ޝަމްއާން ސިއްސައިގެން ދިޔައީ ދަރިފުޅު ރޮއިގަތް އަޑަށެވެ. އަވަހަށް ތެދުވެ ދަރިފުޅު އުރައިލިއެވެ. ޝަމްއާން އަކީ ފިރިހެނެއް ނަމަވެސް ދަރިފުޅުގެ ހުރިހައި ކަމެއް ބަލަހައްޓަނީ އޭނާ އެވެ. ވާނީވެސް އެހެންތާއެވެ. ޝަމްއާންގެ ހުރި ހަމަ އެކަނި ދަރިފުޅަކީވެސް އެއީއެވެ. ދަރިފުޅުގެ މަންމަ ޒިހުނާ ނިޔާވި ފަހުން އެހެން މީހަކާއި ކައިވެނި ކުރާކަށް ޝަމްއާން އެއް ބޭނުމެއް ނޫނެވެ. އެއީ ޝަމްއާންގެ އާއިލާގެ މަޖުބޫރުން ކުރި ކައިވެންޏެއް ނަމަވެސް ޒިހުނާ ދެކެ ކޮންމެވެސް ވަރަކަށް ޝަމްއާން ލޯބިވެއެވެ. އެކައިވެންޏަށް ދެއަހަރު ފުރުނު ތަނާހެން ޒިހުނާ މިދުނިޔެ ދޫކޮށް ދިޔައީ ޝަމްއާން އަށް އަގު ނުކުރެވޭ ފަދަ އަމާނާތެއް ހަވާލު ކޮއްފައެވެ. ކުޑަކުޑަ ޔަމީންއެވެ. ޝަމްއާންގެ ފަރާތުން ޒިހުނާއަށް ނުދެވުނު ލޯބި ކުޑަކުޑަ ޔަމީން އަށް ދޭން އޭނާ ބޭނުމެވެ. ރަށު ތެރޭގައި އެކި ގޮތް ގޮތަށް ޒިހުނާގެ މަރުގެ ވާހަކަ ދައްކައެވެ. ނަމަވެސް ޒިހުނާ މަރުވީ ހަށިގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިގެނެއް ނޫނެވެ. އެކަން ހަމަ ޔަގީނުންވެސް ޝަމްއާން އަށް އެނގެއެވެ. ބައެއް މީހުން އެއީ ފަންދިތަވެރިކަމެކޭވެސް ކިޔައި އުޅެއެވެ. އަދި ބަޔަކު މީހުން ޝަމްއާން އަށް ހަދާފައި ހުރި ސިހުރެއްގެ ސަބަބުން ކަމަށްވެސް ބުނެއެވެ ނަމަވެސް އޭނާއަކަށް އެކަހަލަ އެއްވެސް ކަމެއް ފެނިފައި ނެތެވެ.

ޝަމްއާން ދަރިފުޅު ނިންދަވާފައި ގޮސް އެނދުގައި އޮށޯތެވެ. ނިދާލެވޭތޯއެވެ. ކޮންމެ ރެއަކުވެސް އޭނާއަށް ނިދޭނީ ވަރަށް މަދު ވަގުތު ކޮޅެއްގައެވެ. ޝަމްއާން ގާތަށް ނިންޖެއް ނައެވެ. މާދަމާ އޮފީހަށްވެސް ދާން ޖެހޭނެއެވެ. އެއްވެސް މީހަކު ޒިހުނާ މަރާލަފާނެބާއެވެ. ޒިހުނާއަކީ އެއްވެސް މީހަކަށް އުނދަގޫ ކުރަމުން ދާ އަންހެން ކުއްޖެއް ނޫނެވެ. ސްކޫލް ދައުރުގަވެސް ޒިހުނާއަކީ މަދު މައިތިރި ރިވެތި އަޚްލާގު ލިބިފައިވާ ރީތި ދޮން ކުއްޖެކެއެވެ. އޭރު ޝަމްއާން އުޅުނީ އެހެން ކުއްޖަކާއި ރައްޓެހިވެގެންނެވެ. ޒިހުނާ ވަރަށް ރަނގަޅު ނޫނަސް އެއީވެސް ބަސްއަހާ ކުއްޖެއެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެކަންވެސް އެނގެއެވެ. އެ ކުއްޖާއާއި ކައިވެނި ކުރަން ހުރިހާކަމެއް ތައްޔާރު ކޮއްފައި ހުއްޓާ ޝަމްއާންގެ އާއިލާއިން ޒިހުނާ އާއި ކައިވެނި ކުރުވީއެވެ. އަނެއްކާ އެކުއްޖާ ސިހުރު ހަދައިފާނެބާއެވެ. މިޚިޔާލުގައި އޮއްވާ ޝަމްއާން ސިހިގެން ދިޔައީ މަންމަ ކޮޓަރީގެ ދޮރު ހުޅުވައިލިއަޑަށެވެ. ޝަމްއާން ލޯ މަރައިލިއެވެ. ނިދާފަ ކަމަށް ހެދުނީއެވެ. މަންމަ ދެރަވެދާނެތީއެވެ. ޝަމްއާން ވަޒީފާއަށް ދާ ގަޑީގައި ޔަމީންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ޝަމްއާންގެ މަންމަ ސަކީނާއެވެ.

ޝަމްއާން އަށް ހެނދުނު ހޭލެވުނީ ގަޑި އެލާމް ވާ އަޑަށެވެ. އަވަހަށް ތެދުވެ ފެންވަރަން ވަނެވެ. އެއިރުވެސް ޔަމީން ނިދާފައި އޮތެވެ. ޝަމްއާން ފެންވަރައިގެން ނިކުތް އިރު ޔަމީން ގޮވައިގެން ސަކީނާ ބަދިގެ ތެރޭގައި އުޅެއެވެ. ބައްޕަވެސް މިއަދު ބަލިކޮށް އުޅޭތީ މަހަކަށް ނުދެއެވެ.

”އަހަރެން އަތަށް ޔަމީން ދީފައި މަންމަ ދޭ ސައި ހަދައިދޭން” ޔަމީން އުރައިލަމުން ޝަމްއާން ބުނެލިއެވެ. ސަކީނާ ދިޔައި ސައި ހަދާށެވެ. ސައި ހަދާކަށް މާ ގިނައިރެއް ނުނަގައެވެ. ސަކީނާ އެމީހުންނަށް ސައިބޯން ގޮވިއެވެ. ޝަމްއާން އާއި ބައްޕަ ސައިބޯން އިށީނެވެ. ކުޑަކުޑަ ޔަމީން އިނީ އޭނަގެ ބައްޕަ ޝަމްއާން އުނގުގައެވެ. ޝަމްއާން އޮފީހަށް ދާން ހިނގައިގަތުމުން ޔަމީން ރޯން ފަށައިފިއެވެ. އޭނަގެ ބައްޕައާއި އެކީގައި ދާށެވެ.އެ މަންޒަރު ބަލަން ހުރެފައި ޝަމްއާން ހިނގައިގެންފިއެވެ. އޮފީހަށް ދާހިތަކުން ނޫނެވެ. ދަރިފުޅު ދޫކޮއްލާފައި ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދަރިފުޅުގެ މުސްތަޤްބަލަށް ވިސްނާފައި ދަނީއެވެ.

ޝަމްއާން އަށް ގަޑި ނުޖެހި އޮފީހަށް ދެވުނީ ހަމަ ކިރިޔާއެވެ. މިއީ އަބަދު އާދައެވެ. އޮފީހަށް ދިޔަކަސް މަސައްކަތް ކުރާ ހިތެއް ނުވެއެވެ. އަބަދު އެކަނިވެރި ދިރިއުޅުމާއި ދޭތެރޭގައި ވިސްނެނީއެވެ. އެހެން މީހުން އުޅެނީ ހާދަ އުފަލުގައޭ ހިތަށް އަރައެވެ. އެކަމަކު އެއަށް ވުރެ މާ ބޮޑު ކަމެއް އެބައޮތެވެ. ޒިހުނާގެ މަރުގެ ވާހަކައެވެ. ބައެއް މީހުން އެކަމުގެ ޒިންމާ ޝަމްއާންގެ ބޮލުގައި އަޅުވައެވެ. އެކަމާއި ޝަމްއާން ވަރަށް ދެރަވެއެވެ. އަދި ޝަމްއާން އަށް ބަޔަކު ސިހުރު ހަދާފާނޭ ވަރުގެ ކަމެއް ދުވަހަކުވެސް ނުކުރެއެވެ. ޝަމްއާން އަކީ ލޯބީގެ ގޮތުން އެހެން މީހުން ގޮތަށް ގިނަ ލޯބިވެރިން ގެންގުޅުނު މީހެއްވެސް ނޫނެވެ.

”އޭ ކޮން ކަމަކާއި ތި އިންނަނީ ގެއްލިފައި. މިތަނުން ސަޅި ބިޓެއް ހޯދަބަލަ” ވާސިފް އައިސް ޝަމްއާންގެ މޭޒު ކައިރީގައި އިށީނެވެ.

”އަހަރެން މިއުޅެނީ މިކަމުން ސަލާމަތް ނުވެވިގެން. ޒިހޫ މަރާއި ގުޅޭ ވާހަކަ” ޝަމްއާން ބުނެލިއެވެ.

”ދެން އެކަން ހަނދާން ނައްތާލާ. އެކަން ނިމުނީ. ދެން ރަނގަޅު ދިމާލަށް މިސްރާބު ޖަހާ” ވާސިފް އެހެން ބުނެފައި އޮފީހުން ބޭރަށް ދާން ހިނގައިގެންފިއެވެ. ޝަމްއާންވެސް އޮފީސް ނިމުމާއި އެކު ގެއަށް އަންނަން ހިނގައިގަތެވެ. ޝަމްއާން ގަސްތު ކުރީ ޒިހޫ މެން ގެއަށް ވަދެލާފައި ގެއަށް ދާށެވެ. ގޯތި ތެރެއަށް ވަންއިރު ޖޯލިފަތީގައި ޒިހުނާގެ މަންމަ އާއި ކޮއްކޮ ތިއްބެވެ. ޝަމްއާން ފެނުމާއި އެކު ޔަމީން ކޮބައިތޯ އެމީހުން ސުވާލު ކުރިއެވެ. އެމީހުން ޔަމީން ދެކެ ވަރަށް ލޯބިވެއެވެ. ޒިހުނާގެ މަންމަމެންގެ ގެއަށް ގެނެސްގެން ވެސް އުޅެއެވެ. ޝަމްއާން އެގެއިން ނިކުމެގެން މާދުރަށް ނުދެވެނީސް ޔަމީން ގޮވައިގެން ބައްޕަ އަންނަނިކޮށް ފެނުނެވެ. ޝަމްއާން ގޮސް ދަރިފުޅު އުރައިލިއެވެ. އަދި ގެއަށް ދާން ހިނގައިގަތެވެ. ނަމަވެސް ޝަމްއާންގެ ދަރިފުޅު އެކަމާއި ދެކޮޅު ހެދިއެވެ. ވާހަކަ ނުދެއްކުނަސް ރޮއިގެން އޭނާ ބޭނުންވާ ކަންތަށް އެހެން މީހުންނަށް އަންގައެވެ. ޔަމާން ގެއަށް ދާން ދެކޮޅު ހެދުމުން ޝަމްއާން ގެއަށް ދާން ހިނގައިގެންފިއެވެ. ޝަމްއާން ހުރީ ވަރުބަލިވެސް ވެފައެވެ. އެހެން ކަމުން ގެއަށް ގޮސް ފެންވަރައިލައިގެން ގޮސް އޮށޯތެވެ. ދަރިފުޅު ގެއަށް ގެނައިމަ ބޭރަށް ނިކުމެލާނޭ ހިތާ އޮއްވާ ޝަމްއާން އަށް ނިދިއްޖެއެވެ. ހޭލެވުނީ އިޝާނަމަދަށް ބަންގި ގޮވަނިކޮށެވެ. އަވަހަށް ތެދުވެ ގިފިއްޔަށް ވަނެވެ. ފެންވަރައިގެން ނިކުތްއިރު އެއްވެސް މީހަކު ގޭތެރޭގައި ނޫޅެއެވެ. ޝަމްއާން ގޮސް ބޭރުގައި ހުރި ޖޯލިފަތީގައި އިށީނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގޭތެރެއިން މީހަކު ނިކުމެގެން ދިޔަހެން ހީވެގެން މަންމަ ކަމަށް ހީކޮށް ގޮވައިލިއެވެ. އެމީހަކަށް އަޑު އިވުނުކަމަށް ނުވިއެވެ. ނަމަވެސް އެއީ ހީވި ގޮތެއް ކަމަށް ހިތައި އޮށޯތެވެ. އެވަގުތު މަންމަ އައިސް ގޯތި ތެރެއަށް ވަނެވެ.

”ދެންމެ މަންމައެއް ނޫންތަ ނިކުމެގެން ދިޔައީ” ޝަމްއާން އިނީ ކުޑަކޮށް ބިރުގެންފައެވެ.

”އާނ ދެންމެ މަންމަ އަލިފުޅުބެގެ ގެއަށް ގޮސްފައި މިއައީ” މަންމަ ބުނެލިއެވެ.

ޔަމީން އުރާލައިގެން ޝަމްއާން ވަނީ ގެތެރެއަށެވެ. ބައްޕަވެސް މިސްކިތަށް ދިޔަ ގޮތަކަށް އަދި ނާދެއެވެ. މަންމަވެސް ދިޔައީ ބަދިގެއާއި ދިމާއަށެވެ. ޝަމްއާން ގޮސް ކޮޓަރިއަށް ވަނެވެ. ޔަމީންވެސް ފިރުކެމުން ޝަމްއާން ފަހަތުން ކޮޓަރިތެރެއަށް ވަނެވެ. ޝަމްއާން އެނބުރި ބަލައިލިއެވެ. އެއިރު ޔަމީން އަތުގައި ތަވީދެއް އޮތެވެ. ތަވީދު އެޅުމާއި ފަންޑިތަ ހެދުމަކީ ޝަމްއާން ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ދަރިފުޅު އުރައިލައިގެން މަންމަ ގާތަށް ބަދިގެއަށް ދިޔައެވެ.

”ކާކު އެޅުވި ތަވިދެއްތަ މިއީ” ޝަމްއާން ހުރީ ހިތްހަމަ ނުޖެހިފައެވެ.

”ތިއީ ޔަމީން އަށް މީހުންގެ އެސްފީނާ ޖެހިދާނެތީ އެޅުވި ތަވީދެއް” ޝަމްއާންގެ މަންމަ ސަކީނާ ބުނެލިއެވެ.

”ދެން ޔަމީން އަތުގައި ތަވީދު އެޅުވީމަ ހީވަނީ ރާވެރިއެއް ހެން” ޝަމްއާން އެހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ޝަމްއާން ހުރީ ހިތްހަމަ ނުޖެހިފައެވެ. އެހާ ލޯބިވާ ދަރިފުޅަށް އޭނާ ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް އެއްވެސް މީހަކު ކުރާކަށް ނޭދެއެވެ. މަންމަ ގޮވާލިއަޑަށް ޝަމްއާން ދޮރު ހުޅުވިއެވެ. މަންމަ ކޮޓަރި އަށް ވަދެ އެނދުގައި އިށީނެވެ. މަންމަ އިނީ ވަރަށް ދެރަފެއެވެ.

”ދަރިފުޅު ކުޑައިރު ދަރިފުޅުގެ ބައްޕަގެ އާއިލާ އިން އަހަރެމެންނަށް ވަރަށް ފަންޑިތަ ހެދި” މަންމަ ބުނެލުމާއި އެކު ޝަމްއާން ބިރުގަތެވެ. އަދި ބައްޕަގެ އާއިލާގެ މީހުން ދެކެ ރުޅިއައެވެ. އަނެއްކާވެސް މަންމަ ވާހަކަ ދައްކަން ފެށިއެވެ.

”އެއީ މަންމަގެ އުމުރުން ވިހި އަހަރު ފުރުނު ދުވަސް. އޭރު ދަރިފުޅުގެ އުމުރުން އެއް އަހަރު. މަންމަ ވަރުބަލި ވާން ފެށި . ޑޮކްޓަރަށް ދެއްކުމުން ބުނީ ލޭ މަދުވީ ކަމަށް. ދެން ވާން ފެށި ގޮތަކީ އަހަރެން އަނބުރައިގަނެގެން ވެއްޓެނީ. ވަރަށް ހާލު ދެރަވި. މިރަށަށް އައި ފަންޑިތަ ހަދާ މީހަކު ރަނގަޅު ކުރީ. އެހެންވެ މަންމަ ބިރުން ޔަމީން އަތުގައި ވެސް ތަވީދު އެޅުވީ” މަންމަ މިވާހަކަ ކިޔައި ދިންއިރު ޝަމްއާން އަށް އިނީ ރޮވިފައެވެ. މަންމަގެ ހާލަތާއި މެދުގައެވެ. އެއީ ކިހާ ގޯސް ބައެއް ހެއްޔެވެ. ޝަމްއާން ހިތަށް އަރަމުން ދިޔައެވެ. ތެދެކެވެ. ޝަމްއާން ކުޑައިރުވެސް އުޅުނީ ވަރަށް ބަލިކޮށެވެ. ރަނގަޅަށް ވާހަކަ ދެއްކެން ފެށުނީވެސް އުމުރުން ބާރަ އަހަރުގައެވެ.

ޔަމީންގެ އުމުރުން ދެ އަހަރު ފުރުނު ދުވަހެވެ. ޝަމްއާން އުޅުނީ އުފަންދުވަހުގެ ޕާޓީއެއް ބޭއްވުމަށެވެ. ގޯތިތެރެ ޒީނަތްތެރި ކުރުމުގައި ޝަމްއާންގެ އެކުވެރިން އުޅެއެވެ. އެއީ އީދު ބަންދު ކަމުން ވަރަށް ގިނަ މީހުން ރަށަށް ވަނީ އައިސްފައެވެ. ރަށުގެ ކުދިންނާއީ ރަށުން ބޭރު ކުދިންނެވެ. އެހެންކަމުން ވަރަށް ގިނަ ކުދިންގެ އެހީތެރިކަން ލިބުނެވެ. ޝަމްއާންގެ މަންމަވެސް ކެއްކުމުގެ ކަންތަކާއިގެން އުޅެއެވެ. ޔަމީންވެސް އޭނާ އެކަނި ގަސްދޮށުގައި ކުޅެން އުޅެއެވެ. ބައެއް ފަހަރު ހީ ހަދައެވެ. އަނެއްބައި ފަހަރު އެ ގަސް ވަށާ ދުވަން ފަށައެވެ. ހީވަނީ މީހަކު ފަހަތުން ދުވާހެނެވެ. ޝަމްއާން ގޮސް ދަރިފުޅު އުރައިލިއެވެ. އެއިރު ކައިރީގައި ކުޑަ ބުޅަލެއް އޮތެވެ. ޝަމްއާން އަށް ވިސްނުނީ ރަނގަޅަށެވެ. ޔަމީން އެދުވުނީ އެބުޅާގެ ފަހަތުންނެވެ. ހަވީރު ގަޑިއަށް މަސައްކަތް ނިންމާލެވުނީ ހަމަ ކިރިޔާއެވެ. ޝަމްއާން ދިޔައީ ފެންވަރާލާށެވެ. ޕާޓީއަށް ކުދިން އަންނަންވާއިރަށެވެ. އަވަސް ކޮއްލައިގެން ޝަމްއާން ބޭރަށް ނިކުތެވެ. އެއިރު ބައެއް ކުދިން އަންނަންވެސް ފަށައިފިއެވެ. މަންމަ ޔަމީންގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. ދަރިފުޅު ހުރީ ވަރަށް އުފަލުންނެވެ. އެކަމަކު ގިނަ ފަހަރަށް އޭނަ ހުންނަނީ އެކަނި ވަކިންނެވެ. ކުޅޭށެވެ. އެހެން ކުދިންނާއި އެކީގައި އުޅޭކަށް ޔަމީން ބޭނުން ނުވާ ކަހަލައެވެ. މިހާރަކަށް އައިސް ޔަމީން އުޅެނީ ވަރަށް އެކަހެރިކޮށެވެ. ކުޅެންވެސް އެހެން ކުދިންނާއި ބައިވެރިއެއް ނުވާނެއެވެ. ޕާޓީ ނިމުނީ މަޢްރިބު ނަމާދަށް ގޮވަން އުޅެނިކޮށެވެ. ޝަމްއާންގެ މަންމަ ސަކީނާ ވަނީ ޔަމީން ގޮވައިގެން ކޮޓަރިއަށެވެ. އެއިރު ޔަމީން އަތް ހޫރަ ހޫރާފައި ވާހަކަދައްކައެވެ. އެކަމަކު ރަނގަޅަށް ވާހަކަ ނުދެއްކޭތީ އެކިޔަނީ ކީކޭ ކަމެއް ސަކީނާ އަކަށް ނޭގެއެވެ.

މިރެއަކީ އީދުގެ ކުޅިވަރު ފެށޭ ރެއެވެ. ކުޅޭ ކުޅިވަރު ތަކުގެ ތެރޭގައި ފުޓްބޯޅަ، ވޮލީ، ބައިބަލާ އަދި މިކަހަލަ އެތައް ކުޅިވަރެއް ހިމެނެއެވެ. އެއަށް ވުރެ ޚާއްސަ ކަމަކަށް އޮތީ މިއުޒިކް ޝޯއެވެ. ޝަމްއާންވެސް ތައްޔާރުވެގެން ދިޔައީ ކުޅިވަރު ކުޅޭ ސަރަހައްދަށެވެ. ޝަމްއާން އަކީވެސް ކޮންމެވެސް ޓީމެއްގެ ކުޅުންތެރިއެކެވެ. ކުޅިވަރު ކުޅޭ ސަރަހައްދުގައި ވަރަށް ގިނަ މީހުން ތިއްބެވެ. އެމީހުން ދިޔައީ ކުޅޭ ޓީމް ތަކަށް ތަރުހީބު ދެމުންނެވެ. ކުޅިވަރު ތައް ނިމުނީ އެގާރަ ޖަހަން އުޅެނިކޮށެވެ. ޝަމްއާން ގެއަށް ދާން ހިނގައިގެންފިއެވެ. ޝަމްއާން އާއި އެކީގައި އެހެން ކުދިންވެސް އައެވެ.

”ޝަމްއާން މަޑުކޮއްލަބަލަ” ފަހަތުން އަންހެން ކުއްޖަކު ގޮވާލި އަޑު އިވިގެން ޝަމްއާން ފަސްއެނބުރި ބަލައިލިއެވެ. ފަހަތުން އަންހެން ގުރޫޕެއް ސަކަރާތް ޖަހަމުން އާދެއެވެ.”ކާކު މަށަށް ގޮވީ” ޝަމްއާން އެމީހުންނާއި ސުވާލު ކުރިއެވެ.

”އޭ ތި އުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މިތަނުން ކުއްޖަކު ސެޓް ކުރަން ދޯ. އަހަރެމެންނެއް ނުގޮވަން” ލާނެތް ފާޑަކަށް އަރޫޝާ ބުނެލިއެވެ.

”ސޮރީ” ޝަމްއާން އަށް ހީވި ގޮތް ކަމަށް ހިތާ ހިގައިގެންފިއެވެ.

”އޭ މި ކުއްޖާ ސަލާމް ބުނި” އަނެއްކާވެސް އަރޫޝާ ގޮވައިލިއެވެ.

އެކަމަކާއި ޝަމްއާން އަޅައެއް ނުލައެވެ. އޭނަގެ އެކުވެރިންނާއި އެކީގައި ހިގައިގަތެވެ. ގެއަށް ދެވުނު އިރު ހުރީ ގަޑިން ބާރަ ޖަހައިފައެވެ. މަންމަ ޝަމްއާންގެ ދަރިފުޅުގެ ގާތުގައި ނިދިފައެވެ. އަވަހަށް ކޮނޑަށް ތުވާލި އެއްލާލައިގެން ގިފިއްޔަށް ވަނެއެވެ. ފެންވަރައިލައިގެން އަވަހަށް ނިދާލަން ބޭނުން ވާތީއެވެ. ޝަމްއާން ފެންވަރަން ފަށައިގަތްތަނާހެން ވާރޭ ވެހެން ފަށައިފިއެވެ. ކުޑަކޮށް ވައިވެސް ގަދަވާން ފަށައިފިއެވެ. މިވީ ހާދަ ރަނގަޅު ގޮތެކޭ ޝަމްއާން ހިތަށް އެރިއެވެ. އަރާމުގައި ނިދާ ލެވޭނެތީއެވެ. ފެންވަރައިގެން ބޭރަށް ނިކުތް އިރު ފަހަތުން މީހަކު އަންނަހެން ހީވެގެން އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝަމްއާން ގޮސް ކޮޓަރިއަށް ވަދެ އޮށޯތެވެ. ކޮޓަރި ތެރޭގައި ދުވަނީ ވަރަށް މީރު ވަހެކެވެ. ވަށައިގެން ހޯދައިލިއެވެ. މީރުވަސްދުވާ އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ”ޔަގީން މަންމަ އެއަރ ފްރެޝްނަރ ފޮރުވީކަން” ޝަމްއާން ހިތާހިތާ ކިޔައިލިއެވެ. ނިދިއައިސްފައި ހުރިވަރުން އެނދުގައި އޮށޯތެވެ. އިރުކޮޅަކުން ޝަމްއާން އަށް ހޭލެވުނީ ކޮޓަރިތެރެއިން މީހަކު ހިނގާ އަޑަށެވެ. ޝަމްއާން ތެދުވެ ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ޝަމްއާންއަށް ހީވިގޮތް ކަމަށް ހިތައި އަނެއްކާވެސް އޮށޯވެ ނިދައިފިއެވެ. އަނެއްކާވެސް ޝަމްއާނަށް ހޭލެވުނީ ކުޅެންދާން ބަޔަކު އައިސް ގޮވާއަޑަށެވެ. ޝަމްއާން އަވަސްކޮއްލައިގެން ބޭރަށް ނިކުތް އިރު ބޮޑު ގްރޫޕެއް އައިސް އޮތެވެ. ”ކޮބާ އަދިވެސް ނިދަނީތަ. އަވަސްކޮއްލައިގެން ހިނގާ ދާން” އެމީހުން ޝަމްއާން ފެނުމުން ބުނެލިއެވެ.

އެމީހުންނަށް ކުޅޭ ސަރަހައްދަށް ދެވުނުއިރު ކުޅިވަރުތައް ވަނީ ފެށިފައެވެ. ދަނޑުގެ ވަށައިގެން ރަށުގެ ކުދިބޮޑު އެންމެން ތިއްބެވެ. ނަމަވެސް ޝަމްއާންމެން ކުޅުން އޮތީ މިރޭގައެވެ. މިއަދު އޮތީ ހަމަ އެކަނި ޕްރެކްޓިސް ކޮއްލުމެވެ. ހަމަ އެކަނި ވޯމްއަޕް ކޮއްލުމަށްފަހު ޝަމްއާން ގޮސް އެތާ ހުރި ގަސްދޮށުގައި އިށީނެވެ. މިއަދު ކުޅުމުގެ މޫޑެއް ނެތް ކަހަލައެވެ.

”ތިއިނީ އެއްކަލަހެން ވެފައި. ހިނގާ ދާން” އަކްރަމް ޝަމްއާންގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. ދެމީހުން ހިނގައިގަތީ ގެއަށް ދާށެވެ. ޝަމްއާން ދާން ވާއިރަށް މަންމަ ސައި ހަދާފައި ހުންނާނެއެވެ.

”ހިނގާ އަހަރެމެންގެ ގެއަށް ދާން މިއަދު. މަންމަ ހުންނާނެ ވަރަށް މީރުކޮށް ސައި ހަދާފައި” ޝަމްއާން އަކްރަމަށް ދައުވަތު ދިނެވެ.

”ނޫނޭ މިއަދަކު ނޫން. އެކަމަކު މިރޭ އަންނާނަން ޝަމްއާން ބަލާ. މިރޭ މިއުޒިކް ކުޅޭތަނަށް ދާން. ވަރަށް ބިޓުން އޮންނާނެ” އަކްރަމް އެހެން ބުނެފައި ގެއަށްދާން ހިނގައިގެންފިއެވެ. އެއީ ތެދެކެވެ. އެތާނގައި ވަރަށް މީހުން އޮންނާނެއެވެ. ނަމަވެސް އެބުނާ ގޮތަށް ބިޓުންގެ ފަހަތުން ޝަމްއާން މިހާރު ދުވާކަށް ބޭނުމެއް ނޫނެވެ. މިހާރު ޝަމްއާން ބޭނުންވަނީ ދަރިފުޅަށް ރަނގަޅު މުސްތަގްބަލެއް ހޯދައި ދިނުމެވެ.

( ނުނިމޭ )

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު އީމާން
މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް