” ނިހާރާ ބަނޑުބޮޑު ….. އޭނާ ބުނީ އަހްމަދު ގަދަކަމުން އޭނާއާ ބެހުނީއޭ. އޭރު ވެސް ….. ” އިވުނު ހަބަރާއިއެކު ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ހަތަރެސްފައިން ވަރުދެރަވެ ބިންމައްޗަށް ތިރިވަމުން ދިޔަ އަލީ ނަޒީރަކަށް އިތުރު އެއްވެސް އެއްޗެއް އަޑެއް ނީވުނެވެ.
އަލީ ނަޒީރު ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އޭނާއާއެކު އެތަނުގައި މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. އަހްމަދު ސައިޓަށް އައުމާއެކު އެތަނުގައި ތިބި މީހުން އޭނާއަށް އެހަބަރު ދިނެވެ. ވެގެން އުޅޭ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. އަހްމަދު އަވަސް އަވަހަށް ހޮސްޕިޓަލަށް ގޮސް އަލީ ނަޒީރާއި ހަވާލުވިއެވެ.

އަލީ ނަޒީރު ހަމައަކަށް އެޅުނީ ގަޑިއެއްގެހާއިރު ފަހުންނެވެ. އަހްމަދާއި ދިމާއަށް ބަލާލިއިރު އަލީ ނަޒީރުގެ ކިބައިން ފެނުނު ރުޅި އާއި ނަފްރަތު ކިތަންމެ ރަނގަޅަކަށް ވެސް އަހްމަދަށް ފާހަގަވިއެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ހާސްވެ ކަންބޮޑުވިއެވެ. ބިރުގަނެ ޖެހިލުން ވެސް ވިއެވެ. އެ ޢާއިލާއެކު އޭނާ ހޭދަކުރި ތިންމަހެއްހާ ދުވަސްތެރޭގައި ހިތުން ރުހުމުން އޭނާއާ އަނގައިން ބުނެލާ މީހަކަށް ވެސް އެގޭގައި ހުރީ އަލީ ނަޒީރު އެކަންޏެވެ. އޭނާގެ ފަރާތުން އެފަދަ ކަމެއް ފެނުން ވެގެން ދިޔައީ އަހްމަދުގެ ހިތަށް ތަދު ކުރުވި ކަމަކަށެވެ.

” އަލިބޭ ….. ކިހިނެތްވީ؟ ” ކަންބޮޑުވުން ފޮރުވޭތޯ މަސައްކަތް ކުރި ނަމަވެސް އަހްމަދުކަށް އެކަން ކާމިޔާބެއް ނުވިއެވެ.

” ކިހިނެތްވީހޭ؟ ….. ކަލޭގެ ލަދުހަޔާތް ކޮބާ؟ ދަރިއަކު ފަދައިން ކަލެއަށް ބަލައިގެން އަހަރެން ކަލެއަށް ކުރި އިތުބާރުކޮބާ؟ އަހަރުމެން ކަލެއަށް ދިން އެހީތެރިކަމުގެ އަގުކޮބާ؟ ….. އޭން …. ކަލޭ ތީ އިންސާނެއްތަ؟ ނޫނީ ޖަނަވާރެއްތަ؟ ޖަނަވާރުންނަށް ވެސް ކާންދޭ މީހަ އެނގޭ …. ކަލެއަށް ނުވި އެވަރު ވެސް. ދާންއުޅޭ …. މިތަނުން ދާންއުޅޭ. އަހަރެން ކަލޭގެ ސޫރަ ވެސް ދެކޭކަށް ބޭނުމެއް ނޫން. ” އަހްމަދާއި ދިމާއަށް ފުންމައިގަންނަން މަސައްކަތް ކުރަމުން އަލީ ނަޒީރު ހަޅޭލަވައިގަތެވެ. އަތަށް ގުޅާފައިހުރި އައިވީއަށް ވާން ނުވިނަމަ އޭނާ އަހްމަދަށް ހަމަލާ ދިނީހެވެ.

އިވުނު އަޑާއި ފެނުނު މަންޒަރުން ކަންބޮޑުވެ ނަރުހުންތައް އަވަސް އަވަހަށް އެދިމާއަށް އައެވެ. ވެގެން އުޅެނީ ކިހިނެތްތޯ ނަރުހުން ސުވާލުކުރީ އަހްމަދާއިއެވެ. ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ.

” ގޮތެއްފޮތެއް ލަދެއް ހަޔާތެއް ނެތް މިހަރަ މީހާ އަހަރެންގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖަހައިފި …. އަހަރެންގެ އުންމީދުތައް ވިއްސި ވިހާލި ކޮށްލައިފި …. އަހަރެން ހުރި ހަމައެކަނި ދަރިފުޅުގެ ހަޔާތް ބަރުބާދު ކޮށްލައިފި. އަހަރެންގެ އަންހެން ދަރިފުޅު ދުނިޔެއަށް ގިނަ ކޮށްލައިފި. މީނަ ގެންދޭ …. މީނަ ގެންދޭ. ގެންގޮސް ޕޮލިހުންނާއި ހަވާލުކުރޭ. ” ނަރުހުންނަށް ޖަވާބު ދިނީ އަލީ ނަޒީރެވެ. އޭނާގެ އަޑާއި ހަރަކާތުން ކުރިން ފެނުނު ރުޅިވެރިކަން ހައްތަހާ ވީ އިތުރެވެ. އެހަރަ ބޮޑުމީހާ ތުރުތުރުއަޅައެވެ.

” ނޫން …. ނޫން …. ބޭބެ. އަހަރެންނަށް ތިހެން ނުހަދާ …. އަހަރެން ތިކަހަލަ އެއްވެސް ކަމެއް ނުކުރަން. ދުވަހަކު ވެސް ބޭބޭއަށް ދެރައެއް ލިބޭނެ ކަހަލަ ކަމެއް ނުވެސް ކުރާނަން. އަހަރެންނަށް ތިހެން ނުހަދާ. އާދޭސްކޮށްފައި ބުނަން. ތީ ކުށްހީއެއް. ތީ ދޮގެއް. ބޭބެއާމެދު އަހަރެން ދެކުނީ ބައްޕައެއް ފަދައިން. ” އަލީ ނަޒީރުގެ ވާހަކަތަކުން ލިބުނު ހައިރާންކަމަށްވުރެ ބޮޑަށް އަހްމަދުވީ ދެރައެވެ. ރޯން ފެށުނީ އެއްވެސް އިހުތިޔާރަކާއި ނުލައެވެ. އޭނާއާމެދު އެފަދަ ގޮތަކަށް އަލީ ނަޒީރު ދެކިފާނެ ކަމަކަށް ދުވަހަކު ވެސް އޭނާ ހިއެއް ނުކުރެއެވެ.

” ބޭބެ! ހަމަޖެހިގެން އަރާމްކޮށްލާ. މި ވަގުތު އަރާމްކޮށްލުން ވަރަށް މުހިންމުވާނެ. އަހަރެމެން ތިކަމާއި އުޅޭނަން. ” އަލީ ނަޒީރު ކައިރިއަށް ޖެހިލަމުން ނަރުސްކުއްޖާ ވާހަކަ ދެއްކިއެވެ. އެނދުގައި އޭނާ ބޭއްވޭތޯ ވެސް މަސައްކަތް ކުރިއެވެ.

ނަރުހުން އެދުނު ފަދައިން އެމީހުނާއިއެކު އަހްމަދު ބޭރަށް ނުކުތެވެ. އޭނާ އެފަދަ ކަމެއް ނުކުރާކަމަށާއި އޭނާއާމެދު ބަޔަކު ދޮގު ވާހަކަތަކެއް ދައްކަނީ ކަމަށް އަހްމަދު ބުނަމުންދިޔައެވެ. އޭނާއާމެދު އެފަދައިން ކަންތައް ނުކުރުމަށާއި އެ ބޭބެއަށް ހަގީގަތް ކިޔައިދޭން ބޭނުން ކަމަށް ރޮއިރޮއިފައި އަހްމަދު ބުނަމުން ދިޔަނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން ނަރުހުންނަށް ޖެހުނީ އަހްމަދު އެތަނަށް ވަނުން މަނާކުރާށެވެ.
ޝާލޫ އާއި ފާޒިލް އަދި ފަތޯނާ ތިބީ ގޭ ޖޯލިފަތީގައި ވާހަކަ ދައްކާށެވެ. ދެކެވެމުންދިޔަ ވާހަކަތަކުގެ ސަބަބުން ވެސް ކަންނޭނގެ އެވެ. ޝާލޫ އާއި ފާޒިލްގެ ކިބައިން ހައިރާންކަމާއި ނުތަނަވަސްކަން ފާޅުވަމުން ދިޔައިރު ފަތޯނާގެ މޫނުމަތިން ފެންނަމުންދިޔައީ ހިތާމަ އާއި ހިތްދަތި ކަމުގެ އަސަރުތަކެވެ.

” އެއީ ހުސްދޮގު. އަހަރެން އެވާހަކަތައް ގަބޫލެއް ނުކުރާނަން …. އެ ބާސިރާއަކީ ވަރަށް ނުބައިމީހެއް. އަހްމަދާއިމެދު އޭނާ އަބަދުވެސް ކަންތައް ކުރަނީ ވަރަށް ގޯސްކޮށް. އަހްމަދުގެ ދޮންމަންމަގެ ތަނަވަސްކަމުގެ އަވާގައިޖެހި ހުސްވެފަ ހުންނަ މީހެއް އެއީ. ” އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ފަތޯނާ ވާހަކަ ދެއްކިއެވެ. ރަށުތެރޭގައި ފެތުރިގެން އުޅޭ ވާހަކަތައް އޭނާ ގަބޫލުކުރަން ބޭނުން ނުވާ ސަބަބު ވެސް ބުންޏެވެ.

ދޮންމަންމަގެ ނަން އިވުނު ހިސާބުން ޝާލޫގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހިތާމަ އާއި ހިތްދަތިކަން މުޅި މީހާ ވަށާލި ކަހަލައެވެ.

” ދަރިފުޅާ! ހަމަޖެހިބަލަ. ބައްޕަމެން ވެސް މިބުނަނީ އެ އަހްމަދު އެކަހަލަ ކަމެއް ކޮށްފާނެހެން ހިޔެއް ނުވެއޭ. އަލީ ނަޒީރާއިއެކު އޭނާ އެއުޅެނީ އުފަން ބައްޕައަކާއިއެކު އުޅޭހެން. ކަމަކު ނުބުނެގެން ހުންނަނީ. އޭނާގެ ރަނގަޅު ވާހަކަ އަލީ ނަޒީރު ދެއްކިއަޑު ބައްޕަ ވެސް އެހިން ….. އެކަމު ….. މީހެއްގެ ގޮތެއް ކިހިނެތް އެނގޭނީ. ” ފަތޯނާއަށް ބަލާލަމުން ފާޒިލް ދައްކަންފެށި ވާހަކަ ނިންމާލިގޮތް ފަތޯނާއަކަށް ކަމަކު ނުދިޔައެވެ. ޝާލޫއަށް ބަލާލީ ހިތްހަމަ ނުޖެހުމާއެކުއެވެ.

” ހުއްހު …. ވަރަށް ފޫހިވޭ ….. އެ ނިހާރާގަނޑަށް އަހްމަދު ސެޓް ނުވެގެން ޖައްސާހާ ވައްތަރު އެއީ. އޭނާ ހުންނަނީ އަހްމަދާއިހެދި މޮޔަވެފަ. ރީތި ގޮތަކަށް ނިމިގެންދާނެ އަންހެނެއް އެއީ. ” ހިތްހަމަ ނުޖެހުމާއިއެކު ވާހަކަ ދައްކަމުން ދައްކަމުން ޖޯލިފަތިން ތެދުވި ފަތޯނާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.

” ބައްޕައަށް ހީވަނީ ދަރިފުޅު ވެސް …. ” ޝާލޫއަށް ހިނިތުންވެލަމުން ފާޒިލް ބުނެލި ޖުމްލަ އަޑުއިވުމާއިއެކު ފަތޯނާ ގާތަށް ވެސް ހިނިއައެވެ. ފާޒިލްގެ މަގްސަދަކީ ފަތޯނާ ހެއްވާލުންކަން އެނގުމުން ޝާލޫއަށް ވެސް ހެވުނެވެ.

ސިމްނާ މާލެ ދިޔައީ ނާހިލްއާ ކައިވެނިކޮށް އޭނާގެ އަނތްބެއްގެ ގޮތުގައެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ސިމްނާއަށް ލިބުނު ބައިވެރިޔާ ވެގެންދިޔައީ އޭނާ ބޭނުންވިފަދަ މީހަކަށެވެ. އޭނާގެ ދުޢާ އިޖާބަކުރައްވައި އެފަދަ ބައިވެރިއަކު ލިބުނީތީ ސިމްނާ ނުހަނު އުފާކުރިއެވެ. އެ އުފަލާއި ހިތްހަމަ ޖެހުމުގައި އަބަދުގެ އަބަދަށް ލައްވާތޯ ދުޢާކުރަމުން ދިޔައެވެ.

ނާހިލްއާއެކު ހޮސްޕިޓަލް ތެރެއަށް ވަދެގެންދިޔަ ސިމްނާ ހުރީ ނިގާބް އަޅައި ނިވާވެގެން ކަމަށްވާތީ އޭނާއަކީ ކާކުކަމެއް މިހާރު ނޭނގެއެވެ. ކާކުކަން ދެނެގަންނާކަށް ފަސޭހައެއް ވެސް ނުވާނެއެވެ. މާބަނޑު އަންހެނުންނަށް ހާއްސަ ޑޮކްޓަރުގެ ކޮޓަރި ކައިރީ ހުރި ގޮނޑިބަރީގައި އިށީންދެލައިގެން އިން ނާޖިލާ ފެނުމާއިއެކު ސިމްނާގެ ފިޔަވަޅުތަކަށް ހުއްޓުން އައެވެ. ދެފައި ތަޅުލެވުނު ކަހަލައެވެ.

ކުއްލިއަކަށް އަތުގައި ހިފަހައްޓާލަމުން ބާރުކޮށްލުމާއިއެކު ނާހިލް ދިޔައީ ސިއްސައިގެންނެވެ. ލިބުނު ހައިރާންކަމާއިއެކު އަވަސް އަވަހަށް ސިމްނާއަށް ބަލާލެވުނެވެ.

” ރަތްކުލައިގެ ޓޮޕްކޮޅެއް ލައިގެން އޭނީ އަހަރެން ބުނި ނާޖިލާ. އެއީ އަނީގާގެ ކޮއްކޮ. ހުރިހާ ނުބައެއްގެ އެއް ބައިވެރިޔާ. ” ނާހިލްގެ ކަންފަތާއި ކައިރިވެލަމުން ސިމްނާ ބުންޏެވެ. އެވަގުތު އޭނާގެ އަޑުން ފާޅުވި ހާސްކަމާއި ކަންބޮޑުވުން ނާހިލަށް ފާހަގަވިއެވެ.

ސިމްނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނާ ގޮވައިގެން ދިޔަ ނާހިލް އިށީނީ ނާޖިލާ އިށީންދެގެން އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައެވެ. ނާޖިލާ އާއި އޭނާ ކައިރީ އިށީންދެލައިގެން އިން ޒުވާން އަންހެންކުއްޖާ ތިބީ ކޮންމެވެސް މުހިންމު ވާހަކައަކަށް ގެއްލިފައިއެވެ. އެމީހުންގެ ވާހަކަތަކަށް ނާހިލް ސަމާލުކަން ހުއްޓުނީ އެމީހުންގެ ވާހަކަތައް ހުރިގޮތުންނެވެ.

” މި ރިޕޯޓް ޕޮލިހަށް ދައްކާއިރަށް އޭނާ ހައްޔަރު ކުރާނެދޯ؟ ހުންނާނެތާ ވަރަކަށް ތެޅިލާފަ ….. އެ ފަތޯނާއެއް ވެސް ހީވަނީ އެހެންފަދަ ކަމެއްހެން. ދުވަހަކު ފިރިހެނަކު ނުފެންނަ މީހަކަށް ފިރިހެނަކު ފެނިގެން އުޅޭހެން ހީވަނީ. އަހަރެން ދެން ނުދާނަން ރަށަކަށް. ނާޖިލާމެން ކައިރީ މާލޭގަ ހުންނާނީ. ރަށުމީހުން އެވާހަކަތައް ދައްކަ ދައްކާ ތިބިދާނެއެއްނު. އަހަރުންނަށް ކޮންކަމެއްދޯ؟ ” ނާޖިލާ ކައިރީ އިން އަންހެންކުއްޖާ ހީހީފައި ވާހަކަ ދައްކަމުންދިޔައިރު އެމީހުންގެ މެދުގައި ނުބައި ރޭވުމެއް ވާކަން އެނގުނެވެ.

” އާން. ނިހާރާ ހާސްނުވޭ. އެކަންތައް ނިމުނީމަ އަހަރެން ހޯދައިދޭނަން އެހެން ރިޕޯޓެއް. ކުރިން ހެދި ރިޕޯރޓް އެއީ ޑޮކްޓަރުންނަށް އެރި އޮޅުމެކޭ ބުނީމަ ނިމުނީއެއްނު. ޓެސްޓް ހަދައިގެން ބެލިޔަސް އެނގޭނެއެއްނު ދުވަހަކު ވެސް ނިހާރާ ބަނޑުބޮޑު ނުވާކަން. މީހުން ދައްކާ ވާހަކަތަކަށް ބަލާނެކަމެއްނެތް. އެމީހަކަށް ލިބެން އޮތް އެއްޗެއް ހޯދާން އުޅުނީމަ ހުންނާނީ ރަނގަޅަށް. ރަށަށް ދާނެ ކަމެއްނެތް. މިކޮޅުން ސްކޫލަށް ވަނުމުގެ ކަންތައް އަންނަ ހަފްތާގައި ހަމަޖެހޭނެ. ” ލޯތްބާއި އޯގާތެރިކަމާއެކު ނިހާރާގެ ބޮލުގައި ފިރުމާލަމުން ނާޖިލާ ހިތްވަރު ދިނެވެ. އޭނާގެ ރޭވުން ކާމިޔާބު ކުރަން ނިހާރާ ވަމުންދާ ގުރުބާނީގެ އަގު އަދާކުރާނެކަމުގެ ޔަގީންކަން ދިނެވެ.

ފެނުނު މަންޒަރާއި އިވުނު އަޑުތަކުގެ ސަބަބުން ނާހިލްގެ ވިސްނުން ބަދަލުވިއެވެ. ކުރަން އައި ކަންތައް ލަސްކޮށްލަމުން ސިމްނާ ގޮވައިގެން ބޭރަށް ނުކުތީ މިވަގުތަށް އެންމެ މުހިންމު ކަންތަކަށް އިސްކަންދިނުމަށެވެ.

ނާޖިލާ އާއި ނިހާރާ ޑޮކްޓަރަށް ދައްކާ ނިންމާފައި ހޮސްޕިޓަލުން ނުކުތްއިރު އެމީހުންގެ ޢަމަލުތަކަށް ބަލަހައްޓައިގެން ނާހިލް ހުރި ނަމަވެސް އެކަމެއް ނޭނގެއެވެ. ނާޖިލާގެ ފަހަތުން ދިޔަ ނިހާރާ ގޮސް ސައިކަލަށް އެރިއިރު ނާހިލާއި ސިމްނާ ވެސް ސައިކަލަށް އަރައިފިއެވެ. ނާހިލް ސައިކަލް ދުއްވާލީ ނާޖިލާގެ ފަހަތުން ނަމަވެސް އެހެން ބަޔަކަށް އެކަމެއް ނޭނގެއެވެ.

” އެއީ އެގެ. މި ތަނަވަސްކަމަށް ފެންބޮވައިގަނެގެން އެ ދެބޭން އެތެޅެނީ. ” ނާޖިލާމެން ސައިކަލް މަޑުކޮށްލި ހިސާބުގައި ހުރި ބޮޑު އިމާރާތަށް އިޝާރަތް ކުރަމުން މަޑުމަޑުން ސިމްނާ ބުނެލިއެވެ. ސިމްނާގެ އަޑާއި ރާގުން ފާޅުވި ހިތާމައާއި ހިތްދަތިކަން ކިތަންމެ ރަނގަޅަކަށް ވެސް ނާހިލަށް ފާހަގަވިއެވެ.

” އިންސާﷲ އަހަރެމެނަށް ކާމިޔާބު ލިބޭނެ. ސިމްނާ އާއި އަހްމަދަށް ހައްގު ހޯދައިދީފަ ނޫނީ އަހަރެން ހުއްޓައެއް ނުލާނަން. މަންމަމެން ކައިރީ އަހަރެންވީ ވައުދު ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. ހިތްވަރު ކުރޭ. އަހަރެންނަކީ އަހަރެންނަށްޓަކައި ސިމްނާ ފަހުރުވެރި ވާނެފަދަ ފިރިއެއްކަން ސާބިތުކޮށްދޭނަން. ދުވަހަކު ވެސް މި އަތުން ދޫކޮށްނުލާނަން. ” ސިމްނާގެ އަތުގައި ހިފާލަމުން ނާހިލް ހިތްވަރު ދިނެވެ. އޭނާ ހުރިގޮތް ހާމަކޮށް ދިނެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ. ” އިންގޮތަށް އިނދެ މަޑުމަޑުން ނާހިލްގެ ގައިގާ ބައްދާލަމުން ސިމްނާ ޝުކުރުއަދާކުރިއެވެ.

ލިބެމުންދާ ކާމިޔާބަށް އުފާކޮށް މަޖާކުރަމުން ހިތްހަމަޖައްސަމުން ދިޔައިރު މާދަމާ ވެސް މިއިން ކަމެއް ބަދަލުވެދާނެ ކަމަކަށް އަނީގާގެ ދެބޭން ގަބޫލެއް ނުކުރެއެވެ. އެމީހުން ހިތުން އެމީހުނަށްވުރެ ވިސްނުންތެރި ހުސިޔާރު ބަޔަކު ނޫޅޭނެއެވެ. އެމީހުން އެ ގަންނަ ގަނޑެއް އެހެން މީހަކަށް ނުވެސް އެނގޭނެއެވެ. އެއުފަލާއި އަރާމާއި ހިތްހަމަ ޖެހުމުގައި އަބަދުގެ އަބަދަށް އެމީހުން ދެމިތިބޭނެއެވެ.

އާދިއްތަ ދުވަހުގެ މެންދުރުފަހު ދޭއް ޖަހާކަން ހާއިރެވެ. ފިހާރަ ކައިރިއަށް ސިމްނާ ބޭލުމަށްފަހު ނާހިލް ދިޔައީ ރައްޓެއްސަކު ގުޅާފައި އައިސްދޭން ބުނުމުންނެވެ. ދައުލަތުގެ މުހިންމު މުއައްސަސާއެއްގެ އިސްވަޒީފާއެއް އަދާކުރަމުންދާ އެރަހުމަތްތެރިޔާއަކީ ނާހިލްމެންގެ މި މަސައްކަތަށް ވަރަށް މުހިންމު މީހެކެވެ. ފަށާފައިވާ ބޮޑު މަސައްކަތާއިގެން ކުރިޔަށް ދިއުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް އޭނާގެ ފަރާތުން ލިބޭގޮތް ވުމުން އެކަމަށް ނާހިލް ސަމާލުކަން ދިނެވެ.

ފިހާރައިން ނުކުންނަން ހިނގައިގަތް ސިމްނާ ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު ކުއްލިއަކަށް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އަވަސް އަވަހަށް ފަހަތަށް ބަލާލިވަގުތު ފެނުނު މަންޒަރާއިއެކު މުޅި މީހާ ތުރުތުރު އަޅައިގެންދިޔައެވެ. ލިބުނު ހައިރާންކަމާއިއެކު އެތައް ސުވާލެއް ވެސް އުފެދުނެވެ. މާޒީ އައިސް މުޅި މީހާ ވަށާލި ކަހަލައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.