ސަލްމާން ޚާންގެ ފިލްމު “ޓައިގަރ 3″ގެ މަންޒަރެއް ނެގުމަށް ސަލްމާނާއި އޭނާގެ ޓީމު ރަޝިއާގެ މަގެއްގެ މަތީގައި އުޅޭތަން ފެންނަ ފޮޓޯތަކެއް ޢާންމުވެއްޖެއެވެ.

“ޓައިގަރ 3″އަށް އިންޑިއާގެ މުމްބާއީގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނަގާ ނިންމުމަށްފަހު އޯގަސްޓް 20 ވަނަ ދުވަހު ސަލްމާނާއި ކެޓްރީނާ ކެއިފް އާއި ފިލްމު “ޓައިގަރ 3″ގެ ޓީމު ވަނީ ރަޝިއާއަށް ފުރާފައެވެ.

ޞިފަ ނޭނގޭ ވަރުގެ ވަރުގަދަ މޭކަޕެއްގައި ސަލްމާން ފެންނަ މި ފޮޓޯތަކުގައި އޭނާ ހުންނަނީ މުށި ކުލައެއްގެ ދިގު ތުނބުޅިއަކާ ދިގު އިސްތަށިގަނޑެކެވެ.

“ޓައިގަރ 3” އަކީ ޔާޝް ރާޖް ފިލްމްސް (ވައި.އާރު.އެފް)ގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނެގުމުގެ މަސައްކަތް މިހާރު ރަޝިއާގައި ކުރިއަށް ދާއިރު އަދި އިތުރު ޤައުމުތަކެއްގައި ވެސް މި ފިލްމަށް މަންޒަރު ނަގަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އޮސްޓްރިއާ އާއި ތުރުކީ ވިލާތް ހިމެނެއެވެ.

ކޯވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ މި ފިލްމުގެ ޝޫޓިންގ މިހާރު ފެށިގެން ކުރިއަށް ދާ ނަމަވެސް އަދިވެސް ބައެއް ޤައުމުތަކަށް ދަތުރުކުރުމުގައި ދަތިތައް ދިމާވާތީ ފިލްމުގެ ޝޫޓިންގ އިތުރަށް ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެއްސި އެއްވެސް ލޮކޭޝަނެއް މިސްވާން ބޭނުން ނުވާ ކަމަށް ޑައިރެކްޓަރު މަނީޝް ބުނެފައިވެއެވެ.

ފިލްމުގެ ވިލަންގެ ރޯލުން އިމްރާން ހާޝްމީ ފެނިގެންދާއިރު ސަލްމާނާއެކު ފެނިގެންދާނީ ކެޓްރީނާ ކެއިފްއެވެ. “ޓައިގަރ 3” އަކީ 2012 ވަނަ އަހަރު ނެރުނު ފިލްމު “އޭކް ތާ ޓައިގަރ” ގެ ސީކުއެލްއެކެވެ. މީގެ ދެވަނަ ބައި ވަނީ “ޓައިގަރ ޒިންދާ ހޭ”ގެ ނަމުގައި 2017 ވަނަ އަހަރު ބެލުންތެރިންނަށް ދައްކާލައިފައެވެ. ސަލްމާންގެ “ޓައިގަރ” ސީކުއެލްގެ 03 ފިލްމުގައި ވެސް އޭނާއާއެކު ފެނިގެންދަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.