” އެހެންތަ؟ ތީ ހަމަ ހީވާގޮތް. އެމީހުނަށް ކަޅެއް ދޮނެއް ވެސް ނޭނގޭނެ އަހަރެން ދާއިރު. ޓިކެޓް ހަމަޖައްސާ. ” ބޭރުން އައިސް ގޭތެރެއަށް ވަތް ނާޖިލާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ.
” ދައްކާ ވާހަކަ. މަ ވެސް ތިވަރު ވިސްނާނެއެއްނު. ދަރި ގޮވައިގެން ގޮސް ކިހިނެތް މަ އުޅޭނީ. ރަނގަޅަށް މަޖާ ވެސް ކޮށް ނުލެވޭނެ އޭނަ ހުރިއްޔާ. ހަސަންގެ ޕްލޭން ވެސް ކާމިޔާބު ކުރެވޭނީ ރަނގަޅު މިނިވަންކަމެއް ލިބެގެނެއްނު. ސާޖިދާ ދާނެކަން ޔަގީންތަ ؟ އޭނާ ނުގޮއްސިއްޔާ އެކޮޅުން މަންޖެއެއް ހޯދަންދޯ ޖެހޭނީ؟ …. އެހެންނު ވާނީ. އެކަތިން ނުފުދޭވިއްޔަ. ހަސަން ހިތްހަމަ ޖެހޭ ކަހަލަ ރަނގަޅު ދޮން އެއްޗެއް ކުއްޔަށް ނެގިދާނެއެއްނު. ހިހި. ” ވާހަކަ ދައްކަމުން ދައްކަމުން ގޭތެރެއަށް ވަދެގެންދިޔަ ނާޖިލާ މިސްރާބުޖެހީ އަހްމަދުގެ ކޮޓަރިއާ ދިމާއަށެވެ.
ރައްޓެހިންތަކަކާއިއެކު ކޮފީއެއް ބޮއިގެން އަހްމަދު އައިސް ގެއަށް ވަތްއިރު އެގާރަޖަހަން ވެއްޖެއެވެ. ގޭތެރެއަށް ވެރިވެފައިވަނީ ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެވެ. ފެންޑާތެރޭގައި ރަސްކަން ކުރަމުންދިޔައީ ނިދާބޮކީގެ ފަނޑު އަލިކަމެވެ.
އެންމެފަހުގެ ރޮމޭންޓިކް އިނގިރޭސި ފިލްމެއް އަޅުވާލައިގެން އެ ބަލަން ސޯފާތެރޭގައި އޮށޯވެލައިގެން އޮތް ނާޖިލާ ފެނުނީ އިރުކޮޅެއް ފަހުންނެވެ. މާބޮޑު ނިވާކަމެއްނެތް ނިދާ ހެދުމެއްގައި އޮތް ނާޖިލާއަށް އަހްމަދު ފެނުމާއިއެކު ސޯފާއިން ތެދުވިއެވެ. ސޯފާގެ އެއްކޮޅަށް ޖެހިލައި އަންނާށޭ ބުނާ ފަދައަކުން އަހްމަދަށް ތަން ދެއްކިއެވެ. އަހްމަދަށް ހިނިތުންވެލަމުން ހެދުމުގެ ކަރުވަޅަށް ދަމައި ރަނގަޅު ކޮށްލިއެވެ.
ނާޖިލާގެ މަޤްޟަދަކީ ކޮބައިކަން އަހްމަދަށް ވިސްނުނު ކަހަލައެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް ސަމާލުކަމެއްނުދީ އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ނާޖިލާގެ އެޢަމަލުތަކަކީ އޭނާއަކަށް މާ މުހިންމު ކަމަކަށް ނުވިއެވެ.
” އަހްމަދު! އާދޭ ފިލްމު ބަލަން …. ވަރަށް ފަހުން ރިލީޒްކުރި ސަޅި ފިލްމެއް މީ. ދޮންތަބޭމެން އެންމެން ނިދައިފި. ” ކޮޓަރިއާ ދިމާއަށް ހިނގައިގަތް އަހްމަދަށް ގޮވާލަމުން ނާޖިލާ ވާހަކަ ދެއްކިއެވެ. ނާޖިލާ ހުރީ އަހްމަދުގެ އިންތިޒާރުގައި ކަހަލައެވެ.
ނާޖިލާއަށް އެއްވެސް ސަމާލުކަމެއް ނުދީ އަހްމަދު ދިޔަގޮތަށް ގޮސް ވަނީ ކޮޓަރި އަށެވެ.
ކަންތައް ވީގޮތުން ނާޖިލާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ފުންމައިގެން ކަހަލަ ގޮތަކަށް ސޯފާއިން ތެދުވިއެވެ. ހިތްހަމަ ނުޖެހުމާއެކު ކޮންމެ ވެސް އެއްޗެތިތަކެއް ކިޔަމުން ކިޔަމުން އަހްމަދުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އަހްމަދު ބޭނުންހާ ގޮތެއް އޭނާއަށް ނުހެދޭނެކަން ދައްކާލަން ކަންނޭންގެއެވެ. ބޭނުންގޮތް ނުވުމުން އައިސްފައިވާ ރުޅިއެއްގެ ބޮޑުކަމުން އަހްމަދަކީ މި ގޭގެ ކާކުކަން ވެސް އޭނާ ހަނދާން ނެތް ކަހަލައެވެ.
ދަރިފުޅު ރޮއިގަތް އަޑާއިއެކު ނާޖިލާއަށް ޖެހުނީ މިސްރާބު ބަދަލުކުރާށެވެ.
ޒިނާން ފުރައިގެން ދިއުމާއިއެކު އަނީގާގެ އަސްލު ސިފަ ސިމްނާއަށް ފެންނަން ފެށިއެވެ. ކައްކާތަކެތި ކަމުނުދާން ފެށިއެވެ. ރަހައަކުން ރަހައެއް ނުލައެވެ. ކުޅިނަމަ އެހާމެ ކުޅިއެވެ. ފޮނިއެއްޗެއްނަމަ ފޮނިކަމުން ކާން ކެރޭވަރެއް ނުވެއެވެ. ލޮނުރަހަ ލަންޏާއި ލަނީ ލޮނު ހިތިރަހައެވެ. އެހެންނޫނީ އެއްވެސް ވަރަކަށް ލޮނުރަހައެއް ނުލައެވެ. ހަވާދުލައިގެން ހަދާ އެއްޗެއްނަމަ ހަވާދު އަޅަނީ ޖެއްސުމަށެވެ. ކާން ނުކެރޭވަރު ކޮށްލައެވެ.
އަނީގާ އައިސް ސައިބޯން އިށީނުމުން ސިމްނާ އުޅުނީ ސައިތައްޓެއް ތައްޔާރުކޮށްދޭށެވެ.
” މަގޭ ހިތަށް އަރާ މީނަ މީ ކިހިނެތްވެފައި ހުންނަ މީހެއްބާއޭ ؟ ހަރާމޭ މީން އެއްޗަކުން ރަހައަކުންކުރެ ރަހައެއް ލާނަމަ. ކިތައް ފަހަރު ބުނާނީ އަހަރެންނަށް ކައްކާ އެއްޗިސް ހުންނަންވާނީ މިހެންނޭ. އެހެންނޭ. އެއްޗެތި އަޅަންވާނީ އަހަރެން ކިޔައިދިން މިންގަނޑަށޭ. އަޑު ވެސް ނީވެނީތަ ؟ ” ސައިބޯން އިން އަނީގާ ހަޅޭލަވައިގަތް އަޑަށް ސިމްނާ ދިޔައީ ސިއްސައިގެންނެވެ.
” ނޭންގެނީއެއް ނޫން. ގަސްދުގަ ޖެއްސުން ކުރަނީ. ޒިނާންބެ ނެތީމަ ހަދާގޮތް އެއީ. ” އަނީގާގެ ވާހަކާގައި ބައިވެރިވަމުން ނާޖިލާ އިތުރުކޮށްލިއެވެ.
ސިމްނާއަކަށް އަނީގާ އަކީ ކާކުކަމެއް ނޯޅެއެވެ. އޭނާއަށް ކުރަންޖެހޭ އިހުތިރާމާއި ގަދަރު ވެސް ކުޑައެއް ނުކުރެއެވެ. އިއްޔެ ފަދައިން މިއަދު ވެސް އޭނާ ދެކެނީ އަނީގާއަކީ އޭނާގެ ދައްތައެއްގެ ގޮތުގައެވެ. އޭނާއަށް ހިދުމަތް ކުރުމަކީ ސިމްނާގެ އުފަލެވެ. އެކަމަކަށް އޭނާ މަކަރެއް ނުހަދާނެއެވެ. އޮޅުނީ ނުވަތަ އޮޅުވާލަނީ އަނީގާގެ ދެބެއިންނެވެ.
މެންދުރަށް ކައްކައި ގޭތެރޭގެ މަސައްކަތް ނިންމާލުމަށްފަހު ސިމްނާ އުޅުނީ ދަރިފުޅު ގޮވައިގެން ކޮޓަރީގައެވެ. ސިމްނާމެނާއިއެކު އަހްމަދު ވެސް އެކޮޓަރީގައި އިނެވެ. ސިމްނާއާމެދު އަނީގާމެން ކަންތައް ކުރަމުންދާ އިހާނެތިގޮތްތަކާއި ކިޔަމުންދާ އެއްޗެތި ކިޔުން ސިއްރުކުރަން ސިމްނާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަހްމަދަކަށް އެކަމެއް ސިއްރެއް ނުވިއެވެ. އަހްމަދުގެ އެންމެބޮޑު ޝަކުވާއަކީ ވެސް އެއީ އެވެ. އެ ހުރިހާ ކަމެއް އެހެންވާއިރު އެކަން ސިއްރުކުރަން ސިމްނާ މަސައްކަތް ކުރަމުންދާ ދިއުން އަހްމަދަކަށް ކަމަކު ނުދެއެވެ. ޒިނާންގާތު އެވާހަކަ ބުނަން ޖެހޭނެއެވެ. އެގޮތް ކަމުނުދާނަމަ އެންމެ ކުޑަމިނުން އަހްމަދު ގާތު ނަމަވެސް އެވާހަކަ ދައްކަން ޖެހެއެވެ. ހިތަށާއި ސިކުނޑިއަށް ކުޑަ ނަމަވެސް ލުޔެއް ލިބޭނީ އޭރުންނެވެ.
” ދޮންތަ ނުބުނަންޏާއި ނުބުނެ ހުރޭ. ބައްޕައަށް ފޯނުކޮށް އަހަރެން އެވާހަކަ ދައްކާނަން. ބައްޕައަށް ގޮތެއް ނުނިންމެންޏާއި ގޮތް ނިންމާނީ އަހަރެން. އެއްޗެކޭ ނުބުނެ ވަރަށް ދުވަހު ހުރެވިއްޖެ. ފެންނަ މަންޒަރާއި އިވޭއަޑުތައް ނުފެންނަކަމަށް ނުވަތަ ނީވޭ ކަމަށް ހަދައިގެން ހުރުމަކީ އަހަރެންގެ އުސޫލެއްނޫން. ” ސިމްނާއަށް ވިސްނައިދޭން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އަހްމަދުގެ ރާގާއި ބަސްމަގު ބަދަލުވިއެވެ. އެހެން ގޮތެއް އިހުތިޔާރުކުރަން މަޖުބޫރުވިއެވެ.
” ނޫން ކޮއްކޯ. ތިހެން ކަންތައް ކުރީމަ ކަމަކު ނުދާނެ. ބައްޕަ ރުޅިއަންނާނެ. އޭރުން ވެސް ދެރަ ލިބޭނީ އަހަރެންނަށް. ދައްތަމެން ބުނިހެން އަހަރެންނަކީ ވަންނާނެ ގެދޮރެއް އަޅާލާނެ މީހެއް ހުރި މީހެއް ނޫން. މި ހާލުގައި ވެސް މިތަނުގައި އުޅެވޭތީ އަހަރެން އުފާ ކުރަން. މިއަދު މިތަނުން ނެރުނަސް އަހަރެންނާއި އަހަރެންގެ ދަރިފުޅު ވަންނާނެ ތަނެއް ނުލިބޭނެ. ” ސިމްނާގެ ދެލޮލުން ކަރުތައް އޮހިގަތެވެ. ނުރޯން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. އޭނާއަށް އޭނާގެ މަޖުބޫރީ ހާލަތު ވިސްނޭކަން އަހްމަދަށް ހަނދާންކޮށްދިނެވެ.
” މިހާރު ކިތައް ދުވަހު ދޮންތަ ކައިރީ ބުނެފިން ތިގޮތަށް ނުދެކޭށޭ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން ހުންނާނީ ދޮންތައާއެކު. އަހަރެން މިހެން ހުރިހާ ދުވަހަކު އެމީހުން ބޭނުންހާ އެއްޗެއް ނުހެދޭނެ. ފަސްވަނަ ފަންގިފިލާއިން އެޕާރޓްމެންޓެއް ހުސްވާނެ އަންނަމަހު. ބައްޕައާ ވާހަކަ ދައްކައިގެން އަހަރުމެން އެތަނަށް ބަދަލުވުމުގެ ކަންތައް އަހަރެން ހަމަޖައްސާނަން. އެތަނުން ދޮންތަ ބޭރު ކުރެވޭނެ މީހަކު ނާއްނާނެ. މިކަމާއި ދެކޮޅު ހަދައިގެން ނުވާނެ. އެގޮތަށް ކަންތައް ކޮށްފިއްޔާ އަހަރެން ބަލާނީ ދޮންތަ އަހަރެންދެކެ އެއްވެސް ލޯތްބެއް ނުވާކަމަށް. ” ލޯތްބާއި އޯގާތެރިކަމާއެކު ސިމްނާގެ ބޮލުގައި ފިރުމާލަމުން އަހްމަދު ވާހަކަދެއްކިއިރު އޭނާގެ ދެލޮލުން ވެސް ކަރުނަ އޮހޮރެމުން ދިޔައެވެ.
ސިމްނާއަށް ލިބޭ ކޮންމެ ހިތާމައަކާއި ހިތްދަތި ކަމަކީ އަހްމަދަށް ވެސް ލިބޭ ހިތާމައަކާއި ހިތްދަތިކަމެކެވެ. މައެއްގެ ލޯތްބާއި އަޅާލުމަށް، އެހީތެރިކަމަށް އެންމެ ބޭނުންވި ދުވަހު އޭނާއަށްޓަކައި ޤުރުބާންވި މީހަކީ ސިމްނާއެވެ. އެކަން އޭނާގެ ހަނދާނުން ދުވަހަކު ވެސް ފިލައި ނުދާނެއެވެ. ބަޔަކަށް އޮޅިގެން އުޅުނަސް އޭނާ އަކަށް ނޯޅެއެވެ. އޮޅުވައެއް ނުވެސް ލެވޭނެއެވެ. ސިމްނާގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް އޭނާ ވާނެއެވެ. އެކަމަށް ހުރަސްއަޅާ މީހަކު ހުރިނަމަ އެމީހަކު ފެއަށް ޖައްސާކަށް ވެސް އަހްމަދު ފަހަތަކަށް ނުޖެހޭނެއެވެ.
އަހްމަދާއި ސިމްނާ ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލީ އަނީގާ ގޮވާލި އަޑުއިވުމުންނެވެ. އަވަސް އަވަހަށް ލޯކައިރީ ފޮހެލަމުން ސިމްނާ ގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ.
” ނިދަނީދޯ؟ ….. ސާބަސް. ތި ނޫން ކަމެއް ކުރަން ކަލެއަށް ހަމަ ނޭންގެނީތަ؟ ” ހިތްހަމަ ނުޖެހުމާއިއެކު ސިމްނާއަށް ބަލާލަމުން އަނީގާ ފާޑަކަށް ހަޅޭލަވައިގަތެވެ.
އަނީގާގެ އެސުވާލަށް ސިމްނާ ނޫނެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
” މެންދުރަށް ރަނގަޅު އެއްޗެއް ހަދާތި. އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އަންނާނެ. ރަހަތައް ރަނގަޅުކުރަން ހަނދާން ކުރާތި. އަމާ ބުނީމަ ފަރަށްދާހެނެއް ނޫން ކައްކާނީ. ” އަނީގާ ދައްކަން ބޭނުންވި ވާހަކަ ދެއްކުމަށްފަހު ހިނގައިގަތެވެ. އެކަމާއިގުޅިގެން ސިމްނާ ބުނާ އެއްޗެއް ނުވަތަ ދައްކާވާހަކައެއް އަޑުއެހުން އޭނާއަކަށް މުހިންމެއް ނުވިއެވެ.
އޯޑަރު އައުމާއިއެކު ސިމްނާ އަވަސްވެގަތީ އެކަން ކުރާށެވެ.
ގޭތެރެއަށް ވަދެގެން އައި އުނޭސް ފެނުމާއިއެކު އޭނާއަށް ބަލާލަމުން ނާޖިލާ ހިނިތުންވެލިއެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ސަލާންކޮށްލައި އަމިއްލައަށް ތަޢާރަފުވިއެވެ.
މެދުއުމުރުގެ ދުވަސްތައް ގުނަމުންދިޔަ އުނޭސްގެ ކިބައިން ފެންނަނީ ޒަމާނީ ގޮތްގަނޑެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ފަހަތަށް ހުޅިއެއް ޖަހާފައި ހުރިއިރު ކަރުގައި ޗޭނުފަށެއް އަޅާފައި އޮތެވެ. ކަންފަތުގައި އެއްޗެއްލައި އަތުގައި ޕެކިން ޒާތުގެ އެއްޗެއް ވެސް އަޅާފައި ހުއްޓެވެ. ބޮލުގައި ޖައްސާފައިވާ ކުލައަށް ބަލާލުމުން ބޮޑަށް ލަފާކުރެވެނީ ނުރަފޮރުވުމަށް ކޮށްފައިވާ ކަމެއް ހެންނެވެ. ތުނބުޅި އާއި މަތިމަސް ހުރީ ބާލާފައެވެ. އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެން ހުރިއިރު ދަށަށް ޖަހާފައިވެއެވެ. ބޫޓަކަށް އަރައި ތައްޔާރުވެލައިގެން ހުރިގޮތުން ރީތިކަމަށް ލޯބިކުރާވަރު ހާމަވެއެވެ.
އަނީގާ އާއި އުނޭސްގެ ފަހަތުން ނާޖިލާ ވެސް ކާގެއަށް ވަނެވެ. ނޭފަތުގައި ޖެހުނު މީރުވަހާއިއެކު އުނޭސްގެ އަނގަ ހުޅުވުނެވެ.
” ވަސްގަނޑު ހާދަ ރަނގަޅޭ. ހީވަނީ ވަހުން ވެސް ބަނޑު ފުރި އަރާދާނެހެން ….. ވާއޮ. ހާދަ ރަނގަޅު މުޑުވަކެއް. ސަތޭކަ އިންސައްތަ ދިވެހި އުފެއްދުމެއްދޯ؟ ” ސިމްނާ ފެނުމާއިއެކު އުނޭސްގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓިއަރާފައި އިރުކޮޅެއް ވާންދެން ހުއްޓެވެ. އުނޭސަށް ހޭވެރިކަންވީ ނާޖިލާ ގޮވައިލުމުންނެވެ. ސިހިފައި ކަހަލަ ގޮތަކަށް އަތް ހަރަކާތްކޮށްލި އުނޭސް ކޮށްލި ހަރަކާތާއިއެކު ނާޖިލާ އާއި އަނީގާ ގާތަށް ހިނިއައެވެ.
” ސާބަސް. ތިވަރުން ކިހިނެތް ދޭއް ހަމަކުރާނީ؟ ” އުނޭސާއި ސަމާސާ ކޮށްލަމުން އަނީގާ ހީލުމުން އުނޭސް ވެސް ހީލިއެވެ.
އަނީގާމެން މޭޒުކައިރީ އިށީނުމާއިއެކު ވެއިޓަރެއް ފަދައިން އެމީހުނަށް ޖޫސްއަޅައިދީ އަތްގާތްކޮށް ދިނުމަށް ސިމްނާ އަވަސް ވެގަތެވެ.
” ގޮސް އަހްމަދަށް ގޮވާފައި ބުނޭ ކާން އަންނާށޭ. ” އެއްވެސް ސަޢުޤުވެރިކަމެއްނެތް ފަދައަކުން ސިމްނާއަށް ބަލައިލަމުން އަނީގާ އެންގިއެވެ.
” މީތަ ޒިނާންގެ ކޮއްކޮއަކީ …. ވަރަށް ފާޑުވެރިކަން އެބަހުރި. ފިސާރި ކުޅަދާނަ ވާނެހެން ހީވަނީ. ” ސިމްނާ ފެނުނީއްސުރެ އެނޫން ދިމާއަކަށް އުނޭސަކަށް ނުބެލެއެވެ.
” ކޮއްކޮއޭ؟ …. ކޮންތާކުން. އަމިއްލައަށް ކޮއްކޮ ވެގަނެގެން އުޅެނީ. މި ޢާއިލާއަކާއި އެއްވެސް ގުޅުމެއް ހުރި މީހެއްނޫން ތިއީ. ޒިނާންބެގެ މަންމަމެން ރާއްޖެތެރެއިން ހޮވައިގެން ގެނައި ކުޑަކުޑަ އެއްޗެއް ބޮޑުވެ ފިޔަފަޅައިގެން މާ ޢާއިލާ ވެގެން މިއަދަކު އެއުޅެނީ. ” އުނޭސްގެ ސުވާލަށް ޖަވާބުދޭން ތައްޔާރަށް ނާޖިލާއިން ކަހަލައެވެ.
” ދޮންބެ ކިޔައިގެން އުޅެލީމަ ފަސޭހައެއްނު. އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް ހަރަދެއް ނުކޮށް ދެމައިންނަށް މިތާ އެބަ އުޅެވޭވިއްޔަ. ” ނާޖިލާގެ ވާހަކައަށް އަނީގާ އިތުރުކޮށްލިއެވެ.
” ކަމަކު ބޭނުން ވެއްޖެއްޔާ އަޅުގަނޑަށް ގޮވާލާ. ދައްތަމެން ނިމެންދެން އަޅުގަނޑު މަޑުކޮށްލާނަން ފެންޑާގައި. ” އަތުގެ ނުފުށުން ލޯ ކައިރި ފޮހެލަމުން ކާގެއިން ނުކުންނަން ހިނގައިގަތް ސިމްނާގެ ދެލޮލުން ފޭދުނު ކަރުނަ ކިތަންމެ ރަނގަޅަކަށް ވެސް އުނޭސަށް ފެނުނެވެ.
” މަކަރު ހަދަން ފިލަން ދާނެ ކަމެއްނެތް. މިތާ މަޑުކުރޭ. ” އަނީގާ ކުރީ އަމުރެވެ. ސިމްނާގެ ދެފައިގަ ކަސްތޮޅު އެޅުނު ކަހަލައެވެ. އިތުރަށް ފިޔަވަޅެއް ނޭޅުނުތާންގައި ހަރަކާތެއް ވެސް ކޮށްލަން ނުކެރުނެވެ.
” މަޑުކުރާނެ ކަމެއްނެތް ….. ” އިވުނު އަޑާއިއެކު އަނީގާމެން ތިންމީހުން ދިޔައީ ސިއްސައިގެންނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި