މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ އާއި 1980ގެ އަހަރުތަކުން ފެށިގެންގޮސް 1990ގެ އަހަރުތަކުގެ ފަހުކޮޅާ ހަމައަށް އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ ހިތްގައިމު ތަރި މީނަކްޝީ ސެޝާދްރީ ހިތާވިކަން މިއީ ރަސްމީ ސިފައެއްގައި މީޑިއާއަށް ފެތުރިގެން ދިޔަ ޚަބަރެއް ނޫނެވެ. ނަމަވެސް މި ދެ ފަންނާނުން ރައްޓެހިވެގެން ކައިވެންޏާއި ހަމައަށް އަށްވެސް ދިޔައެވެ.

ބޮލީވުޑްގެ ޖޯޑުތައް ލޯބީގެ ގޮތުން ގުޅުން އެއީ އައު ކަމެއް ނޫނެވެ. ނަމަވެސް އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ އެކްޓްރެސް އެއް މަޝްހޫރު ލަވަކިޔުންތެރިއަކާ ރައްޓެހިވެގެން އުޅުން މިއީ ފަލަ ސުރުޚީތަކަށް އަރާވަރުގެ ބޮޑު ޚަބަރެކެވެ.

އެކްޓްރެސް މީނަކްޝީ ސެޝާދްރީ އަކީ 80ގެ އަހަރުތަކާއި 90ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަނިކަންކުރި ތަރިއެކެވެ. ކުމާރު ސާނޫ އާއި މީނަކްޝީ ސެޝާދްރީގެ ހަޔާތުގައި ލޯބީގެ ކުޅިގަނޑެއް ހިނގިތޯ ޔަޤީންކޮށްލުމަށް އިންޓަނެޓްގެ ފަތްފުށްތައް ހާވާލީމެވެ. އެގޮތުން ކްއޯރާ އިން ފެނުނު އާޓިކަލްއެއްގައި ވާގޮތުން އެ ދެމީހުން ރައްޓެހިވިއެވެ. ދެމީހުންގެ ދެމެދުގައި ލޯބީގެ ގާތް ގުޅުމެއް އޮތެވެ.

ބޮލީވުޑްގެ ބްލޮގަރ އެއް ލިޔެފައިވާ މި ލިޔުމުގައި ބުނާގޮތުން މީނަކްޝީ ސެޝާދްރީ އަކީވެސް ލަވަކިޔުމަށް ނުނަހު ބޮޑު ޝައުޤުވެރިކަމެއް ހުރި ތަރިއެކެވެ. މިކަމުގެ ތެރެއިން ކުމާރު ސާނޫ އާއި ގުޅުން ބަދަހިވި ކަމަށް ވެއެވެ. މީނަކްޝީގެ ހިތް، ކުމާރު ސާނޫގެ ކުރިމައްޗަށް ބަންޑުންކޮށްލުމުން ކުމާރު ސާނޫ އެކަމާ އަޅައިނުލީ އޭރު އޭނާ ހުރީ މީހަކާ އިނދެގެން ކަމަށް ވީތީިއެވެ.

https://www.youtube.com/watch?v=qE7C35WxKno

ނަމަވެސް ކުމާރު ސާނޫ އާއި މީނަކްޝީ ރައްޓެހިވިއެވެ. ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ފަހުން ކައިވެނިކުރުމަށް ރޭވިއެވެ. އޭރު ކުމާރު ސާނޫގެ އަނބިމީހާ ރީޓާ ބައްޓަޗާރިޔާ އިނީ ބަލިވެއެވެ.

މީނަކްޝީ އާއި ކުމާރު ސާނޫގެ ލޯބީގެ ކުޅިގަނޑުގެ ޚަބަރުތައް ތުންތުންމަތިން ރީޓާއަށް އިވުމުން ފިރިމީހާއާ ކުރިމަތިލިއެވެ. އޭގެ ކުރިންވެސް އެހެން މީހުންނާ ކުމާރު ސާނޫ އާ ގުޅުން އޮންކަމުގެ އަޑުތައް އޭނާއަށް އިވިފައި ވެއެވެ.

ޖަންގައްޔެއްގައި ހުޅުރޯވިހެން މި ޚަބަރު މީޑިއާގައި ފެތުރިގެން ދިޔައެވެ. މީނަކްޝީގެ ސަބަބުން ކުމާރު ސާނޫގެ ކިބައިން ރީޓާ ވަރިވާން އުޅޭކަމުގެ ޚަބަރުތަކެވެ. މިކަމުގެ ސަބަބުން މީނަކްޝީގެ ދިރިއުޅުމަށް އަސަރުކުރަން ފެށިއެވެ. މީހުންގެ ބަދުބަސްތަކާ މަލާމާތް ރައްދުވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މީނަކްޝީގެ އެކްޓިން ކެރިއަރަށް ވެސް އަސަރުކުރަން ފެށިއެވެ.

އެންމެ ފަހުން، ފިލްމު “ދާމިނީ”ގައި ވަރުގަދަ އެކްޓިން އެއް ދެއްކި މީނަކްޝީ ފަހަތަށް ޖެހެން ނިންމިއެވެ. ކުމާރު ސާނޫ އާ އޮތް ހުރިހައި ގުޅުމެއް ކަނޑައިލިއެވެ. ކުމާރު ސާނޫގެ ދިރިއުޅުން ހަލާއްކުކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

އެންމެ ފަހުން، މީނަކްޝީ ވެސް ކައިވެންޏެއްކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރިއެވެ. ހިންދީ ސިނަމާއާ އެންމެ ފަހުގެ ސަލާމްކޮށް އަލްވަދާޢު ކިޔަމުންނެވެ.

ނަމަވެސް، ކުމާރު ސާނޫ އޭނާގެ އަނބިމީހާ ރީޓާ ބައްޓަޗާރިޔާ ވަރިކުރި އެވެ. އެއަށްފަހު ސަލޯނީ ބައްޓަޗާރިޔާ އާއި ކައިވެނިކުރިއެވެ.

ހިންދީ ސިނަމާގެ ހުރިހައި އަރިއަރިމައްޗަކުން އެންމެ ގާތުން ޚަބަރުތައް ގެނެސްދޭ ‘ލެހެރޭން’ ޗެނަލުންވެސް މި ޚަބަރު ގެނެސްދީފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.