ހިތުގެ ދޮރުފަތުގާ ޓަކިދީފި އޭނާ
މަސްތު ހިތް ވެއްޖޭ ފެނުނީމަ ކައިނާ
ހަނދުގެ ނަލަކަންވެސް ފަނޑުކޮށްފި އޭނާ
ހަނދުވަރުން މިހިތަށް އަލިކޮށްފި ކައިނާ

އެ ދުވަހަކީ ތަންކޮޅެއް ކުރިން އަހަރެން އޮފީހަށް ދާން ނިންމި ދުވަހެކެވެ. ހަތެއް ޖެހިއިރު އޮފީހަށް ހިނގައްޖައީމެވެ. އަހަރެންގެ ކްލައިންޓެއްގެ ލިޔެކިޔުންތަކެއް ނިންމައިދޭން ޖެހޭތީ އެވެ. އަހަރެން މަސައްކަތްކުރާ އޮފީސް ރަސްމީކޮށް ފެށެނީ ހެނދުނު 08:30 ގައެވެ. އެހެންކަމުން ކަންތައްތައް ހަމައަކަށް އަޅުވައިލުމަށް އަހަންނަށް ދޮޅުގަޑިއިރު ލިބޭގޮތްވި އެވެ.

އޮފީހަށް ވަދެ ފިޔަވަޅެއްވެސް ނޭޅެނީސް އަހަރެންގެ ބޮސް ފެނުމުން ހައިރާންވި އެވެ.

“ގުޑް މޯރނިންގ މިސްޓަރ ޖާބިރު،” ހެނދުނުގެ ސަލާން ގޮވާލަމުން އަހަރެން ހިނިތުންވެލީމެވެ. “ހާދަ އަވަހަކަށް ދުރުވި ދުވަހެއް.”

ބޮލުގައި ޖަހާފައިވާ ނުރައަށް ބަލާއިރު ޖާބިރަކީ މެދުއުމުރުގެ މީހެއްކަން އެނގެއެވެ. އޭނާ އަކީ މީހުންނަށް ހެޔޮ، އޯގާތެރި އެކެވެ. އުމުރާއި އަޅާބަލާފައި ސަމައްތަރުހެޔޮކަމަށް ދައްކައެވެ. ވަރަށް ހަރުދަނާ ބައްޕައެއް ވައްތަރު ހުރެއެވެ. ޖާބިރަކީ އަހަރެން މަސައްކަތްކުރާ ޑިޕާޓްމަންޓްގެ އިސް މެނޭޖަރެވެ. އަހަރެން މަސައްކަތް ކުރަނީ ޕްރޮޖެކްޓް މެނޭޖްމެންޓް ބައިގަ އެވެ. އަހަރެން އެމް.އެޗް އެންޓަރޕްރައިސް އާއި ގުޅުނީ މީގެ ތިން އަހަރު ކުރިންނެވެ. ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައެވެ. އޭރު އެއީ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރު ކަމެވެ. އަހަންނަށް ހީވެސް ނުކުރާހާ އަވަހަށް ވަޒީފާގެ ކުރިއެރުން ލިބުނެވެ. މަސައްކަތް ކުރުމަށް އަހަރެން ދެވިހިފައިފާ ހުންނަލެއް ބޮޑުކަމުންނާއި އަހަރެން ހުށައެޅި ތަކެތީގެ ހަމައަގުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ޑިޕާޓްމެންޓްގެ އެއްމެ ނަންހިނގާ މީހަކަށް އަހަރެން ވެގެން ދިޔައީ ބުރަކޮަށް މަސައްކަތްކުރުމާއި އަހަރެންގެ ބޮސްގެ ފުރިހަމަ މަގުދެއްކުމަށް އަމަލުކުރުމުގައި ދެމިހުރީތީ އެވެ.

“ގުޑް މޯރނިންގ، ކައިނާ،” ޖާބިރު ވެސް ޖަވާބުގައި ސަލާން ގޮވާލި އެވެ. ކައިނާ އަކީ އަހަރެންގެ ނަމެވެ. މާނައަކީ ‘ވެރި އަންހެންމީހާ’ އެވެ. ފަހަރުގައި އަހަރެންގެ ނަމުގެ މާނައާއި ކާމިޔާބީ އާއި ގުޅިފައިވަނީ ކަމަށްވެސް ވެދާނެ އެވެ.

“މިއަދު ގެ މީޓިންގ އަށް ތައްޔާރުވުމަށް އަހަރެން ކުރަންޖެހޭ ބައެއް ކަންކަން ހުރީމަ ތަންކޮޅެއް އަވަހަށް އައީ.” އޮފީހުގެ އާއްމު ބައިގައި ހުރި ކޮމްޕިއުޓަރަކުން އެއްޗެއް ޓައިޕްކުރަން އިނދެފައި ބޯ ހިއްލާލަމުން އަހަރެންގެ ސުވާލަށް ބޮސް ޖަވާބު ދިނެވެ. “އާނ، އަދި މިއަދު އެބައޮތޯ ކުންފުނީގެ ސީއީއޯގެ ގޭގަ އޮންނަ ގެޓް ޓްގެދަރ އެއްވެސް. ފަހެއް ޖަހާއިރު އޮތީ، މެއިލް ވެސް ކޮށްފަ އިންނާނެ އިންވިޓޭޝަން. ކައިނާ އަށް ދެވޭނެދޯ.”

ބޮސް އެ ބުނީ ކޮން ސީއީއޯއެއް ދައުވަތުދިން ވާހަކަ ބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އާ ސީއީއޯ ނުވަތަ ކުރީގެ ސީއީއޯ ބާވައެވެ. އަލަށް ކުންފުންޏަށް އައްޔަންކުރި ސީއީއޯ އަކީ މިހާރުގެ ސީއީއޯ ގެ ލޯބިވާ ކާފަ ދަރިފުޅެއްކަމަށް އޮފީސް ތެރޭގައި އެއްމެން ކިޔާތީ އޮތީ އިވިފައެވެ. އަހަރެންގެ ބޮސް ފިޔަވައި އެއްވެސް މީހަކަށް އަދި އެ ސީއީއޯ އާއި ދިމާވެފައެއް ނުވެއެވެ. ބޮސް އަށް އޭނާ އާއި ދިމާވީ ވަރަށް ޅައުމުރުގައި ކަމަށްވެސް ޖާބިރު ބޮސް ބުނެފައިވެއެވެ.

“އަލަށް ގުޅުނު ސީއީއޯ ތޯ؟” އަހަރެންގެ މޭޒުމަތި ތަރުތީބު ކޮށްލަމުން ފައިލްތައް ކެބިނެޓް ތެރެއަށް ލަމުން ސުވާލުކޮށްލީމެވެ.

“ނޫން. ހަމަ ސީދާ ޢަބްދުއްޞަމަދު ޙުސައިން،” ޖަވާބުގައި ޖާބިރު ބުންޏެވެ.

“އާނ އަޅުގަނޑުވެސް ދާނަން. އެ ގޭގެ އެޑްރެހަކީ ކޮބާ؟”

“ޙުސައިނީއާބާދު، މާފަންނު.”

“ތޭންކްސް.”

އެ ބުނާ ގެޓްޓުގެދަރ އަކީ ވޭތުވެދިޔަ ތިން މަހެއްހައި ދުވަހު އެއްވެސް ރެސްޓެއް ނެތި އަހަރެން މަސައްކަތްކުރި ޕްރޮޖެކްޓަށްފަހު މީހުންތެރެއަށް ނުކުމެލައި ސޯޝިއަލައިޒްވުމަށް އަހަންނަށް ލިބުނު ފަހި ފުރުޞަތެއް ކަމަށް އަހަރެން ނިންމީމެވެ. އެހެން ހިތަށްއެރުމާއެކު އަހަރެންގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“ޕާޓީއަށް ދިއުމުގެ ކުރިން ގެއަށް ގޮސް ޗޭންޖްވެސް ކޮށްލަން ޖެހޭނެކަން ނޭނގެ.” އަހަރެންގެ ހިތަށްއެރި އެވެ. ޕާޓީއަށް ދާން ޖެހޭ އެޑްރެސް ލިޔެލާފައިވާ ސްޓިކީ-ނޯޓް އަހަރެންގެ ބޮސް އަހަންނަށް ދިއްކޮށްލިއެވެ. ބޮސްގެ ރީތި އަތުލިޔުމުން ލިޔެލާފައިވާ އެ ނޯޓް އަހަރެންގެ އަތަށް ދިނުމުގެ ބަދަލުގައި އަހަރެންގެ ހޭންޑްބޭގްގައި ތަތްކޮށްލަދިނެވެ.

“ގައިމުވެސް ނުވެއް ގެއްލޭނެތާ!” ފަނޑު ހިނިތުންވުމަކާއެކު ބޮސް ބުންޏެވެ.

❀❁❀❁❀❁❀❁❀

އަހަރެންގެ އުމުރަކީ 26 އަހަރެވެ. އަހަރެންގެ ވަޒީފާދެކެ އަހަރެން ވަރަށް ލޯބިވަމެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވެފައިހުރި އަންހެނަކަށް ވުމަކީ އަހަރެން އެންމެ އިސްކަންދޭ ކަމެވެ. އެހެންކަމުން، މިހެން ލިބޭ އެއްވެސް ފުރުޞަތަކާމެދު އަހަރެން ފަރުވާކުޑައެއް ނުކުރާނަމެވެ. މިއީ އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ވެފައިވާ ވަޢުދެކެވެ. އަހަރެން މި ވަޢުދުގެ މަތީގައި ދެމިހުންނަ ސަބަބަކީ އަހަރެންގެ މަންމަ އުޅެން ޖެހުނުފަދަ ދިރިއުޅުމެއް އުޅެން ބޭނުންނުވާތީއެވެ. އެ މަންމަ، އަހަރެންގެ ބައްޕައަށްޓަކައި ހުރިހައި ވަގުތެއް، ހުރިހައި އެއްޗެއް ޤުރުބާންކުރި އެވެ. އެހެން ނަމަވެސް އަހަރެންގެ ބައްޕަ، ޒުވާން އަންހެންކުއްޖަކާ ހިތާވެގެން މަންމަ ދޫކޮށްލާފައި ދިޔައީއެވެ. ބައެއް ފަހަރަށް، އަހަރެންގެ ބައްޕަ ދެކެ އަހަރެން ވަރަށް ބޮޑަށް ނަފުރަތުކުރަމެވެ. އެހެން ނަމަވެސް އަހަރެން އޭނާދެކެ ލޯބިވަމެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ބައްޕައެވެ.

ބައްޕަ ދިޔަ ފަހުން އަހަރެންގެ މަންމަ ކޮންމެ ދުވަހަކު ރުޔެވެ. މިއަދުވެސް ބައްޕަ މަތިން ހަނދާންވާ ކޮންމެ ފަހަރަކު މަންމަގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވެއެވެ. މަންމަ ދޫކޮށްލާފައި ބައްޕަ ދިޔަ ދުވަހަށް ފަހު، އަހަރެންގެ ވިސްނުމުގައި ގެންގުޅޭ ހަމަ އެކަނި ކަމަކީ މަންމަ އުފަލުގައި ބެހެއްޓުމަށްޓަކައި އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯއެވެ. އަހަރެން ރައްޓެހިވީވެސް އެންމެ މީހަކާއެވެ. ނަމަވެސް ހަ އަހަރު ފަހުން އެ ގުޅުމަށް ނިމުން އައެވެ. އޭގެ ފަހުން އަހަރެން މި ހުންނަނީ ހުހަށެވެ. އަހަންނަށް މީހުން ނުވާތީކީއެއް ނޫނެވެ. އެކަމަށް ޝައުޤުވެރިކަމެއް ނުހުންނަނީއެވެ.

❀❁❀❁❀❁❀❁❀

ގެއަށް ގޮސް އެއްޗެހިބަދަލުކޮށްލައިގެން ޕާޓީ އޮތް ހުސޭނީއާބަދަށް ދިޔައިމެވެ. އެ ބޮޑު ގޭގެ ދޮރުމަތީގައި މަޑުކޮށްލުމާއެކު ފެނުނު މަންޒަރުން އަހަންނަށް ލިބުނީ ޝޮކެކެވެ.

“ޗާލު!” އެ ގެ ފެނިފައިވާ އަހަންނަށް ބުނެލެވުނެވެ. “ސަޅި ގެއެއް ހުވާ!” އެ ގެ އިމާރާތްކޮށްފައިވާ ޝާހީ ގޮތްގަނޑު ފެނިފައި އަހަރެންގެ ނަޒަރު ދެވަނަ އެހެން ތަނަކަށް ނުހުއްޓުނެވެ.

އަހަރެންގެ އަނގަ ހުރީ ތަންމިނަށް ހުޅުވިފައިކަން އެނގުނީ ގެއަށް ވަންނަ ދޮރާހަމައަށް ދެވުނުފަހުންނެވެ. އަނގަ ލައްޕައިލަމުން ޑޯރ ބެލްއަށް ފިއްތައިލީމެވެ. އުމުރުން ދުވަސްވެފައިހުރި، ރީތި އަންހެނެއް ދޮރު ހުޅުވައިލިއެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ މަރުހަބާގެ ހިނިތުންވުމެކެވެ. އަހަންނަކީ ކާކުކަން އެމީހާ ގާތު ބުނުމުން އޭނާގެ މޫނަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އަހަރެންގެ ގައިގައި މަޑުމަޑުން ބައްދައިލިއެވެ. އަހަރެންވެސް އޭނާއަށް އިޖާބަދިނުމަށް ބައްދައިލީމެވެ.

“ވަރަށް އުފާވެއްޖެ ދިމާވީމަ،” އެ އަންހެން މީހާ ބުންޏެވެ. އަހަންނަކީ ރާބިއާ، ޞަމަދުގެ ވައިފް. އަހަރުމެންގެ ގެއަށް އައިސްދިނީތީ މަރުހަބާ. އެތެރެއަށް ވަދޭ، އަހަރެންގެ ބައެއް ރައްޓެހިންނަށް އެކޮއެ ތަޢާރަފުކޮށްދޭނަން. އަހަރެންގެ ފިރިމީހާ އާއި ޖާބިރުގެ ފަރާތުން އެކޮއެގެ ވަރަށް ގިނަ ވާހަކަތައް ވަނީ އިވިފަ.”

“ޔަޤީން އޭނައަށް އެ އުޅެނީ އަހަންނަކީ އެހެން މީހެއް ކަމަށް ހީކޮށް އޮޅިގެން… އެކަމަކު އަހަރެން އެބަ ޖެހޭ މަޑުން ހުންނަން. އޭނަ ނުލާހިކު ނައިސް.” އަހަރެންގެ ހިތަށްއެރި އެވެ.

“ތެންކިޔޫ މޭމް.” ފުދޭވަރަކަށް ބާރަށް އަހަރެން ބުނީމެވެ.

މީގެ ކުރިން އަހަންނަށް އޭނާ ފެނިފައެއް ނުވެއެވެ. ކުންފުނީގެ ސީއީއޯ މިސްޓަރ ޞަމަދު އާ ދިމާވީވެސް މަދު ފަހަރެއްގައެވެ. އެވެސް ބައެއް ޕްރޮޖެކްޓްތަކުގައި އުޅުނުއުޅުމުގެ ތެރޭގައެވެ.

“މެޑަމްވެސް ހަމަ ޞަމަދުހާ ނައިސް.” އަހަރެންގެ ހިތަށްއެރިއެވެ. ހިނިތުންވެ ހުރެ އަހަރެންގެ އަތުގައި ހިފައިގެން މީހުންތަކުގެ ތެރެއިން އެތެރެއަަށް ވަނެއެވެ.

އޭރު އެ ޕާޓީއަށް އަންނަން ދަޢުވަތުދެވުނު އެންމެންހެން ހަމަވެފައިވާ ކަހަލައެވެ. ކުންފުނީގެ މުވައްޒަފުންގެ އިތުރުން އަހަރެން ނުވެސް ދަންނަ އެތަކެއް މޫނުތަކެއް ފެނެއެވެ. އެގޭގެ އިންޓީރިއަރ ޑެކަރޭޝަން އަދި މާ ފުރިހަމައެވެ. ހީވަނީ ހަމަ ގަނޑުވަރެއްހެންނެވެ. މީގެ ކުރިން އަހަންނަށް ގަނޑުވަރެއް ތެރެއަށް ވަދެވިފައިނެތަސް އަހަންނަށް އެކަން އެނގެއެވެ. ސިޓިންރޫމުގައި ވާހަކަދައްކަން ތިބި ބައެއްގެ ކައިރިއަށް އޭނާ އަހަރެން ގޮވައިގެން ގޮސް މަޑުކޮށްލިއެވެ.

“ބޭފުޅުންނޭ!” މިސްޓަރ ޞަމަދުގެ އަޑު ގުގުމައިގެން ދިޔައެވެ.

ހުރިހައި މޫނުތަކެއް އަހަރެމެންނާ ދިމާއަށް އަމާޒުވިއެވެ. އެވަގުތު މެޑަމްގެ ބައެއް ރައްޓެހިންނަށް އަހަރެން ތަޢާރަފުކޮށްދެނީއެވެ.

“ކައިނާ އަށް އާދެވިއްޖެދޯ. އަހަރެން ހީކޮށްގެން މި ހުރީ ކައިނާ އަނެއްކާ ނާންނަނީބާއޭ.” މިސްޓަރ ޞަމަދު ވާހަކަދައްކަން ހުރި ގްރޫޕްތެރޭގައި ހުރެފައި ހިނިތުންވަމުން ބުންޏެވެ.

“ޞަމަދު ދެއްވާ ޕާޓީއެއް އަޅުގަނޑު މިސްކޮށްލާނެހެން ހީވޭތޯ؟” ކުޑަކޮށް ހީލަމުން އަހަރެން ޖަވާބުދިނީ ސުވާލަކުންނެވެ.

“މިގެއަށް ކައިނާ އައިތީ މަރުހަބާ. އުއްމީދުކުރަން މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަމަށް.” މިސްޓަރ ޞަމަދު ބުންޏެވެ.

“ތެންކިޔޫ، ޔޫ ހޭވް އަ ބިއުޓިފުލް ހައުސް.” މިފަހަރު އަހަރެން ޖަވާބުދިނީ އިނގިރޭސިބަހުންނެވެ.

މިސްޓަރ ޞަމަދު ބޯޖަހައިލިއެވެ. “ޝުކުރިއްޔާ. އަހަރެންގެ އަންހެނުން އެ ހުންނަނީ ކައިނާގެ ވާހަކަ އަހަރެން ދެއްކިފަހުން ކައިނާ އާ ބައްދަލުކޮށްލަން ވަރަށް ބޮޑަށް ބޭނުންވެފަ، ކީއްވެގެން ކަމެއް ނޭނގެ.”

“ދެން ޞަމަދު ކިޔުއްވަފާނެ ކޮންމެފަދަ އެއްޗެކޭވެސް. އެ ނަން ރީތިކަމުން ހިތަށްއެރީ ނަމާ އެއްވަރަށް ކައިނާ ވެސް ރީތިވާނޭ. ބަލާބަލަ! ކިހާ ރީތި ކުއްޖެއް!” އަހަންނާ ދިމާއަށް އެއް ލޯ މަރައިލަމުން ރާބިޔާ ބުންޏެވެ.

“މެޑަމް، ވަރަށް ބޮޑަށް ޝުކުރިއްޔާ.” ލަދުންގޮސް ބުނާނެ އެހެން އެއްޗެއް ނޭނގިހުރެ އަހަރެން ބުނީމެވެ. އަހަންނަަށް ވެސް ރާބިޔާ ކަމުދިޔަ ކަހަލައެވެ.

އަހަންނަކީ ރީތި ކުއްޖެއްކަމަށް އަހަރެން ގަބޫލުނުކުރިޔަސް، އަހަރެންގެ ލޫޅާފަތި ހަށިގަނޑާމެދު އަބަދުވެސް އަހަރެން ފަޚުރުވެރިވަމެވެ. ފިޓުކޮށް ހުރުމަށް އަހަރެން އަބަދުވެސް ވަރަށް މަސައްކަތްކުރަމެވެ. މިއީ އަހަރެންގެ ރީތިކަމުގެ ވާހަކަ އެގޮތަށް މީހަކު ބުނި ފުރަތަމަ ފަހަރެވެ.

ކާއެއްޗެހި ހުރި ދިމާއަށް އަހަރެން ބަލައިލީ ބަނޑުހައިވެފައި ހުރިކަން ހަނދާންވުމުންނެވެ. މޭޒު ކައިރިއަށް ޖެހިލައި ޑްރިންކަކާ ކޭކު ފޮއްޗެއް ނަގައި ރަހަބަލައިލީމެވެ. “ހޫމް، ވަރަށް މީރު.” ބޭއިޚްތިޔާރުގައި އަހަންނަށް ބުނެލެވުނެވެ.

“އަހަންނަށް މާމަކިޔާ އަހަރެންގެ ލާނެއް ސޮރާ ކައިނާއާ ތަޢާރަފުކުރުވަން ބޭނުން. ކައިނާ މިގެއަށް އައުމަކީ އަހަރުމެން ވަރަށް އެދޭކަމެއް.” ކުއްލިއަކަށް ރާބިޔާ ބުންޏެވެ.

ރާބިޔާ އެ ބުނި އެއްޗަކުން އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަތުގައި ހުރި ޖޫސްތަށިވެސް އަހަރެން ލައިގެން ހުރި ބްލައުސް އަށް ބަންޑުންވެއްޖެ އެވެ. އަހަރެންގެ ބޮސް ޖާބިރަށް ބަލައިލަމުން މިސްޓަރ ޞަމަދާއި ރާބިއާއަށް އަހަރެން ބަލައިލީމެވެ.

“ކީކޭތޯ؟” ކޮށިއަރަމުން އަހަންނަށް އަހައިލެވުނެވެ.

ބުނާނެ އިތުރު އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ޖޫސްތަށިން ޖޫސް އެޅި އެހާބޮޑަށް ހެދުން ތެމުނު ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. ރާބިއާ ބުނި ޖުމްލައިން ކުއްލި ސިހުމެއް ލިބުނީ ހަމައެކަނި އަހަންނަށް ކަމަށް ހީވިޔަސް، މިސްޓަރ ޞަމަދު އާއި ޖާބިރުގެ މޫނަށް ބަލައިލުމުން އެމީހުންވެސް ތިބީ ޝޮކެއްގައި ކަން އަހަންނަށް އެނގުނެވެ.

❀❁❀❁❀❁❀❁❀

“އޯހް ހޯ. ނިކަން ބަލާލަބަލަ އޭނަގެ މޫނަށް. ކިހާ ހިތްގައިމު!” ހިނިގަނޑެއް ޖަހައިލަމުން ޞަމަދުގެ އަންހެނުން ބުނެލިއެވެ. އެވަގުތު އެތަނުން ފިލައި ރައްކާވުމަށް އަހަރެންގެ ހިތަށް އެރުން ނޫން އެހެން ކަމެއް ހިތަކަށް ނައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.