއަށް ނިދުނެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ. މޫސުން ރީތި އަވިދޭ ދުވަހެކެވެ. ރޭގައި އައި ކޮޅިގަނޑާއެކު ގޯތިތެރޭގައި ވެއްޓިފައިހުރި ގަސްތަކާއި ކުނިތައް ސާފުކުރުމުގައި ހާޝިމް އުޅެމުންދެއެވެ. ދަނޑިފަނުން އަޅާފައި ހުރި ފުޅައްގަނޑުވެސް އޮތީ އަރިއަޅާލާފައެވެ. ރުއްތަކުން ވެރިފައި ހުރި ގޮބޮޅިތަކާއި ހިކިފަނާއި ފަންވަތްތަކުން މުޅި ގޯތިތެރެވަނީ ކުނީގެ ހާއްޔަކަށް ވެފައެވެ. ދުވަހަކު ސާފުނުކުރާ ތަނެކޭ އެއްފަދައެވެ. އެންމެ ފަސް އަހަރުގެ ހާނިމް އެކިއެކި އެއްޗެހި ހޮވަމުން މުޅި ގޯތިތެރޭގައި ހިނގަމުން އުޅެއެވެ. ބޭރުން މީހަކު ސަލާމްގޮވާލުމާއިއެކު ހާޝިމް ބަލާލިއެވެ. އޭރު ރަށުގެ މުދިންބެ ގޯތިތެރެއަށް ހުރެ ވަދެއެވެ. ސަލާމަށް ޖަވާބުދެމުން ހާޝިމްކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު މުދިންބެއާއި ދިމާލަށް ހިނގައިގަތެވެ.
“ކިހިނެއް ވީތޯ؟” މުދިންބެއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ހާޝިމް މުދިންބެ އާއި ވާހަކަ ދެއްކިއެވެ.
“ކޮއެފުޅުގެ ހާލު ބަލާލަން މިއައީ، ކޮބާތަ ހާނިމް؟” މުދިންބެ ހާނިމް ކޮބާތޯ އަހާލިއެވެ. މަތީނާގެ ވަކިވެ ދިއުމުގެ ހުރިހާ ކަމެއް އެންމެ ގާތުން ފެނުނު އެކަކީ މުދިންބެއެވެ. މުދިންބެއަށް ކުރެވުނު ހުރިހާ ކަމެއް މުދިންބެ ކޮށްދިނެވެ. ޒަމާނުގެ ގޮތުން ރަށުން ފުރައިގެން ދިއުމަކީ ފަސޭހަކަމެއްނޫނެވެ. އެހެންނޫންނަމަ މަތީނާއަށް ކޮންމެވެސް ފަަރުވާއެއް ކުރެވުނީހެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަޖަލު ހަމަވުމާއިއެކު އެކަލާނގެ ހަޟްރަތަށް ގެންދަވާނޭ މީހެއްކަން ކޮންމެ މީހަކުވެސް ދަންނަން ޖެހޭނެއެވެ. މަތީނާގެ ވަކިވެ ދިއުމުގައި ހާޝިމްއަށް ނޭނގޭ ކިތަންމެ ކަމެއް މުދިންބެއަށް އެނގެއެވެ. ނަމަވެސް ހާޝިމްގާތުގައި އެވާހަކަތަށް ދައްކަން މުދިންބެ ފަސްޖެހެއެވެ. ނަމަވެސް ހާޝިމްއަށް ކޮންމެވެސް ދުވަހަކުން އެވާހަކަތައް އެނގޭނެކަން މުދިންބެވެސް ގަބޫލުކުރެއެވެ.
“މުދިންބެއަށް ފެންނަނީ ރަނގަޅު މީހެއް ހޯދައިގެން އަވަހަށް ކައިވެންޏެއް ކުރަން، ހާނިމްްއަށްވެސް ރަނގަޅުވާނީ އެގޮތް ކަން ނޭނގެ!” މުދިންބެއަށް ފެންނަގޮތް ހާޝިމްއާއި ހިއްސާކުރިއެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ މުދިންބެ ހިނގައިގަތީ ނިކުންނާށެވެ. އެވަގުތު މުދިންބެ ހުއްޓުވީ ކުޑަކުޑަ ހާނިމްގެ އަޑަށެވެ.
“ބައްޕާ، ބައްޕާ މީގައި ލިޔެފައި މިއޮތީ ކޯއްޗެއްތަ؟” ހާނިމްގެ މި އަޑާއިއެކު މުދިންބެ ވެެސް އެނބުރި ބަލައިލިއެވެ. އޭރު ކުކުޅުބިހެއް ވަރުގެ ހުދުކުލައެއްގެ އެއްޗެއް ހިފައިގެން ހާނިމް ދުވެފައި ހުރެ އާދެއެވެ. ހާޝިމްގެ އަތަށް އެއެއްޗެއް ދިނުމާއިއެކު ހާޝިމްވެސް ދިޔައީ ސިއްސައިގެންނެވެ. ބިސްބުރު ބައްޓަމަށް އޮތް ހިރިގާ ކޮޅެކެވެ. އަރަބި އަކުރުތަކެއް ކަހަލަ އެއްޗެހިތަކެއް ލިޔެފައި ހުއްޓެވެ. މުދިންބެ ވެސް އެވަގުތު އެތަނަށް އައެވެ.
“މުދިންބޭ، މީ ކޯއްޗެއް؟” ހައިރާންކަމާއިއެކު ހާޝިމް ސުވާލުކޮށްލިއެވެ. މުދިންބެ އެތައް އިރަކު އެއަށް ބަލަހައްޓައިގެން ހުރުމަށްފަހު ހާޝިމްގެ އަތުން އެ ނެގިއެވެ. އަދި މީ ކޯއްޗެއްތޯ މީހަކު ކުރެން އަހާ އޮޅުން ފިލުވާނެ ކަމަށްބުނެ އެއެތި ހިފައިގެން ހިނގައިގަތެވެ. ހާޝިމްހުރީ ހުއްޓުން އަރާފައެވެ. ސިކުނޑީގައި އެތަކެއް ޚިޔާލުތަކެއް އެނބުރެންފެށިއެވެ. ބިރުވެރިކަމެއްގެ އިހްސާސްތަކެއް ކުރެވެންފެށިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މީހުން ދައްކާފައިހުރި ވާހަކަތައް ޚިޔާލަށް އަންނަންފެށިއެވެ.
މުދިންބެ ނިކުމެގެން ދިޔައިރު ވެސް ހާޝިމްހުރީ ގަނޑުވެފައެވެ. ނުރައްކާތެރި ކަމެއްގެ ނިޝާންތައް ކަން ޔަގީނެވެ. މުދިންބެވެސް ނިކުމެގެން، ފަޔަށް ލެވުނު ބާރެއްލާފައި ހިނގައިގަތީ ގެއާއި ދިމާލަށެވެ. އެފެނުނު އެއްޗަކީ ކޯއްޗެއްކަން މުދިންބެއަށް ރަނގަޅަށް އެނގެއެވެ. މިއަދާއި ހަމައަށް މުދިންބެއަށް އިވިފައިހުރި އަޑުތަކަށް ބީރު ކަންފަތެއް ދީގެންހުރީ މީގެ ކޮޅެއް ފެންނަންދެނެވެ. ހާޝިމްގެ ދިރިއުޅުމަށް އަންނަމުންދިޔަ ބަދަލުތައް އެންމެ ގާތުން ފެނުނު އެކަކީ މުދިންބެއެވެ. ނަމަވެސް ޔަގީންނުވާ ހީއަކަށް ވާހަކައެއް ނުދައްކަންވެގެން އަނގަ މަޑުންލައިގެން ހުރީއެވެ. ނަތީޖާ މިހާ ގޯސްވެދާނެކަމަށް މުދިންބެވެސް ހިޔެއްނުކުރެއެވެ. ގެއަށް ވަދެވުމާއިއެކު އެތެރެގޭގެ ކުޑައެނދުމަތީގައި ބަހައްޓާފައިހުރި ފޮށި ހުޅުވާލިއެވެ. އޭގެ ތެރޭގައިހުރި ފޮތްތައް ނަގާ ހާވަންފެށިއެވެ. އޭގެން މުދިންބެ ބޭނުންވާ ފޮތް ފެނުމާއިއެކު، އެފޮތް ހުޅުވާލިއެވެ.
“ސިހުރު ފަންޑިތައިގެ މައިތިރި” ފޮތުގެ ބޭރުގައި ޖަހާފައިއޮތެވެ. ފޮތް ހުޅުވާލައި ގަނޑުތައް އެފުއްމިފުށަށް އުކަމުން ދިޔައެވެ. މުދިންބެ އަތުގައި އޮތް ގާކޮޅުގައި ލިޔެފައިވާ އެއްޗެއް އެފޮތުގެ އެހީގައި ހޯދަމުން ދިޔައެވެ. އެތައް އިރެއްގެ މަސައްކަތައްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ބައެއް މައިންގެ ހިތުގައި އެމީހުންގެ ދަރިންނަށް ހާދަ ނަފުރަތެއް އުފެދިފައި ހުރެއޭ މުދިންބެގެ ހިތަށްއެރިއެވެ. މައިންގެ ހިތުގައި ދަރިންނަށް ހުންނަ ކުލުނު ކެނޑިގެން ދަނީ ކީއްވެބާއޭ ހިތަށްއަރަމުން ދިޔައެވެ. ފޮތް ލައްޕައިލުމަށްފަހު މުދިންބެ އެނދުގައި އިށީނދެ އިސްޖަހާލިއެވެ.
ނަމަވެސް މިހާރު ވަގުތު ފައިތުވެއްޖެއެވެ. ހުރިހާ ކަމެއްވަނީ ނިމި ގޮސްފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ފުރަތަމަވެސް އިވުނު އަޑުތަކަށް ބަލާފައި ފިޔަވަޅެއް އެޅުނުނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ. ކޮންމެ މީހަކުވެސް ދިރިއުޅުން ފަށަން ބޭނުންވާނީ އެމީހަކަށް ކަމުދާ، އެމީހަކު ލޯބިވާ މީހަކާއިއެކުގައެވެ. ފަގީރުކަމާއި މުއްސަދިކަމަަކީ ލޯބި ދަންނައެއްޗެއްނޫނެވެ. ލޯބިވާކަށް މީހާގެ ބުރުސޫރައެއް ނުބަލާނެއެވެ. ތިމާ ހިތްއެދޭ މީހާ އެއީ މުއްސަންޖަކަސް ފަގީރަކަސް، ކަޅުމީކަސް ދޮންމީހަކަސް، އެމީހަކާއި އެކު ހަޔާތެއް ފެށުމަކީ އިންސާނީ ތަބީއަތެވެ. އެކަން އެގޮތަށް ނުވާންވީ ސަބަބެއްވެސް ނެތެވެ. މުއްސަދި ކިތައް މީހުން ލޯބި ނުލިބިގެން އުޅޭހެއްޔެވެ. އަދި ފަގީރު ކިތައްމެ ބަޔަކު ލޯބީގައި ކާމިޔާބު ހޯދައިފައި އެބަހުރި ހެއްޔެވެ. މީ ދުނިޔެ ދެކެމުންދާ ހަގީގަތެވެ.
ޖެހިގެންއައި ދުވަހު ހެނދުނު މުދިންބެ ހާޝިމްއާއި ބައްދަލުކުރިއެވެ. އަދި ވެގެން މިއުޅޭގޮތް ކިޔައިދިނެވެ. ހާޝިމްއާއި މަތީނާގެ ކައިވެނި، މަތީނާގެ މައިންބަފައިންގެ ނުގަބޫލުގައި ކުރެވުނުފަހުން މަތީނާގެ މަންމަ ކަތްދާމަނިކެގެ ނަފްރަތާއި ރުޅިވެރިކަން ހާޝިމްއަށް އަބަދުވެސް އޮންނަ ކަމުގައި މުދިންބެ ކިޔައިދިނެވެ. ކަތްދާމަނިކެ ބޭނުންވާނީ ރަށުގެ ފޯރާ މީހެއްކަމުގައިވާ ސައީދުއާއި މަތީނާގެ ކައިވެނި ކުރުވުމަށެވެ. ސައީދުއަކީ ބޯޓުދަތުރުކުރާ މީހެކެވެ. ސައީދު އެއްފަހަރު ޗުއްޓީއެއްގައި ރަށަށްއައިސް މަތީނާފެނިގެން އެވާހަކަ ކަތްދާމަނިކެއާއި ވަނީ ދައްކާފައެވެ. އެފަހަރުވެސް އެތަކެއް ބައިވަރު ފައިސާ އަކާއި ގަހަނާ ވަނީ ކަތްދާމަނިކެއަށް ދީފައެވެ. އަދި ދެން އަންނަ ޗުއްޓީއެއްގައި މަތީނާއާއި ކައިވެނިކުރުމުގެ ކަންތައް ކުރިއަށް ގެންދާގޮތަށްވެސް ވަނީ ރާވާފައެވެ. މިކަމަކީ މުއްސަނދިކަމުގެ ދަޅައިގައި ޖެހި ކަތްދާމަނިކެ އަމިއްލައަށް ނިންމާފައިވާ ނިންމުމެއްކަމުގައި ވެސް މުދިންބެ ކިޔައިދިނެވެ. އަދި މަތީނާގެ ބައްޕައާއި މަތީނާއަށް މީގެ އެއްވެސް ކަމެއް އެނގިފައި ނުވާނެކަމާއި މި ރޭވުން ރާވާފައިވާނީ ވަރަށް ސިއްރިޔާތުގައި ކަމަށްވެސް މުދިންބެ ކިޔައިދިނެވެ. މިކަމުގައި މެދުވެރިއެއްގެ ރޯލުއަދާކޮށްދީފައިވާ މީހާ ވަނީ މަތީނާ މަރުވުމުން މިވާހަކަ މުދިންބެއާއި ހިއްސާކޮއްފައެވެ.
ހާޝިމްމެންގެ ކައިވެނި ކުރެވުނީ ސައީދު ފުރިތާ ކައިރީގައި ކަމާއި ޗުއްޓީއަށް އާދެވުނީ ހައެއްކަ އަހަރު ފަހުން ކަމަށެވެ. އޭރު މަތީނާ، ހާޝިމްއާއި ކައިވެނިކޮށް ދަރިއަކުވަނީ ލިބިފައެވެ. އަދި ދެވަނަ ފަހަރަށް މަތީނާ އިނީ ބަލިވެއެވެ. މިކަމުގެ ރުޅީގައި ސައީދު ބޭނުންވީ ސިހުުރު ފަންޑިތައިގެ ބާރުގައި ހާޝިމް މަރާލުމަށެވެ. ނަމަވެސް އިއްތިފާގުން އެސިހުރުގައި މަތީނާޖެހި މިދުނިޔެއާއި އަލްވަދާއު ކިއީއެވެ.
މިހިސާބަށް މުދިންބެގެ ވާހަަކަ ދިޔައިރު ހާޝިމްގެ ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަން ފަށައިފިއެވެ. މުދިންބެ، ހާޝިމްއަށް ހިތްވަރުދިނެވެ. އަދި އެސިހުރުގެ ހުރިހާ ކަމެއްވަނީ މިހާރު ކެނޑިފައި ކަމުގައި ބުންޏެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 މެއި 2021ވާހަކަސިހުރު – ކުރު ވާހަކަ
- 25 ޖޫން 2020ޚަބަރުހާވިލް – ހަވަނަ ބައި
- 17 ޖޫން 2020ވާހަކަހާވިލް – ފަސްވަނަ ބައި
- 11 ޖޫން 2020ވާހަކަހާވިލް – ހަތަރުވަނަ ބައި
ވަރަށް ރީތި ވާހަކައެއް. ދޮގުކޮށްލި ނަމަ