ބޮލީވުޑްގައި ނެގެޓިވް ރޯލު ކުޅޭ ލީޑް ބަތަލުންނާއި ބަތަލާއިން ވަރަށް މަދެވެ. އެމީހުންނާއި ދޭތެރޭ މީހުން ދެކޭނެ ގޮތާއި އެކި ސަބަބުތަކާއިހެދި އެމީހުން ނެގެޓިވް ރޯލު ކުޅެން ފަސްޖެހެއެވެ. ނަމަވެސް ނެގެޓިވް ރޯލު ކުޅެގެން ފިލްމުގެ ބަތަލަށް ހިޔަނި އަޅުވައިލި ލީޑް އެކްޓަރުން ބޮލީވުޑްގައި އެބަތިއްބެވެ. މި ލިސްޓުގައި މި ހިމަނާލަނީ އޭގެ ތެރެއިން ބައެއް އެކްޓަރުންނެވެ.

 

* ޝާހް ރުކް ޚާން

“ކިންގް އޮފް ރޮމޭންސް”ގެ ގޮތުގައި މަޝްހޫރުވި ޝާހް ރުކް ޚާންއަކީ އޭނާ ކުޅުނު ނެގެޓިވް ރޯލުތަކުން އެ ފިލްމުގެ “ހީރޯ” އަށް ހިޔަނި އަޅުވައިލި އެކްޓަރެކެވެ. 1993 ގެ “ބާޒީގަރް” އިން ވިލަންއެއްގެ ދަތުރު ފެށި ޝާހް ނެގެޓިވް ރޯލު ކުޅުނު އެންމެ ފާހަގަކޮށްލެވޭ އެހެން ފިލްމުތަކަކީ “ޑަރް” އަދި “އަންޖާމް”އެވެ. މި 3 ފިލްމުންވެސް އޭނާ ވަނީ އެތައް އެވޯޑެއް ހޯދާފައެވެ. އޭގެ ތެރެއިންވެސް އޭނާގެ އެންމެ މޮޅު އެކްޓިންގއެއް ފެނުނީ “ޑަރް” އަދި “އަންޖާމް” ގައެވެ.

 

* އާމިރް ޚާން

“މރ. ޕާފެކްޝަނިސްޓް”ގެ ގޮތުގައި ސިފަކުރާ އާމިރު ޚާންއަކީ އޭނާގެ ކޮންމެ ފިލްމެއްގައި ކަހަލަ ގޮތަކަށް އެންމެ މޮޅު އެކްޓިންގ ދައްކާ އެކްޓަރެކެވެ. ތަފާތު ރޯލުތައް އެންމެ ގިނައިން ކުޅުނު އާމިރުގެ ނެގެޓިވް ރޯލުތައް އެންމެ ފާހަގަކޮށްލެވެނީ ޓެރަރިސްޓެއްގެ ރޯލު ކުޅުނު “ފަނާ” އާއި ވަގެއްގެ ރޯލު ކުޅުނު “ދޫމް 3” ގައެވެ. މި ދެ ފިލްމުވެސް ހިމެނެނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައެވެ.

 

* އަޖޭ ދޭވްގަން

އެކްޝަން އަދި ރޮމޭންޓިކް ފިލްމުތަކުގައި ތަފާތު މޮޅު އެކްޓިންގއެއް ދައްކާ އަޖޭއަކީ ނެގެޓިވް ރޯލުތައް ކުޅުމުގައި މޮޅު އެކްޓަރެކެވެ. “ދީވާންގީ”، “ކޮމްޕެނީ”، “ކާކީ” އަދި “ކާލް” އަކީ މީގެ މިސާލުތަކެވެ. މީގެ ތެރެއިންވެސް “ދީވާންގީ” އާއި “ކާކީ” ގައި ދެއްކި އެކްޓިންގ ވަކިން މޮޅެވެ.

 

* ސައިފް ޢަލީ ޚާން

2006 ގެ “އޯމްކާރާ” އާއި 2020 ގެ “ތާނަޖީ: ދި އަންގަންގް ވޮރިއަރ” މި ދެ ފިލްމަކީ ސައިފް ނެގެޓިވް ރޯލު ކުޅުނު ފިލްމުތަކުން އެންމެ ފާހަގަކޮށްލެވޭ ދެ ފިލްމެވެ. “އޯމްކާރާ” އިން ފިލްމްފެއަރ ބެސްޓް ވިލަންގެ އެވޯޑް ލިބުނުއިރު “ތާނަޖީ” އިން ފިލްމްފެއަރ ބެސްޓް ސަޕޯޓިންގ އެކްޓަރ އެވޯޑް ވަނީ ލިބިފައެވެ.

 

* ރަންވީރް ސިންގ

ލޯބީގައި ދީވާނާ ވެފައި ހުންނަ ޒުވާނެއްގެ ރޯލު ނުވަތަ ވަރަށް ސަކަ މިޒާޖެއްގެ ޒުވާނެއްގެ ރޯލު ކުޅެމުން އަންނަ ރަންވީރް ސިންގ ވަނީ 2018 ވަނަ އަހަރު މުޅި އޯޑިއަންސް ސިއްސުވާލާފައެވެ. ސަންޖޭ ލީލާ ބަންސާލީގެ “ޕަދުމާވަތު” ގައި ކުޅެފައިވާ ނުރައްކާތެރި ވިލަންގެ ރޯލަކީ މިހާތަނަށް އޭނާގެ އެންމެ މޮޅު އެކްޓިންގއެއް ފެނުނު ރޯލެވެ. އެ ރޯލަށް އޭނާ އިންސާފުކޮށްދީފައިވާލެއް މޮޅުކަމުން ފިލްމުގެ ބަތަލު ޝާހިދު ކަޕޫރުގެ ރޯލަށް ވަނީ ހިޔަނި އެޅިފައެވެ. އެ ރޯލުން އޭނާ ވަނީ އެތައް އެވޯޑެއް ހޯދާފައެވެ.

 

* އަކްޝޭ ކުމާރް

“ކިލާޅި ކިންގް”ގެ ގޮތުގައި މަޝްހޫރުވި އަކްޝޭ ކުމާރަކީ އެކްޝަން ފިލްމުތަކަށް އެފަދަ ދެވަނައެއް ނެތް އެކްޓަރެކެވެ. އަސްލާއި އެއްގޮތް ކުރަންވެގެން އަމިއްލައަށް ނުރައްކާތެރި ސްޓަންޓްތައްވެސް ހަދާ މި އެކްޓަރަކީ ނެގެޓިވް ރޯލުތަކުންވެސް މަޤުބޫލުކަން ހޯދި އެކްޓަރެކެވެ. “ކިލާޅީ 420” އާއި “އަޖްނަބީ” އަދި “2.0” ގައި ކުޅުނު ރޯލުތަކަކީ އޭނާގެ އެންމެ ފާހަގަކޮށްލެވޭ ނެގެޓިވް ރޯލުތަކެވެ. ނަމަވެސް “އަޖްނަބީ” އޭގެ ތެރެއިން އެންމެ މޮޅު އެކްޓިންގއެއް ފެނުނު ފިލްމެވެ. އެ ރޯލު ކުޅެގެން އޭނާ އެތައް އެވޯޑެއް ހޯދާފައިވެއެވެ.

 

* ސުނީލް ޝެޓީ

ލޯބިން ގޮސް މޮޔަވާވަރުވެފައި ހުރި ދޭވް އޭނާގެ ލޯބި ގެއްލުމުން އޭގެ ބަދަލު ހިފުމަށް ކުރާ މަސައްކަތްތައް ދައްކުވައިދިން “ދަޅްކަން” އާއި “މޭ ހޫން ނާ” އަކީ ސުނީލް ޝެޓީގެ އެންމެ ފާހަގަކޮށްލެވޭ ނެގެޓިވް ރޯލުތައް ހިމެނޭ ފިލްމުތަކެވެ. އޭގެ ތެރެއިންވެސް ސުނީލްގެ އެންމެ މޮޅު އެކްޓިންގއެއް ފެނުނީ އެ ފިލްމަކުން އޭނާއަށް އެތައް އެވޯޑެއްވެސް ލިބުނު “ދަޅްކަން” ގައެވެ.

 

* ރިތޭޝް ދޭޝްމުކް

ކޮމެޑީ ފިލްމުތަކުން މަޤުބޫލުކަން ހޯދި ރިތޭޝްގެ ނެގެޓިވް ރޯލުތައް ފެނުނު ފާހަގަކޮށްލެވޭ ފިލްމުތަކަކީ “އޭކް ވިލަން” އަދި “މަރްޖާވާން” އެވެ. އޭގެ ތެރެއިންވެސް “އޭކް ވިލަން” ގައި ދެއްކި އެކްޓިންގ މާބޮޑަށްވެސް ތަފާތުވެފައި މޮޅެވެ.

 

* ސަންޖޭ ދަތު

އެކްޝަން ފިލްމުތަކާއި ކޮމެޑީއާއި ރޮމޭންޓިކް އަދިވެސް ތަފާތު ފިލްމުތަކުން މޮޅު އެކްޓިންގއެއް ދެއްކި ސަންޖޭ ދަތުގެ ވިލަން ރޯލުތަކަކީވެސް ފާހަގަކޮށްލެވޭ ރޯލުތަކެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ނެގެޓިވް ރޯލުތަކަކީ “ކަލްނާޔަކް” އާއި “އަގްނީޕަތު” އެވެ.

 

މި ލިސްޓަށް އަދިވެސް މަޝްހޫރު އެތައް ނަމެއް އިތުރު ކުރެވިދާނެއެވެ. ނަމަވެސް މި ލިސްޓުގައި މި ހިމަނާލީ އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ 9 ބަތަލުންގެ ނަމެވެ. ކުރިއަށް އޮތްތާނގައި ނެގެޓިވް ރޯލު ކުޅޭ ލީޑް ބަތަލާއިންގެ ލިސްޓެއް ގެނެސްދޭނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.