ވޭތުވެދިޔަ އަހަރަކީ ހަމަގައިމުވެސް ދިވެހި ސިނަމާ އަށް ކާމިޔާބު އަހަރެކެވެ. ހުރިހައި ރަހަތަކެއްގެ ފިލްމު ތަކެއް ގެނެސްދިން އަހަރު ނިމިގެން ދިޔައީ އިންޑަސްޓްރީގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ހަފުލާވެސް ބޭއްވިގެންނެވެ.

މިއަހަރުވެސް ނިކުންނަން ހުރި ފިލްމުތައް ވަކިން މަދެއް ނޫނެވެ. ވިއްޔާ ވާނީ ގިނަ އެވެ. އެހެންކަމުން މިއަހަރު ނިކުންނަން ހުރިކަމަށް މަޢުލޫމާތު ލިބިފައިވާ ސާދަވަރަކަށް ފިލްމުގެ މައްޗަށް ކުރުގޮތަކަށް ބަލައިލާނަމެވެ.

1- ދެވަންސޫރަ

މިއީ ޔޫސުފް ޝަފީޢުގެ ސްކްރިޕްޓަކަށް ޚުދު އޭނާ ޑައިރެކްޓްކޮށް އެކްޓްވެސް ކުރާ ފިލްމެކެވެ. މިއީ މިއަހަރު އެންމެ ފުރަތަމަ ރިލީޒް ކުރާ ފީޗާ ފިލްމެވެ. ރިލީޒް ކުރާނީ އަންނަ ފެބްރުއަރީ މަހު އެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުހައްމަދު ފައިސަލް، އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލަށް ތަޢާރަފުވާ މަރިޔަމް ޝިފާ އެވެ. މީގެ އތުރުން އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަޒްލީމް، ފާތިމަތު އާޒިފާ، ޔޫއްޕެ، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ އިސްމާއީލް (ޖާދު)، މަރިޔަމް ޝަކީލާ އާއި މަރިޔަމް ހަލީމް ވެސް ހިމެނެ އެވެ. މިއީ ޖުމްލަ 21 ތަރިން ގެ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ.

ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އެކްޓަރ މުޙައްމަދު ފައިސަލް، ޢަލީ ޝަޒްލީމް އަދި ކުރީގެ އެކްޓަރ އަޙްމަދު ޝާހް އަލީ އެވެ.

2- ކުޑަފޫޅުގެ ވަސްވާހުން  – ކުރުފިލްމެއް

 

ކުރު ފިލްމަކަސް މިއީ މިއަހަރު އެންމެ އަވަހަށް ސިނަމާއަށް އަންނާނެ ފިލްމެވެ. ފިލްމު އަޅުވަން ނިންމާފައިވަނީ މި މަހުގެ 19 އާއި 20 ދުވަހުގެ ހަވީރު 4:30 ގަ އެވެ.

ސްކްރީންޕްލޭ ހަދާފައިވަނީ އަމްޖަދު އިބްރާހީމް (އަމްޖޭ) އެވެ. ޑައިރެކްޓްކޮށްފައި ވަނީ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަނެވެ. މިފަހަރުވެސް ކުޑަފޫޅުގެ ބައި ކުޅެފައިވަނީ ހުސައިން މުނައްވަރެވެ. މީގެ އިތުރުންފިލްމްގެ މުހިއްމު ރޯލަކުން އަހުމަދު ޒިޔާ ފެނިގެންދާނެ އެވެ. އަދި ފިލްމު ޝޫޓްކުރި ރަށްކަމަށްވާ ކުޅުދުއްފުށީގެ ގިނައަދަދެއްގެ ކުޑަކުދިންވެސް ފިލްމުން ފެންނާނެ އެވެ.

3- ކަޅިކި

މި ފިލްމަކީ ޔޫއްޕެ ސްކްރީން ޕްލޭ ލިޔެ، ޑައިރެކްޓު ކުރާ ފިލްމެކެވެ. ފިލްމުގެ މެއިން ކާސްޓުންނަކީ އަޒޫ، ފައިސަލް އަދި އަހްމަދު ޝާހު އެވެ. އެ ފިލްމަކީވެސް ސަސްޕެންސް ތުރިލާ އެކެވެ. ޕްރޮޑިއުސްކުރަނީ ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް އަދި ބްލެކް މީޑިއާ އިންކް ގުޅިގެންނެވެ.

4- ނަފުސު

“ނަފްސު” މިއީ އަހްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް އަލީ ޝަޒްލީމް (އެޖެންޓު) ޑައިރެކްޓުކުރާ ފިލްމެކެވެ. “ނަފްސް”ގެ ލީޑް ރޯލުން ފެނިގެންދާނީ ޔޫއްޕެ، އަޒޫ އަދި އަހްމަދު ނިމާލެވެ. ޕްރޮޑިއުސްކުރަނީ ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް އަދި ބްލެކް މީޑިއާ އިންކް ގުޅިގެންނެވެ.

5- ހައްޔަރު

މިއީ ޔޫއްޕެ ސްކްރީންޕްލޭ ލިޔެ، އެކްޓަރ މުޙައްމަދު ފައިސަލް ޑައިރެކްޓްކުރާ ފިލްމެކެވެ. ޕްރޮޑިއުސްކުރަނީ ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް އަދި ބްލެކް މީޑިއާ އިންކް ގުޅިގެންނެވެ.

6- ފޯޓީ ޕްލަސް

‘ފޯޓް ޕްލަސް’ އަކީ ޝަފީޤް ޕްރޮޑިއުސްކޮށް ގިނަ ސްޓާރުންތަކެއް ލައިގެން ހަދަމުން އަންނަ ފިލްމެއް – ފޮޓޯ” 40+ ޕޭޖް

މިއީ “ނޯޓީ 40″ގެ ދެވަނަ ބައެވެ. ނޯޓީ 40 އިން ފެނިގެން ދިޔަ ތަރިންނާ އިތުރު އާ ހަ ތަރިންނާއެކު މިހާރު މި ފިލްމުގެ ޝޫޓިން ތ. ބުރުނީގައި ކުރިއަށް އެބަދެ އެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރަނީވެސް ޔޫއްޕެ އެވެ. މި ފިލްމުގެ ލީޑުންގެ ގޮތުގައި “ނޯޓީ 40” އިން ފެނިގެންދިޔަ މައި ކާސްޓުންގެ އިތުރަށް މުޙައްމަދު ފައިސަލް އާއި ޝީލާ ނަޖީބް ވެސް ހަރަކާތްތެރިވެ އެވެ.

7- ތިޔަ ލޯތްބާ ދުރަށް

އަންނަ އެޕްރީލް މަހުގެ 21 ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމަކީ މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ ގެ ވާހަކައަކަށް ޚުދު އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ އަހުމަދު އަޒްމީލް (އަޒޭ) އާއި ޒުވާން ބަތަލާ މަލީހާ ވަހީދު (މަލް) އެވެ. އަދި ފިލްމްގެ މުހިއްމު ރޯލަކުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ ފެނިގެންދާ އިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހްޒާ ވެސް ހިމެނެ އެވެ.

ކެމެރާކޮށްފައިވަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ޕްރޮޑިއުސްކޮށްފައިވަނީ މަރީ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސް ޓެކްނޯ މީޑިއާ އިންނެވެ.

8- ވަކިން ލޯބިން

މިއީ ޑާކްރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯ އިން މިއަހަރު އެންމެ ފުރަތަމަ ސިނަމާކުރާ ފިލްމެވެ.

މުހައްމަދު ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ ލީޑް ރޯލުން ފެނިގެންދާ “ވަކިން ލޯބިން” އަކީ ފެމެލީ ޑްރާމާ އެކެވެ. މީގެ އިތުރުން ނުޒުހަތު ޝުއައިބް ވެސް މި ފިލްމުގައި ހަރަކާތްތެރިވެ އެވެ.

މި ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރިފަށަށް އެރުމުން ދިމާވާ މައްސަލަތަކެއް ދައްކައިދޭ ފިލްމެކެވެ. ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ. މި ފިލްމު މިއަހަރު މާޗްމަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

9- ގޮށްރާޅު

ޑާކްރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯ އިން އުފައްދާ “ގޮށްރާޅު” ގެ ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ.

މި ފިލްމުން މުޅިން އާ ދެ ތަރިން ކަމަށްވާ އައިޝަތު ތަސްނީމާ އަދި މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އަކުން ވިދާލި ހަސަން އިރުފާން (ޒަކިއްޓެ) ފެންނާނެ އެވެ. ލީޑް ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާނެ އެވެ. އަދި ސަޕޯޓިން ރޯލުންވެސް އާ ތަރިން ފެންނާނެ އެވެ. އެ ފިލްމު ޑައިރެކްޓްކުރަނީ ޒުވާން ޑައިރެކްޓަރު އަހްމަދު ޝިނާނެވެ.

9- ނިވައިރޯޅި

މިއީ ނިއުމާ މުހައްމަދު ކެމެރާގެ ކުރިމަތިން ނިވައިވުމުގެ ކުރިން ފެންނާނެ އެންމެ ފަހު ފިލްމެވެ.

ނިއުމާ އާ އެކު މި ފިލްމުން މުޅިން އާ ފިރިހެން ތަރިއެއްވެސް ފެނިގެންދާނެ އެވެ.

ޕްރޮޑިއުސް ކުރަނީ މޫމިން ފުއާދު އަދި ނިއުމާ އެވެ. ފިލްމުގެ ޝޫޓިން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ފަށާނެ އެވެ. ފިލްމު ޑައިރެކްޓް ކުރަނީވެސް ނިއުމާ އެވެ.

ފިލްމު އަޅުވަން ނިންމާފައިވަނީ މިއަހަރު ނިޢުމާގެ އުފަންދުވާ ދިމާކޮށެވެ.

10- ލީނާ

މިއީ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އިން އިންސްޕަޔާވެގެން ހަދާ ފިލްމެއް ކަމަށް ފިލްމީ ތަރި މުއާ ވަނީ ބުނެފަ އެވެ.

ފިލްމުގެ ލީޑް ރޯލަށް ނަގާފައިވަނީ މަރިޔަމް އައްޒަ އެވެ. ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރަނީ އަބްދުﷲ މުއާޒް އެވެ. މުއާ ބުނީ މި އަހަރު މެދާ ހަމައަށް ދިއުމުގެ ކުރިން ފިލްމު އަޅުވާނެ ކަމަށެވެ. އަދި މުއާގެ އިތުރު ފިލްމެއްވެސް މި އަހަރުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށެވެ.

11- ގިލަން

މިއީ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހިމް ‘އަމްޖޭ’ ގެ 50 ވަނަ ޑައިރެކްޝަން އެވެ. ފިލްމު އަޅުވާނެ ތާރީޚެއް ކަނޑައަޅަން އެނގޭނީ ފިލްމުގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށް އަމްޖޭ ބުންޏަސް މި ފިލްމަކީވެސް މިއަހަރު ފެންނާނެކަމަށް ބެލެވޭ ފިލްމެކެވެ.

އަމްޖޭ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ މި ފިލްމު ގެ މިހާރު ކުރިއަށްދަނީ ޑަބިންގެ މަސައްކަތެވެ.

މި ފިލްމުގައި އެކްޓަރެއްގެ ރޯލް އަދާކުރަނީ އެތައް އެވޯޑެއް ހާސިލްކޮށްފައިވާ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މިފިލްމަށް ސްކްރީން ޕްލޭ ވެސް ތައްޔާރުކޮށްދީފައިވަނީ ޔޫއްޕެ އެވެ. މީގެ އިތުރުން މިފިލްމުގެ ތަރިންގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ) އާއި އޭނާގެ ފިރިމީހާ އަހްމަދު ސައީދު، މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ އަދި ދޮންއައްޔަ ވެސް ހަރަކާތްތެރިވެ އެވެ.

“ގިލަން” އަކީ 1998 ވަނަ އަހަރު “މިއަދު” ނޫހުގައި މުޙައްމަދު ޤާސިމް ޝާއިއު ކޮށްފައިވާ ވާހަކަ އަކަށް ހަދާ ފިލްމެކެވެ.

12- ރޭވުމުން

އަމްޖޭގެ ލޯބީގެ ބިރުވެރިފިލްމު ‘ރޭވުމުން‘ އަންނަ މާޗްމަހު ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ.

ފިލްމުގެ ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރަނީވެސް  އަމްޖަދު އިބްރާހިމް (އަމްޖޭ) އެވެ. މިއީ އަމްޖޭގެ އަމިއްލަ ވާހަކައަކަށް ހަދާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން އާއި އެޑިޓިން ނިމި މިހާރު އޮތީ ޑަބިންގެ މަސައްކަތް އެކަނި ކަމަށް އަމްޖޭ ބުންޏެވެ.

ހުޅުމާލޭގައި ޝޫޓްކޮށް ނިންމާފައިވާ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާދިފާ އެވެ. މީގެ އިތުރުން ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ (ޝަކިއްތަ)، މުހައްމަދު ޝާޒް (ތަޖޫބެ)، ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) ފަދަ އެކްޓަރުން ހިމެނެ އެވެ.

13- ލަސްވިޔަސް

މިއީ ޓެޑްރީ ގެ 30 އަހަރު ވީ ކެރިއަރުގައި ޑައިރެކްޓް ކުރާ ދެވަނަ ފީޗާ ފިލްމެވެ.

‘ލަސްވިޔަސް’ އަކީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން ފެނިގެންދާ ފިލްމެއްކަން ޓީޒާ އިން އެނގުނަސް ފިލްމާއި ބެހޭ މާބޮޑު މަޢުލުމާތެއް ޓީޒާ އާއިއެކު ވަނީ ތިލަނުކޮށެވެ. ނަމަވެސް “ލަސްވިޔަސް” އަކީ ޓެޑް ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭނާ ބުނީ ޓީޒާ ފެށިގެން އަންނަ އިރު އެ އިވޭ ‘ކައިވެނީގެ އަމާޒު ކަމުގާ…” ލަވައިގެ ކަޑިން މުޅި ފިލްމުގެ ވާހަކަ އެއަށް ބިނާވެފައި ވާނެ ކަމަށެވެ.

14- ނަހުލާ ގެ ފިލްމެއް

ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާތިމަތު ނަހުލާގެ ފިލްމެއް މިއަހަރުވެސް ފެނުން ގާތެވެ. ފިލްމެއް ޑައިރެކްޓް ކުރަން އުޅޭކަން ނަހުލާ އިއުލާނު ކުރި އިރު އޭނާގެ ފިލްމަކުން ބަތަލާ މަރިޔަމް އައްޒައަށް ވަނީ ފުރުސަތުވެސް ދީފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.