” ވާހަކަ ދައްކާކަށް ވަގުތެއްނެތް. މާދަމާ މެންދުރުފަހު ފުލައިޓުން އެމީހުން ދާނެ. ” ބުނަން ބޭނުންވި ވާހަކަ ބުނުމަށްފަހު އަނީގާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އިތުރަށް ވާހަކަ ދައްކާކަށް އެކޮޅުން ދައްކާ ވާހަކަ އަޑުއަހާކަށް ނޫޅެއެވެ.
ސިމް ބަދަލު ކުރަމުން ފާހާނާއިން ނުކުތް އަނީގާއަށް އެރުނީ ޒިނާންގެ ކުރިމައްޗަށެވެ. ކުއްލިއަކަށް އެގޮތަށް ކަންތައް ދިމާވުމުން އަނީގާ ހާސްވެ ކަންބޮޑުވިއެވެ. ހަނދާނެގޮތެއް ބުނާނެ އެއްޗެއް ނޭނގުނެވެ. ހުއްޓުން އަރާފައި ހުރެވުނީއެވެ. ދެންވާނީ ކިހިނެތްބާއޭ ހިތަށް ވެސް އެރިއެވެ.
” ކިހިނެތްވީ؟ ފޯނަށް ފެން އެޅުނީތަ ؟ ” އަނީގާއަށް ބަލާލަމުން ޒިނާން އަހާލިއެވެ. އަޑާއި ރާގުން ފާޅުވެގެން އާދައިގެ ގޮތެވެ.
” އާން. ކުޑަކޮށް ފެންބުރީ. މާބޮޑުކަމެއް ހެނެއް ހިޔެއްނުވޭ. ކޮންތާކަށް ތިދަނީ؟ ” އަނީގާ ހަމަޖެހެލިއެވެ. ފުރުސަތުގެ ބޭނުންކޮށް ސަލާމަތް ވުމަށް އަވަސްވެގަތެވެ.
” މިތާ އޮފީހަށް ވަދެލާފަ މިއަންނަނީ. ވަރަށް އަވަހަށް އަންނާނަން. ” އޮފީހާއި ދިމާއަށް ޒިނާން ހިނގައިގަތުމުން ނާޖިލާ ކައިރިއަށް ދިއުމަށް އަނީގާ އަވަސްވެގަތެވެ. ހިނގާދިޔަ އެއްވެސް ކަމެއް ޒިނާނަށް ނޭނގޭކަން އެނގުމުން އަނީގާ ހަމަޖެހެލިއެވެ.
” ކިހާއިރަކު ޑިއުޓީ ނިމެނީ؟ އަހަރެން ބޭނުން ވާހަކައެއް ދައްކާލަން. ” ފުރުސަތު ލިބުމާއިއެކު ނާޖިލާ އަހާލިއެވެ.
” މިހާރު ވެސް ހަމަ ދައްކަންވީ. އަޑުއަހަން މިހުރީ. ” ނާޖިލާގެ އެ ހުށަހެޅުމަށް ރާމިހްގެ މާބޮޑު ސަމާލުކަމެއް ނެތެވެ.
” ފާޑުފާޑުގެ ވާހަކަ ނުދައްކާ އަވަހަށް މިތަނުން ރައްކާވޭ. މިތަނަށް މަ މިއައީ ކަލެއާ ބައްދަލުކުރާކަށް ނޫނޭ. މޮޔަނުވެބަލަ. ” ހިތްހަމަ ނުޖެހުމާއިއެކު ބާރުއަޑުން ނާޖިލާ ދައްކަންމުންދިޔަ ވާހަކަތައް މެދުކަނޑާލީ އަނީގާ އައުމުންނެވެ.
ފެނުނު މަންޒަރާއިއެކު އަނީގާގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ހައިރާންކަމާއިއެކު ސުވާލުތަކުން ފުރިފައިވާ ފަދައަކުން ނާޖިލާއަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ރާމިހް ހުރިގޮތަށް ހުރީއެވެ. ބުނާނެ އެއްޗެއް ނޭންގުނު ކަހަލައެވެ.
” ކޮއްކޯ! ކިހިނެތްވީ؟ ” ނާޖިލާއަށް ބަލާލަމުން މޭޒުކައިރީ އަނީގާ އިށީނެވެ. ރާމިހަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.
” މިހެރެކަލޭ މިތަނަށް އައިސް މޮޔަގޮވަނީ. ލޯބިވަނީޔޯ …. ބައްދަލު ކުރަން ބޭނުންވަނީޔޯ …. ދެން ނޭނގެ … މޫޑު އޮފްވެއްޖެ. ދާންވީ ކަންނޭނގެ މާލެ. ” ހިތްހަމަ ނުޖެހިފައިއިން ނާޖިލާ ފައްޗަށް އަމުނާލިއެވެ. ވަގުނަޒަރަކުން ރާމިހަށް ބަލާލަމުން މޮޅު ވާހަކައެއް ހަދާލިއެވެ. އޭނާގެ ސަލާމަތްވުމަށް އަވަސްވެގަތެވެ.
ކައުންޓަރާއި ދިމާއަށް ބަލާލަމުން އަނީގާ ކޮށްލި އިޝާރާތާއިއެކު ހުޒޭމް އެތަނަށް އައެވެ. ވީ ކީއްތޯ އަދަބުވެރިކަމާއެކު އަހާލިއެވެ. ކޮންމެވެސް ކަމެއް އެތަނުގައި ހިނގައިފިކަން އޭނާއަށް ޔަގީނެވެ.
” މީނަ ކައިރީ ބުނޭ ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކޮށްލާށޭ. ކަސްޓަމަރުންނަށް އިހްތިރާމް ކުރަން ނޭނގޭ މީހުން މިތަނަކަށް ބޭނުމެއް ނުވާނެ. ތާކުން ހަމަ މީހަކު ފެންނައިރަށް ލޯބިވެގެން ދީވާނާވެގެން ތެޅިގަންނައިރު ތިމާ މީހާގެ ހައިސިއްޔަތަށް ވެސް ވިސްނާލަން ވާނެ ދޯ. ” ރުޅިވެރިކަމާއިއެކު ރާމިހަށް ބަލާލަމުން އަނީގާ ވާހަކަދެއްކިއެވެ.
” މެޑަމް! އަޅުގަނޑު އެކަހަލަ އެއްވެސް ވާހަކައެއް ….. ” ރާމިހް ދައްކަންފެށި ވާހަކަ މެދުކަނޑާލީ ނާޖިލާއެވެ.
” ދެން ބުނޭ އަހަރެން ދޮގު ހަދަނީއޭ. ” ރާމިހްގެ ޖުމްލަ މެދުކަނޑާލަމުން އަވަސް އަވަހަށް ނާޖިލާ ބުންޏެވެ.
” އިތުރު ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން. ” އަނީގާ އޭނާގެ ފަހުގެ ނިންމުން އިއްވާލިއެވެ.
ކަންހިނގާދިޔަގޮތް ކިޔައިދޭން ރާމިހް ކިތަންމެ ބޭނުމަސް އެވާހަކަތައް ދައްކަން އޭނާއަށް ފުރުސަތު ނުލިބޭނެކަން ހުޒޭމަށް ވެސް އެނގެއެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ ރާމިހް ގޮވައިގެން އެތަނުން ދިއުންކަން ވިސްނުމުން ހުޒޭމް އަވަސްވީ އެގޮތަށް ކަންތައް ކުރުމަށެވެ.
” މަ އަތުން ރީތި ބޮނޑިއެއް ބޮއިގެން މައިތިރިވާނެ ޅ އެއް އެއީ. އަދި އަނެއް ރނޑ ވެސް އައިސް ބުނެފިއެއްނު ތާކުން އަންހެނަކު ފެންނައިރަށް ލޯބިވެގެން ދިވާނާވެގެން ތެޅިގަންނާކަށް ނުޖެހެއޭ …. ބަލަ މަށެއް ނޫނޭ ދިވާނާވެގެން ހޭ ދެބައިވެގެން މިއުޅެނީ. މިތަނަށް ވަންނަމުން ކަޅި އަޅާލިގޮތުން ވެސް މަށަށް ހީވިޔޭ ބަލ ވެރިކަން ލައްވާލާނެއޭ.
” ހިތްހަމަ ނުޖެހިފައިހުރި ރާމިހް ދެއްކި ވާހަކަތަކަށް ހުޒޭމް ސަމާލުކަން ދިނެވެ. މާޒީގައި ކަން ހިނގާފައިވާގޮތް އެނގޭ މީހެއްގެ ހައިސިއްޔަތުން އެވާހަކަތައް ގަބޫލު ވެސް ކުރިއެވެ.
” ކޫލް ބުރޯ. ކޫލް …. މާ ބލ ބޮޑުވެގެން އުޅެންޏާ ރަނގަޅަށް ބައްދަލުކޮށްލަބަލަ. އެއްޗަކަށް ވާވަރަށް އަލާ ފިލުވާލަ ދީބަލަ. އެވަރުން ވެސް ނުވަންޏާ ބޮލެއް ހަވާލުކޮށްލާފަ ކަލޭ ކަނޑާލާ. އޭރުން ހުންނާނީ ޢަމަލުފިލާފަ. އޭރު ވެސް މަ ބުނީމެއްނު ތިހާ ފިނޑިވެގެން އެއްވެސް ކަމެއް ނުވާނެއޭ. ” ރާމިހް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ހުޒޭމް ފާޅުކުރީ އޭނާގެ ޚިޔާލެވެ.
މާމަ އާއި ކާފަގެ މޫނު ދެކިލަން ނާދެވުނު ތާންގައި އެމީހުންގެ މަހާނަ ދެކިލަން ނަމަވެސް ދެވޭތީ އަހްމަދު ހުރީ ހިތްހަމަ ޖެހިފައެވެ. އެތަނުގެ ހާލަތު ބަލައި އެތަނަށް އެއްވެސް ކަމެއް ކުރަން ޖެހޭނަމަ އެކަމެއް ކުރުމަކީ އަހްމަދު އެންމެ ބޭނުންވާ ކަންތަކެވެ. އެފަދަ ކަމަކަށް އޭނާއާ ބައިވެރިވާން އެންމެ އެކަށީގެންވާ މީހަކީ ސިމްނާ ކަމުގައި ނިންމީ އަހްމަދު އަމިއްލައަށެވެ.
ކޮޓަރީ އެނދުގައި އޮށޯވެލައިގެން އޮތް ޒިނާންގެ ލޯ އަމާޒުވެފައިހުރީ ޓީވީ އަށެވެ. އަނީގާ ވީ ނާޖިލާމެން ކައިރިއަށް އެކޮޓަރިއަށް ގޮހެވެ. ޚަބަރު ބެލުމަކީ ޒިނާން އަބަދުވެސް ސަމާލުކަންދޭ ކަމެކެވެ. މެންދުރުފަހު ދޭއްގެ ޚަބަރަށް ވަގުތު ހުސްކުރުމަކީ ޒިނާންގެ އާދައެކެވެ.
” އައްޑޫސިޓީ އެއާރޕޯޓް ކައިރީ އެއްޗެއް ގޮއްވާލުމުގެ ހާދިސާއެއް ހިނގައިފި. އެއާރޕޯޓުން ނުކުތް ބަޔަކު އެރި ކާރެއްގެ ތެރޭގައި އެއްޗެއް ގޮއްވާލި މިހާދިސާގައި އަންހެނަކާއި ފިރިހެނެއްގެ އިތުރުން ކުޑަ ކުއްޖަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވޭ. އެމަޖެންސީގައި ކުޑަކުއްޖާއަށް ފަރުވާދެމުންދާއިރު ދެންތިބި ތިންމީހުންގެ ހާލު ވެސް އެހާ ރަނގަޅު ނޫންކަމަށްވޭ. ކަން ހިނގާދިޔަގޮތް ބެލުމަށް ކަމާބެހޭފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ޚަބަރުލިބޭ. ” ޚަބަރު މެދުކަނޑާލަމުން ޓީވީއެމުން ގެނެސްދިން ކުއްލި ޚަބަރާއިއެކު ޒިނާންގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔައެވެ.
” މަގޭ ދަރިފުޅު. ” ފުންމައިގެން ކަހަލަގޮތަކަށް އެނދުން ފޭބި ޒިނާން އަވަސްވެގަތީ ފޯނު ހޯދާށެވެ.
އަހްމަދަށް ގުޅިއިރު އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ. ދެތިން ފަހަރަކު މަސައްކަތްކޮށް ވެސް ކާމިޔާބެއް ނުލިބުމުން ޒިނާންގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވިއެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ހުއްޓުން އަރާފައި ވެސް އެތައް އިރަކު ހުއްޓެވެ.
ސިމްނާގެ މަތިން ޒިނާން ހަނދާންވީ ކޮޓަރިން ނުކުންނަން ދުއްވައިގަތް ވަގުތު ލޮލުގައި އަޅައިގަތް ފޮޓޯފްރޭމް ފެނުމުންނެވެ. އަހްމަދު ކުޑަކުޑައިރު ކާފަ އާއި މާމައާއެކު ނަގާފައިވާ އެފޮޓޯގައި އަހްމަދު އުރައިގެން އެހުރީ ސިމްނާއެވެ.
” ހެލޯ …. ސިމް …. ކޮބާ އަހްމަދު؟ ކޮންތާކު ތިތިބީ؟ އެންމެން ރަނގަޅުތަ؟ ” ސިމްނާ ފޯނުނެގުމާއިއެކު އަވަސް އަވަހަށް ޒިނާން ސުވާލުކުރިއެވެ. ސިމްނާ ފޯނަށް ޖަވާބު ދިނުން ވެސް ވެގެން ދިޔައީ ޒިނާނަށް ލިބުނު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމަކަށެވެ. ހާސްވެ ކަންބޮޑުވެފައިހުރި ކަންބޮޑުވުމަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ވެސް ލިބުނު ކަމަކަށެވެ.
” ދޮންބޭ ! ހާދަ ހާސްވެފަ. ކިހިނެތްވީ ؟ އަހަރުމެން މިތިބީ އައްޑޫގަ. އެކެއް ޖަހަންވީރު މިކޮޅަށް އައިސްފިން. އެންމެން ވެސް ރަނގަޅު. ފޯނު ޗާޖަށް ޖަހާފަ އަހްމަދު އެބައިން ޓީވީ ބަލަން. ” ކަމެއް ހިނގައިގެން އުޅޭ ކަމުގެ އެއްވެސް ހިލަމެއް ނުވާ ސިމްނާ ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ.
” އަލްހަމްދުލިއްލާހި ޝުކުރު …. ޚަބަރެއް ނުބަލަންތަ؟ އައްޑު އެއާރޕޯޓް ކައިރީ އެއްޗެއް ގޮއްވާލައިގެން އެބައުޅޭ. ހާލަތު މާކަ ރަނގަޅެއް ނޫން. ބަލައިގެން އުޅޭތި. އަހްމަދު އެކަނި ދޫކޮށްނުލާތި. ކަމެއް ބޭނުންވެއްޖާ ލަސްނުކޮށް ގުޅާތި. ވަރަށް ސަލާމް. ” އަހްމަދާއި ސިމްނާގެ ދެމައިން ގަދަވެ ސަލާމަތުން ހެޔޮހާލުގައި ތިބި ވާހަކަ ބުނުމުން ޒިނާންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ޝުކުރު ދަންނަވަންޖެހޭ ފަރާތްތަކަށް ޝުކުރު ދެންނެވުމަށް އަވަސްވިއެވެ.
މެންދުރަށް ކައިގެން ނާޖިލާ ކައިރިއަށް ދިޔަ އަނީގާ ކޮޓަރިއަށް އައީ ހަވީރުވާން ކައިރިވެފައި ހުއްޓައެވެ. އޭރު ވެސް ޒިނާން އޮތީ ޓީވީ ބަލާށެވެ. ކަމެއް ހިނގައިގެން އުޅޭ ކަމެއް އަނީގާއަކަށް އެނގޭ ހެނެއް ހިޔެއްނުވެއެވެ. ކޮޓަރިއަށް ވަތް ވަގުތު ޓީވީން ފެނުނު މަންޒަރާއިއެކު އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ދެލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިހްތިޔާރަކާއިނުލައެވެ. ހާސްކަމާއި ކަންބޮޑުވުމާއެކު އަވަސް އަވަހަށް ޒިނާން ގާތަށް އަންނަމުން އަހްމަދުމެން ކޮބައިތޯ ސުވާލުކުރިއެވެ.
ޒިނާންގެ ވާހަކަތައް އަޑުއަހަން އަނީގާ އިނީ ނޭވާ ހިފަހައްޓާލައިގެން ކަހަލަ ގޮތަކަށެވެ. އަހްމަދުމެން ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ތިބި ވާހަކަ ބުނުމުން އަނީގާ ހިތްހަމަ ޖެހުނެވެ. އެކަމަށްޓަކައި އުފާކޮށް ޝުކުރުކުރާކަމަށް ވެސް ބުންޏެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދަށް އަހްމަދު ގޮވައިގެން ދާން ސިމްނާ ނުކުތީ ހަވީރުއެވެ. ހިނގައިގެން އުޅޭ ބޮޑު ހާދިސާގެ ސަބަބުން ވެސް ކަންނޭނގެއެވެ. ރަށުތެރެއިން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއް މަތިން ވަރަށް މަދުން ނޫނީ މީހަކު ނުފެނެއެވެ. ދުއްވާ އެއްޗިސް ވެސް އެހާމެމަދެވެ. މަގުތަކުގައި ޕޮލިހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ. ހުރިހާ އުޅަނދެއް ކަހަލަ ގޮތަކަށް ބަލައި ފާސްކުރަމުން ދިޔައެވެ.
ކަންހިނގައިދިޔަގޮތް ކިޔައިދެމުންދިޔަ ސިމްނާގެ ދެލޮލުން ކަރުނަ އޮހޮރެމުންދިޔައިރު އެވާހަކަތައް އަޑުއަހަން ހުރި އަހްމަދުގެ ދެލޮލުން ވެސް ކަރުނަ އޮހޮރެމުންދިޔައެވެ. އެވަގުތު މާމަ އާއި ކާފައަށް ވާނެވަރު ، އެމަންޒަރުތައް ފެނުމުން ޒިނާނާއި ސިމްނާއަށް ކުރާނެ އަސަރު އަހްމަދަށް އިހުސާސްވަމުންދިޔަ ކަހަލައެވެ. ކާފަގެ ރައްޓެހިން އެވަގުތު ދިން އެހީތެރިކަމާއި އެއްބާރުލުމަށް، އެއަޑިގަނޑުން އަރައިގަތުމަށް ސިމްނާ ކުރި މިންނެތް މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން އަހްމަދު ޝުކުރުއަދާކުރަމުންދިޔައެވެ. ކަން ހިނގާދިޔަގޮތް އެނގުނު ހިނދު އޭނާގެ ހިތުގައި ސިމްނާއަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ.
” ދެން ހެޔޮ …. ހުއްޓާލާ ދޮންތާ! ” ރޮމުން ރޮމުން ސިމްނާ ކިޔައިދެމުންދިޔަ އެވާހަކަތައް އަޑުއަހާކަށް އަހްމަދަކަށް ކެތެއް ނުވިއެވެ. މަޑުމަޑުން ގޮސް ސިމްނާގެ ކޮނޑުގައި ބޯ އަޅާލަމުން އެވާހަކަތައް ހުއްޓާލުމަށް އެދުނެވެ.
ހިނގައިގެން އުޅޭ ހާދިސާގެ ސަބަބުން އައްޑޫގެ ރައްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިރުއޮއްސުމާއިއެކު ވަރުގަދަކޮށްލިއެވެ. އިރުއޮއްސި ހައެއްގެ ފަހުން އާންމުން ބޭރަށް ނުކުމެ އުޅުން މަނާކުރިއެވެ. ކޮންމެހެން ނުކުންނަންޖެހިއްޖެ ހާލަތެއްގައި ވެސް ނުކުމެ އުޅޭވޭނެގޮތެއް ހަމަޖައްސައި އެގޮތަށް ޢަމަލުކުރުމަށް ރައްޔިތުންނަށް އަންގަމުންދިޔައެވެ.
އައްޑޫގައި ހިނގައިގެން އުޅޭ ހާދިސާއާއި ބެހޭގޮތުން ގާތްގާތުގައި ގެނެސްދެމުންދިޔަ މުހިންމު މަޢުލޫމާތުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ޒިނާން ބަލަމުން ދިޔައީ އަހްމަދުމެން އެސިޓީގައި ތިބުމުންނެވެ. އެތަނަށް އެމީހުން ދިޔައީ މިއަދު މެންދުރެއްކަން ހާއިރު ކަމަށްވާތީ ކަމެއް ހަމަނުޖެހި އޮވެދާނެއޭ ހީވާވަރުން ވެސް މެއެވެ.
ރޭގަނޑު އަށެއްގެ ހަބަރު ބެލުމަށް އަނީގާ ވެސް ސަމާލުކަން ދިނެވެ. މިފަދަ ނާޒުކު ވަގުތެއްގައި އަހްމަދުމެން އައްޑޫސިޓީގައި ތިބުމަކީ ހަބަރު ބެލުމަށް ދޭ ސަމާލުކަން އިތުރު ކުރަންޖެހޭ ކަމެއް ކަމުގައި އަނީގާ ބުނަމުންދިޔައެވެ.
” އައްޑޫސިޓީ އެއާރޕޯޓް ކައިރީ އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅުންހުރި ކަމަށް ބެލެވޭ މީހަކު ހައްޔަރު ކޮށްފި. ” އިވުނު ހަބަރާއިއެކު އަނީގާ ދިޔައީ ސިއްސައިގެންނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި