ކޮޓަރިން ނުކުތް އަނީގާގެ ފިޔަވަޅުތައް ކުއްލިއަކަށް ބާރުވީ ނާޖިލާގެ އަޑަށެވެ. ސަލާމަތަށް އެދޭ ފަދައިން ރޮއި ހަޅޭލަމުންދިޔަ ނާޖިލާގެ ވޭނުން ފުރިގެންވީ ރުއިމުގެ އަޑު އަނީގާގެ ހިތުގެ އެންމެ ފުންމިނާއި ހަމައަށް ފޯރިއެވެ. ލިބުނު ހާސްކަމާއި ކަންބޮޑުވުންތަކުގެ އިތުރުން އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދުނެވެ. ކޮންމެ ވެސް ބޮޑު ގޯހެއް ހިނގައިފިއެވެ. އެއްވެސް އިހްތިޔާރަކާއި ނުލައި ދުއްވައިގަނެވުނެވެ.

ފިހާރައިން އައިސް ގެއަށް ވަތްވަގުތު ފެނުނު މަންޒަރާއިއެކު ސިމްނާ ދިޔައީ ސިއްސައިގެންނެވެ. އަހްމަދުގެ އަތުގައި ހިފަހައްޓާލައިގެން ދެ ޕޮލިހުން ތިބިއިރު ނާޖިލާ ހުރީ އަނީގާގެ ކޮނޑުގައި ބޯ އަޅާލައިގެން ރޯށެވެ. ހަށިގަނޑު ނިވާ ކުރުމަށްޓަކައި ގައިގާ ބެޑްޝީޓެއް އޮޅާލާފައި އޮތެވެ. ވާނުވާ ނޭނގި ހުއްޓުން އަރާފައި ހައިރާންކަމާއިއެކު އެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހައިކަލް ވެސް ހުއްޓެވެ. ގިސްލަ ގިސްލާފައި ރޮމުން ނާޖިލާ ދައްކަމުންދިޔަ ވާހަކަތައް އެއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އަހްމަދު ބުނަމުން ދިޔައެވެ.

ނާޖިލާގެ އިތުރުން އަނީގާ ވެސް އަހްމަދުގެ ވާހަކަތަކަށް ރައްދުދެމުން ދިޔައެވެ. އަހްމަދު އެއްވެސް ކަމެއް ނުކުރާނަމަ ނާޖިލާ އެފަދަ ވާހަކައެއް ނުދައްކާނެއެވެ. އަހާލުމެއް ނެތި އެކޮޓަރިއަށް އަހްމަދު ވަދެގެން ވެސް ނުވާނެއެވެ. އެވަރު އަހްމަދަށް ވެސް އެނގޭން ވާނެއެވެ. އަހްމަދަށް ކިތަންމެ އިތުބާރެއް ކުރި ނަމަވެސް ނާޖިލާ އޭނާ އަކަށް ދޮގެއް ނުހަދާނެއެވެ. އަހްމަދަށް އޭނާ ކުރި އިތުބާރާއި އިހުތިރާމް ގެއްލިއްޖެއެވެ. ޒިނާންގެ ދަރިއެއްގެ ފަރާތުން އަނީގާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް އެހެން ހެދުމުން ދެރަވެ ލަދުގަނެއްޖެއެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. ޤާނޫނީގޮތުން އަޅަންވާ ފިޔަވަޅެއް އަޅާށެވެ. އޭނާ ވާހަކަ ދައްކަން ޖެހޭ މީހުންނާއި އޭނާ ވާހަކަ ދައްކާނެއެވެ.

” އަހްމަދުގެ އަތުން ދޫކޮށްލާ … އެމީހުން އެ ހަދަނީ ހުސްދޮގު. ” އަތުގައި ހުރި ކޮތަޅުތައް ބިންމަތީގައި ބަހައްޓަމުން އަހްމަދާއި ދިމާއަށް ސިމްނާ ހިނގައިގަތްއިރު އޭނާގެ ދެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. އަހްމަދު ދޮގެއް ނުހަދާނެކަން އޭނާއަށް ޔަގީނެވެ. ހައިކަލް ދުވެފައި އައިސް ސިމްނާގެ ގައިގާ ބައްދާލިއެވެ.

” އާން. ކަލޭ ތިޔަ ހަދަނީ ހުސްތެދު. އެހެންނުވާނީ މީނާ ރާވައިގެން އަހްމަދު ލައްވާ ކުރުވި ކަމެއްވިއްޔާ. ” ސިމްނާގެ ވާހަކަތައް އަޑު އިވުމުން ނާޖިލާއަކަށް މަޑަކުން ނުހުރެވުނެވެ. އެންމެ ސިކުންތެއް ވެސް ލަސްކުރުމެއްނެތި ވަގުތުން ރައްދު ދިނެވެ.

” ދޮންތާ! … އަހަރެން ސަލާމަތް ކުރޭ. އަހަރެން އެއްވެސް ކަމެއް ނުކުރަން. އަހަރެން އެކޮޓަރިއަށް ވަނީ އޭނާ ބުނެގެން ފާޚާނާބައިގެ ބޮކި ބަދަލުކޮށްދޭން. އޭނާ އުޅުނީ އަހަރެންނާއި ބެހެން. އެކަމަށް އެއްބަސް ނުވީމަ އޭނާ ރާވައިގެން ކުރި ކަމެއްމީ …. ބައްޕައަށް ގުޅާ ހުރިހާ ވާހަކައެއް ކިޔައިދީ. އަހަރެން ޕޮލިހަށް ގެންދިޔަ ވާހަކަ ވެސް ބުނާތި. ހިތްވަރު ކުރާތި. އަދި އަހަރެން އަންނާނަން. ” ރޮމުން ރޮމުން ވާހަކަ ދައްކަމުންދިޔަ އަހްމަދު މަސައްކަތްކުރީ ސިމްނާގެ ހިމާޔަތަށް ދާށެވެ. އެންމެ ފަހަރަކު ނަމަވެސް އޭނާއާ ގާތްވެވޭތޯއެވެ.

ސިމްނާ ދުރައް ޖައްސާލަމުން އަހްމަދު ގޮވައިގެން ޕޮލިހުން އެތަނުން ނުކުތެވެ. ޒިނާނަށް ގުޅޭތޯ މަސައްކަތް ކުރަމުންދިޔަ ސިމްނާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް އަނީގާ އައިސް އޭނާގެ ފޯނު ޖަހައިގެނެ ފާރުގައި ޖަހާ ހަލާކުކޮށްލުމުންނެވެ. ސިމްނާއަކަށް މިފަހަރު މަޑަކުން ނުހުރެވުނެވެ. އަހްމަދާއިމެދު އެމީހުން ކަންތައް ކުރިގޮތުން ސިމްނާ ހުރީ ހަމައިން ނައްޓާގޮތް ވެފައެވެ. އަނީގާގެ ގައިގާ ޖަހަން ސިމްނާ ހޫރާލި އަތް ހުއްޓުވަން ޖެހުނީ ނާޖިލާ އަށެވެ. ވަގުތު ލިބުމާއިއެކު އަނީގާ އަތްދަމާފައި ސިމްނާގެ އަނގަމަތީގައި ޖެހިއެވެ.

” މަންމާ …. ބޭބެ. ” ސިމްނާއަށް ހޭވެރިކަންވީ ހައިކަލްގެ އަޑު އިވުމުންނެވެ.

ހައިކަލް ނަގައި ކިހިލީ ޖަހައިގެން ބޭރަށް ނުކުންނަން ސިމްނާ ދުއްވައިގަތެވެ. ތުންފަތް ފަޅައިގެން ގޮސް ފައިބަމުންދިޔަ ލެޔަކަށް އޭނާ ސަމާލުކަމެއް ނުދިނެވެ.

ޕޮލިހުންގެ ބެލުމުގެ ދަށުގައި ހުރި އަހްމަދަށް އެއްވެސް ވަރެއްގެ ލުޔެއް ލިބޭތޯ އަނީގާ މަސައްކަތް ކުރިއެވެ. މެންދަމު ބާރަ ޖަހަން ކައިރިވެފައިވަނިކޮށް އަވަށު ސްޓޭޝަނަށް އައިސް އެތަނުގައި ހުރި އިސްމީހަކާއި ވެސް ބައްދަލުކުރިއެވެ. އެމީހަކު އަހްމަދާއި ވާހަކަ ދެއްކީ ވެސް އޭގެ ފަހުންނެވެ. އޭގެ ކުރިއަކުން އެއްވެސް މީހަކު އެއްވެސް ވާހަކައެއް އޭނާއާ ނުދައްކައެވެ. އެންމެ ކުޑަމިނުން ސުވާލެއް ވެސް ކޮށްނުލައެވެ.

ވެރިޔާގެ އަރިހަށް އަހްމަދު ގެންދިޔައިރު ވެސް އަނީގާ އެތަނުގައި އިނެވެ. މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދިޔައީ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ. ކަރުނައިގެ އަސަރު ލޮލުގެ ކައިރިން ފިލައި ނުދެއެވެ.

” ދަރިފުޅާ އަހްމަދު. އިތުރަކަށް މަންމަ ދައްކާނެ ވާހަކައެއް ނެތް. މަންމައަށް ކުރެވޭން ހުރި ހުރިހާކަމެއް ކޮށްފިން. ލިބެން އޮތް އެންމެބޮޑު ލުއި ހޯދައިދީފިން. ޝަމާލު ބުނާގޮތަށް ކަންތައް ކުރޭ. ކެތްތެރިވެ ހަމަޖެހޭތި. އަހްމަދަކީ ކެތްތެރި ކިޔަމަންތެރި ދަރިއެއްކަމާއިމެދު މަންމަ ސައްކެއް ނުކުރަން. ފުރިހަމައަށް އިތުބާރު ކުރަން. ” އަހްމަދުގެ ބޮލުގައި ފިރުމާލަމުން އަނީގާ ވާހަކަދެއްކިއެވެ.

” އަހްމަދު …. ފަހަރެއްގަ އަހްމަދަށް އަހަރެންނަކީ ކާކުކަން ނޭނގި ވެސް ދާނެ. އެކަމަކު ޒިނާނާއި އަނީގާއަކީ އަހަރެން ދަންނަ ބައެއް … އެ ދެމަފިރިންނަށްޓަކައި އަހަރެންނަށް ކޮށްދެވޭންއޮތްވަރު މިކޮށްދެނީ. އަހްމަދަށް އޮތީ ދެގޮތް. އެއްގޮތަކީ އަހަރެން މިބުނާ ސަރުތުތަކާއި އެއްގޮތަށް އުޅެން އެއްބަސްވެ ދެ އަހަރަށް ރާއްޖެތެރެއަށް ދިއުން. އަނެއް ގޮތަކީ ޖަލަށް ދިއުން. ކިހިނެތް ހަދަން ގަސްދުކުރަނީ؟ ” އަހްމަދާއި ދިމާއަށް ބަލާލަމުން ޝަމާލު ވާހަކަ ދެއްކިއެވެ.

” އެ ކީއްވެ؟ …. އަހަރެން އެއްވެސް ކުށެއް ނުކުރަން. އެކަހަލަ ނިޔަތެއްގައި އޭނާގެ ގައިގަ އަތް ވެސް ޖައްސާނުލަން. ކުރި ހުރިހާކަމެއް ކުރީ އޭނާ …. އަދި ކޯޓު މަރުހަލާއަށް ވެސް ދެވޭނެއެއްނު. ޑޮކްޓަރަށް …. ” އަހްމަދް ދައްކަމުންދިޔަ ވާހަކަތައް ނުނިމެނީސް އަނީގާ ވާހަކަ ދައްކަން ފެށުމުން އަހްމަދަށް ޖެހުނީ ހުއްޓާލާށެވެ.

” އަހްމަދު! …. ދަރިފުޅު ބޭނުންވަނީ އަމިއްލައަށް ފަޟީހަތްވާންތަ؟ އަހްމަދަކީ މިވެނި ކަމެއް ކޮށްގެން ހުރި ކުއްޖެކޭ ކިޔައިގެން މުޅި ދުނިޔެއަށް ބޭޒާރުވާންތަ؟ ވިޔަފާރިވެރިޔާ ޒިނާންގެ ދަރިފުޅަކީ އޭނާއަށްވުރެ އުމުރުން ދުވަސްވީ އަންހެނުންނާއި ގަދަކަމުން ބެހެން އުޅޭ ކުއްޖެކޭ ކިޔައިގެން މީހުން ލައްވައި ބައްޕައަށް އެއްޗެކި ކިޔުވަންތަ؟ ….. އެންމެ ފަހަރަކު ވެސް ވިސްނާލަބަލަ އެކަން އެހެން ވެއްޖެނަމަ ބައްޕައަށް ވާނެގޮތް. މަންމައަށް ޔަގީން ބައްޕައަކަށް ކެތެއް ނުވާނެކަން. ހިތް ހުއްޓި ވެސް ދާނެ. މަރު ވެސް ވެދާނެ …. އެ ދުވަހަކުން އަހްމަދު ޖެހޭނެ އެކަމުގެ ޒިންމާ ނަގަން. މި ވާހަކަތައް އަޑުއިވޭ ދުވަހަކުން އެފަކީރު އުޅޭނެ ހާލު އަހަރެންނަށް މިހާރު ވެސް ފެންނަ ކަހަލަ. އާދޭސްކޮށްފައި ބުނަން ދަރިފުޅާ ތިޔަ ޚިޔާލު ދޫކޮށްލާ. ލިބިފައިމިވާ ފުރުސަތުގެ ބޭނުންކޮށް ރާއްޖެތެރެއަށްދޭ. އޭރުން އެއްވެސް މީހަކަށް މިކަމެއް ނޭނގޭނެ. ޝަމާލް އެހުރީ ދަރިފުޅަށް އެފުރުސަތު ފަހިކޮށްދޭން. ދަރިފުޅު އާން ބަސް ބުނާއިރަށް މަންމަ ދޯންޏަށް އެއްޗިސް ގެންގޮސް ދޭނަން. ނާޖިލާ ވެސް ހީކުރާނީ އަހްމަދުވީ ޖަލުގައި ކަމަށް. ހެޔޮނުވާނެ ދަރިފުޅާ މަންމަގެ ބަސްއަހާ. ދަރިފުޅަށް ދެރަވާކަހަލަ ކަމެއް އެޢާއިލާއިން ނުކުރާނެ. މަންމަމެން ވާނުވާ ބަލާނަން. އާދޭސްކޮށްފައި ބުނަން. ތިގޮތް ދޫކޮށްލާ. ފުރުސަތުގެ ބޭނުންހިފާ. ” އަހްމަދުގެ އަތުގައި ހިފަހައްޓާލަމުން އަނީގާ ރޯންފެށިއެވެ.

” އަހަރެންގެ ސަބަބުން ބައްޕަ ހިތާމަ ކުރަން ޖެހޭވަރުގެ އެއްވެސް ކަމެއް އަހަރެން ނުކުރާނަން. ނުވެސް ކުރަން …. ކިހިނެތް ހަދަން ޖެހެނީ؟ ” ކަރުނައިން ފޯވަމުންދިޔަ ދެ ލޮލުގެ ކައިރި ފޮހެލަމުން އަހްމަދު ވާހަކަ ދެއްކިއެވެ.

” ޒިނާނަށްޓަކައި އަހަރެން މި ކޮށްދިން ކަންތައް ދުވަހަކު ވެސް އަހްމަދު ހަނދާން ނައްތާލައިގެން ނުވާނެ. މިއިން ކަމެއް ފަޅާއަރައި ކަމެއް ދިމާވެއްޖެނަމަ ގެއްލޭނީ އަހަރެންގެ ވަޒީފާކަން ހަނދާން ކުރާތި. އަހްމަދު ބަދަލުވާ ރަށުގައި އުޅުމުގެ ހުރިހާ ކަމެއް އަހަރެން ހަމަޖައްސައިދޭނަން. އެ މީހުން އަހްމަދަށް ރަނގަޅުވާނެ. ދެ އަހަރެއްހާ ދުވަހަށް އެކޮޅަށް ބަދަލު ވިޔަސް އަހްމަދުގެ އުޅުން ރަނގަޅިއްޔާ އަހަރެއްހާ ދުވަހުތެރޭ ގެނެވޭތޯ އަހަރެން މަސައްކަތް ކުރާނަން. އެކޮޅުގައި ހުންނައިރު މުއާސަލާތީ އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ނުވާނެ. އަހަރެން މި ބުނާ ގޮތް ނުހަދައިފިއްޔާ އަހަރެންނަށް ޖެހޭނީ އަހްމަދު ޖަލަށް ބަދަލު ކުރާން. ޒިނާނަކީ އަހަރެންގެ ކިތަންމެ ގާތް މީހެއް ނަމަވެސް އެ ދުވަހަކުން އަހަރެންނަކަށް އިތުރު ގޮތެއް ނޯއްނާނެ. މިކަހަލަ ފުރުސަތެއް ދެން ނުލިބޭނެ. ” ވަށައިގެންވާ މާހަޢުލަށް ނަޒަރު ހިންގާލަމުން ޝަމާލް ވާހަކަ ދެއްކިއެވެ. އަޑު މަޑުކުރުމަށް ސަމާލުކަން ދިންވަރު އަންގައިދިނީ އެވާހަކަތައް އެހެން މީހަކަށް އިވިދާނެތީ އޭނާ ކަންބޮޑުވިވަރެވެ.

ޝަމާލްގެ އެ ހުށަހެޅުމަށް އަހްމަދު އާން ބަސް ބުނީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. އެ ގޮތް ބޭނުން ނުވިޔަސް އެގޮތަށް ކަންތައް ކުރަން މިއަދު އޭނާއަށް މަޖުބޫރެވެ. އަބުރާއި އިއްޒަތަށްޓަކައެވެ. މުސްތަގުބަލަށްޓަކައެވެ. އޭނާގެ ބައްޕައަށް ޓަކައެވެ. އަނީގާ އާއި ޝަމާލް ބުނި ފަދައިން މިވަގުތަށް އޭނާއަށް އެންމެ ރަނގަޅުވާނީ އެގޮތް ކަމަށްވާތީއެވެ.

އެރޭ ދަންވަރު މާލެއިން ފުރި ބޯޓަކުން ފުރައިގެން އަހްމަދު އަތޮޅުތެރެއަށް ދިޔައީ ދެ ލޮލުން ކަރުނަ އޮހޮރެމުންދާ ހާލުގައެވެ. ވިސްނަން ޖެހުނީ އޭނާގެ ހާލަތާއިމެދު އެކަންޏެއް ނޫނެވެ. ސިމްނާއާއި ހައިކަލްއާމެދު ވެސް ވިސްނަން ޖެހުނެވެ. އޭނާ ނެތް ދުވަހަކުން އެމީހުން އުޅޭނެ ނިކަމެތި ހާލާއިމެދު ވިސްނާ ލެވުމުން އަހްމަދުގެ ހާލަތު އިތުރަށް ގޯސްވިއެވެ. ގެޔަށް ދާން ބޭނުންވިއެވެ. ސިމްނާމެން ކޮބައިތޯ ބަލާލަން ފޯނުކޮށްލަން ހިތް އެދުނެވެ. އެހަނަސް … ކެތްތެރިވެ ހަމަޖެހުން ނޫން އެހެން އެއްވެސް ގޮތެއް މިހާރަކު ނެތެވެ.

މާލޭގެ ފަޅުން ބޯޓު ނުކުތުމާއިއެކު މީހުންތައް އޮށޯންނަން ފެށިއެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ އެންމެ ފަހުގެ ބޯޓަކަށްވާތީ ކޮންމެ މީހަކަށް ގޮދަޑިއަކާއި ދެ ބާލީސް އޮތެވެ. ބެޑްޝީޓެއް އޮތެވެ. ފަސިންޖަރުންނަށް ހާއްސަކޮށްފައިވާ ބައި ހުރީ އެއާކޯން ކޮށްފައެވެ. އަންހެނުންނާއި ފިރިހެނުން ތިބީ ދެތަނެއްގައެވެ. ބޭނުން އިރަކު ބޮވޭހެން ކޮފީ އާއި ބިސްކޯދު ލިބެން ހުއްޓެވެ.

ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއަޑަށް ނާޖިލާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ތެދުވަމުން ގަޑި ބަލާލިއިރު މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ކޮންމެ ވެސް ވަރަކަށް ހައިރާންވެ ސުވާލު އުފެދުނު ނަމަވެސް މަޑުކުރާކަށް އޭނާ ނޫޅެއެވެ. ލައިގެން ހުރި ނިވާކަންކުޑަ ނިދާހެދުމާއިއެކު ގޮސް ދޮރު ހުޅުވާލިއެވެ.

” ވަރަށް ކާމިޔާބު. ހުރިހާ ކަމެއް ވެސް ދިޔައީ ބޭނުންވި ގޮތަށް. އެހެން މީހަކަށް ތަނެއް ދޮރެއް ވެސް ނޭނގެ. ” ނާޖިލާގެ ގައިގާ ބައްދާލަމުން އަނީގާ ވާހަކަދެއްކިއެވެ.

” ކޮބާ ޝަމާލް. ހަބަރެއްވިތަ؟ ” ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން އަނީގާ އަހާލިއެވެ.

” ހޫމް. ދޭއް ޖަހަންވީރު ހިނގައްޖެ. ” ނާޖިލާގެ ޖަވާބުގައި މާބޮޑު ޝަޢުޤުވެރިކަމެއް ނެތެވެ.

” އެހެންތަ؟ …. ހާދަ ގަޔާނުވެފަ. ކަމެއް ގޯސްވީތަ؟ ” އަނީގާގެ ނަޒަރު އަމާޒުވީ ނާޖިލާގެ މޫނަށެވެ.

” ބޮލަށް އަރައިގެން ކަންނޭނގެ އައީ. ރަތްކާޑު ދައްކާފައޭ ބުނީމަ ވެސް ގަބޫލެއް ނުކުރި. ކުރު ނުކޮށްގެން ދެއްކީ. އެވަރުން ވެސް މައިތިރިއެއް ނުވި. އެހެން ގޮތެއް ބޭނުމެއްނުވި. އެންމެ ބޮޑުކޮށް ޖައްސަން ބޭނުންވަނީ. އަނެއް ސައިޑް ވެސް އޯކޭއޭ ކިޔަންފެށީ. އެކަމަށް އެއްބަސް ނުވީމަ ހިތްހަމަ ނުޖެހިގެން ވަރަށް ކުސްތަޅަތަޅާފަ ދިޔައީ. ” އެވާހަކަ ދައްކަން ޖެހުމުން ވެސް ނާޖިލާ އިނީ ހިތްހަމަ ނުޖެހިފައެވެ.

” އޯހް. ހާދަ ކަޑަގޮތެކޭ ތިވީ. މަ ހީވީ މިއޮއްވަރުގަދަ ބޮޑު ފޫ…. އެއީ އެވަރުގެ ކަމެއް ނޫނޭ. އޯކޭ ވާނެ. ލިބޭނީ ހަމަ އުފަލާއި ހިތްހަމަ ޖެހުން. ” ނާޖިލާގެ ވާހަކަތައް އަޑުއިވުމުން އަނީގާގާތަށް އައީ ނުލަފާ ހިންޏެކެވެ. ވާހަކަ ދައްކަމުން ދައްކަމުން އަނީގާ ކޮށްލި ހަރަކާތާއިއެކު ނާޖިލާ ދިޔައީ ސިއްސައިގެންނެވެ.

” އަނެއްކާ އަނެކަކު. އަވަހަށް މިތަނުން ރައްކާވޭ. އެހެން ނޫނީ ޒިނާންބެއަށް ގުޅަން ޖެހިދާނެ މިދަންވަރު. ” އަނީގާއަށް ބަލާލަމުން ނާޖިލާ ހީލިއެވެ.

ދަތުރު ކުރުކޮށްލުމަށް އޮތް އެންމެ ފަސޭހަ މަގަކީ ނިދާލުންކަން އަހްމަދަށް ވެސް އެނގެއެވެ. އެހެން ފަސިންޖަރުން ފަދައިން އޮށޯވެ ނިދާލެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އެތައް އިރެއް ވާންދެން ފުރޮޅިލަ ފުރޮޅިލަ އޮތެވެ. ލިބުނު ކާމިޔާބެއް ކުރިއެރުމެއް ނެތެވެ. ލިބިފައިވާ ހިތާމަތަކާއި ހިތްދަތިކަމަށް ކުޑަ ނަމަވެސް ލުޔެއް ނުލިބުނެވެ. އެ ޚިޔާލުތަކާއި އެ ފިކުރުތަކާއި ދުރަށް ދިއުމަށް ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. މަޑުމަޑުން ތެދުވެ ބިއްގަނޑުގައި ލެނގިލީ ގޮތް ހުސްވެގެންނެވެ.

ފޯނެއްގެ އެލާމްގެ އަޑު އިވެން ފެށިތާ މާގިނައިރެއް ނުވެ މެދުއުމުރުގެ މީހަކު ތެދުވިތަން ފެނުނެވެ. މަޑުމަޑުން ހިނގާލާފައި ފާޚާނާބަޔާއި ދިމާއަށް ދިޔަ އެމީހާ ދެފަހަރަކު އަހްމަދަށް ބަލާލިއެވެ. އެއްޗެކޭ ބުނަން އުޅުނުހެން ހީވި ނަމަވެސް އެއްޗެކޭ ނުބުނެއެވެ. ދިޔަގޮތަށް ގޮސް ވަނީ ފާޚާނާއަށެވެ.

އެތަނުގައި ތިބި ތިރީހަކަށް މީހުންގެ ތެރެއިން ހޭލާ ތިބީ އަހްމަދާއި އެމީހާ އެކަންޏެވެ. އިސްޖަހާލައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް އިން އަހްމަދު ސިއްސައިގެން ދިޔައީ އެމީހާ އައިސް އަހްމަދު ކައިރިއަށް ހުއްޓެމުން ގޮވާލުމުންނެވެ.

” ކޮއްކޯ! ކިހިނެތްވެފަ ތީނީ. ހާދަބޮޑު ފިކުރެއްގައި އިންހެން ހީވެޔޭ. ވުޟޫކޮށްލައިގެން އާދޭ ފަތިސްނަމާދު ކޮށްލަން. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. ” އެމީހާއާ ދިމާއަށް އަހްމަދު ބަލާލިއިރު އަހްމަދާއި ދިމާއަށް ބަލަހައްޓައިގެން ހިނިތުންވެފައި އެމީހާ ހުއްޓެވެ. އެމީހާގެ އެވާހަކަތަކާއި އޭނާގެ އަމަލުތަކުގެ ސަބަބުން އަހްމަދަށް ލިބުނީ ހައިރާންކަމެވެ.

ނަމާދު ކުރަން އަންނަން އެމީހާ ބުނުމާއިއެކު އަހްމަދުގެ ހަނދާނަށް އައީ ސިމްނާއެވެ. އެކަމަކަށް ބާރު އަޅައި އަބަދު ވެސް އެންމެ ގިނައިން ސިމްނާ ދައްކާ ވާހަކައަކީ ނަމާދުގެ ވާހަކައެވެ. ނަމާދުކޮށް ޤުރުޢާން ކިޔެވިންތޯ ކޮންމެ ދުވަހަކު އަހާނެއެވެ. އެއިން ކަމެއް ނުކޮށް ހުރިކަން އެނގިއްޖެނަމަ އަވަހަށް ގޮސް ކުރުމަށް ވެސް ބުނާނެއެވެ. އޮހިގަންނަން ތައްޔާރުވި ކަރުނަތައް ހިންދާލަމުން އަހްމަދު އަވަސް އަވަހަށް ގޮސް ފާޚާނާބަޔަށް ވަނީ އެހެން މީހަކަށް އެމަންޒަރު ފެނިދާނެތީއެވެ.

” ﷲ ގަންދީ ހުވާކޮށްފައި ބުނަން. އަހަރެން އެކަހަލަ އެއްވެސް ކަމެއް ނުކުރަން. އެކަހަލަ ނިޔަތެއްގައި އޭނާގެ ގައިގާ އިނގިލި ކުރި ވެސް ޖައްސާނުލަން. ” ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަމުން އަހްމަދު ވާހަކަތައް ނިންމާލިއެވެ. އިތުރަށް އެވާހަކަތައް ކުރިޔަށް ގެންދާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

 ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.