” ﷲ ގަންދީ ހުވާކޮށްފައި ބުނަން. އަހަރެން އެކަހަލަ އެއްވެސް ކަމެއް ނުކުރަން. އެކަހަލަ ނިޔަތެއްގައި އޭނާގެ ގައިގާ އިނގިލި ކުރި ވެސް ޖައްސާނުލަން. ” ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަމުން އަހްމަދު ވާހަކަތައް ނިންމާލިއެވެ. އިތުރަށް އެވާހަކަތައް ކުރިޔަށް ގެންދާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

” އަހްމަދު! އެއްވެސް މީހަކު ތި ވާހަކަތައް ގަބޫލު ނުކުރިޔަސް އަހަރެން ތި ވާހަކަތައް ގަބޫލުކުރަން. އަހްމަދަށް ފުރިހަމައަށް އިތުބާރު ކުރަން. ކެތްތެރިވެ ހަމަޖެހޭ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ ….. އަހަރެން ހުންނާނީ އަބަދު ވެސް އަހްމަދާއިއެކު. ” ލޯތްބާއި އޯގާތެރިކަމާއެކު އަހްމަދުގެ ބޮލުގައި ފިރުމާލަމުން ފަތޯނާ ހިތްވަރު ދިނެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ! ” ފަތޯނާގެ އެވާހަކަތަކުގެ ސަބަބުން އަހްމަދަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުން ކިތަންމެހާ ވެސް ބޮޑެވެ. އިތުރު ހިތްވަރެއް ވެސް ލިބުނެވެ.

” ތަންކޮޅެއް ލަސްވެއްޖެ ކަންނޭނގެ. ދެންދަނީ. އަހްމަދު ވެސް ދެން އަވަހަށް ގެއަށްދޭ. ” ތެލިތައް ހިފައިގެން އެއްގަމާއި ދިމާއަށް ފަތޯނާ ހިނގައި ގަތުމުން އަހްމަދު ވެސް އޭނާ ހުންނަ ގެއާދިމާއަށް މިސްރާބުޖެހިއެވެ.

ހަވީރުގެ ފިނިކަން ރަށުތެރެއަށް ފެތުރިގެން ދިޔައިރު އެކަމުގެ އަސަރު އެންމެބޮޑަށް ކޮށްފައިވަނީ ކުޅިވަރުމައިދާންތަކާއި ރަށުގެ އަތިރިތަކަށެވެ. ދޮންވެލީގެ ސާފުރީތި ހިތްގައިމު އަތިރިތަކަށް ވެރިވެފައިވާ ހިޔަލާއި ފިނިކަމުގައި ކުޑަކުދިންތައް އުފާކޮށް މަޖާކުރަމުން ދިޔައިރު ކުޅިވަރުގެ މައިދާންތައް ހަލަބޮލިވެފައިވަނީ ޒުވާނުން ކުޅެމުންދިޔަ ކުޅިވަރުތަކުގެ ސަބަބުންނެވެ. ކުޅިވަރުގެ ފޯރީގައި ލަވަމުންދިޔަ ހަޅޭކާއި ދެމުން ދިޔަ އިރުޝާދުތަކުގެ އަޑު ބާރުކަމުންނެވެ.

ސައްޖާދާއި ފާޒިލް ވާހަކަ ދައްކަންތިބީ ރަށުގެ އުތުރުފަރާތު އަތިރިމަތީގައި ހަދާފައިވާ ފިނިއަށީގައެވެ. އޭރު އެތަނުގައި އެ ދެ މީހުންގެ އިތުރުން އެހެން ވެސް ދެމީހަކު ތިއްބެވެ.

” ސައްޖާދު ކިތަންމެ ވަރަކަށް ތިވާހަކަ ދެއްކިޔަސް ފާޒިލް ގަބޫލެއް ނުކުރާނެ. މީނާ ނޫނީ ނޫޅޭނެ އެއްފަހަރު އެކަހަލަ ބޮނޑިއެއް ލިބުނީމާ ވެސް ހޭއަރަން ނޭނގުނު މީހެއް. ” ސައްޖާދާއި ފާޒިލް ދައްކަމުންދިޔަ ވާހަކައިގެ ސަބަބުން އަނގަ މަޑުންލައިންގެން ނުއޮވެވިގެން އަލީ ބުންޏެވެ. އަލީ އެހެން އެބުނީ ކީއްވެކަން ހަތަރު މީހުނަށް ވެސް އެނގެއެވެ.

” މިހާރު މީ އޭރެއް ނޫނޭ. އެތައް ކަމެއް ބަދަލުވެއްޖެ. ޝާލޫ ވެސް އަހަރެންނަށް ލިބިއްޖެ. އަހަރެންގެ ދަރިފުޅަށް އަހަރެން ކުރާ އިތުބާރު އެނގޭނީ އަހަރެންނަށްދޯ. ” އެމީހުންގެ ވާހަކަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ފާޒިލް ހުރީ އޭނާގެ ގޮތުގައެވެ. އޭނާގެ ދަރިފުޅަށް އިތުބާރު ކުރާނެ ވަރާއި ކުރާނެގޮތް ކަނޑައަޅާނީ އޭނާ އަމިއްލައަށެވެ. އެއީ އެހެން ބަޔަކު ގޮތް ނިންމަންޖެހޭ ކަމެއް ނޫނެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ދެކެވެމުންދިޔަ ވާހަކައިގެ ތެރެއިން އަހްމަދުގެ ވާހަކަ ފާޒިލް ދެއްކިއެވެ. އެ ވާހަކަތައް އަޑުއިވުމުން ފަތޯނާއަށް ވެގެންދިޔަގޮތް ފާޒިލް ފެނުނެވެ. ކުއްލިއަކަށް އެވާހަކަ ފާޒިލް ދެއްކުމުން ޝާލޫއަށް ލިބުނީ ހައިރާންކަމެވެ. އެތައް ސުވާލެއް އުފެދުނެވެ.

” އަޅުގަނޑު އަހްމަދާއި ވާހަކަ ދައްކާތީ ބައްޕަ ހިތްހަމަ ނުޖެހުނީތޯ؟ ” ޝާލޫއަށް ބަލާލުމަށްފަހު ފާޒިލަށް ބަލާލަމުން ފަތޯނާ މަޑުމަޑުން އަހާލިއެވެ.

” އުނހު ….. ފާޑުފާޑުގެ ވާހަކަތައް އަޑުއިވޭތީ އަހާލީ. ” ފާޒިލްގެ ކިބައިން ފެނުނީ އާދައިގެ ގޮތެކެވެ.

” އެއީ ހުސްދޮގު. އަހްމަދަކީ ކުށްވެރިއެއްނޫން. އޭނާގެ ދޮންމަންމަމެން ރާވައިގެން އޭނާއަށް ދިން ލަނޑެއް އެއީ. ” އަހްމަދުގެ ދިފާއުގައި އެއްޗެއް ނުބުނެ ފަތޯނާއަކަށް ނީންދެވުނެވެ.

” ދޮންމަންމަ ….. އަހަރެންގެ ޝާއިން. އަހަރެންގެ ދަރިފުޅު ކޮބައިބާ. އޭނާއަށް އަހަރެން އެނގޭނެބާ. ބުނެ ވެސް ނުދޭނެ ކަންނޭނގެ ….. އެހެނެއް ނުވާނެ. އަދި އޭނާ އަހަރެން ކައިރިއަށް އަންނާނެ. އަހަރެންގެ ކުށެއް ނެތްކަން އޭނާއަށް އަދި ވިސްނޭނެ. ” ކުއްލިއަކަށް އާވެ ޢާލާވި ހަނދާންތަކާއިއެކު ޝާލޫގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

” މަންމާ! ކިހިނެތްވީ؟ ” ޝާލޫއަށް ވީގޮތް ފެނުމުން ފަތޯނާ ހާސްވެ ކަންބޮޑުވިއެވެ.

” ކަމެއް ނުވޭ. ” އަތުގެ ނުފުށުން ލޯކައިރި ފޮހެލަމުން ޝާލޫ ހިނިތުންވެލިއެވެ.

” ބައްޕަ މިއުޅެނީ މާދަމާ މާލެދާން. ދަރިފުޅަށް ކޮން އެއްޗެއް ގެންނަންވީ؟ ” ފާޒިލް މަސައްކަތްކުރީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލަންކަން ޝާލޫއަށް ވިސްނުނެވެ. އަވަސް އަވަހަށް އެވާހަކާގައި ޝާލޫ ވެސް ބައިވެރިވީ އެހެންވެއެވެ.

އަތޮޅުގެ ވެރިކަންކުރާ ރަށަށް ގޮސްލުމަށް ފުރުސަތު ލިބުމުން އަހްމަދު ވަރަށް އުފާވިއެވެ. އޭނާއަށް އެ ފުރުސަތު ދިން ކަމަށްޓަކައި އަލީ ނަޒީރަށް އެތައް ފަހަރަކު ޝުކުރުއަދާކުރިއެވެ.

ރަށުގެ އެކި ތަންތަން ބަލާލަން ނުކުމެ އުޅުނު އުޅުމުގައި ހޮސްޕިޓަލަށް ވެސް އަހްމަދު ގޮވައިގެން އަލީ ނަޒީރު ދިޔައެވެ. އަލީ ނަޒީރާއިއެކު ހޮސްޕިޓަލަށް ވަންނަންދިޔަ އަހްމަދުގެ ފިޔަވަޅުތަކަށް ހުއްޓުން އައީ އެތަނުގައި ހުރި މެދުއުމުރުގެ ފިރިހެނަކު ގޮވާލުމުންނެވެ. ހާސްކަމާއި ކަންބޮޑުވުމާއެކު ބޮލުގައި އަތްއުނގުޅާލަ އުނގުޅާލަ ހުރި އެމީހާގެ ދެލޮލުގެ ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ފުރަތަމަ ނަޒަރުން ވެސް އޭނާއަކީ ވަރަށްބޮޑު ކަމެއް ދިމާވެގެން އުޅޭ މީހެއްކަން އަހްމަދަށް ޔަގީންވިއެވެ.

” ކޮއްކޯ. އާދޭސް ކޮށްފައި ބުނަން އަހަރެންނަށް ލޭފޮދެއް ދީ. މި އުހްތާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެދީ. އާދޭސް ކުރަން. ” އަހްމަދުގެ އަތުގައި ހިފަހައްޓާލަމުން އެ ފިރިހެންމީހާ ރޯންފެށިއެވެ. ގޮތް ހުސްވެފައިވާ ފަދައަކުން ހުރި އެ މީހާގެ ހާލަތު ކިތަންމެ ރަނގަޅަކަށް ވެސް އަހްމަދަށް އިހުސާސްވިއެވެ.

” އަލިބޭ! …. އަހަރެން ބޭނުން މި ބޭބެއަށް އެހީތެރިވާން. އަހަރެން މަޑުކޮށްލިޔަސް މައްސަލައެއް ނެތްތަ ؟ އަލިބެ އަންނަންދެން އަހަރެން ހުންނާނަން މިތަނުގައި. އެހެން އެއްވެސް ތާކަށް ނުދާނަން. ” އަލީ ނަޒީރަށް ބަލާލަމުން އަހްމަދު އެދުނެވެ. ކޮންމެ ގޮތަކުން ނަމަވެސް އެ މީހާއަށް އެހީތެރިވާން އަހްމަދު ބޭނުންވިއެވެ. ނޭނގޭ ދަމާ ބާރަކުން އެމީހާއާ ދިމާއަށް އަހްމަދު ދަމައި ގެންދާ ކަހަލައެވެ.
އަހްމަދު ބޭނުންވި ފުރުސަތު އަހްމަދަށް އަލީ ނަޒީރު ދިނެވެ.

ހީ ނުކުރާ ކަހަލަ ގޮތަކަށް ވެސް ނަސީބު އަތުގައި ހިފައިފާނެއެވެ. ހުރިހާ ކަމެއް ވެސް ދިޔައީ އެންމެ ބޭނުންވި ގޮތަށެވެ. އަހްމަދުގެ ލެޔާއި ބަލި މީހާގެ ލޭ ހުރިހާގޮތަކުން ވެސް ދިމާވިއެވެ. އެ ބޭބެގެ މޫނުމަތިން ފެނުނު އުފަލާއި ހިތްހަމަޖެހުންފެނި އަހްމަދު ވެސް ނުހަނު އުފާވިއެވެ. އޭނާގެ ސަބަބުން މީހަކަށް އެވަރުގެ ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބުމުން ޝުކުރު ދަންނަވަންޖެހޭ ފަރާތްތަކަށް ޝުކުރު ދެންނެވުމަށް އަވަސްވިއެވެ.

” ފަށްފަށުން ޝުކުރުއަދާކުރަން. އަހްމަދުގެ ތިޔަ ހެޔޮކަން އަހަރެން ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލާނަން. ކިހާ ފައިސާއެއް ދޭންވީ؟ ” ލޯތްބާއި އޯގާތެރިކަމާއެކު އަހްމަދުގެ ބޮލުގައި ފިރުމާލަމުން އާދަމްމަނިކު ވާހަކަދެއްކިއެވެ.

” ލޭ އަޅަން ބޭނުންވާ ބަލިމީހާއާއި ބައްދަލުކޮށްލުން ނޫން އެހެން އެއްވެސް ކަމެއް އަހަރެން ބޭނުމެއްނޫން. ” އަހްމަދު ހާމަކުރީ އޭނާގެ ބޭނުންވާގޮތެވެ.

އަހްމަދަށް ޝުކުރުއަދާކޮށް އޭނާ ގޮވައިގެން ބަލިމީހާ ކައިރިއަށް އާދަން މަނިކު ދިޔައެވެ. އެނދުމަތިކޮށް ފަރުވާދެމުންދިޔަ އެ އަންހެންމީހާ އޮތީ އަނެއް ފަރާތަށް އެނބުރިގެން ކަމަށްވާތީ އޭނާގެ މޫނު އަހްމަދަށް ފެންނަވަރެއް ނުވިއެވެ. އެނދުކައިރީ ބަހައްޓާފައިހުރި ގޮނޑިއެއްގައި އިށީންދެލައިގެން މެދުއުމުރުގެ އެހެން އަންހެނަކު ވެސް އިނެވެ. އެ އަންހެން މީހާއަށް އަހްމަދު ފެނުމާއިއެކު ސަލާން ގޮވާލަމުން ކޮޅަށް ތެދުވެ އަހްމަދު އިށީނުމަށް ގޮނޑި ދެއްކިއެވެ. އެތައް ފަހަރަކު އަހްމަދަށް ޝުކުރުއަދާކުރިއެވެ. ހެޔޮރަހުމަތް ލެއްވުންއެދި ދުޢާ ކުރިއެވެ.

” އުފާކުރޭ ދައްތާ. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދައްތަ ރަނގަޅުވާނެ. އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. ” ސަލާންކުރާ ފަދައަކުން ބަލިމީހާގެ އަތުގައި ހިފާލަމުން ލޯތްބާއި އޯގާތެރިކަމާއެކު އަހްމަދު އޭނާއަށް ހިތްވަރު ދިނެވެ.

ބަލިމީހާގެ ހަށިގަނޑަށް ހަރަކާތްއައީ ކުއްލިއަކަށެވެ. އަހްމަދުގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލަމުން ކޮޅަށް ތެދުވާން މަސައްކަތް ކުރިއިރު އަހްމަދާއި ދިމާއަށް އެނބުރޭން ވެސް މަސައްކަތްކުރިއެވެ. ދުވަހަކު ވެސް އެ އަތުން ދޫކޮށްލާން ބޭނުންނުވާ ކަހަލައެވެ.

” ދޮންތާ ! ….. ދޮންތާ. ” ސިމްނާގެ މޫނު ފެނުމާއިއެކު އަހްމަދަށް ރޮއިގަނެވުނެވެ.

އަހްމަދާއި ދިމާއަށް ބަލަހައްޓައިގެން އޮތް ސިމްނާ ކުރިޔަށްވުރެ ބާރަށް އަހްމަދުގެ އަތުގައި ހިފަހައްޓާލިއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ސިމްނާގެ ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ. ކޮންމެ ވެސް އެއްޗެކޭ ބުނަން މަސައްކަތް ކުރިހެން ހީވިއެވެ. ސިމްނާގެ ދައްކަން އުޅޭ ވާހަކައަށް ސަމާލުކަން ދެމުން އޭނާއާ ދިމާއަށް އަހްމަދު ގުދުވެލިއެވެ.

” އެމީހުން … ހައިކަލް …. މަރާލައިފި …. އެމީހުން އުޅުނީ އަހަރެން ވެސް … މަރާލަން. އެއީ ވަރަށް … ނުބައިބައެއް. ” އެތައް އިރެއް މަސައްކަތުން އެތައް ފަހަރަކު އުޅެގެން ސިމްނާ އޭނާގެ ޖުމްލަ ފުރިހަމަ ކޮށްލިއެވެ. އިވުނު އަޑާއިއެކު ފުންމައިގެން ކަހަލަގޮތަކަށް ކޮޅަށް ތެދުވެވުނު އަހްމަދަށް ދުނިޔެ ހުއްޓުނު ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުންއަރާފައި އެތައް އިރަކު ހުރެވުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.