އަހަރުމެން އެންމެންނަކީ ކޮފީއަށް ލޯބިކުރާ މީހުންނެވެ. ހަމަ އެކަނި އޭގެ އެ ހުންނަ ހިތްގައިމު ރަހައިގެ ސަބުން އެކަންޏެއް ނޫނެވެ. ޒަމާނީ ކުދިން ބުނާހެން ‘ރަނގަޅަށް މޯނިން ކަނޑައިލަދީ’ ދުވަހަށް ބޭނުންވާ ހަކަތައާއި ބުންވަރު ކޮފީ އިން އިތުރުކޮށްދެއެވެ. މީގެ އިތުރުން، ކޮފީ ތަށްޓެއް ބޮއެލުމުން ކަސްރަތުކުރާ މީހުންނަށް އިތުރު މުރާލިކަމެއް ލިއްބައިދޭ ކަމަށްވެސް ވެއެވެ. މީގެ އިތުރުން ކޮފީ ބުއިމުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭކަން އެނގޭ ހެއްޔެވެ؟ އާނއެކެވެ. ކޮފީއަށް ކިރާއި ހަކުރު ނާޅާ ބުއިމުން ސަރުބީ ވިރުވައިދިނުމަށް އެހީތެރިވެދެއެވެ. ވަކިން ޚާއްޞަކޮށް، ކޮފީއަށް ލުނބޯހުތް އަޅައިގެން ބުއިމުން ބަރުދަން ލުއިކޮށްދިނުމާއި ސަރުބީ ވިރުވައިދިނުން އިތުރުކޮށްދެއެވެ. އެހެންކަމުން، ބަރުދަން ލުއިކުރަން ބޭނުންނަމަ މިއީ ރަނގަޅު ބުއިމެކެވެ.

ކޮފީއަށް ލުނބޯހުތް އަޅައިގެން ބުއިމުން ބަރުދަން ލުއިކޮށްދެނީ ކީއްވެގެން ކަން ބުނެދޭނަމެވެ. ބަރުދަން ލުއިކުރުމަށް ކޮފީން ކޮށްދޭ ބައެއް ކަންކަމަށާއި ލުބޯހުތުން ކޮށްދޭ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ބަރުދަން ލުއިކުރުމަށް ކޮފީ

ކޮފީއަކީ ސްޓިމިއުލެންޓެއް ގޮތަށް މަސައްކަތްކުރާ އެއްޗެކެވެ. މާނައަކީ ހަށިގަނޑުގެ ސައިކޮލިޖިކަލް ނުވަތަ ނާރުތަކުގެ މަސައްކަތް އިތުރުކޮށްދިނުމަށް ކޮފީން އެހީތެރިވެދެއެވެ. އެހެންކަމުން ކަސްރަތުކުރުމާއި ޖިމްގެ ވޯރކްއައުޓްތައް ކުރުމުގައި އިތުރު މުރާލިކަމަކާއި ޖޯޝެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ކޮފީގައި އެކުލެވޭ ބަޔޮލޮޖިކަލް މާއްދާތައް ކަމަށްވާ ކެފެއިން، ތިއޯބްރޯމައިން، ތިއޯފައިލިން އަދި ކްލޮރޯޖެނިކް އެސިޑްސް އަކީވެސް ބަރުދަން ލުއިކޮށްދިނުން އިތުރުކޮށްދޭ މާއްދާ ތަކެކެވެ.

ކޮފީިން ފެޓް ސެލްތައް ހަލާކުކޮށްލައެވެ. އެކަމުގެ ސަބަބުން ވެސް ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކޮފީ ބުއިމުން ހަޖަމަކުކުރުން ރަނގަޅުކޮށްދީ ބަނޑުހަރުވުމަށް ހައްލެއްލިބެއެވެ. ހަށިގަނޑަށް ހަކުރު އެބްސޯބްކުރާ މިންވަރު ދަށްކޮށްދެއެވެ. ނަމަވެސް މާ ގިނައިން ކޮފީ ބުއިމުން ދުރުހެލިވާން ޖެހެއެވެ. މާ ގިނައިން ކޮފީ ބުއިމުން، ދެންމެ މި ބުނެދިން ކަންކަމުގެ އިދިކޮޅަށް ހަށިގަނޑު މަސައްކަތްކުރަން ފަށާފާނެއެވެ.

ކޮފީގައި އެކުލެވޭ ކެފެއިންގެ ސަބަބުން ތާރމޯޖެނިސިސް ޕްރޮސެސް އިތުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ކެލޮރީ އެންދުމަށް އެހީތެރިވެދެއެވެ.

ބަރުދަން ލުއިކުރުމަށް ލުނބޯހުތް

ލުނބޯހުތުގެ ސަބަބުން މެޓަބޮލިޒަމް (ހަށިގަނޑުގައި ދިރުން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދާ ކެމިކަލް މަރުހަލާ) އިތުރުކޮށްދެއެވެ. ދުވަހުގެ ފެށުން ލުނބޯހުތް ފެން ތަށްޓަކުން ފެށުމަށް ބުނެ އުޅެނީ މި ސަބަބާ ހުރެއެވެ.

ލުނބޫހުތުގައި ހުންނަ އެސިޑްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދެއެވެ. ލިވަރ އިން އުފައްދާ ދިޔަކަމަށްވާ ބައިލް އުފެއްދުން އިތުރުކޮށްދެއެވެ. އެކަމުގެ ސަބަބުން ހަޖަމުކުރުމާއި ހަށިގަނޑު ޑީޓޮކްސިފައިކޮށްދިނުމަށް އެހީތެރިވެދެއެވެ. ބަނޑު ފުރިފައިވާ ކަމުގެ އިހުސާސްކޮށްދީ ކާހިތްވުން ކުޑަކޮށްދެއެވެ.

ބަރުދަން ލުއިކުރުމަށް ކޮފީ އާއި ލުނބޯހުތް

ކަޅުކޮފީގެ ތެރެއަށް ލުނބޯހުތް އަޅައިގެން ހުސްބަނޑާހުރެ ހެނދުނުގަޑީގައި ބުއިމުން ބަނޑުގައި ހުންނަ ސަރުބީ ވިރުވައިދީ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް ބޮޑު ބާރެއް އަޅައިދެއެވެ. މިގޮތަށް ކޮފީ ބުއިމަށްޓަކައި ހޫނު ފެނުގެ ތެރެއަށް ކޮފީ އަޅައި ގިރާލުމަށްފަހު މޭޒުމަތީ ސަމުސަލެއްގެ ލުނބޯހުތް އަޅައިގެން ތާފަނާކޮށް ބަހައްޓައިގެން ބޯށެވެ. ހެނދުނުގެ ކަސްރަތުކުރަން ފެށުމުގެ ބައިގަޑިއިރު ކުރިން ބުއިމަކީ އެންމެ ފައިދާހުރި ގޮތެވެ.

ހަނދާނުގައި ބަހައްޓަން މުހިންމު ދެތިން ނުކުތާ:- މިގޮތަށް ކޮފީ ބުއިމުން ބަރުދަން ލުއިކޮށްދިނަސް، މާ ގިނައިން (ހެނދުނުގެ އިތުރުން އެހެން ވަގުތުތަކުގައި) ބޭނުންކުރުމުން ލިބެން ޖެހޭ ފައިދާގެ އިދިކޮޅު ފެނިގެން ހިނގައިދާނެއެވެ.

ހަށިގަނޑަށް މާގިނައިން ކެފެއިން އެތެރެވުމުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ބޯއެނބުރުން، ހޮޑުލެވުން، ބަނޑަށް އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވެއެވެ.

މިގޮތަށް ކޮފީ އާއި ލުބޯހުތް ބޯން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާއާއި މަޝްވަރާ ހޯދުމަށް ނަސޭހަތްތެރިވަމެވެ.

މަސްދަރު: އެންޑީޓީވީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.