އަހަރެންގެ ބްލައުޒް ބޭލުމަށްފަހު ޞަމަދުގެ އަންހެނުން ރާބިޔާ އަހަރެންގެ އަތަށް ދިން ގަމީސް ލީމެވެ. އެއްޗެހި ބަދަލުކުރީ ރާބިޔާ ދެއްކި ކޮޓަރިއަކަށް ވަދެއެވެ. އެ ކޮޓަރީގެ ބޮޑުމިނުގައި އަހަރެން ދިރިއުޅޭ ފްލެޓްގެ ދެގުނަ ހުންނާނެއެވެ. ކޮޓަރިދައްކަމުން، ތިމަންނައަށް މިސިޒް ޞަމަދު ނުކިޔައި ނަމުން ކިޔުމަށް ރާބިޔާ އެދުނެވެ.
އަހަރެންގެ ބޮަލަށް ރާބިޔާ ވައްޓައިލި ބޮމުގެ ސަބަބުން އަހަރެން އޭރުވެސް ހުރީ ހައިރާންވެފައެވެ. އަހަންނަކީ ކާކުކަން އޭނާއަށް ނުވެސް އެނގޭ އިރު، އެފަދަ އެއްޗެއް އެ ބުނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.
އަހަރެން ފުން ނޭވައެއް ދޫކޮށްލީމެވެ.
‘މިސިޒް ޞަމަދު ނުވަތަ ރަބިޔާ އަކީ ބަލާބެލުމަށް ހިތްހެޔޮ، އެހެނަސް އެހާ ގޮތްބޮޑު ނޫން މީހެއް ކަމަށް ހީވޭ!’ މިހެން ހިތަށް އަރުވައިލާ އަހަރެން ހިނިތުންވެލީމެވެ. އެ ބޮޑު ކޮޓަރީގެ ހައިބަތްތެރިކަމާމެދު އާޝޯޚްވެ ހުރެ ވަށައިގެން ބަލަން ފެށީމެވެ.
ކޮޓަރީގައި ހުރީ ބިޔަ އެނދެކެވެ. އެ އެނދުގައި އިށީންދެ ޗެކްކޮށްލުމުން އެނދުގެ މަޑުކަން އިހްސާސްކުރެވުނެވެ. މުޅި ދުވަހު ހަތަރުދަމު އެ އެނދުގައި އޮށޯވެލައިގެން އޮވެވޭނެ ނަމައޭ ހިތަށްއެރިއެވެ. އެނދުގައި އިން އިރު، ރާބިޔާ އަހަރެންގެ އަތަށް ދިނީ ކާކުގެ ގަމީހެއްބާއޭ ހިތަށްއަރަން ފެށިއެވެ. ބަލާބެލުމަށް ހީވަނީ އެއީ ފިރިހެނެއްގެ ގަމީހެއް ހެންނެވެ. ނަމަވެސް އަހަރެން ލައިގެން ހުރި އެއްޗެއްސާއެކު އެ ގަމީސް އަންހެނަކަށްވެސް ގުޅެއެވެ.
ކޮޓަރިން ނުކުތީ ލޯންޑްރީ ހޯދުމަށެވެ. ލޯންޑްރީއަށް ގޮސް އަހަރެންގެ ބްލައުސްގައި ޖެހިފައި ހުރި ލައް ފިލުވައިލުމަށް ދިއުމަށް ރާބިޔާ ދިން އިރުޝާދާއި އެއްގޮތަށެވެ.
ސިޑިއާއި ހަމައަށް އަހަންނަށް ދެވުމާއެކު، މަޑުކޮށްލީމެވެ. ސިޓިންގރޫމުގައި ކުރިއަށްދާ ޕާޓީގައި ތިބި މީހުންނަށް ބަލައިލީމެވެ. އެންމެން ތިބީ ޕާޓީއާއި ވެގެން މަޖާނެގުމުގައެވެ.
“ސަޅި!” އަހަރެންގެ ހިތަށް އެރިއެވެ. އަހަންނަށް އެ ޒުވާނާ ފެނުނީ އެވަގުތު އެވެ.
އޭނާގެ ލޮލުގައި ދަގަތްފާނީ ބާރެއް ހުރި ކަހަލައެވެ. މީހުންގެ ސަމާލުކަން އެ ލޮލާމެދު ނުހުއްޓޭވަރެއް ނޫނެވެ. ހިތްގައިމު ހިނިތުންވުމެކެވެ. އޭނާ ވާހަކަދައްކަމުން ދިޔައީ ފެންނަފެނުމަށް އޭނާގެ ރައްޓެހިންތަކަކާއެވެ. ކަޅި ޖަހައިވެސް ނުލާ އޭނާއަށް ބަލަން އަހަންނަށް ހުރެވުނެވެ. އޭނާގެ އެ ތޫނު ނަޒަރު އަހަންނަށް އަމާޒުކުރަން ދެކަށެވެ. އަހަރުމެންގެ ހަތަރުކަޅި ހަމަވި ވަގުތު ހީވީ ދުނިޔޭގެ ހިނގުންވެސް ހުއްޓުނުހެންނެވެ. އަހަންނަކަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އިރުކޮޅެއް ފަހުން އޭނާ ހިނިތުންވެލިއެވެ. އެ ހިތްގައިމު ހިނިތުންވުމުންނެވެ.
‘ކަމޯން ކައިނާ، ނިކަން ހޭވެރިކަން ވެބަލަ!’ އަހަރެންގެ އަމިއްލަ ނަފުސާ މުޚާޠަބުކޮށްލެވުނެވެ. އޭނާގެ ޚިޔާލުތަކުން ދުރަށްދިއުމަށްޓަކައި ދެ ފަރާތަށް ބޯހޫރާލީމެވެ. އާފުރިލަމުން ހިނގައިގަތީމެވެ. ލޯންޑްރީއަށް ގޮސް އަހަރެންގެ ބްލައުޒް ހިއްކުމަށެވެ.
ލޯންޑްރީއަށް ވަދެ، މެޝިނަށް އޯމޯ ފޮދެއް އަޅައި ސްޓާޓްކުރުމަށްފަހު މެޝިނު ތެރެއަށް ބްލައުޒް ވައްޓައިލީމެވެ. ލޯންޑްރީން މޭރުގައި މުށިގަނޑު މަތީގައި އިށީންދެ އަހަރެންގެ ފޯނާ ކުޅެން ފެށީމެވެ.
❀❁❀❁❀❁❀❁❀
ކާޝިފްގެ ނަޒަރުން:
މާމަމެން ބާއްވާ ޕާޓީއަށް ނިންމަން ޖެހޭ ބައެއް ކަންކަން ކުރުމަށްޓަކައި މާމަ އަހަރެން ނެގީ ވަރަށް ހެނދުނުހެނދުނާއެވެ. މާމަ ބުނިގޮތުން އެއީ އަހަރުމެންގެ ކުންފުނީގެ މުވައްޒަފުންނަށް އަހަރެން ތަޢާރަފުކޮށްދިނުމަށް ބާއްވާ ގެޓް ޓުގެދަރ އެކެވެ. ދެ ދުވަސް ފަހުން ކުންފުނީގެ މަސައްކަތަށް އަހަރެން ނުކުންނަން ހަމަޖެހިފައިވާތީ ކަމަށްވެސް މާމަ ބުންޏެވެ.
އަހަރެންގެ އުމުރުން 10 އަހަރުގައި މަންމައާއި ބައްޕައާ ވަކިވާން ޖެހުނުފަހުން އަހަރެން ދިރިއުޅެމުން މި އަންނަނީ މާމައާއި ކާފައާއި އެކުގައެވެ. އަހަރެންދެކެ އެމީހުން އިންތިހާއަށް ލޯބިވެއެވެ. އަހަރެން ބުނިހާ ކަމެއް ކޮށްދެއެވެ. އަހަރެން ބޮޑުވީ ލޯތްބާއި އަޅައިލުން ލިބިފައިވާ ހަމަޖެހޭ އާއިލާއެއްގެ ތެރޭގައެވެ. އެ އެންމެން ދެކެ އަހަރެން އިންތިހާއަށް ލޯބިވަމެވެ. ނަމަވެސް، އަހަރެންގެ މަންމަ އާއި ބައްޕަ ދުނިޔޭގައި ތިބި ނަމައޭ އަބަދުވެސް ހިތަށް އަރައެވެ.
ޔުނިވަރސިޓީ ތަޢުލީމު ނިންމައިލުމަށްފަހު ހޮބީއެއްގެ ގޮތުން އެކިއެކި ޤައުމުތަކަށް އަހަރެން ދާން ފެށީމެވެ. އަހަރެން ކިޔެވީ ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިންނެވެ. އަހަރެން ދަސްވެނިވީ އެންމެ މަތީ ފާސް ހޯދި ދަރިވަރުންގެ ލިސްޓުގައި ހިމެނިގެންނެވެ. މިހާރު އަހަރެން އެނބުރި އައިސް މިހުރީ އަހަރެންގެ އާއިލީ ވިޔަފާރިއާއި ހަވާލުވުމަށެވެ.
އެނބުރި ގެއަށް އާދެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަހަރެންގެ ބައެއް ރައްޓެހިންނަށް ޕާޓީއަށް ދައުވަތުދިނީމެވެ. އެތަކެއް ދުވަހެއް ފަހުން އެމީހުންނާ ބައްދަލުވެވުމުން އަހަރެން ވަރަށް އުފާވިއެވެ. އެކިއެކި ޤައުމުތަކަށް ގޮސް އަހަރެން ތަޖުރިބާކުރި ކަންކަމުގެ ވާހަކަތައް ރައްޓެހިންނާ ހިއްސާކުރަން ހުއްޓާ ސިޑިއާއި ދިމާ މަތީގައި ބެލްކަނީގައި ހުރި ކުއްޖާއާއި ދިމާއަށް ގޮތް ނޭނގޭ ބާރަކުން އަހަރެންގެ ނަޒަރުގެ މިސްރާބު ކެހިގެންދިޔައީ އެވަގުތުއެވެ. އެ ހިތްގައިމު ދެލޮލުން އަހަންނާ ދިމާއަށް ކަޅިޖަހައި ނުލައި ބަލަމުން ދިޔަކަން އަހަންނަށް ފާހަގަވިއެވެ. އެއީ ރީތި ކުއްޖެކެވެ. އެ ރީތީގެ ރާނީ އާފުރިލަމުން އަހަރެންގެ ލޯމަތިން ގެއްލިގެންދިޔަޔަސް، އެ ޚިޔާލުތަކުން އަހަންނަށް ދުރަށް ނުދެވިގެން މިއުޅެނީ ކީއްވެގެން ކަމެއް ނޭނގުނެވެ. އެކުއްޖާ ހޯދުމަށް އަހަރެން ނިންމީމެވެ. އެކުއްޖާ އާ ވާހަކަދެއްކޭނެ ފުރުޞަތު ލިބިއްޖެ ނަމަ ވާހަކަދައްކަން ވެސް އަހަރެން ބޭެނުންވިއެވެ.
މި ގޭގެ ކޮންމެވެސް ހިސާބެއްގައި އޭނާ އުޅޭނެޔޭ އަހަރެންގެ ހިތަށްއެރި އެވެ.
ފުރަތަމަ ފަންގިފިލާއަށް އަރައި ކޮޓަރިތައް ބަލަމުން ދަނިކޮށް އަހަންނަށް އެ ކުއްޖާ ފެނުނެވެ. އޭނާ އިނީ ލޯންޑްރީގެ ބޭރުގައި، ތަޅުންގަނޑު މަތީގައި އިށީންދެލައިގެން ފޯނާ ކުޅޭށެވެ. އަހަރެން ހިނިތުންވެލަމުން އެ ކުއްޖާއާ ދިމާއަށް ހިނގައިގަތީމެވެ. އެ ކުއްޖާ ލައިގެން އިނީ އަހަރެންގެ ގަމީހަކާ ވައްތަރު ގަމީހެއްކަން އަހަންނަށް ފާހަގަކުރެވުނީ އެވަގުތު އެވެ.
‘އެކަމަކު އެހެންވެދާނެބާ؟’ އަހަރެންގެ ހިތަށްއެރިއެވެ. މައްސަލައެއް ނެތްތާއެވެ. ކޮންމެގޮތެއް ވިޔަސް، އެ ގަމީސް ލައިގެން އިންއިރު އެ ކުއްޖާގެ ރީތިކަން އިތުރުހެން ހީވެއެވެ. އަހަރެން އޭނާއާ ދިމާއަށް ބަލާކަން އޭނާއަށް ފާހަގަކުރެވުނެވެ. އެކަމުގެ ސަބަބުން އެކުއްޖާއަށް އުނދަގޫތަކެއް ވާކަންވެސް އަހަންނަށް ފާހަގަކުރެވުނެވެ.
“ހެލޯ އޭންޖަލް، ހައު އާރ ޔޫ؟” އަހަރެން ބުނެލީމެވެ. އަހަރެން އެހެން ބުނީ ކުޑަކޮށް ސެކްސީ ރާގެއްގައެވެ. ނަމަވެސް އޭނާއަށް ކަހާތަން ހިރުވައިލިހެން ވެސް ހީނުވާ ކަހަލައެވެ. ލޯންޑްރީ ތެރެއަށް ވަދެ އެތާ ހުރި ހަރުގަނޑެއްގައި އަހަރެން ލެނގިލީމެވެ.
“ތީ އެމް.އެޗް އެންޓަރޕްރައިޒަސްގެ ސްޓާފެއްތަ؟” އަހަރެން ބޭނުންވީ ވާހަކަދައްކާނެ ކޮޅެއް ހޯދާށެވެ.
“ތީ ކާކުތަ ތިހެން އަހަން؟” އަހަންނާ ދިމާއަށް ބަލައިލަމުން އެ ކުއްޖާ ދިނީ ރުންކުރު ޖަވާބެކެވެ.
“މީ؟ … މީ ޕްރިންސް ޗާރމިން އެއްނު!” ކުޑަކޮށް ކުރީސްކޮށްލަމުން އަހަރެން ޖަވާބުދިނީމެވެ. ސަމާސާ ރާގެއްގައެވެ.
“އެހެންތަ؟!” އެއްވެސް ޝައުޤެއް ނެތް ރާގެއްގައި އެކުއްޖާ ބުނެލިއެވެ.
ކުއްލިއަކަށް އެކުއްޖާ ތެދުވެއްޖެއެވެ. މެޝިން ކައިރީގައި ހުރި ހަރުގަނޑުން ކޮންމެވެސް އެއްޗެއް ނެގުމަށް ކޮރައިލިއެވެ. އެވަގުތު، ހަރުގަނޑުގެ އެންމެ މަތީގައި ހުރި ފޮށިގަނޑެއް އެ ކުއްޖާއާ ދިމާއަށް ވެއްޓެން އުޅޭހެން ހީވެގެން އަހަރެން އެކަމަށް ސަމާލުވީމެވެ. އެ ފޮށިގަނޑުން ސަލާމަތްކުރުމަށް އެކުއްޖާއާ ދިމާއަށް އަހަރެން ހަރަކާތްތެރިވީމެވެ. އެވަގުތު އެކުއްޖާ ގަނޑުވި ކަހަލައެވެ. އަހަރެންގެ ހަށިގަނޑުން އެކުއްޖާގެ ހަށިގަނޑު ފިތުނުކަން އަހަންނަށް އިހުސާސް ކުރެވުނެވެ. އެވަގުތު އަހަރެން ކޮއްޕައިލުމަށް އެކުއްޖާގެ އަތުން ހަރަކާތެއް ގެނައެވެ. ނަމަވެސް، ވެއްޓެން ތައްޔާރުވެފައި އޮތް ފޮށި، ބިއްދޮށަށް ކޮއްޕައިލުމަށް އަހަރެން ހުރި ފިޔަވަޅުމަތީގައި ސާބިތުވެ ހުރީމެވެ.
“އޭތް… މައިތިވެގެން ހުރެބަލަ!” ވަރަށް މަޑުމަޑުން އަހަރެން ބުނެލީމެވެ.
އަހަރެންގެ ނިޔަތާމެދު އެކުއްޖާއަށް ކުރެވުނީ ކުށްހީއެކެވެ. އަހަރެންގެ މޭގައި އަތްއަޅައި ދުރަށް ކޮއްޕައިލިއެވެ. އެވަގުތު ތަޅުން މައްޗަށް އަހަރުމެން ދެމީހުން އެކުގައި ވެއްޓިއްޖެއެވެ. އޭނާގެ ތުންފަތް ޖެހުނީ އަހަރެންގެ ތުންފަތުގައެވެ. އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އެ ކުއްޖާގެ މޫނުމަތިންވެސް ޝޮކްގެ އަސަރު ފެނުނެވެ.
ތޫލި އަޑަކުން އެކުއްޖާ ހަޅޭއްލަވައިގަތެވެ. އަހަރެންގެ އަތް އެޅިފައި އޮތީ އަތް ލާން ނުޖެހޭ ކަހަލަ ތަނެއްގައިކަން އަހަންނަށް ފާހަގަކުރެވުނީ އެވަގުތުއެވެ. ވަގުތުން އަހަރެންގެ އަތް ދަމައިގަންނަމުން މަޢާފަށް އެދުނީމެވެ.
“ވަރަށް ބޮޑަށް ސޮރީ، އަހަންނަށް އެނގިގެންވީ ކަމެއް ނޫން—” އަހަރެންގެ ޖުމަލް މެދުކަނޑައިލީ އޭނާގެ އަތުން ހޫނެ އެތިފަހަރެއް އަހަރެންގެ ކަންކަށިމަތީގައި ޖަހަމުންނެވެ.
“ގޮތްކުޑަ މީހާ! ކަލޭ ތީ ލަދެއް ހަޔާތެއްވެސް ހުރި މީހެއް ނޫންދޯ!” އަޑުގެ ނެތްތަނަށް އޭނާ ހަޅޭއްލަވައިގަތެވެ. “ތިއީ މަގުމަތީގަ ހުންނަ ކުންޏަށް ވުރެންވެސް މުޑުދާރު މީހެއް!”
“އޭތް! އޭތް! … ބުނެފީމެއްނު ސޮރީއޭ. އަދި ތިވަރު އަރުވާލާކަށް ނުވެއެއްނު. ބުނެފީމެއްނު އެއީ ގަސްތުގަ ކުރިކަމެއް ނޫނޭ. އެއްވެސް ހާލެއްގަ ކަމަނާގެ ގައިގަ އަތްލުމުގެ އިންޓެންޝަނެއް އަހަރެންގެ ނެތް.” ކޮލުގައި ފިރުމަމުން އަހަރެންގެ ނަފުސުގެ ދިފާޢުގައި ބުނީމެވެ.
“އާނ އާނ، މަށަށް ޖިންސީ ގޯނާކޮށްފަ ދެން ބުނޭ އޮޅުމަކުން ކުރެވުނު ކަމެކޭ!”
“އޭތް! އޭތް! ކޮންމެހެން ގޮތްގޮތަށް ކުށްހީ ކުރަން ނޫޅޭ! އަހަރެން ކަލެއަށް ޖިންސީގޯނާއެއް ނުކުރަމޭ!”
“އަހަރެން މި ކުރަނީ ކުށްހީއެއްތަ އަޅެ؟” އޭނާ ސުވާލުކުރިއެވެ. “ކަލޭ ހީކުރީ މިތާ ލޯންޑްރީގަ ޕާޓީއެއް ބާއްވައިގެން އުޅެނީ ކަމަށްތަ؟ ބުނަންތަ މިސްޓަރ! ޕާޓީ އޮތީ ތިރީ ސިޓިންގރޫމްގައޭ!”
ކުރިމަތިލާން ޖެހުނު ހާލަތުގެ ސަބަބުން އަހަންނަށް އިތުރަށް ލަދުގަންނަން ޖެހުނެވެ. ނަމަވެސް އަހަރެން ދައްކާ ވާހަކައެއް އަޑުއަހާކަށް އެކުއްޖާ ބޭނުމެއް ނުވިއެވެ.
“އަހަރެން ހިއެއް ނުކުރަން ތިކަހަލަ ހޭންޑްސަމް މީހަކު ތިހާ ދަށުދަރަޖައަކަށް ވެއްޓޭނެއެކޭ، ކަލޭ އަމިއްލަ ނަފުސާމެދު ލަދެއް ނުގަނޭތަ އަޅެ!”
އެ ހިސާބަށް ދިއުމުން އަހަރެންގެ ގާތަށް ވެސް ރުޅީގެ ބާނިތައް ވެރިވެއްޖެއެވެ. އަޑަށް ލެވުނުހައި ބާރެއް ލާފައި އަހަރެންވެސް ހަޅޭއްލަވަމުން ކަހަލަ ގޮތަކަށް ވާހަކަދައްކަން ފެށީމެވެ.
“އޭތް މިހިރަ އަންހެނާ، ކަލޭ މައިތިރިވެފަ އަހަރެން މި ދައްކާ ވާހަކަ އިހަށް އަޑުއަހާބަ؟” އެހާ ބާރަށް އަޑުގަދަކުރެވުމުން އަހަރެންވެސް ހައިރާންވިއެވެ. ވަގުތުން އެކުއްޖާ ހަމަހިމޭންވެއްޖެ އެވެ. އެ ހިނދުކޮޅުގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެކުއްޖާއަކީ ސަޅި ކުއްޖެކޭ އަހަރެންގެ ހިތަށް އެރިއެވެ. ވަކިން ޚާއްޞަކޮށް އެގޮތަށް ރުޅިއައިސްފައި ހުންނައިރު އެވެ.
“މައިތިރި ވެވިއްޖެދޯ! ބަލަ އަހަރެން އުޅުނީ ކަލެއަށް އަނިޔާއެއް ވުމުން ސަލާމަތްކޮށްދޭށޭ. މަތީގަ އެހެރަ ފޮށި ކަލޭ ގައިމައްޗަށް ވެއްޓެން އުޅޭތީ އެ ފޮށި ވެއްޓުނަ ނުދޭން އަހަރެން އުޅުނީ. ދެން ހިނގި ކަންކަން އެއީ އެކްސިޑެންޓެއް.”
“އޯހް!” އޭނާ މަޑުމަޑުން ބުންޏެވެ.
“އަހަރެންގެ އިސްތަށިގަނޑު ތެރޭގައި އަތުގެ އިނގިލިތައް ހިންގައިލީމެވެ. އެއީ އަހަރެން ރުޅި މައިތިރިކުރަން ބޭނުންކުރާ ޓެކްނީކެކެވެ. އިސާހިތަކުން އަހަރެންގެ ރުޅިގަނޑު ކުޑަކޮށް މައިތިރިވެއްޖެއެވެ.
“އައޭމް ސޮރީ،” މަޑުމޮޅި ގޮތަކަށް އެކުއްޖާ ބުންޏެވެ. “ވަކިން ޚާއްޞަކޮށް މޫނުމަތީގައި ތަފާއްޔެއް އެޅުނީތީ. ކޯތާފަތް އެބަހުރި ކުޑަކޮށް ރަތްވެފަވެސް. އެތަނުގަ އައިސް އަޅަން ޖެހޭނެ.” އަހަރެންގެ ކޮލަށް ބަލަމުން އޭނާ ބުންޏެވެ.
“އެއީ ކާކުގެ ފޯލްޓަކުން ވީ ކަމެކޯ؟” އަހަރެން އަހައިލީމެވެ.
“އައޭމް ރިއަލީ ސޮރީ، އައި… އައި ބެޓަރ ލީވް.” މެޝިން ތެރެއިން އޭނާގެ ހެދުން ނަގަމުން ދުވެފައި ކަހަލަ ގޮތަކަށް ލޯންޑްރީން އޭނާ ނުކުމެއްޖެއެވެ. އަހަރެން އޭނާގެ ފަހަތުން ދުއްވައިގަތީ އޭނާގެ ނަން އެހުމަށެވެ. ނަމަވެސް އޭނާގެ ހިލަމެއްވެސް ފެންނާކަމަށް ނެތެވެ.
ސިޑިން ތިރިއަށް އަހަރެން ފޭބީމެވެ. ނޫފައިގެންފައިވާ އަހަރެންގެ ކޮލުގައި ފިރުމަމުން ބަދިގެއާއި ދިމާއަށް މިސްރާބު ބަދަލުކޮށްލީ ކޮލުގައި އައިސް އެޅުމަށް އައިސް ނެގުމަށެވެ.
“ޔާރައްބީ، ހާދަ ބާރަކަށޭ އޭނަ ޖެހީ!” މަޑުމަޑުން އަހަންނަށް ބުނެވުނެވެ.
އަހަރެންގެ ކޮލުގައި އައިސް ކިއުބް ޖައްސައިލި ވަގުތު، މާމަ އެތަނަށް އަތުވެއްޖެއެވެ. އަހަރެންގެ ކޮލުގައި ހުރި އަތްތިލައިގެ ނިޝާން މާމައަށް ފެނިއްޖެއެވެ. އެއީ އެ ނަން ނޭނގޭ ކުއްޖާ އަހަރެންގެ ކޮލަށް ދިން ނިޝާނީ ނަމެކެވެ.
“ކޮއެފުޅާ، މޫނަށް ކިހިނެއްވެފަ ތިހުރީ؟” ކަންބޮޑުވެ ހުރެ މާމަ ސުވާލުކުރިއެވެ.
“މިއީ އެހާވަރުގެ ކަމެއް ނޫނޭ، މާމާ. މިއީ ރުޅިގަދަ ރީތީގެ ރާނީއެއް އޮޅުންބޮޅުން ގަނޑެއްގެ ތެރެއިން އަހަންނަށް ދިން ހަދިޔާއެއް.” މާމަގެ ކަންބޮޑުވުން ފިލުވައިލުމަށް އަހަރެން މަޖާވެލީމެވެ.
ހީނގަންނަމުން އަހަރެންގެ ބުރަކަށީގައި މަޑުމަޑުން ދެތިން ބޮނޑި ޖަހައިލަމުން އެތަނުން މާމަ ނުކުމެއްޖެއެވެ.
ޕާޓީ ކުރިއަށްދާ ސިޓިންރޫމަށް ނުކުމެ، އެ އަންހެން ކުއްޖާ ފެނޭތޯ އަހަރެންގެ ނަޒަރު ހިންގަން ފެށީމެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި