ކޮވިޑް-19ގެ ޢަލަމީ ވަބާއާއި ގުޅިގެން ތަފާތު ވައްތަރު ވައްތަރުގެ އޮންލައިން ޕްލެޓްފޯމްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޢާލަމީ ވަބާގައި އެންމެން ލޮކްޑައުންވެ ތިބެން ޖެހުނު ހިނދު، އެންމެ ގިނަބަޔަކަށް އެހީތެރިކަން ފޯރުކޮށްދިން އެއް ޕްލެޓްފޯމަކީ “ޒޫމް ކްލައުޑް” އެވެ. ޒޫމް ކްލައުޑް ވައިގައި ހިފައިގެން ދިޔަ ގޮތަށް މި ދުވަސްވަރު އެންމެ ބޮޑަށް ވައިގައި ހިފާފައިވަނީ “ކްލަބްހައުސް” އެޕްލިކޭޝަނެވެ.

ކްލަބްހައުސް އެޕްލިކޭޝަނަކީ ކޮބާ؟

ރަށްރަށުގެ އަތިރިމަތީގައި ހުންނަ ހޮޅުއަށްޓެއް ޚިޔާލަށް ގެންނާށެވެ. އެ ހޮޅުއަށީގައި ތިބެ އެކަކު އަނެކަކު ދައްކާ ވާހަކައިގައި ބައިވެރިވެއެވެ. އަނެކާގެ ޝުޢޫރުތައް އަޑުއަހައިލެވެއެވެ. ތިބާ ދައްކަން ބޭނުންވާ ވާހަކައެއްވެސް ދައްކައިލެވެއެވެ. “ކްލަބްހައުސް” އަކީ ހޮޅުއަށްޓެއް ގޮތަށް އޮންލައިންކޮށް ބޭނުންކޮށްލެވޭ އެޕްލިކޭޝަނެކެވެ. ހަމައެކަނި މަދުވާ ކަމަކީ މީހާ ނުފެނުމެވެ. ނުވަތަ ވީޑިއޯ ނުފެނުމެވެ. ނަމަވެސް މި އެޕްލިކޭޝަންގެ އެހީގައި އެހެން ބަޔަކު ދައްކަމުން އަންނަ ވާހަކައެއް ވަގުތުން އަޑުއަހައިލެވެއެވެ. ރޭޑިއޯ އަޑުއަހާލާ ގޮތަށެވެ. ރޭޑިއޯ ޕްރޮގްރާމެއްގައި ފޯނު މެދުވެރިކޮށް ބައިވެރިވެ، ވާހަކަދައްކާލެވޭ ގޮތަށް މި އަށީގައި ވާހަކަދައްކައިލެވެއެވެ.

މިއީ އޯޑިއޯ-ޗެޓް-ސޯޝަލް ނެޓްވޯރކެކެވެ. ރާއްޖޭގައިވެސް މިހާރު މިއީ ރަނގަޅަށް ވައިގައި ހިފަމުން އަންނަ އެޕްލިކޭޝަނެކެވެ. ރޭޑިއޯ ޗެނަލެއް ހިންގައިލަން ބޭނުންވިޔަސް މިއީ ހައްލެކެވެ. ކަމަކާމެދު ބަހުސްކޮށް ވާހަކަދައްކަން ހަރުގެއެއް ހަދައިލަންވެސް މިއީ ހަމަ އެންމެ ފައްކާ އެޕްލިކޭޝަނެވެ.

ކްލަބްހައުސް ވުޖޫދަށް ގެނައީ ކޮންއިރަކު؟

ކްލަބްހައުސް ލޯންޗްކުރީ ކޮވިޑްގެ ވަބާ އެމެރިކާގައި ފެތުރެންފެށި ހިސާބުގައެވެ. 2020ވަނަ އަހަރުގެ މާރިޗް މަހުގައެވެ. ރާއްޖޭގައި މި ޕްލެޓްފޯމު އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ އައްޑޫ މީހުން ކަމަށް މަޢުލޫމާތު ލިބެއެވެ. އެއަށްފަހު ފުވައްމުލަކު މީހުންނެވެ. މިވަގުތު، ކްލަބްހައުސް ބޭނުންކުރާ ރާއްޖޭގެ ކޮމިއުނިޓީއަށް ބަލައިލާއިރު އެންމެ ކުރީގައިވެސް އުޅެނީ އައްޑޫ މީހުންނެވެ. ދެން ފުވައްމުލަކު މީހުންނެވެ. ލ. އަތޮޅުގައިވެސް މިހާރު މިވަނީ ކްލަބްހައުސް ބޭނުންކުރާ ފަރާތްތައް އިތުރުވާން ފަށާފައެވެ.

ފޮޓޯ: ގެޓީ އިމޭޖްސް

ވީޑިއޯ އެއް ނުފެނޭދޯ؟

އާނއެކެވެ. މިއީ އޯޑިއޯ ޕްލެޓްފޯމެކެވެ. ހަމައެކަނި ފެންނާނީ ބައިވެރިންގެ ޕްރޮފައިލް ފޮޓޯއެވެ.

ކްލަބްހައުސް އެޕްލިކޭޝަން ލިބޭނީ ކޮންތާކުން؟

ކްލަބްހައުސް” ލިބޭނީ އައިއޯއެސް އަށާއި އެންޑްރޮއިޑް ބޭނުންކުރެވޭ ވަސީލަތްތަކަށެވެ. ޑެސްކްޓޮޕް އެޕްލިކޭޝަން ވެސް މިހާރު ލިބެން އެބަހުއްޓެވެ. އެންޑްރޮއިޑް ވާރޝަން އާއްމުކުރީ މި އަހަރު މެއި މަހުގައެވެ. އެންޑްރޮއިޑަށް މި އެޕް ތަޢާރަފުކުރިތާ ހަފުތާއެއްގެ ތެރޭގައި މިލިޔަނަކަށް ވުރެން ގިނަ މީހުން އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވެއެވެ.

އައިޕެޑްގަ ކްލަބްހައުސް ބޭނުންކުރެވޭތަ؟

އާނއެކެވެ. ނަމަވެސް އައިޕެޑްއޯއެސް އަށް މި އެޕްލިކޭޝަން އޮޕްޓިމައިޒްކޮށްފައެއް ނުވެއެވެ. އެހެންކަމުން އެޕް ބޭނުންކުރެވޭނީ ކުޑަކުޑަ ވިންޑޯއެއްގައެވެ. ނަމަވެސް އެންޑްރޮއިޑް ޓެބްލެޓްތަކުގައި މި އެޕްލިކޭޝަން ބަރާބަރަށް ބޭނުންކުރެވޭނެއެވެ.

ސަޅި، އެހެންވެއްޖެއްޔާ މަށަށް ތި އެޕްލިކޭޝަނަށް ސީދާ ސައިންއަޕް ވެވޭނެތަ؟

ނޫނެކެވެ. މި އާޓިކަލް މި ލިޔާ ވަގުތާއި ހަމައަށް ކްލަބްހައުސް ގައި ބައިވެރިވެވޭނީ މި އެޕް ބޭނުންކުރާ މީހެއްގެ ފަރާތުން ލިބޭ އިންވިޓޭޝަނަކުން (ދަޢުވަތަކުން) ނެވެ. މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަސް ފަރާތަކަށް، މި އެޕްލިކޭޝަން މިހާރު ބޭނުންކުރާ ފަރާތްތަކުން ދަޢުވަތު ދިނުމުގެ ފުރުޞަތު ހުޅުވައިލެވިފައިވެއެވެ. އެޕްލިކޭޝަން ބޭނުންކުރާ މިންވަރު (ވަގުތު) އިތުރުވީ ވަރަކަށް ދަޢުވަތު ދޭން ލިބޭ ފުރުޞަތުގެ ޢަދަދުވެސް އިތުރުވެއެވެ.

އީބޭ އާއި ބައެއް އޮންލައިން ޕްލެޓްފޯމުތަކުން ދަޢުވަތު ވިއްކައެވެ. ނަމަވެސް މިފަދަ ތަންތަން ބޭނުންކުރުމުގައި ސްކޭމަރުން އުޅޭނެކަން ހަނދާންކޮށްދެމެވެ.

ރޫމެއްގައި ކިތައް މީހުންނަށް ތިބެވޭ؟

މިވަގުތު ދީފައިވާ ލިމިޓަކީ ކޮންމެ ރޫމަކަށް ގިނަވެގެން 5000 މީހުންނެވެ. މަދެއް ނޫންދޯއެވެ. އަހަރުމެން ރަށެއްގެ ހުރިހައި ރައްޔިތުން ހިމެނޭހެން ރައްޔިތުން އެއްކޮށްލައިގެން ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާލަން މިއީ ހަމަ އެއްވަނައިގެ ތަނެކެވެ.

ކްލަބްހައުސް އިން ކުރެވިދާނެ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އެގޮތުން ސައްލާކުރުން، ކްލާސް ހިންގުން، ރޭޑިއޯ ޗެނަލެއް ހިންގުން، ކޮންމެވެސް މަޢުޟޫއެއްގައި ގްރޫޕެއް ހިންގުންފަދަ އެތަކެއް ކަމެއް މި އެޕްލިކޭޝަން އިން ކުރެވޭނެއެވެ.

“ކްލަބްހައުސް”ގެ ކުރިއަށް އޮތް އާޓިކަލް – “ލާމަސީލު ލާމު ކްލަބްހައުސް” އަށް އިންތިޒާރުކޮށްލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.