” ހޫމް ….. ކޮބާ؟ ” ޒިފާނަށް ޖަވާބު ދެމުން ކޮއްލި ސުވާލާއިއެކު ނާޖިލާގެ އަތުގެ އިޝާރާތުން ވެސް އެއްޗެއް ދައްކާލިއެވެ.
އާންއެކޭ ބުނެ ބޯޖަހާލަމުން ޒިފާން ބަލާލީ ގަމީހުގެ ޖީބަށެވެ.
ނާޖިލާގެ އަތުގައި ހިފައި ޒިފާން އޭނާއާ ގާތަށް ދަމާލަމުން ނާޖިލާ ގޮސް ޒިފާންގެ ގައިގަ ލައްވެލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ނާޖިލާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ޒިފާން ކޮށްލި ހަރަކާތާއިއެކު ނާޖިލާ އެނބުރުނެވެ. ނާޖިލާގެ ފުރަގަހުން ބައްދާލަމުން ކަރުގައި ޒިފާން އަނގަޖެހިއެވެ. ބޮލުން ފެށިގެން އުނަގަނޑާއި ހަމައަށް އަތް ހިންގާލިއެވެ. ލިބެމުންދިޔަ އަރާމަށް ހިތް ހުސްކޮށްލައިގެން ހުރި ނާޖިލާ އެއްވެސް ހަރަކާތެއް ނުކުރެއެވެ. ޒިފާނަށް އޭނާ ބޭނުންވާ ފުރުސަތު ދީގެން ހުރި ކަހަލައެވެ. ބާނަށް ފަސޭހަވާނީ ކާންދީގެންނޭ ބުނާ ފަދައިން އެ ފުރުސަތު ދީގެން ހުރީ ކަމަށް ވެސް ވެދާނެއެވެ.
ސިމްނާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނުނަގަމުން ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ގަޑި ބަލާލިއިރު މެންދަމުން އަލިވެ ތިނެއް ވެސް ޖަހައިފިއެވެ. ހަދާނެގޮތަކާއިމެދު ވިސްނަން މަޑުކޮށްލިއިރު ފޯނު ކެނޑިއްޖެއެވެ. ތިންހަތަރު ފަހަރަށް އެނަންބަރުން ގުޅާފައި އޮތެވެ. ނުވެސް ދަންނަ ނަންބަރަކުން މިހާ ނުވަގުތެއްގައި އެހާގިނައިން ގުޅާނީ ކޮންމެ ވެސް މުހިންމުކަމެއް ދިމާވެގެންނޭ ސިމްނާގެ ހިތަށް އެރިއެވެ.
ކޮޓަރިން ނުކުންނަން ހިނގައިގަތް ޒިފާން ޖީބުން ނަގައި ދިއްކޮށްލި އެއްހާސް ރުފިޔާގައި ހިފަމުން ނާޖިލާ ހިނިތުންވެލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ތުންފަތާއިތުންފަތް ގުޅާލައި ލޯބިވެތި ސަލާމަކުން ވަދާއުގެ ސަލާންކޮށްލިއެވެ.
އަނެއްކާ ވެސް ފޯނު ރިންގުވާން ފެށިއެވެ. ފޯނަށް ޖަވާބު ދިނުމަށް ސިމްނާ އަވަސްވެގަތީ މުހިންމު ފޯނަށް ވެދާނެތީއެވެ.
” އައްސަލާމްއަލައިކުމް ” ފޯނަށް ޖަވާބު ދިނުމުގައި ވެސް ސިމްނާ އިހްތިޔާރުކުރީ އެންމެ ރިވެތި މަގެވެ.
” ވާއޮ …. ހީވީ ހަމަ ހިތަށް ފިނި ފެންފޮދެއް އޮއްސާލިހެން. ހިތް ފުރި އަރައިފި. ތިހަރަ ރީތި އަޑެއް. ސޫރަޔާ އެއްވަރަށް
އަޑު ވެސް ރީތި. ހިތަށް އަރާ އެކަހެރިވެލުމަށް އެންމެ ހިތްގައިމު މިވަގުތު ސިމްނާގާތު އޮވެލެވޭނެ ނަމައޭ. ތިޔަ ރީތި ފުރިހަމަ އަންހެންވަންތަ ހަށިގަނޑުގައި ބީހިލަން ލިބޭނެނަމައޭ. ނެތްތަ ފުރުސަތެއް. ރުފިޔާ ވެސް ދީފާނަމޭ. ބޭނުން ….. ” ވާހަކަ ދައްކަން މަސައްކަތް ކުރަމުންދިޔަ އެ ފިރިހެނާއަށް އިތުރު ފުރުސަތުދޭކަށް ސިމްނާ މަޑެއް ނުކުރިއެވެ. ފޯނު ކަނޑާލުމާއިއެކު ނަންބަރު ބުލޮކް ކޮށްލިއެވެ.
މޭޒުމަތީގައި ފޯނުބާއްވާފައި އޮށޯންނަން ގުދުވެލިވަގުތު އަނެއްކާ ވެސް ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. މިވާނީ ކުރިން ވެސް ފޯނުކުރި މީހާގެ ކަމަކަށްކަން ނިންމީ ސިމްނާ އަމިއްލައަށެވެ. ބިޒީކޮށްލަމުން ފޯނު ނިވާލައި ސިމްނާ އޮށޯތީ އެކަމަށްއޮތް އެންމެ ރަނގަޅު ހައްލަކީ އެއީ ކަމަށްވާތީއެވެ. އެމީހަކު ކިތަންމެ ބޭނުން ވިޔަސް ސިމްނާއަކަށް ދެން ވާނެ އެއްވެސް އުނދަގުލެއް ދެން ނޯއްނާނެއެވެ. އެމީހަކު ޖެހޭނީ ތެޅިތެޅި ހުންނާށެވެ.
އަނީގާގެ އުޅުމަށް ބަދަލު އައީ ކުއްލިއަކަށެވެ. މާލޭގައި ދިރިއުޅެން ބޭނުން ނުވާކަމަށާއި އަހްމަދަށް ކިޔަވައިދޭން ރާއްޖޭން ބޭރަށް ދާން ބޭނުންކަމަށް ބުނެ ވާހަކަ ދައްކަންފެށިއެވެ. ޒިނާން ބަލިވުމުގެ ކުރިން މިކަމަށް އަހްމަދު ތައްޔާރުކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭން އޮތީ އޭސިޔާއިން ބޭރަށް ގޮސްގެން ކަމަށް ބުންޏެވެ. ލަސްވެއްޖެނަމަ ވަގުތު ފާއިތުވެދާނެ ކަމަށާއި އެހެން އެކަން ވެއްޖެނަމަ މީހުން ކިޔާނެ އެއްޗަކާއިމެދު ވިސްނާލަން ޖެހޭކަން ހަނދާންކޮށް ދިނެވެ. އެކަމުގައި ނާކާމިޔާބު ވެއްޖެނަމަ ޒިނާންގެ މައިންބަފައިން ޒިނާންގެ ކިބައިން އެދުނު އެންމެބޮޑު އެދުން ފުރިހަމަކޮށް ނުދެވުނުކަމުގެ ހިތްހަމަ ނުޖެހުން ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެކަމަށް ވެސް ބުނަންފެށިއެވެ.
ހިނގައިގެންއުޅޭ ހާދިސާގެ ސަބަބުން ވަގުތީގޮތުން ބަންދު ކުރުމަށްފަހު އައްޑޫސިޓީ އެއާރޕޯޓް އަލުން ހުޅުވާލީ ދެދުވަހެއް ފަހުންނެވެ. ސައްކުކުރެވިގެން ފުރަތަމަ ހައްޔަރުކުރި މީހާގެ ފަހުން އިތުރު މީހަކު ހައްޔަރެއް ނުކުރެއެވެ. އެނދުމަތިކޮށް ފަރުވާދެމުންދިޔަ ޑުރައިވަރުގެ ފަރާތުން ޕޮލިހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުންދިޔައެވެ.
އައްޑޫސިޓީގައި ކުރަން ދިޔަ މަސައްކަތް ނިމުމާއިއެކު އަހްމަދުމެން މާލެ އައިސްފިއެވެ. އޭރު ވެސް އަނީގާމެން ތިބީ ރިސޯޓްގައެވެ.
ޒިނާނާއި ވަކިން އެތައް އަހަރެއް ރާއްޖޭން ބޭރުގައި ހޭދަ ކުރެވިއްޖެކަމަށާއި، ރާއްޖޭގައި ދިރިއުޅޭނަމަ މިހާރު ބޭނުންވަނީ އަބަދު ވެސް ޒިނާން ކައިރީ ހުންނަންކަމަށް ބުންޏެވެ. ވަކިން ހޭދަވި ދުވަސްތައް އަނބުރައި ނުގެނެވުނު ނަމަވެސް، އެކުގައި ހޭދަކުރަން ލިބުނު ފުރުސަތުން ފަޅިސިކުންތެއް ވެސް ބޭކާރުކޮށްލަން ބޭނުން ނުވާ ކަމަށް ބުނެއެވެ.
ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު އަހްމަދާއި ހައިކަލްގެ މެދުގައި އުފެދުނު ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ވަރުގަދަވަމުން ދިޔައެވެ.
މާލޭގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް އޮތުމުން ޒިނާން މާލެ އައިއިރު އަނީގާމެން ވެސް މާލެ އައެވެ. ރިސޯޓްގައި މަޑުކޮށްލަން ނާޖިލާ ބޭނުންވި ނަމަވެސް އަނީގާއަކަށް އެގޮތް ކަމަކު ނުދިޔައެވެ. ނާޖިލާ މާލެ އައީ އެހެން ގޮތެއް ނެތުމުންނެވެ.
އަހްމަދު ބޭރަށް ދާއިރު ހައިކަލް ބޭރަށް ގެންދާ ގެންދިއުމާއި ހަވީރު އެކުއްޖާ ގޮވައިގެން ސައިކަލް ދުއްވާލަންދާ ދިއުން ބަލާކަށް ނާޖިލާއަކަށް ފަސޭހައެއް ނުވިއެވެ. މަޑުމަޑުން އެވާހަކަ ދައްކަން ފެށިއެވެ. އެކަމާބެހޭގޮތުން އަނީގާ އެއްވެސް އެއްޗެކޭ ނުބުނާތީ ސަކުވާ ކުރަން ވެސް ފެށިއެވެ.
ސިމްނާގެ ދެމައިންނާމެދު އަނީގާ ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް ސިމްނާ ހާހެއް ނުވެއެވެ. ޒިނާނަށް ހިދުމަތް ކުރި ފަދައިން އަހްމަދަށް ހިދުމަތް ކުރަން ވެސް އޭނާ ހުންނާނެއެވެ. އޭނާއަށްޓަކައި ސުލޭމާނާއި އައިމިނަ ކޮށްދިން ކަންތައްތައް ދުވަހަކު ވެސް އޭނާ ހަނދާނެއް ނުނެތޭނެއެވެ. ދިރިހުރިހާ ދުވަހަކު އޭނާ އެކަން ހަނދާން ބަހައްޓާނެއެވެ. އެގެއިން އޭނާ ނުކުމެގެންދާނީ ޒިނާން ނުވަތަ އަހްމަދު އެގޮތަށް ކަންތައް ކުރަން ބުނާ ދުވަހަކުންނެވެ.
ސިމްނާ ކައްކާތަކެއްޗާއި ކުރާ މަސައްކަތްތައް ކަމުނުގޮސްގެން ކިތަންމެ ވަރަކަށް ފާޑުކިޔައި މަލާމަތް ކުރިނަމަވެސް، އެއިން އެއްވެސް މަސައްކަތެއް ކުރާކަށް އަނީގާއަކަށް ނުކެރޭނެކަން ސިމްނާއަށް އެނގެއެވެ. ކާނީ އޭނާ ކައްކާ ތަކެއްޗެވެ. ގޭތެރޭގެ ސާފުތާހިރުކަން އޮންނާނީ އޭނާ އެތަން ސާފުކުރިއްޔާއެވެ. ގެއަށް ބޭނުންވާ އެއްވެސް އެއްޗެއް ހުންނާނީ އޭނާ ފިހާރައިން ގެނައިއްޔާއެވެ. ބޭކާރު އަނގަތަޅައި މޮޅު ވާހަކަ ދެއްކުމުގައި އަނީގާގެ ދެބެއިން ހޯދާފައިވާ ކުރިއެރުމުގެ ވާހަކައަކީ އިއްޔެއަކު މިއަދަކު ސިމްނާއަށް އިވުނު ވާހަކަތަކެއް ނޫނެވެ. އަލަށް ދިމާވި ކަމެއް ވެސް ނޫނެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. ވަގުތަށް ވިސްނައި ސަމާލުވެގެން ހުރި ނާޖިލާ އޭނާގެ ދަރިފުޅު މުސްކާން ފެންވަރުވައި ރީތިކޮށްގެން ކޮޓަރިން ނުކުތްއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގޭތެރެއަށް ނަޒަރު ހިންގާލަމުން ދަރިފުޅު ގޮވައިގެން ނާޖިލާ ހިނގައިގަތީ އަހްމަދުގެ ކޮޓަރިއާ ދިމާއަށެވެ.
ކޮޓަރީ ދޮރުގައި ޓަކިޖަހާލިއަޑު އިވުމާއިއެކު، ދޮރުހުޅުވާށޭ އަހްމަދު ބުނީ ސިމްނާ ކަމަށް ހީކޮށެވެ.
ހަމައެކަނި ސޯޓަކުން ހަށިގަނޑު ނިވާކޮށްލައިގެން ހުރި އަހްމަދުގެ ފިރިހެންވަންތަ ކަސްރަތީ ފުރިހަމަ ހަށިގަނޑު ފެނުމާއިއެކު ނާޖިލާގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ހައިރާންވެ އަންތަރީސްވިއެވެ. އާސޯހްވެ އަނގަ ހުޅުވުނެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުންއަރާފައި އެތައް އިރަކު ހުރެވުނެވެ. ހިނދިރުވާލަމުން ހިތާއި ދިމާގައި ފިރުމާ ލެވުނެވެ. މަޑުމަޑުން އަހްމަދާއި ގާތަށް ޖެހިލެވުނެވެ.
ކުރަން ހުރި މަސައްކަތް މެދުކަނޑާލަމުން އަހްމަދު ފަހަތް ބަލާލީ މުސްކާންގެ އަޑު އިވުމުންނެވެ. ކޮޓަރިއަށް ވަނީ ސިމްނާމެން ނޫންކަން އަހްމަދަށް އެނގުނީ އެހާ ހިސާބުންނެވެ.
” ކިހިނެތްވީ ؟ ” ނާޖިލާމެނާއި ދިމާއަށް ބަލާލަމުން އަހްމަދު އަހާލިއެވެ.
” ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިގެން މިއުޅެނީ. ދޮންތަ ވެސް އޮތީ ނިދާފަ. އަހްމަދު ބޭރަށް ދާއިރު މުސްކާން ގޮވައިގެން ދޭބަލަ. އެންމެ ދުވަހަކު ވެސް އޭނާ ނުގެންދަމެއްނު. ” ކަޅި ވެސް ޖަހާ ނުލައި އަހްމަދަށް ބަލަހައްޓައިގެން ހުރި ނާޖިލާ ވާހަކަ ދެއްކިއެވެ.
” ބޭބެއާއެކު އަހަރެން ބޭނުން ސައިކަލް ދުއްވަން ދާން. ޕްލީސް ބޭބޭ. ” އަހްމަދާއި ދިމާއަށް އަންނަމުން މުސްކާން އެދުނެވެ. ނާޖިލާގެ ކަންތައް ހުންނަގޮތުން ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް މުސްކާންގެ އެދުމަށް ފުރަގަސްދޭކަށް އަހްމަދަކަށް ނުކެރުނެވެ. ކުޑަކުދިންނަކީ އަބަދު ވެސް އޭނާއަށް މުހިންމު ބައެކެވެ.
” މުސްކާން މަޑުކުރޭ. ބޭބެ ދާއިރު ގެންދާނަން. ” މުސްކާންގެ ބޮލުގައި ފިރުމައިލަމުން އަހްމަދު ބުންޏެވެ.
އަހްމަދަށް ހިނިތުން ވެލަމުން ނާޖިލާ ގޮސް ކޮޓަރިން ނުކުތެވެ.
ޖަރުމަނުގައި ކުރިޔަށްދާ ޓޫރިޒަމް ފެއަރގައި ބައިވެރިވުމަށް ޒިނާނަށް ފުރުސަތު ލިބުނީ އެކަމަށް މަސައްކަތްކުރަމުންދާތާ އެތައް ދުވަހެއް ފަހުންނެވެ. އެދަތުރުގައި ޒިނާނާއިއެކު ދާން އަނީގާ ބޭނުންވި ނަމަވެސް އެކަމަށްޓަކައި ކުރަންޖެހޭ ބައެއް އިދާރާ މަސައްކަތްތައް ނިންމުމަށް ދުވަސްތަކެއް ބޭނުންވާތީ އަނީގާއަކަށް ދެވޭގޮތެއް ނުވިއެވެ. ކަންތައް ދިމާވި ގޮތުން އަނީގާ ހިތްހަމައެއް ނުޖެހުނެވެ.
ރޭގަނޑަށް ކައިގެން ޒިނާނާއި އަނީގާ ބޭރަށް ދިޔައީ ޒިނާންގެ އެދަތުރަށް ބޭނުންވާ މުހިންމު ބައެއް ތަކެތި ގަތުމަށެވެ.
” އަހަރެން ވަރަށް ބޭނުން ޒިނާނާއިއެކު ދާން …. ދަތުރު ލަސްކޮށްލަންވީނު. ” އަނީގާއަށް ދެވޭގޮތް ނުވުމުން އޭނާ ބޭނުންވާގޮތް އަނީގާ ހާމަކުރިއެވެ.
” މިހާރު ވެސް ތަންކޮޅެއް ލަސްވެއްޖެ. އަވަހަށް ގޮސްގެން ނޫނީ އިސްތިހާރުކޮށްލަން ރަނގަޅު ފުރުސަތެއް ނުލިބޭނެ. މިކަން ކޮށްގެން ނޫނީ މިހާރު ދެން ވާކަށްނެތް. ވިޔަފާރި ރަނގަޅު ވެލީމާ އަނީގާމެން ގޮވައިގެން އަހަރެން ދާނަން. އެގޮތް ރަނގަޅެއްނު. ” ޒިނާން މަސައްކަތްކުރީ އަނީގާ ހަމައަކަށް އަޅުވާށެވެ.
” ކޮއްކޮގެ ދެމައިންނާއި އަހަރުމެން ދެމީހުން ދޯ ؟ އިތުރު މީހަކު ގެންދާނެ ކަމެއްނެތް. އޭރުން އަހަރެން ބޭނުންވާ މިނިވަންކަން ލިބޭނީ. ” ޒިނާނާއި ގާތްވެލަމުން އަނީގާ ހިނިތުންވެލިއެވެ.
” ދޮންމީހުން އުޅޭހެން އުޅެލަންތަ؟ ” އަނީގާގެ ބޮލުގައި ފިރުމާލަމުން ޒިނާން ސަމާސާ ކޮށްލިއެވެ.
” ހޫމް …. ފުރުސަތުގެ ބޭނުން ހިފައި މަޖާކޮށް އުފާކޮށްލަން ވާނެއެއްނު. ތަނަކަށް ދިޔަކަމުވާން ގޮސް މަގުތަކުގައި ހިނގާލާ ފިހާރަތަކަށް ވަދެލާފައި އަންނަން ދާކަށް އަހަރެން ބޭނުމެއްނޫން. އެހެން ވެސް ފަތުރުވެރިން އުޅޭހެން މިނިވަންކަމާއެކު ޗުއްޓީ ހޭދަކޮށްލަން އަހަރެންގެ ހިތް އެދެނީ. އެ ގޮތް ކަމަކު ނުދޭތަ ؟ ” ޒިނާންގެ އެވާހަކަޔާ އަނީގާ ވަރަށް ގަޔާވިއެވެ. އެފަދަ ފުރުސަތަކަށް އޭނާ ބޭނުންވެފައިވާވަރު ހާމަކުރިއެވެ.
” ނާޖިލާމެން ވެސް ބައިތިއްބާފަ ދެމީހުން އެކަނި ދިޔާމައެއްނު ތިބުނާ މިނިވަންކަން އެންމެ ރަނގަޅަށް ލިބޭނީ ؟ އޭރުންތާ އެހެން މީހަކަށް އެއްވެސް ވަރަކަށް ބަލަން ވެސް ނުޖެހޭނީ. ” އަނީގާގެ ވާހަކާގައި ޒިނާން ބައިވެރިވެލިއެވެ.
” އެހެންތަ؟ ތީ ހަމަ ހީވާގޮތް. އެމީހުނަށް ކަޅެއް ދޮނެއް ވެސް ނޭނގޭނެ އަހަރެން ދާއިރު. ޓިކެޓް ހަމަޖައްސާ. ” ބޭރުން އައިސް ގޭތެރެއަށް ވަތް ނާޖިލާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި