ޖުނޭދުގެ ވާހަކަތަކުގެ ތެރެއަށް ކިތަންމެ ރަނގަޅަކަށްވެސް އޭޝާއަށް ވަދެވިއްޖެއެވެ. އެ އަސަރުގަދަ ވާހަކަތަކުގެ ޖަޒްބާތުގައި އޭޝާ ޖެހުނުކަހަލައެވެ. އެންމެފަހުން ޖުނޭދުގެ ޙާލަށް ޙަމްދަރުދީވެ އޭޝާވެސް ވާހަކަ ދެއްކިއެވެ. އޭނާގެ ހިތްވަރަށް ތަޢުރީފު ކުރަމުންނެވެ. ކުޑައިރުއްސުރެ މާލޭ ބައެއްކައިރީ އެކަނި އުޅެ ބޮޑުވެ، ދެއްކި ހިތްވަރަކީ ނަމޫނާއެއް ކަމުގައި ބުނަމުންނެވެ. މަންމަމެން ފަޚްރުވެރިވާ ފަދަ ދަރިއަކަށްވުމަށް ކުރި މަސައްކަތަށް ތަޢުރީފުކުރަމުންނެވެ.

ޖުނޭދުގެ ވާހަކަތަކާއި އެކު، މެންދަމުގެ އެވަގުތު މަޑުމަޑުން ދެމީހުންގެ ދެމެދުގައި ރަޙްމަތްތެރިކަން ވަރުގަދަވަމުންދާ ކަހަލައެވެ. އެހާވެސް ޖުނޭދުގެ ވާހަކައިގައި އޭޝާއަށް ވަނީ ބައިވެރިވެވިފައެވެ. އޭރު ޖުނޭދުގެ ޙާލު ކިތަންމެ ރަނގަޅަކަށްވެސް އޭޝާއަށް އޭނާ ހުށައަޅައިފިއެވެ. މާޒީގެ ޞަފްޙާތަކުންނެވެ.

ޖުނޭދަކީ ހއ. ބާރަށަށް އުފަން ޒުވާނެކެވެ. އޭނާގެ އާއިލާއިން އޭނާ ކިޔަވަން މާލެ ފޮނުވީ، މާލޭގެ ކުދިންނުލިބޭ ދެމަފިރިންގެ އެނދުމަށް، އުމުރުން އެންމެ 4 އަހަރުގައެވެ. އޭރު އުމުރުގެ ކުޑަކަމުން ޖުނޭދަށް އެކަންވީ ވަރަށް ބޮޑު ވޭނަކަށެވެ. ނަމަވެސް ކަންތައްތައް ދިމާވީ ޖުނޭދުބޭނުންވި ގޮތަކަށް ނޫނެވެ. އަދި ޖުނޭދުގެ ޢާއިލާއިންވެސް ބޭނުންވިގޮތަކަށް ނޫނެވެ. ޖުނޭދު ކިޔަވަން މާލޭގައި ބަހައްޓާފައި ޖުނޭދުގެ ބައްޕަ އެނބުރި ރަށަށްދިޔައީ ބޮޑުޗުއްޓީއަށް ބަލައި އަންނާނެކަމަށް ބުނެ އޭނާ އުފާކޮށްދީފައެވެ. އެހެނަސް އެދަތުރަކީ އެ ބައްޕަގެ ފަހު ވަދާޢީ ސަލާމްކޮށްލެވުނު ދަތުރެވެ. އެކަން އެއްވެސް މީހަކަށް ނޭނގޭ ފަދައިން ޖުނޭދަށްވެސް ނޭނގުނީއެވެ. އެހެންވެ ބައްޕަގެ ވަޢުދަށް އިންތިހާއަށް ޖުނޭދު އިންތިޒާރުކުރިއެވެ. އެހެނަސް އެދަތުރަށްފަހު ބައްޕަގެ ޚަބަރެއްނުވެއެވެ. ބޮޑުޗުއްޓީވެ އަހަރުތައް ފާއިތުވި އިރުވެސް މެއެވެ. އެކަމާ ޖުނޭދު އޭނާ ގެންގުޅޭ ދައްތަމެންނާ ކިތަންމެ ވަރަކަށްވެސް ޝަކުވާކުރިއެވެ. ކުޑަކުއްޖެއްކަމުން ވާނީވެސް އެހެންތާއެވެ. ނަމަވެސް އަބަދަކު ކަންކަން ސިއްރުކޮށްގެންވެސް ނުތިބެވޭނެއެވެ. ޖުނޭދުގެ ޝަކުވާތައް ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. އެންމެފަހުން، އޭގެ ދެތިން އަހަރުފަހުން ޖުނޭދަށް ރަށަށް ނުދެވޭ ސަބަބު އެގޭ ދައްތަމެން ކިޔައިދިނެވެ. ޖުނޭދު މާލެ ލާފައި ރަށަށް ދިޔަ ދަތުރުމަތީ އޭނާގެ ބައްޕަ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢުކިޔި ވާހަކައެވެ. އޭގެފަހުން އެމީހުންގެ ދަރިއެއްފަދައިން ޖުނޭދުބެލުމަށް އެމީހުން ޖުނޭދުގެ މަންމައަށް ވަޢުދުވި ވާހަކައެވެ. އަދި ޖުނޭދަށް އެންމެ ރަނގަޅުވާނީވެސް އެގޮތް ކަމަށް ބުނެ އެ ދައްތަމެން ޖުނޭދަށް ވިސްނައިދިނެވެ. އޭގެފަހުން އޭނާ އުޅުނީ މާލޭގައެވެ. ޗުއްޓީއަކަށްވެސް ރަށަށް ގޮސްނުލައެވެ.

އޭޝާމެން އެވާހަކައިގައި ޖެހިފައި ތިއްބާ ދެމީހުންނަށްވެސް ސިހުން ލިބުނީ ފަތިސްނަމާދުގެ ބަންގީގެ އަޑުންނެވެ. އެހިސާބުން އޭޝާ ގެއަށް ދާން ބޭނުންކަމުގައި ޖުނޭދުކައިރީ ބުނެލިއެވެ. ޖުނޭދުވެސް އެކަމާ ދެކޮޅެއް ނެހެދިއެވެ. އޭނާވެސް އޭޝާ ގެއަށްގެންގޮސްދޭން ދާން ބޭނުންވިއެވެ. އޭޝާއަކީ މުދައްރިސެއްކަމުން މާދަމާ ސުކޫލަށްވެސް ދާންޖެހޭނެތާއޭ ބުނަމުން ޖުނޭދު އުނދޯލިން ތެދުވިއެވެ. ހަސަނު ކޮބައިތޯ ބަލާލާށެވެ. އޭރު މާ ދުރުނޫން ހިސާބެއްގައި ހަސަނާއި ނާޒިމާ ވާހަކަދައްކަން ތިއްބެވެ. އެމީހުންނަށް އިޝާރާތްކޮށްލަމުން އޭޝާ ގެއަށްގެންގޮސްދޭން ދާވަހަކަ ޖުނޭދު ބުނެލިއެވެ. އެވަގުތު ހަސަނު އަތްނެގިއެވެ. އަދި އިޝާރާތުން މަޑުކޮށްލުމަށް އެދުނެވެ. އިރުކޮޅެއްނުވެ ނާޒިމާއާއި ސަލާމްކޮށްލުމަށްފަހު ހަސަނުވެސް އައިސްފިއެވެ. ދަނީއޭ ބުނެ ނާޒިމާއަށް ވަދާޢުގެ ސަލާމްކުރަމުންނެވެ.

ޖުނޭދު މެންނާ އެކު އޭޝާ ގެއަށްދާން ނިކުތް ކަމަކު، އޭނާހުރީ ވަރަށް ހާސްވެފައެވެ. ފަތިސްނަމާދަށް ދާ ރަށު މީހަކަށް ފެނިއްޖެނަމަ ވާހަކަތައް ދައްކާނެގޮތްވެސް ނޭނގޭތީއެވެ. އޭޝާގެ މަންމަމެންނާއި ހަމައަށް އެވާހަކަތައް ގޮސްދާނެތީއެވެ. ނަމަވެސް ގެއަށް ދިއުން ނޫންގޮތެއް ދެން އޭޝާއަކަށް ނެތެވެ. އެބިރަށް މަޑުކޮށްފި ނަމަ އިރުއަރާފާނެއެވެ. އޭރުން އަދި އެމަންޒަރު ފެންނަ މީހުން މާގިނަވާނެތާއެވެ. މިފަދަ ފިކުރެއްގައި ހުރެ އޭޝާ ހިނގަމުން ދިޔައެވެ. ވަށައި ހޯދައި ބަލަމުންނެވެ. އޭރު އިރުއިރުކޮޅާ ޖުނޭދު އޭޝާއަށް ދޯ އަޅަމުންދެއެވެ. އެއީ ކޮން ދޯ އެއްކަން ނޭނގުނު ނަމަވެސް އޭޝާ ދިޔައީ ބޯޖަހަމުންނެވެ. ބައެއްފަހަރު ބޯޖަހަން ނުޖެހޭ ތަންތަނަށްވެސް ބޯޖަހާލެވެއެވެ. އެހެންކަންތައް ވާއިރަށް ހަސަނުގެ ގާތަށް އަންނަނީ އަމަށަކު ހިންޏެއްނޫނެވެ.

“އޭޝާ ނިދިބުރާންތިކައިފަތަ؟” ސުވާލުކުރަމުން ހަސަނު ހޭންފެށިއެވެ. އެހިސާބުން އޭޝާއަށް ހޭވެރިކަންވީކަހަލައެވެ. އޭރު ޖުނޭދު ހުރީ އެމަގުގެ ހުޅަނގުފަރާތު ހުރި ބޫތެއްގެ ތެރެއަށް ވަދެއެވެ. ކުރަނީ ކީއްކަމެއް އޭޝާއަކަށް ނޭނގެއެވެ. އޭނާ އަންނަންދެން ހަސަނު މަޑުކޮށްލުމުން އޭޝާވެސް މަޑުކޮށްލީއެވެ. އިރުކޮޅެއް ނުވެ ޖުނޭދު އައިސްފިއެވެ. ފޯނު ބޫތަކީ އޭޝާމެންގެއާއި ވަރަށް ކައިރީގައި ހުރި ބޫތެއް ކަމުން، ދެން މާކަދުރަކަށް ހިނގާކަށް ނުޖެހޭނެއެވެ. އެހެންވެ އޭޝާ މަޑުހިނގުމެއްގައި ޖުނޭދުމެން ފުލުން ނައްޓާލިއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގެއަށް ދެވޭނެތީއެވެ.

އޭޝާގެ ގެއާ އަރައިހަމަވުމުން ޖުނޭދު ސަލާމަށް އޭޝާއަށް އަތްދިއްކޮލިއެވެ. އަދި ދުވަހަކުވެސް ތިޔަވެދިން އެހީ ހަނދާންނުނެތޭނެ ކަމަށް ބުނެލިއެވެ. އޭރު ޖުނޭދުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އޭނާ އެރަށުން ދާން ބޭނުން ނުވާ ކަހަލައެވެ. އެކަން ހަސަނަށްވެސް ފާހަގަވެއްޖެއެވެ.

“އޭތް މަށަކަށް ހީއެއްނުވޭ ކަލޭ މިރަށުން ދާހިތްވާނެހެނެއް!” ސަމާސާކޮށްލަމުން އޭޝާއަށް ހަސަނު ދޯ އަޅާލީ ސީދާ ޖުނޭދާ ދިމާކުރުމަށް ބާރަކަށް އެދިއެވެ. އެހެންވެ އޭޝާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ޖުނޭދު އެ ސަމާސާއަކަށް ނުބެލިއެވެ. އޭނާ އޭޝާގެ އަތުގައި ހިފައިގެން ހަމަ ހުރީއެވެ. އެންމެފަހުން އޭޝާ އަތްދަމައިގެންފިއެވެ. ކޮންމެފަހަރަކުވެސް ޖުނޭދު އޭޝާގެ އަތުގައި ހިފައިގެން މާގިނައިރު ކުރާތީ އޭޝާއަށްވެސް އުނދަގޫވާގޮތް ވެއެވެ. ނަމަވެސް އެހެން ބުނާކަށް ނުކެރޭނެތާއެވެ.

“އަސްލު މިރަށަށް ޑިއުޓީ ބަދަލުކޮށްލަންވީ.” އޭޝާ ޖުނޭދުގެ އަތުތެރޭން އަތްދަމައިގަތްވަގުތު ޖުނޭދު އޭނާއަށް ވިސްނޭގޮތް ހުށައެޅިއެވެ. ހަސަނު މިފަހަރު އެރީ ޖުނޭދާ އެއްކޮޅަށެވެ. އަދި މާއަވަހަށް ދާންޖެހޭތީ އޭނާވެސް ކަންބޮޑުވުން ފާޅުކޮށްލިއެވެ. އެހެނަސް އެމީހުންނަކީ ސިފައިންގެ ޓްރޭނިންގ ނިންމާ އައްޑޫއިން މާލެދިޔަ މަގުމަތީ ލ. އަތޮޅުގައި އެންމެ ރެއަކަށް މަޑުކޮށްލި ބައެކެވެ. އެހެންކަމުން ވަގުތަށް ފުރަންޖެހޭނެއެވެ. އެއީ އަންގާފައިވާ ގޮތެވެ. އެކަމާ އެމީހުންނަށް ކުރެވޭނޭ އެއްކަމެއްވެސް ނޯންނާނެއެވެ.

“އަހަރެން ގުޅާނަން.” މިހެން ބުނެ ޖުނޭދު ހަސަނާއެކު ފުރަންދާން ނައްޓާލިއެވެ. އެއާއެކު އޭޝާގެ ހިތުގައި ހާސް ސުވާލު އުފެދުނެވެ. އޭނާ ގުޅާނީ ކޮންތާކަށް ހެއްޔެވެ؟ ކާކަށް ހެއްޔެވެ؟ އޭނާ އޭޝާ ހޯދާނީ ކިހިނެތް ހެއްޔެވެ؟ ނަމަވެސް އެ ސުވާލުތައް ކުރާކަށް ޖުނޭދެއް ނެތެވެ. އެހެންވެ އެމީހުންނަށް ނިޔާމަދަތުރަކަށް އެދެމުން އޭޝާ އަވަސް އަވަހަށް ގެއަށް އައިސްވަނެވެ.

އެދުވަސްވަރަކީ ދެހާހުގެ އަހަރުތައް ފެށިގެން އުޅުނު ދުވަސްވަރެވެ. އޭރު ލ. އަތޮޅުގައި ފޯނު ބޫތު ނޫން އެއްޗެއް ނުހުރެއެވެ. މިޒަމާނުހެން މޯބައިލް ފޯނުތަކެއް ނުގެންގުޅެއެވެ. އެހެންކަމުން ޖުނޭދު ގުޅާނެ ގޮތަކާ މެދު އޭޝާއަށް ހަމަ ވިސްނެނީއެވެ. ނަމަވެސް އެކަމާ މާބޮޑަށް ބޯގޮށްވާކަށް އޭޝާ ބޭނުމެއްނުވިއެވެ. ގެއަށް ވަނުމާއެކު އޭޝާ އަވަސްވެގަތީ ނަމާދުކޮށްލާށެވެ. އަދި ކޮޓަރީގައި ތިބި ކޮއްކޮމެން ހޭނުލަނީސް އޭނާ ސުކޫލަށްދާން ތައްޔާރުވެލިއެވެ. އޭރު ގަޑިޖެހެން ގާތްވެސް ނެތެވެ. ނަމަވެސް ދެން އޭޝާ ނިދައިފިނަމަ ހޭނުލެވިދާނެއެވެ. އެހެންވެ އޭޝާ ބެލީ ތައްޔާރުވެލައި، ސައިބޯލައި ހަދާލައިގެން މަޑުކޮށްލާށެވެ.

ގަޑީގެ ކަށި 6:30 ހާއި އަރައި ހަމަވުމުން އޭޝާ ސުކޫލަށް ދާން ހިނގައިގަތެވެ. ގަޑިޖެހެން ބާކީ ހުރީ 15 ވަރަކަށް މިނެޓް ކަމަށްވާތީއެވެ. ސުކޫލަށް ގޮސް ވަދެވުމާއެކު ނިދީގެ ކަންނެތްކަން ފިލައި ދިޔަހެން އޭޝާއަށް ހީވިއެވެ. މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ކުދިކުދި، ކުދިބަޔަކާއި ދިމާވާއިރު ކިހާ ހިތްހަމަޖެހޭނެ ހެއްޔެވެ؟ ކުދިންނަކީ ހިތްތަކުގެ އުފަލެވެ. ޚާއްސަކޮށް މުދައްރިސުންގެ ހިތްތަކުގެ ތާޖުތަކެވެ. އެހެންކަމުން އެކަމުގެ އަސަރު އޭޝާގެ ނިންޖަށްވެސް ފޯރުވާލީއެވެ. އެއާއެކު ގަޑިތައް ނެގުމުގައި ވަރުބަލިކަމެއްނެތި އޭޝާ މަސައްކަތް ކުރަންފެށިއެވެ. އޭނާގެ މިތުރާއެކުގައެވެ. އެދުވަހު ސުކޫލު ނިންމާލިއިރު ވެސް އޭޝާގެ މޫނުމަތިން ނިދީގެ އަސަރެއްވެސް ފާޅެއް ނުވެއެވެ. އެހެނަސް ދޭއް ޖެހުމާއި ގާތްވުމުން ކައިގެން ނިދަން ދާންވީކަމުގައި އޭޝާ ބުނެލިއެވެ. އޭޝާ މިހެންބުނުމުން އައިންތު ލޯ ބޮޑުކޮށްލާފައި އޭޝާއާއި ދިމާއަށް ބަލާލިއެވެ. އެހިސާބުން ކަމެއް ސާފުކުރަން އައިންތު ބޭނުންވާކަން އޭޝާއަށް އެނގިއްޖެއެވެ. އައިންތު އެ އިޝާރާތައް ޖަވާބުދެމުން ރޭ ނުނިދައި އުޅުނު ވާހަކަތައް އޭޝާ އައިންތުއާއި ހިއްސާކުރިއެވެ. އަދި ޖުނޭދާއި ދިމާވި ވާހަކަޔާއި އޭނާ ޖުނޭދާދޭތެރޭ ޙަމްދަރުދީ ވާ ވާހަކަވެސް ބުނެލިއެވެ. އެންމެފަހުން އޭޝާގެ ވާހަކަތައް އަޑުއަހާފައި އައިތަނުން ކުރީ އެންމެ ސުވާލެކެވެ.

“އަނެއްކާ ކަމެއްގެ ސިގްނަލެއް ނޫންތަ؟” މަޖަލަކަށް ހަދައި އައިންތު އެކުރި ސުވާލަށް އޭޝާއަށް ޖަވާބުދޭކަށް ނޭނގުނެވެ. އެކަން އޭޝާއަށްވެސް ވީ އިތުރު ވިސްނުމަކަށް ދާންޖެހުނު ކަމަކަށެވެ.

ދޭއް ޖެހުމާއެކު އޭޝާ ގެއަށްދާން ނައްޓާލިއެވެ. އައިންތުވެސް އޭޝާގެ ފުލުން ނައްޓާލިއެވެ. ދެމީހުން ޖުނޭދުގެ ވާހަކަ ދައްކަމުން ނައްޓާލިއެއްކަމަކު ވަކި ހިސާބަކުން ވާހަކަ މެދު ކަނޑާލަން ޖެހޭނެއެވެ. އެއީ ދެމީހުން ދާނީ ރަށުގެ ދެކޮޅަށް ކަމަށް ވާތީއެވެ. އެހެންވެ ފަހުން އެވާހަކަ ދައްކާނެކަމަށް ބުނެ އޭޝާ ގެއަށް ދާން މިސްރާބުޖެހިއެވެ. ބާރު ހިނގުމެއްގައެވެ. މިހާރު ހީވަނީ ނިދިފުލުން އަންނަހެނެވެ. އެއަށް އަތުނުވެ ގެއަށް ގޮސް އެނދަށް އަރަން އޭޝާ ހުރީ ބޭނުންވެފައެވެ. ވާނީވެސް އެހެންތާއެވެ. ރޭ އުޅުނީ އެންމެ ނިދިކޮޅެއްވެސް ނުނިދައެވެ. ލޮޑުކަން އިޙްސާސް ނުވާންވީ ސަބަބެއްނެތެވެ. ގެއަށް ވަނުމާއެކު ދަބަސް ނަގައި އެނދުމައްޗަށް އެއްލިއެވެ. އަދި މެންދުރު ކާލައިގެން ފެންވަރާލުމަށްފަހު މެންދުރު ނަމާދުކޮށްލުމާއެކު އެނދަށް އެރީ ނިދާށެވެ. އެނދުގެ ބާލީހުގައި ބޯއެޅުނުކަންވެސް ނޭނގެއެވެ. ގަދަ ނިދީގައި އޭޝާއަށް ނިދިއްޖެއެވެ.

އޭގެ އަނެއްދުވަހެވެ. އެދުވަހުވެސް އޭޝާގެ ދުވަހުގެ ޝެޑިއުލް ފެށުނީ ސުކޫލުންނެވެ. ކަންތައްވީ ވެސް ހަމަ ކުރީ ދުވަހެކޭ އެއްގޮތަށެވެ. ކިޔަވައިދިނުމުގައި އަވަދިނެތި އުޅުން ނޫން ދެން އޮންނާނީ ވަކި ކޮންކަމެއް ހެއްޔެވެ. އޭޝާގެ މަސައްކަތަކީ އެއީއެވެ. ވަޒީފާއަކީ އެއީއެވެ. އުފަލަކީ އެއީއެވެ. ނަމަވެސް މިހާރު އޭނާ އިތުރު ވިސްނުމެއް ވިސްނައެވެ. ޖުނޭދުގެ ފިކުރެވެ. ގުޅާނަމޭ ބުނެ ފުރައިގެން ދިޔަތާ މިއަދަށް ދެ ދުވަސްވަނީއެވެ. ނަމަވެސް ޚަބަރެއް ނުވެއެވެ. މިފިކުރުގައި އިނދެ ސުކޫލުގެ ގޭޓުން އޭޝާ ނިކުތެވެ. އޭރު އައިންތު ގޭޓުކައިރީ އޭޝާގެ އިންތިޒާރުގައި އިނެވެ. ދެމީހުން އަބަދުވެސް ގެއަށްދާން ނިކުންނާނީ އެއްކޮށެވެ. އެހެންވެ އެކަން އެގޮތަށް އައިންތު ކުރީއެވެ. އޭޝާ މެންނަށް މާދުރަށް ނުދެވެނީސް އެމަގުގެ ސުކޫލާވީ ފަޅީގައި އިން ނަރީމާން އޭޝާއަށް ގޮވާލިއެވެ.

“އަހަރެން މިއިންނަނީ އޭޝާ ހޯދަން މަޑުކޮށްލައިގެން.” ނަރީމާން ބުންޏެވެ.

“އެއީ…؟” އޭޝާއަށް ކުރެވުނީ ސުވަލެކެވެ. ސަބަބަކީ ނަރީމާނަކީ ބެލެނިވެރިއަކަށް ނުވުމެވެ. ވީއިރު އޭޝާ ހޯދަން ސުކޫލު ދޮށަށް އޭނާ އަންނަންޖެހޭ ސަބަބެއް ނޯންނާނެއެވެ. އެހެންވެ އޭޝާއަށް ހައިރާންކަމެއް ލިބުނީއެވެ.

ނަރީމާނުގެ ޖަވާބު އޭޝާގެ މޫނުމައްޗަށް ވެރިވި ހައިރާންކަން ބަދަލުކޮށްލިއެވެ. އެ ޖަވާބުން އޭޝާގެ މޫނުމައްޗަށް އުފާވެރިކަން ގެނުވިއެވެ. ނަރީމާން އޭޝާ ހޯދީ ފޯނުބޫތަށް އައި ފޯނަކާ ގުޅިގެންނެވެ.

“ރޭވެސް އެކޯލާ ދިމާވި. މިއަދުވެސް ހަމަ އަހަންނަށް މި ދިމާވީ. ރޭ އޭޝާ ހޯދަން ތިގެއަށް ދިޔައިމަ މަންމަ ބުނީ ނިދާފައޭ. އެހެންވެ އަހަރެންވެސް ދިޔައީ ގެއަށް. އެކަމު މިއަދު ނުކެރު އެކުއްޖާއަށް އެހެންހަދާކަށް! އެހެންވެ އޭޝާހޯދަން މިއައީ!” ނަރީމާން އޭނާ އޭޝާ ހޯދާ ސަބަބު ވަރަށް ތަފްޞީލުކޮށް ކިޔައިދިނެވެ. އެވަގުތު އައިންތުގެ މޫނަށް ބަލާލަމުން އުފަލުން ހުރެ ބާރު ސުޕީޑުގައި އޭޝާ ފޯނުބޫތާއި ދިމާއަށްދާން ހިނގައިގެންފިއެވެ. ފަޔަށްލެވުނު ބާރެއްލާފައި ނައްޓާލީ ނަރީމާން ބުނި ގަޑިޖެހޭތީއެވެ. އެއީ ދެވަނަ ދެމީހަކަށް ނުވާނެއެވެ. އެއީ ޖުނޭދެވެ. އޭޝާގެ ހިތް ބުނަމުންދިޔައެވެ. ނަމަވެސް ޖުނޭދު އޭޝާއަށް ގުޅާނެ ހެއްޔެވެ؟ އޭނާއަށް ބޫތު ނަންބަރު އެނގޭނެ ބާއޭ؟ މިފަދަ ސުވާލުތަކަކުން އޭޝާގެ އުފާވެރި މޫޑަށް ބަދަލު އަންނަ ފަހަރުވެސް އާދެއެވެ. އެންމެ ފަހުން އޭޝާ ނިންމީ ކޫސަނި ވިސްނުން ނުވިސްނައި ފޯނަށް އިންތިޒާރުކުރާށެވެ.

ގަޑީގެ ކަށިގޮސް 2:15އާ އަރައި ހަމަވިތަނާހެން ފޯނު ރިންގުވާން ފަށައިފިއެވެ. އޭޝާ އަވަސް އަވަހަށް ގޮސް ފޯނުނެގިއެވެ. ބާރުބާރަށް ތެޅެމުންދާ ހިތަކައިގެންނެވެ. އެކޮޅުން ވާހަކަދެއްކި މީހާ އެދުނީ އޭޝާއަށް ގޮވާލަދިނުމަށެވެ.

“ހެލޯ ތިރަށު އުޅޭ އޭޝާ މިސްއަށް ފޯނަކަށް ބުނެލަދެވިދާނެތޯ؟” މަޑުމައިތިރިކަމާއި އެކު އެމީހަކު ވާހަކަ ދެއްކިއެވެ. އޭރު ފޯނުނަގައިގެން ހުރީ އޭޝާއެވެ. އޭޝާގެ ކަންފަތުގައި އެމީހާގެ އަޑުޖެހުމާއެކު އެއީ ޖުނޭދުކަން ޔަޤީންވިއެވެ.

“ޖުނޭތަ؟” ވަގުތުން އަވަސްއަވަހަށް އޭޝާއަށް ސުވާލުކުރެވުނެވެ. އެއާއެކު ޖުނޭދަށް ވެސް އޭޝާ ފާހަގަ ވެއްޖެއެވެ. އަދި އަޅެ ދިމާވެއްޖެދޯއޭ ބުނެ ވާހަކަދައްކަން ފެށިއެވެ. ފުންނޭވާއެއްލަމުންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ނަޞީރާ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް