ރާއްޖޭގެ ރަސްކަމުގެ ޒަމާނުގެ ގަނޑުވަރުތެރެއަށް ޖެހިލަމާ ހިނގާށެވެ. ރަސްކަމުގެ އިސްބޭފުޅުންނާއި އެބޭބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ލޯބިވެރިން އެ މަހެފިލުގައި އެބަތިއްބެވިއެވެ. އިވެމުންދަނީ ހިތްގައިމު މޫސީޤީ އަޑުތަކެކެވެ. ހަރުމަނިޔާ އާއި ބުންބެރުގެ އަޑާއެކު ކާޅުތަލި (ނައްޔަރު) އަދި މަންޒީލަ އާއި އޮނުގަނޑުގެ އަޑުން އިތުރު ކުދިއަޑުތައް ކުޅެމުންދާއިރު އަހައިލަން ނިކަން ހިތްގައިމެވެ. މަހެފިލުން ފެންނަމުންދަނީ ރީތި ޅަނދޮޅު ދެ ޖިންސުންލަތީފުންގެ ހިތްގައިމު އަދާތަކާއެކު، ހަށިގަނޑަށް ގެންނަ ފަރި ހަރަކާތްތަކާއެކު، އެ ކަނބަލުންގެ ފައިގައި އަޅާފައިވާ ގިގުނިފަތިން މިއުޒިކާއި އެއްވަރަށް ފައި ޖަހަމުން ނަށަމުން އަންނަ މަންޒަރެވެ. ނިޝްވާނީވަންތަކަމުގެ އިންތިހާ ލިބިފައިވާ ކަނބަލުން ނަށަމުން ދިޔައީ މުޖުރާ ނެށުމެކެވެ. އިވެމުން އެ ދަނީ އިހުގެ ދިވެހިވަންތަ މުއިޒިކާއި ލަވައިގެ އަޑެވެ.

ސިފަކޮށްލެވޭތޯ އަޅުގަނޑު މަސައްކަތްކޮށްލީ އެ ޒަމާނުގައި ރަސްކަމުގެ ކޮއިލުތެރޭގައި މުނިއަވަސްފިލުވުމަށް ނާޗަރަންގީ ކޮށްއުޅުނު ގޮތެވެ. ނުވަތަ ނާޗަރަންގީ ކުޅުނުގޮތެވެ. އެއަޑުތައް އިއްވައިދެވޭތޯ އަޅުގަނޑުކުރި މަސައްކަތް ދިޔައީ ފަނުފުލުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ދިވެހި މިއުޒިކްގެ އެންމެ ވަރުގަދަ ސްޓްރީމިންގ ޕްލެޓްފޯމު ‘ލަވަފޮށި’ ހުޅުވައިލާ ‘ޒުބައިރު’ ޓައިޕްކޮށްލައި ސާޗްކޮށްލުމުން އެ ޒަމާނުގެ އަޑުތަކާ ވައްތަރު އަޑުތަކެއް އިވިގެންދާނެއެވެ.

ދިވެހި މިއުޒިކް ސްޓައިލްގައި ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ އަޙްމަދު ޒުބައިރު މިވަގުތު ތައްޔާރަށް ހުރީ އޭނާގެ އަމިއްލަ އަލްބަމް “މަހާ ޗަންދަރު” ނެރުމަށެވެ. ހަމައެކަނި ލަވަފޮށި އެޕްލިކޭޝަން އިން އަޑުއަހައިލެވޭނެ މި އަލްބަމް ރިލީޒްކުރަން ނިންމާފައިވަނީ މިމަހުގެ 24ވަނަ ދުވަހުގެ ރޭގައެވެ.

“މިއީ ކުރީ ޒަމާނުގެ ގަނޑުވަރުތެރޭގަ އިންނާނެ ތޭޓަރު ކިޔާތަނެއް. ތޭޓަރަކީ އެއީ މިސާލަކަށް ދުވާލު ބުރަ މަސައްކަތުގައި އުޅުއްވުމަށްފަހު ރަސްރަސްކަލުންގެ އަނބިންނާ އެކީގަ ކުޅިވަރުކުޅުމަށްޓަކައި ހަމަޖައްސާފަ ހުންނަ ތަނެއް ތޭޓަރަކީ. އެތަނުގެ އެތެރޭގަ ރަސްރަސްކަލުންނާ އޭގެ ދަށުން ތިއްބަވާ ބޮޑެތި ބޭފުޅުންނާ އެ ބޭކަލުންގެ އަނބިއަނބިކަނބަލުންނާ ލޯބިވެރިންނާ އައިސް އެތަނަށް ޖަމާވާނެ. ޖަމާވީމަ ހަރަމަނިޔާ ކުޅެފަ ލަވަކިޔާފަ ނެށުން އޮންނާނީ.” ޒުބޭރުގެ އަމިއްލަ ސޯލޯ އަލްބަމް “މަހާ ޗަންދަރު” އާއި ދިވެހި އެހެން އަލްބަމްތަކާ ތަފާތުވަނީ ކިހިނެއްތޯ އަހައިލުމުން ޒުބައިރު ވެސް އަޅުގަނޑުގެ ވިސްނުމުގެ ވައުފަށް ގެންގޮސްދިނީ އިހުޒަމާނަށެވެ. ޒުބައިރު އެ ސިފަކޮށްދިނީ ކަޅާއިހުދުގެ ހިންދީ ފިލްމުތަކުން އެ ފެންނަ ފަދަ މުޖުރާ ކޯޓީއެކެވެ.

ޒުބައިރުގެ ހަރުމަނިޔަމް އާއި މިއުޒިކްކުޅޭ ސާމާނު

ޒުބައިރު ބުނަނީ މިގޮތަށް ހަރަމަނިޔާ ޖަހާ ލަވަކިޔާ މުޖުރާ ނެށުމަކީ ހަމަ ކޮންމެ ގައުމެއްގައިވެސް ކޮށްއުޅުނު ކަމެއް ކަމަށާ ރާއްޖޭގައިވެސް ގާތްގަނޑަކަށް 1930 ވަނަ އަހަރާއި ހަމައިން ފެށިގެންގޮސް މުޙައްމަދު އަމީންދީދީގެ ވެރިކަމާ ހަމައަށް އައިއިރުވެސް މި ސަގާފަތް އޮތްކަމަށެވެ.

ޒުބައިރު ބުނީ މިހެން ލަވަކިޔާ ނަށާނެށުމުގެ ކުޅިވަރަށް ކިޔަނީ ޑޯލާ ކަމަށެވެ. މިއީ ހިންދީ ބަހުގައި އެބުނާ ޑޯލަރު ލަފުޒުކަމަށް ޤަބޫލުކުރެވެއެވެ.

“ޑޯލާ އެއީ ގަނޑުވަރުތެރޭގެ ކުޅިވަރު. މި ރާއްޖޭގަ އެއަށް ކިޔާފަ އިންނަނީ މުޖުރާ.” ޒުބައިރުގެ އަލްބަމްގެ ޚާއްޞަކަމާއި ތަފާތުވާނެކަން މި ވާހަކަތަކުން އެނގިގެން ހިނގައްޖެއެވެ.

“މަހާ ޗަންދަރު” އަލްބަމްގައި ހިމެނެނީ ޖުމްލަ ދިހަ ލަވައެވެ. ހުރިހައި ލަވަތަކެއް ކިޔާފައިވަނީ ޒުބައިރުގެ އަޑުންނެވެ.

“މީގަ ހުންނާނީ ވަރަށް ކުރީގެ ލަވަތަކެއް. ދެން އެ ލަވަތައް ހަމަ އޭރުގެ މިއުޒިކަށް، އިހުގެ ގޮތަށް ކުޅެފަ ހުންނާނީ.” ޒުބައިރުގެ އަލްބަމުގައި ހިމެނޭ ލަވަތަކުގެ ތަޢާރަފަށް ޖެހިލަމުން ބުންޏެވެ.

“އަޅުގަނޑުގެ ލަވަތައް ލަވަފޮށްޓާ ހަމައަށް ގެންގޮސްދިނީ ޢަބްދުﷲ (އައްލޯ)، ޢަބްދުﷲ އަޅުގަނޑުގެ ލަވަތައް އަޑުއަހާފަ ޢަބްދުﷲ ދިން ފުުރުޞަތަކުން އެ މަސައްކަތުން އަޅުގަނޑަށް ކުރިއެރުން ލިބި އަޅުގަނޑަށް މި ފުރުޞަތު ލިބުނީ.”

ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮ (ދޮހޮއްކޮބޭ)ގެ ލަތައް ކިޔައި އެ ލަވަތައް ދިރުވާ އާލާކުރުމަށް ނުނަހު ބޮޑަށް މަސައްކަތްކުރަމުން އަންނަ ޒުބައިރަކީ ލަވަފޮށީގައި މިހާރުވެސް މަޤުބޫލު އާޓިސްޓެކެވެ. އެންމެ ކުޑައިރުއްސުރެން މިއުޒިކަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ހުންނަ ޒުބައިރު މިކަމަށް ހުންނަ ޝަޢުޤުވެރިކަން ކިޔައިދެމުން މި ދާއިރާގައި މަސައްކަތް ފެށިގޮތް ހިއްސާކުރިއެވެ.

“ލަވަކިޔަން ފަށައިފިން އަޅުގަނޑު ވަރަށް ކުޑައިރު ރަސްމާދޫގަ ސްކޫލުގަ އުޅުނުއިރުގަ. އޭރު އަމިއްލަ ސާމާނެއްވެސް ނުހުންނާނެ، ދެން ރަށުގަ ބޮޑެތިމީހުންގެ ބޮޑުބެރު ގްރޫޕުތެރޭގައި އުޅެމުން ލަވަކިޔަން ފަށައިފިން. ދެން އަޅުގަނޑު ހިތުގައި ޢަޒުމުކަނޑައެޅީ ދުވަހަކުކޮޅުންވެސް ބޭރުދަތުރުކުރަން ދާން. އެއީ މިއުޒިކު ކުޅޭ ސާމާނު ގަންނަން.” މިއީ ހަމަގައިމުވެސް މި ދާއިރާއަށް ޒުބައިރުގެ ޝަޢުޤުވެރިކަން ހުރި މިންވަރު އެނގިގެންދިޔަ ކަމެކެވެ. އޭނާ ބޯޓުދަތުރުކުރަން ދިޔައީ ދެވަނަ އެހެން ބޭނުމެއްގައެއް ނޫނެވެ. މިއުޒިކު ކުޅޭ ސާމާނު ގަތުމަށެވެ.

“އުމުރުން 18 އަހަރުވެސް ނުވަނީސް އަޅުގަނޑު ހިތުގާލީ ބޭރުދަތުރުކުރަން ބޭރު ގައުމަކަށް ދެވޭތޯ ބަލާނަމޭ، އެއީ މިއުޒިކް ސާމާނު ގެނެވޭތޯ.” އޭރު އެންމެ މައްޗަށް ކިޔެވެން އޮތް ގްރޭޑް ހަތެއް ނިންމައިލުމަށް ފަހު ޒުބައިރު އެރީ އެސްޓީއޯ ބޯޓަކަށެވެ. އެ ބޯޓުގައި އަހަރުދުވަސް ވާންދެން ޚިދުމަތްކޮށްފައި ސެޓްފިކެޓް ހޯދައި ސީޑީސީއާއި ޕާސްޕޯޓް ހަދައި 1991 ވަނަ އަހަރު ބޯޓުދަތުރުކުރަން ޒުބައިރު ދިޔައެވެ. ދަތުރުކުރަން ގޮސްފައި މިއުޒިކް ސާމާނު ހޯދީ އެމެރިކާގެ  ނޯރފޯކް އިންނެވެ.

“ނޯރފޯކުން މިއުޒިކް ސާމާނު ގަނެގެން، 14 ދިވެހީންނާއެކީގަ 18 މަސްދުވަހުގެ ކޮންޓްރެކް ނިންމާލާފަ މިއުޒިކު ސާމާނު ހިފައިގެން އައިސް ރަށުގަ (ރަސްމާދޫ) ކުދިންނަށް ދަސްކޮށްދީގެން ކުދިންލައްވާ މިއުޒިކުކުޅެން ފެށީ. ދެން މަޑުމަޑުން ޚިތާނީ ޝޯތައް ކުޅެމުން ގޮސް ‘ބުނަމޭ ކަލާގެ ސޫރަ’ ނެރުނީ. އެ ލަވައަކީ ރާއްޖެއިން އެއްވަނައަށް ދިޔަ ލަވައެއް. ލަވަ ރެކޯޑުކުރީ މާލޭގަ. ދެން އެ ލަވަ ދިވެހިރާއްޖޭގެ އަޑަށް ހަދިޔާކުރީ. އޭރު ރާއްޖެތެރޭގެ މިއުޒިކަށް އޮންނަނީ އިނާމު ހުށައަޅާފަ. އެފަހަރު އަޅުގަނޑުގެ ލަވަ އެއްވަނައަށް ދިޔައީ.”

ޒުބައިރަކީ ޅެންވެސް ހަދާ ފަންނާނެކެވެ. ލަވަކިޔުމުގައި ހުރިހައި ލަވައެއް ވެސް ކިޔަނީ ހިތުންނެވެ. ދުވަހަކުވެސް ފޮތެއް ނުވަތަ ކަރުދާހެއްގައި ލަވަ ލިޔެ، އެއަށް ބަލައިގެން ލަވައެއް ނުކިޔައެވެ.

ޒުބައިރުގެ ލަވަތަކުގައި ބޭނުންކުރާ ހުރިހާ މިއުޒިކީ ސާމާނެއް ކުޅެން މިހާރު އޭނާއަށް އެނގެއެވެ. އެގޮތުން “މަހާ ޗަންދަރު” އަލްބަމަކީ އޭނާގެ އަމިއްލަ ސްޓޫޑިއޯގައި އޭނާގެ 100 އިންސައްތަ މަސައްކަތް ހިމަނާ އަމިއްލައަށް ރެކޯޑިން ހެދި ފުރަތަމަ އަލްބަމެވެ.

“މަހާ ޗަންދަރު” އަލްބަމްގެ ލަވަތައް ވަރަށް ތަފާތުވެފައި ހިތްގައިމުކަމަށް ލަވަފޮށިންވެސް މުނިއަވަސް އަށް މަޢުލޫމާތުދެއެވެ. “މާހާ ޗާންދަރު”ގެ ލަވަތައް މާދަމައިން ފެށިގެން ‘ލަވަފޮށި’ން އަހައިލެވެން ހުންނާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.