ދިވެހި ޓިކްޓޮކް ތަރިންނާއެކު މުނިއަވަސް އިން ޚާއްޞަ ފޯރަމެއް ބާއްވައިފިއެވެ.

މިމަހު 02ވަނަ ދުވަހުގެރޭ 10:00 އާ 00:30 އާ ދެމެދު ކްލަބްހައުސްގައި ކުރިއަށް ދިޔަ މި ފޯރަމްގައި ދިވެހިރާއްޖޭގެ ގިނަ ޓިކްޓޮކް ތަރިންތަކެއްގެ ބައިވެރިވުން ފެނިގެން ދިޔައެވެ. މީގެ އިތުރުން ފިލްމީ ދާއިރާގައި ފުންނާބު އުސް ބޭފުޅުން ކަމަށްވާ ޢީސާ ޝަރީފާއި މުޙައްމަދު ނިޔާޒު (ޓެޑްރީ) އަދި އަޝްއަރު ވަޙީދުގެ އިތުރުން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ބައިވެރިވުން ވެސް ފެނިގެންދިޔައެވެ.

މި ފޯރަމްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޓިކްޓޮކް ފަންނާނުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް ހިއްސާކުރިއެވެ. ވަކިން ޚާއްޞަކޮށް ޓިކްޓޮކް ތަރިން ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން ވަރަށް ގިނަ ޚިޔާލުތައް ބަދަލުވެގެން ދިޔައެވެ.

ޓިކްޓޮކް ތަރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ފިލްމީ ދާއިރާގައި ކަންކަން އޮތް ގޮތާއި ހިނގަމުންދާ ގޮތް އެފަރާތްތަކަށް މި ފޯރަމްގައި ވަރަށް ރަނގަޅަށް އޮޅުންފިލުވައިދީފައިވެއެވެ. އަދި ޓިކްޓޮކް ތަރިންގެ ތެރެއިން ފިލްމީ ދާއިރާއަށް ނުކުމެ ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިވެގެން ދިއުމާއި، އެފަރާތްތަކުގެ ޑައިރެކްޓަރީއެއް ހަދަން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

ޓިކްޓޮކަކީ މިހާރު ދުނިޔޭގެ އެންމެ ގިނަ މީހުން މުނިފޫހި ފިލުވުމަށް ބޭނުންކުރާ އެއް އެޕްލިކޭޝަނަށް ވާއިރު ދުނިޔޭގޭ އާބާދީގެ ތެރެއިން 1.1 ބިލިއަނަށްވުރެ ގިނަ މީހުން ޓިކްޓޮކް ބޭނުން ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.