ސީރަތުގެ މަދަހަތަކަކީ ދިވެހީންގެ ހިތްތަަކުގައި އެ މަދަހަތަކަށް ނުހަނު ބޮޑު ޤަދަރެއް ދެވިފައިވާ މަދަހަތަކެކެވެ. ސަބަބުތައް އެކެއް، ދެއަކުން ގުނާލެވިދާނެއެވެ. މަދަހަތަކުގެ ފުރިހަމަ ޅެންވެރިކަމެވެ. ކީރިތި ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَގެ ޙަޔާތްޕުޅުގެ ފަތްފުށްތައް، ދިވެހީންގެ ކަންފަތުގައި ހަރުލާފައިވާ ހިތްގައިމު ހިންދީބަހުގެ ރާގުތަކަކަށް ކިޔާފައިވުމެވެ. މަރުހޫމް ޢަބްދުﷲ ޙަސަން (ހޮޅުދޫ ޢަބްދުﷲ) އާއި ރަޝާދުގެ ވަރުގަދަ އަޑުން ކިޔާފައިވާލެއް ފުރިހަމަކަމެވެ. އެ އަޑުތަކުގައިވާ އަސަރެވެ.

ދިވެހީންގެ ހިތްތަކުގައި ލިޔެލެވިފައިވާ ސީރަތުގެ މަދަހަތައް ރާއްޖޭގެ ވަރަށް ގިނަ އާޓިސްޓުން ކިޔާފައިވެއެވެ. ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ހޮޅުދޫ ޢަބްދުﷲ އާއި ރަޝާދުގެ އަސަރުގައި އެ މަދަހަތައް ކޮންމެކޮންމެ އާޓިސްޓަކަށް ނުކިޔޭނެއެވެ. އެހެން ނަމަވެސް މިފަހަކުން، ފޭސްބްކްް ތެރެއިން ސީރަތުގެ މަދަހަތައް ނުހަނު އަސަރާއެކު އިވެން ފަށާފައިވާކަން ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވެއެވެ. މަދަހަތައް ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު އާޓިސްޓެއް ނޫނެވެ. އެހެން ނަމަވެސް އެ މަދަހަތައް އަޑުއަހާފައި، އެ އަސަރުގައި ނުޖެހޭނެ ދިވެއްސެއް މަދުވާނޭވެސް ދެންނެވިދާނެއެވެ. މަދަހަަތައް ކިޔާފައިވަނީ ގދ. ފިޔޯރީއަށް ނިސްބަތްވާ ޒުވާނެކެވެ. އަޙްމަދު އަޒްހީލް އެވެ.

މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގައި ތަޢުލީމު ހާސިލުކުރަމުން ދިޔައިރު ޓީވީއެމް އިންޓަހައުސް ލަވަމުބާރާތުގައި އަޒްހީލްގެ އަޑު އިވިގެންދިޔައެވެ. އެއީ 1997 ހިސާބުގައެވެ. މިއީ އަޒްހީލް އާއި ލަވަކިޔުމާ އޮތް ގުޅުން ފެށުނު ހިސާބު ކަމަށް ދެންނެވިދާނެއެވެ.

އަޒްހީލް މަދަހަކިޔަން ފެށީ އޭނާގެ ޢާއިލާ މެންބަރުން ހިމެނޭ ވައިބަރު ގްރޫޕްތެރޭގައެވެ. އެހެން އުޅެލާފައި މަދަހައެއްގެ މައިގަނޑަކާއި ކަޑިއެއް ކިޔާލާފައި އޯޑިއޯ ކްލިޕެއްގެ ގޮތުގައި ޢާއިލީ ވައިބަރު ގްރޫޕަށް ދޫކޮށްލަން ފެށީ މިއީ އޭނާއަށް މި ފަންނުގައި އެޅޭ ފުރަތަމަ ފިޔަވަޅުކަން ނުވެސް އެނގިހުރެއެވެ.

“އާއިލީ ވައިބަރ ގްރޫޕަށް ހުކުރު ދުވަހު އަޅުގަނޑު، ވައިބަރގަ އިންޑަ ރެކޯޑް ބަޓަންއިން ރެކޯޑްކޮށްފަ މަދަހަތައް ލަން. ލީމަ ދެން އާއިލާ ކުދިން ބުނާނެ ވަރަށް ހިތްހަމަޖެހިއްޖޭ، ވަރަށް ރީއްޗޭ، ވަރަށް އުފާވެއްޖޭ.” އެންމެ ފުރަތަމަ އަޒްހީލްގެ މަދަހަތައް ބަޔަކަށް އިއްވަން ފެށިގޮތް ހިއްސާކުރަމުން ބުންޏެވެ.

“ދެން މިހެން އުޅެނިކޮށް މި ލޮކްޑައުން (ކޮވިޑްގެ ފުރަތަމަ ލޮކްޑައުން) އައީ. ލޮކްޑައުން އައިމަ ވަރަށް ހުސްވަގުތު ލިބުނު.” އަމިއްލަ ވިޔަފާރިއެއްވެސް ކުރަމުން، ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ އަޒްހީލް ބުނީ ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ވަރަށް ގިނަ ހުސްވަގުތު ލިބިގެންދިޔަ ކަމަށެވެ.

“ދެން ހެދިގޮތަކީ ފޯނުން ރީއްޗަށް ރެކޯޑްކޮށްފަ ހަމަ ފުލް މަދަހަ ގްރޫޕަށް ލާން ފެށީ. ލާން ފެށީމަ އަޅުގަނޑުގެ ކޮއްކޮއެއް އުޅޭނެ ވީޑިއޯ ހަދާ އިނާޔަތު ކިޔާ ކުއްޖެއް. އޭނަ ބުނީ ހިނގާށޭ ފޭސްބްކް ޕޭޖެއް ހަދަން.” އަޒްހީލްގެ މަދަހަތައް އާއްމުންނާ ހަމައަށް ތިލަވެގެން އައިގޮތް ކިޔައިދެމުން ބުންޏެވެ.

ވަކިން ޚާއްޞަކޮށް ސިޔަރަތުގެ މަދަހަތައް ރެކޯޑްކޮށް ގެނެސްދެނީ ކީއްވެގެންތޯ އަހައިލުމުން އަޒްހީލް ބުނީ އޭނާގެ މަންމައަކީވެސް މަދަހަ ފަދަ އެއްޗެހި ކިޔައިއުޅޭ މީހެއް ކަމަށާ ދެ ފަރާތުގެ އާާއިލާއަކީވެސް ލަވަ އާއި މަދަހަ ކިޔުމާއި ޤުރުއާން ކިޔެވުމުގެ ހުނަރު ހުންނަ ބައެއް ކަމަށެވެ. އެގޮތުން ކުޑައިރުން ފެށިގެން ސިޔަރަތުގެ މަދަހަތައް އަބަދުވެސް އިވެމުން އަންނަކަން ފާހަގަކުރިއެވެ.

https://www.youtube.com/watch?v=kr11tI–ny4

“އެހެންވީމަ ހުންނާނީ ހިތަށް ނެގިފަތާ. ދެން ވީގޮތަކީ ދަރިފުޅު ނިންދަވަން ވެސް ވަރަށް ގިނައިން މަދަހަ ކިޔަން ޖެހުނު. އެހެންވީމަ ވީގޮތަކީ އިހުގެ ހުރިހާ މަދަހަތައް ކިޔަމުންކިޔަމުން ގޮސް މަދަހަތަކުގެ ތެރެއަށް ވަދެވިފަ ހުރީ މި ލޮކްޑައުން އައި އިރު.”

މިހައިތަނަށް އަޒްހީލްއަށް ކިޔުނު މަދަހަތަކުގެ ސީދާ ޢަދަދެއް ބުނަން ނޭނގުނަސް، އޭނާ ބުނީ 100 އަށް ވުރެން ގިނަ މަދަހަ ރެކޯޑްކޮށް އާއްމުކުރެވިއްޖެ ކަމަށެވެ.

އަޒްހީލްގެ މަދަހަތަކުގެ ވީޑިއޯ ހަދަނީ އޭނާގެ އަންހެން ދަރިފުޅެވެ. އުމުރުން އެންމެ 11 އަހަރުގެ އީނާ އަޒްހީލް އެ ވީޑިއޯތައް ހަދަނީ އަޒްހީލްގެ ޑައިރެކްޝަންގެ ދަށުންނެވެ.

އަޒްހީލް ހުރީ އޭނާގެ އަމިއްލަ މަދަަހަ އަލްބަމެއްވެސް ނެރެން ބޭނުންވެފައެވެ. އެކަމަށް އެހީގެ ފަންނީ އަތެއް ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފަށާނެކަން އަޒްހީލް އާ ދައްކައިލެވުނު ގިނަ ވާހަކަތަކުން އެނގިގެން ދިޔައެވެ.

އަޒްހީލްގެ މަދަހަތަކުން އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ޢަރަބި ލަފުޒުތައް، ޢަރަބި މަޚްރަޖުގައި ވަރަށް ރީއްޗަށް ކިޔާފައި ހުންނަކަމެވެ. މިއީ ހަމަ ގައިމުވެސް ކީރިތި ޤުރުއާނުގެ ތަޖުވީދުގެ ޢިލްމު ލިބިފައިވާ މީހަކަށް ނޫނީ މިހާ ރަނގަޅަށް ނުވާނެ ކަމެއް ކަމަށް އަޅުގަނޑަށް ހީކުރެވުނު ހީކުރެވުމަށް އަޒްހީލްގެ ވާހަކަތަކުން ޖަވާބު ލިބުނެވެ.

އަޒްހީލް ބުނީ އޭނާއަކީ ޤުރުއާން ކޯހެއް ފުރިހަމަކޮށް، މިހާރު ޤުރުއާން އުނގަންނައިދިނުމަށް އޮންލައިންކޮށް ޤުރުއާން ކުލާހެއް ވެސް ހިންގަމުން އަންނަ ފަރާތެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.