ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމު ”އިތުބާރު“ގައި އަތޮޅުވެރިންގެ އެހީތެރިޔާގެ ރޯލު ކުޅުނު މުނީރު އަދި ފިލްމު ”ލޭކަރުނަ“އިގައި މުޖޭގެ ރޯލުން ފެނިގެންދިޔަ އޭރުގެ މަޝްހޫރު ކޮމެޑީ އެކްޓަރު މުޙައްމަދު އަފްރާހް ކައިވެންޏެއް ކޮށްފިއެވެ. މިއަދުގެ ވަގުތެއްގައި މާލޭގައި އަފްރާހް ކައިވެނިކުރީ އާޝިޔާ އާއެވެ.
މިހާރު ޓިކްޓޮކްގައި ވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އަފްރާހް މުނިއަވަސް އަށް ބުނީ، މިހާ ދުވަސް ވަންދެން ކައިވެންޏަކާ ހަމައަށް ނުގޮސް މަޑުކޮށްލީ އޭނާގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ އަންހެން ދަރިންގެ ހައްޤުގައި ކަމަށެވެ.
“އަންހެން ކުދިންތަކެއް ދޫކޮށްލާފަ އަންހެނުން ދިޔައިމަ މީހަކާ ނުއިންނަން ހުރީ. އިންޝާﷲ، ކުދިންނަށް ވަރަށް ރަނގަޅު އަންހެނެއް މިއީ.” އަފްރާހްގެ އަނބިމީހާ އާޝިޔާއާ ބެހޭގޮތުން ބުންޏެވެ. އަފްރާހް ބުނީ އެހާ ދުވަސް ކޮށްފައި ކައިވެންޏެއް ކުރުމުން އޭނާގެ އާއިލާ އެންމެންވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.
“ކުރިން ކުދިން ބަލަން ހުރީ ކުދިން ކިޔަވާ ނިމެންދެން. ކުދިން ބަލަން ހުރީމަ ފަހުން މި ލިބުނީ ކެތްތެރިވީމަ ރަނގަޅު ލައިފެއް ކަމަށް މި ބަލަނީ.” މިދިޔަ ރަމަޟާން މަހު ރާއްޖެޓީވީން ދެއްކީ “އަނދިރީގާ” ޑްރާމާ ސީރީޒްގައިވެސް ފެނިގެންދިޔަ އަފްރާހް ބުންޏެވެ.
އަފްރާހް އަށް ކުޅެވުނު އެންމެ ކާމިޔާބު ރޯލަކީ ފިލްމު “އިތުބާރު”ގައި ކުޅުނު މުނީރުގެ ކެރެކްޓަރ ކަމަށް އޭނާ ބުނެއެވެ.
ފިލްމު ”އިތުބާރު، އަދި ”ލޭކަރުނަ“އިގެ އިތުރުން ފިލްމު ”ކުށްހީ“ގައި ވެސް އަފްރާހް ފެނިގެން ގޮސްފައިވެއެވެ. ކޮންމެވެސް ފިލްމެއްގައި ’ބުގުރަތު‘ ނަމަކަށް ކިޔާ ރޯލެއް ކުޅުނުކަން ހަނދާންކުރަމުން އަފްރާހް ބުނީ އޭރު ކުޅެވުނު ކޮންމެ ރޯލަކީވެސް ބެލުންތެރިންނަށް ކަމުދިޔަ އަދި މަޤްބޫލުވި ރޯލުތަކެއް ކަމަށެވެ.
މިއަދުވެސް އަފްރާހް ހުރީ ފިލްމީ ދާއިރާއާ ދުރުގައެއް ނޫނެވެ. ކަމުދާ ކަހަލަ ރަނގަޅު ރޯލެއް ލިބިއްޖެނަމަ އެކްޓްކުރަން ތައްޔާރަށް ހުރިކަން އޭނާގެ ވާހަކަތަކުން އެނގިގެން ދިޔައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!