” އަހްމަދު! ދަރިފުޅު ކީއްވެ ތިހިފައިގެން ތިއައީ؟ މިގޭގައި ހުންނާނެ މަސައްކަތްތައް ކުރަން ހިލޭ ސާބަހަށް ބަހައްޓާފައި ހުންނަމީހެއް. ” ފޮށިހިފައިގެން އައި އަހްމަދު ފެނުމުން އަނީގާ ހިތްހަމައެއް ނުޖެހުނެވެ. ސިމްނާއަކީ ކާކުކަން އަހްމަދަށް ހަނދާންކޮށް ދިނެވެ.
މޭޒުކައިރީ މީހުންތައް އިށީންދެ ހަމަޖެހިލުމުން ޖޫހާއި ފެން އަޅައިދިނުމަށްފަހު ދަރިފުޅު ގޮވައިގެން ސިމްނާ ބޭރަށް ނުކުތީ އަނީގާ ކޮށްލި އިސާރާތް ވިސްނުމުންނެވެ. މާޒީގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހިނގާފައި އޮތްނަމަވެސް މިއަދު މިގޭގައި ކަންހިނގާނީ އަނީގާ އަންގާގޮތަށްކަން ސިމްނާއަށް އެނގެއެވެ. ސިމްނާއަށް މިހާރު އެންމެ ރަނގަޅުވާނީ ވެސް އެގޮތެވެ. ކެއުމުގައި އެމީހުނާއި ބައިވެރިވުމަށް ދަރިފުޅު ރޮމުންދިޔަ ރުއިމަށް ބީރު ކަންފަތެއް ދިނީ އެހެން ހަދަން މަޖުބޫރުވުމުންނެވެ. ކަމެއް ބޭނުންވެއްޖެނަމަ ގޮވާލުމަށް ވެސް ބުންޏެވެ.
އެތައް އަހަރަކަށްފަހު ސިމްނާމެނާއިއެކު ކެއުމުގައި ބައިވެރިވުމަށް ލިބުނު ފުރުސަތުގައި އެގޮތަށް ކަންތައް ވުމުން އަހްމަދު ހިތްހަމައެއް ނުޖެހުނެވެ. ކުޑައިރުއްސުރެ އޭނާ ދަސްކުރި އެރީތި އާދަ ބަދަލުވެގެން ދާކަށް ބޭނުމެއްނުވިއެވެ. ކުޑަކުޑަ ކުއްޖަކު ރޮމުންދިޔަ ރުއިމަށް ބީރު ކަންފަތެއްދީ އެތަނުގައި ކާން އިންނާކަށް ހިތަކަށް ކެތެއް ނުވިއެވެ.
” ދަރިފުޅާ! ނުކައި ދަނީތަ؟ ” އަހްމަދު ތެދުވުމާއިއެކު އަވަސް އަވަހަށް އަނީގާ އަހާލިއެވެ.
” އެބައަންނަން ކޮޓަރިއަށް ވަދެލާފަ. ” އަހްމަދު އިހްތިޔާރުކުރީ އިތުރު ސުވާލުތަކަކާއިނުލައި އެންމެފަސޭހައިން ދެވޭނެގޮތެވެ.
” ލަސްނުވެ އަންނާތި. މިހާރު ހުންނާނީ ވަރަށް ވަރުބަލި ވެސް ވެފައެއްނު. ކައިގެން ގޮސް އަރާމްކޮށްލަން މަންމައަށް ފެންނަނީ. އެހެން ނޫނީ ކަމަކު ނުދާނެ. ” އަހްމަދު ނުކުންނާން ހިނގައިގަތުމުން އަނެއްކާ ވެސް އަނީގާ ވާހަކަ ދެއްކިއެވެ. އަހްމަދުގެ ކަންކަން އޭނާއަށް މުހިންމުވާވަރު ދައްކައިލިއެވެ.
ކާގެއިން ނުކުތް އަހްމަދު ފެނުމާއިއެކު ސިމްނާ ކޮންމެ ވެސް އެއްޗެކޭ ބުނާނެކަން އަހްމަދަށް އެނގެއެވެ. އަހްމަދު ހުރީ އެކަމަށް ވިސްނައި ސަމާލުވެގެންނެވެ. އެއްވެސް ސުވާލެއް ނުކުރުމަށް ސިމްނާގާތު އެދުނީ އަތުގެ އިޝާރާތުންނެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. ސައިބުއިމާއިގެން މަޝްޢޫލްވެ ތިބިއިރު މުހިންމު ވާހަކަތަކެއް ވެސް ދެކެވެމުންދިޔައެވެ.
ރާއްޖެ އާދެވުމާއިއެކު އަނީގާ ބޭނުންވީ އަރާމް ކޮށްލަން ރިސޯޓަށް ދާށެވެ. އެމީހުނާއިއެކު ނާޖިލާ އާއި އޭނާގެ ދަރިފުޅު ވެސް ގެންދާށެވެ. ސިމްނާގެ ދެމައިން މާލޭގައި ބައިތިއްބާށެވެ. ދަތުރުގައި ބައިވެރިވާން އަހްމަދު ގާތު ވެސް އަނީގާ ބުންޏެވެ.
” އަހަރެން ދާހިތެއް ނުވޭ. ” އަހްމަދުގެ ފަރާތުން ލިބުނީ އަނީގާ ބޭނުންވި ޖަވާބެވެ.
ތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަން މެދުކަނޑާލީ އަހްމަދެވެ.
” ބައްޕާ! އަހަރެން ބޭނުން އައްޑުއަށް ގޮސްލަން. މާމަމެންގެ މަހާނަ ނަމަވެސް ދެކިލަން ވަރަށް ބޭނުން. ” ޒިނާނަށް ބަލާލަމުން އަހްމަދު ދެއްކި ވާހަކަ އަޑުއިވިފައި ޒިނާން ދިޔައީ ސިއްސައިގެންނެވެ. އަނީގާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
” އަހަރެން ވެސް ބޭނުން އައްޑުއަށް ގޮސްލަން. އަދި ދުވަހަކު ވެސް ނުދާ ހިސާބެއް އެއީ. އަހްމަދާއިއެކު އަހަރެން ފޮނުވަންވީނު. އޭރުން އަހްމަދު އެކަންޏެއް ވެސް ނުވާނެއެއްނު. ” އަނީގާއަށް ބަލާލަމުން އަވަސް އަވަހަށް ނާޖިލާ ވާހަކަ ދެއްކިއެވެ. ދުވަހަކު ވެސް ނުދާ ހިސާބަކަށްވެފަ އެންމެ ފަސޭހައިން އެހިސާބަށް ދެވޭނީ މިކަހަލަ ފުރުސަތެއްގައިކަން ނާޖިލާއަށް ވިސްނުނެވެ. ފުރުސަތުގެ ބޭނުން ހިފުމަށް އަވަސްވެގަތީ އެހެންވެއެވެ.
” ދޮންތަމެން ގޮވައިގެން ދާން އަހަރެން ބޭނުންވަނީ. ދޮންތަގެ ރައްޓެއްސެއް ވެސް އުޅޭ އެކޮޅުގަ. ” ނާޖިލާއަށް މާބޮޑު ސަމާލުކަމެއް ނުދީ އަނެއްކާ ވެސް އަހްމަދު ވާހަކަ ދެއްކިއެވެ.
” މަންމަ ވެސް ވަރަށް ބޭނުން މަހަނާ ދެކިލަން އައްޑުއަށް ގޮސްލަން. އެކަމު … އަނެއްހެން ދެން މަހާނައެއް ދެކިލަން ބޮޑު ހަރަދެއް ކޮށްފައި ދިޔުމުގެ މާބޮޑު މާނައެއް ނެތޭ ހިތަށް މި އަރަނީ. ދަރިފުޅު ދާއިރު ސިމްނާ ގޮވައިގެން ދިޔައިމަ ދެން ކާކު ގޭތެރޭގެ ކަންތައްތައް ބަލަހައްޓާނީ؟ މަންމަމެން ރިސޯޓަށް ގޮއްސަ އައިސް އަހަރުމެން އެންމެން އެކުގައި ދާންވީނު. ” ސިމްނާ ގޮވައިގެން އަހްމަދު ދާ ވާހަކަ ބުނުމުން އަނީގާ އަކަށް ކަމަކު ނުދިޔައެވެ. ނާޖިލާއަށް ފުރުސަތު ނެތްކަން އެނގުމުން ހިތްހަމައެއް ނުޖެހުނެވެ. އެދަތުރު ނުކޮށްވާނެ މަގެއް ފެނޭތޯ ސުރުހީއެއް ވެސް އަޅައިލިއެވެ.
” އަހަރެމެން މިދަނީ ކޮޓަރިއަށް. ދާންވީމަ ގުޅާލާ. ” ހިތްހަމަ ނުޖެހުމާއިއެކު ކާގެއިން ނުކުންނަމުން ނާޖިލާ ބުނެލިއެވެ.
” ހަފްތާއަކަށް މަންމަމެން ރިސޯޓަށް ދާއިރު ދެން ގޭގަ ކޮންކަމެއް ކުރަން؟ އެހެން ނޫނަސް މަންމަމެނަށްވުރެ ކުރިން އަހަރެމެން އަންނާނަން. ތިޔަ ބުނާ ދަތުރެއް ފަހުން ވެސް ކުރެވިދާނެއެއްނު. ” އަހްމަދު ބޭނުންވަނީ ވަގުތު ބޭކާރުކޮށްނުލައި އަވަހަށް އައްޑުއަށް ދާށެވެ. އޭނާއާއިއެކު ސިމްނާގެ ދެމައިން ގެންދާށެވެ.
” ޓިކެޓްގެ ކަންތައް ހަމަޖައްސާފައި ބައްޕައަށް ގުޅާ. ” އަހްމަދަށް ހިނިތުންވެލަމުން ޒިނާން ބުނެލި ޖުމްލައާއެކު އަހްމަދުގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެގެންދިޔައެވެ.
އަނީގާ ބޭނުންވީ އިރުއޮއްސުމުގެ ކުރިން ރިސޯޓަށް ދާށެވެ. އުފަލާއި ހިތްހަމަޖެހުމާއިއެކު މިނިވަންކަންމަތީ އުދުހިލާށެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ވަގުތު ހޭދަކޮށްލައި އަރާމްކޮށްލާށެވެ. މިއަދަކު އޭނާގެ އެއްވެސް އެދުމަކަށް އެއްވެސް ބޭނުމަކަށް ހުރަސްއަޅާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ފާޑެއް ވެސް ނުކިޔޭނެއެވެ. އޭނާއަކީ އެހުރިހާ މުދަލެއްގެ ވެރިމީހާގެ އަނބިމީހާއެވެ. އޭނާ ބޭނުން ކޮންމެކަމެއް ބޭނުން ކޮންމެ ގޮތަކަށް ކުރެވޭނެއެވެ.
ޓިކެޓްގެ ކަންތައް ހަމަޖެއްސުމަށްފަހު ފައިސާ ހޯދުމަށް ޒިނާނަށް އަހްމަދު ފޯނުކުރީ ޒިނާންމެން ރޭގަނޑަށް ކާން ތިއްބައެވެ.
” އާން. ކީކޭ ދަރިފުޅާ؟ ” ފޯނަށް ޖަވާބު ދެމުން ޒިނާން އަހާލިއެވެ.
އަހްމަދު ދައްކާ ވާހަކަތައް އަޑުއިވެނީ ޒިނާނަށް އެކަންޏެވެ. ނޭވާ ހިފަހައްޓާލައިގެން ކަހަލަ ގޮތަކަށް އަނީގާ އިނީ ވަގުތެއްގެ އިންތިޒާރުގައި ކަހަލައެވެ.
” ދޮންތަ ކައިރީ ބުނޭ. ގަލޮޅު ފިހާރައަށް ގޮސް ބުނާށޭ ދިހަހާސް ރުފިޔާ ދޭން. ދޮންތަ ބުނާއިރަށް އެމީހުން ދޭނެ. ” ވާހަކަ ދައްކަމުން ދައްކަމުން ޒިނާން ބުނެލިއެވެ. ދިހަހާސް ރުފިޔާއޭ ބުނުމާއެކު އަނީގާގެ މޫނުމަތިން ފުސްބުރައިގެން ދިޔައެވެ. އިރުއޮއްސުނު ކަހަލައެވެ.
” ދިހަހާސް ރުފިޔާއޭ؟ ކީއްކުރަން ކުރާ ބޭކާރު ހަރަދެއް؟ ކޮންމެހެން ޖެހޭތަ އަހްމަދު ދާއިރު އެ ސިމްނާމެން ގެންދަން. މާ ދޮންތަ ވެގެން މިއުޅެނީ. ” އަނީގާއަކަށް މަޑަކުން ނީންދެވުނެވެ. ހިތްހަމަ ނުޖެހުމާއިއެކު ކުސްތަޅައިގަތެވެ.
އަނީގާ ދެއްކި ވާހަކަތައް އަހްމަދަށް އަޑުއިވުމުގެ ކުރިން ޒިނާން ފޯނު ކަނޑާލިއެވެ.
އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ޒިނާން ނޫޅެއެވެ. މިފަދަ އުފާވެރި ވަގުތެއްގައި އެފަދަ ވާހަކައެއް ދައްކައި ދެމަފިރިންގެ މެދުގައި އެއްވެސް ކުންޏެއް ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ.
އަހްމަދުމެން ފިހާރައަށް ދިޔައީ ދިހައެއް ޖަހަންވެފައި ހުއްޓައެވެ. ފިހާރައަށް ވަދެގެންދިޔަ ވަގުތު އެތަނުގެ މުއައްޒަފުން ސިމްނާއަށް ކުރާ އިހްތިރާމާއި ގަދަރު އަހްމަދަށް ފެނިގެން ދިޔައެވެ. އެމީހުން އެފަދައިން ކަންތައް ކުރާނީ ސިމްނާގެ ފަރާތުން ވެސް ކޮންމެ ވެސް ރަނގަޅު ސިފަތަކެއް ފެނިގެންކަން އެވަގުތު ވެސް އޭނާއަށް ވިސްނުނެވެ.
” އެއީ ކާކު؟ ” ކައުންޓަރާއި ގާތްވެލަމުން އަހްމަދު އަހާލިއެވެ. ސިމްނާއަކީ އޭނާ ދަންނަ މީހެއް ނޫން ކަހަލައެވެ.
” މެޑަމް. މިތަނުގެ ކަންތައްތައް ބަލަހައްޓަން ހަވާލުވެހުރި މީހާ. ” އަހްމަދަށް ހިނިތުންވެލަމުން އެއަންހެންކުއްޖާ ބުނެލިއެވެ.
” އަހްމަދު. ކޮއްކޯ! އާދޭ މައްޗަށް. ” ފަހަތަށް އެނބުރި ބަލާލަމުން ސިމްނާ ގޮވާލިއެވެ.
ސިމްނާގެ ފަހަތުން މައްޗަށް އަރައިގެންދިޔަ އަހްމަދަށް ފެނުނީ އެތަނުގައި ހުރި އޮފީހެއް ކަހަލަ ތަނެކެވެ. އޭރު ވެސް އެތަނުގައި މުއައްޒަފުން މަސައްކަތްކުރަން ތިއްބެވެ.
ކޮފީޝޮޕް ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ. އިވެމުންދިޔަ މަޑުމައިތިރި ދިވެހިވަންތަ ރާގުގެ ސަބަބުން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ނިވިދިލެމުންދިޔަ ބޮކިފަތިތަކާއި ސާދަވިލޭރޭގެ ހަނދުވަރު އެކުވަމުން މަންޒަރުގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެގެން ދިޔައެވެ. ހިތްގައިމު ވަރަކަށް ޖެހުމުންދިޔަ ވަޔާއި ދުރުނޫން ހިސާބަކުން ފެންނަމުންދިޔަ މޫދާއި ދޮންވެލި ގޮނޑުދޮށުގެ ސަބަބުން ހިތްތައް ހަމަޖެހުން ގެނުވައެވެ.
ހިދުމަތް ހޯދަން އައިސްތިބި މީހުން މަދެވެ. ޒިނާންމެންގެ ފަހަތުން ކޮފީޝޮޕަށް ވަދެގެން އައި ނާޖިލާ ފެނުމާއިއެކު ރާމިހްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރިލަމުން ލޮލުގެ އިޝާރާތުން ހުޒޭމަށް ނާޖިލާ ދައްކާލިއެވެ.
” ކަންތަކާއި ޖެހުނީ. ސާވިސް ޗާޖު ނަގަން އައީ. ” އެމީހުނަށް މާބޮޑު ސަމާލުކަމެއްނުދީ މަޑުމަޑުން ހުޒޭމް ބުނެލިއެވެ.
ޒިނާންމެނަށްޓަކައި ތައްޔާރުކޮށްފައިވާ މޭޒު އެމީހުނަށް ދެއްކުމަށް ހުޒޭމް އަވަސްވެގަތެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް މިއަދު އެކަން އެގޮތަށް ނުކޮށް ވާކަށް ނެތެވެ. ހުޒޭމްއަކީ ކޮފީޝޮޕާއި ހަވާލުވެގެންހުރި ފަރާތެވެ.
އޯޑަރު ނަގަންއައި ރާމިހް ފެނުމާއިއެކު ނާޖިލާގެ ކަޅި އޭނާއަށް ހުއްޓުނެވެ. އެހެން އެއްވެސްކަމެއް ހަނދާން ނެތް ކަހަލައެވެ.
ފާޚާނާއާ ދިމާއަށް ދިޔަ އަނީގާ ޖީބުން ފޯނު ނަގަމުން އަވަސް އަވަހަށް ސިމް ބަދަލުކޮށްލިއެވެ. އެހާމެ އަވަހަށް ކޮންމެވެސް ނަންބަރަކަށް ގުޅާވެސް ލިއެވެ. އަތްމަތި އަވަސްވެފައި ފަރިތައެވެ. ވަގުތާއި ހާލަތަށް ވިސްނައި ތައްޔާރުވެގެން ހުރި ކަހަލައެވެ.
” ހެލޯ! ކީކޭ މެޑަމް. ” ފޯނަށް ޖަވާބު ދެމުން އެމީހަކު އަހާލިއެވެ. ފުރަތަމަ ގޮވާލުމާއިއެކު ވެސް އެދެމެދުގައި ގާތް ގުޅުމެއް އޮތްކަން ދޭހަވިއެވެ.
” ވާހަކަ ދައްކާކަށް ވަގުތެއްނެތް. މާދަމާ މެންދުރުފަހު ފުލައިޓުން އެމީހުން ދާނެ. ” ބުނަން ބޭނުންވި ވާހަކަ ބުނުމަށްފަހު އަނީގާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އިތުރަށް ވާހަކަ ދައްކާކަށް އެކޮޅުން ދައްކާ ވާހަކަ އަޑުއަހާކަށް ނޫޅެއެވެ.
ސިމް ބަދަލު ކުރަމުން ފާހާނާއިން ނުކުތް އަނީގާއަށް އެރުނީ ޒިނާންގެ ކުރިމައްޗަށެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި