ފިލްމެއްގެ ލީޑް ރޯލު ކުޅެން މި ދާއިރާއަށް އަލަށް ނިކުންނަ ކުދިންނަށް ލިބުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްޞަކޮށް ރާއްޖޭގެ އެންމެ ފުންނާބު އުސް އެކްޓަރ އަދި މިހާރު ފިލްމު ޑައިރެކްޓް ކުރުމުގައިވެސް ދެވަނައެއް ނެތް ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކޮށް އެކްޓްވެސް ކުރާ ފިލްމަކުން މިފަދަ ފުރުޞަތެއް ލިބުމަކީ ނާދިރުކަމެއް ކަހަލަ ކަމެކެވެ. ނަމަވެސް ޅ. ނައިފަރަށް އުފަން ހިތްގައިމު ޒުވާން މަރިޔަމް ޝިފާ އަށް މިވަނީ މިފަދަ ނަސީބެއް އަތުގައި ހިފާފަ އެވެ. ދެވަންސޫރަ’ އިގެ ލީޑް ރޯލުން ފުރުޞަތުލިބި، ޝިފާ ވަނީ މި ފިލްމުގައި އޭނާ އަށް ދިން ކެރެކްޓަރ ވަރަށް ފުރިހަމައަށް އަދާކޮށްފަ އެވެ.

[smartslider3 slider=4]

އަޙްމަދު ޝާހް، އަލީ ޝަޒްލީމް އަދި މުޙައްމަދު ފައިސަލް ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ދެވަންސޫރަ’ ފެބްރުއަރީ 06 ގައި އޮލިމްޕަހުގައި ރިލީޒް ކުރުމަށް މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފަ އެވެ.

މުނިއަވަސް ގެ ކަޅި‘ މި ސެގްމެންޓްގައި މިފަހަރުގެ މެހެމާނަކީ މަރިޔަމް ޝިފާ އެވެ. އެހެންކަމުން ފިލްމު ދެވަންސޫރަ’ އިން ޝިފާ އަށް ފުރުޞަތު ލިބުނުގޮތާއި، މި ފިލްމުގެ ޝޫޓިންގައި ކުރެވުނު ބައެއް ތަޖްރިބާ ތަކާއި ފިލްމުގައި ޝިފާ އަދާކޮށްފައިވާ ރޯލާއި ބެހޭގޮތުން ޝިފާ އާއި ވާހަކަދައްކައިލީމެވެ. މީގެ އިތުރުން ޝިފާ އަދާކޮށްފައިވާ ކެރެކްޓަރ އާއި ޝިފާގެ އެކްޓިން ހުނަރާއި ބެހޭ އިތުރު މަޢުލޫމާތު ހޯދާލުމަށް މި ފިލްމުގެ އެއް ޕްރޮޑިއުސަރ/އެކްޓަރ މުޙައްމަދު ފައިސަލް އާއި ވެސް ވާހަކަދައްކާލީމެވެ. އަދި ފައިސަލް ގެ ވާހަކަތަކުގައި ޝިފާ ގެ ހުނަރާއިމެދު ޔޫއްޕެ ދެކޭގޮތްވެސް ފައިސަލް ވަނީ ކިޔައިދީފަ އެވެ.

މި ފިލްމަކީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ މަރިޔަމް ޝިފާ ބަތަލާގެ ބައި ކުޅޭ ފުރަތަމަ ފިލްމެވެ. ނަމަވެސް މިވަގުތުވެސް ޝިފާ ހުރީ ފިލްމެއްގެ ޝޫޓިންގަ އެވެ. ‘ނޯޓީ40’ ގެ ދެވަނަ ބައި ‘ފޯޓީ ޕްލަސް’ ގެ ޝޫޓިން ސެޓްގައި ތ. ބުރުނީގައި ހުރެގެން ޝިފާ މިވަނީ މުނިއަވަސް އަށް މި ޚާއްޞަ އިންޓަވިއު ދީފަ އެވެ.

މުނިއަވަސް: ދެވަންސޫރަ’ އިން ޗާންސް ލިބުނީ ކިހިނެތް؟

ޝިފާ: ދެވަންސޫރަ’ އިން އަސްލު ޗާންސް ލިބުނީ ޔޫއްޕެގެ ސައިޑުން. ޝޯއަކުން ދިމާވީ. މީގެ ކުރިން ވޯރކް ކުރީ ނަށާ ގްރޫޕެއްގަ (ޕާރޕްލް ވިންގް ގްރޫޕް). އޭގަ އުޅެނިކޮށް ‘ނޯޓީ40’ ގެ ޕްރިމިއަރ އަށް ދިޔަތަނުން ޔޫއްޕެއަށް ފެނިގެން ޔޫއްޕެ އަޅުގަނޑު ނަށާ ގްރޫޕްގެ ބޮޑުމީހާ ކައިރީ އެދުނީ ޔޫއްޕެ ދެން އަލަށް ހަދާފިލްމަށް ބޭނުމޭ އާކުއްޖެއް ލާން. ބުނީމަ އެކޮޅުން އަޅުގަނޑުުކައިރީ ބުނީ.

މުނިއަވަސް: އެކްޓިންގ އަށް ކިހާވަރަކަށް ޝައުގުވެރިކަން ހުންނާތީބާ ޔޫއްޕެ އެހެން ބުނީމަ އެއްބަސްވީ؟

ޝިފާ: ވަރަށް ކުރިންސުރެވެސް ކުރާހިތްވާ ކަމެއް. ދެން މިކަހަލަ ޗާންސެއް ލިބުނީމަ، ދެން ޔޫއްޕެ ވީމަ، ޔޫއްޕެގެވެސް ވަރަށް ބައިވަރު ފިލްމު ބެލިފަ އަޅުގަނޑަށް ހުރީ. ދެން އެހެންވީމަ އެކަހަލަ ރަނގަޅު އެކްޓަރަކާ އެކީގަ ވޯރކް ކޮށްލަން ލިބުނީމަ އެހެންވެ އެކްސައިޓް ވެފަ ހުރެ ޔެސް ބުނީވެސް. ބޭނުންވެގެން ހަމަ ވަރަށް ކުރާހިތުން.

މުނިއަވަސް: ދެވަންސޫރަ’ އިގެ ޝޫޓިންގ ތެރޭގަ އެހެން ފަންނާނުންގެ ފަރާތުން ލިބުނު އެހީތެރިކަން ކިހިނެތް ފާހަގަކޮށްލާނީ؟ އާކުއްޖެއް ވީމަ ހަމަ ދަތިތަކަކާވެސް ކުރިމަތިވާނެތާ!

ޝިފާ: އަނެއްހެން މާ ބޮޑު ދަތިތަކަކާ ކުރިމައްޗެއް ނުވޭ. ހަމަ އެންމެންގެވެސް ހެލްޕް ލިބުނު. ޔޫއްޕެގެ ހަމަ ވަރަށް ބޮޑު ހެލްޕެއް ލިބުނު އަޅުގަނޑަށް. އެއީ ހަމަ ޝޫޓިންގ ތެރެއިންވެސް ހަމަ ޝޫޓް ކުރާއިރުވެސް ވަރަށް ޑިޓެއިލްކޮށް ހުރިހާ އެއްޗެއް ކިޔައިދީ ހަމަ މިހެންނޭ، މީތި އިންނާނީ ހަމަ ހުރިހާއެއްޗެއްވެސް ވަރަށް ޑިޓެއިލްކޮށް ކިޔައިދީ ވަރަށް އެހީވި އަޅުގަނޑަށް. ދެން ޝޫޓިންގ ތެރޭ އުޅުނު ކުދިންގެ ފަރާތުންވެސް ހަމަ ވަރަށް ބޮޑެތި އެހީތައް ލިބިފަ ހުރީ އަޅުގަނޑަށް.

މުނިއަވަސް: ދެވަންސޫރަ’ އިގަ ޝިފާ ކުޅެފަ އިން ރޯލާއިމެދު ކިހާވަރެއްގެ މަޢުލޫމާތެއް ދެވޭނީ؟

ޝިފާ: ދެވަންސޫރަ’ އިގަ އަޅުގަނޑު އިންނާނީ ވަރަށް އެހެން ކަހަލަ ކެރެކްޓަރ އެއް. ބައިވަރު ގޮތްގޮތަށް ފެންނާނެ. އެކި ގޮތްގޮތަށް. ދެން ޝިޔާދާ ގެ ނަމުން ނަންދެވިފަ އިންނާނީ އަޅުގަނޑަށް. ދެތިން ރޯލެއް ކުޅޭނެ އަޅުގަނޑު މި ފިލްމުގަ.

މުނިއަވަސް: އިތުރު އޮފަރތަކެއް އެބަހުރިތަ ލިބިފަ؟

ޝިފާ: ލައްބަ އެބަހުރި. އެއީ ‘ހައްޔަރު’ ގަ. ޔޫއްޕެ އަދި ފައިސަލް އާއެކު.

ފައިސަލް: މިއީ ޝިފާ އިންޓްރޮޑިއުސްވާ ފިލްމު. މީގެ ލީޑް ކުޅެފަ މީނދީ ޝިފާ. މީގަ ޝިފާ ގެ އެ ކެރެކްޓަރ ގެ މައްޗަށް ބިނާވެފަ އިންނަ ސްޓޯރީއެއް ހަގީގަތުގަ މީ. ޝިޔާދާ މި ކިޔާ ކެރެކްޓަރ ގެ މައްޗަށް މުޅި ފިލްމު އަސްލު ބިނާވެފަ އިންނަނީ. ޝިޔާދާ ގެ މަރާ ބެހޭގޮތުން ކުރާ އިންވެސްޓިގޭޝަނެއް މީގަ މުޅި ފިލްމުން ފެންނަނީ. ދެން އޭގެ ތެރޭގަ ބައިވަރު ޓްވިސްޓެޑް ސްޓޯރީސް ތަކެއް މި ހުންނަނީ.

‘ދެވަންސޫރަ’ އިގައި ފައިސަލް އަދި ޝަޒްލީމް ފުލުހެއްގެ ރޯލުން – ފޮޓޯ: ދެވަންސޫރަ ޕޭޖް

ޝިފާ ގެ ހުނަރުވެރިކަމުގެ ވާހަކަ ފައިސަލް އާއި ޔޫއްޕެގެ ދުލުން އެވަރަށް ދައްކާނީ ހަމަގައިމުވެސް ކޮންމެވެސް ސަބަބުތަކެއް ހުރެގެންނެވެ. އާނއެކެވެ. ފިލްމު ޕްރޮމޯޝަން ގައި އުޅޭއިރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މިހިރަމިހިރަ ވާހަކަތައް ދައްކާނޭ އަހަރެންގެ ހިތަށް އަރަމުންދިޔަ އެވެ. ނަމަވެސް ‘ދެވަންސޫރަ’ އިގެ ޕްރޮޑިއުސަރ/އެކްޓަރ ފައިސަލް މިއޮތީ އަހަރެންގެ ހިތަށްއަރަމުންދިޔަ ވަސްވާސް ދޮގުކޮށްފަ އެވެ. ފައިސަލް އާއި ޔޫއްޕެ އަދި އިތުރު ފަންނާނުންތަކެއް އުފެއްދުމަށް ތައްޔާރުވަމުން އަންނަ އެތައް ފިލްމުތަކަކުން ޝިފާ އަށް ފުރުސަތުދޭ ވާހަކަ ބުނާނީ ފައިސަލް މެން އެދައްކާ ވާހަކައިގައި ބޮޑު ހަގީގަތެއް އޮވެގެންނެވެ.

ފައިސަލް: ‘ހައްޔަރު’ އެއީ. މިއަހަރު މެދު ތެރޭ އޭތި ޝޫޓް ކުރަނީ. އޭގެންވެސް ލީޑުން ފެންނާނީ ޝިފާ. އޭގަ ހަމަ މެއިން އެންމެ ބޮޑު ރޯލަކަށް ޝިފާ އިންނާނީ. އައިލްބީ ޑައިރެކްޓިން އިޓް. ޔޫއްޕެ އާ އަހަރުމެން ކުރާ ބައިވަރު ޕްރޮޖެކްޓް ތަކެއް އަސްލު މީ. ޔޫއްޕެ ޑައިރެކްޓް ކުރާނީ ‘ކަޅިކި’ ކިޔާ އެއްޗެއް. އަހަރުމެން ޕްރޮޑަކްޝަން ޓީމެއްގެ ގޮތުގަ މި އުޅެނީ. ދެން އޭގެ ތެރެއިން ނިކުންނަ ހަމަ ހުރިހާ އެއްޗެއްގަ ކަހަލަ ގޮތަކަށް ޝިފާ ފެންނާނެ.

‘ދެވަންސޫރަ’ އިގައި ޔޫއްޕެ ފެންނާނީ ވަރަށް ތަފާތު ރޯލަކުން – ފޮޓޯ: ދެވަންސޫރަ ޕޭޖް

މީގެ ކުރިން މުނިއަވަސް އަށް ފައިސަލް ދީފައިވާ އިންޓަވިއުއެއްގައިވެސް ވަނީ ‘ދެވަންސޫރަ’ ގައި ޝިފާ ގެ އެކްޓިން އާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. އަދި ޝިފާ ގެ އެކްޓިން އާއިމެދު ޔޫއްޕެ ދައްކާފައިވާ ވާހަކަތައްވެސް ހިއްސާކޮށްފަ އެވެ. ފައިސަލް ބުނީ ޝޫޓިން ކުރިއަށް ދިޔައިރު އެތައް ފަހަރަކު ޔޫއްޕެ ވަނީ ޝިފާ ގެ އެކްޓިން ފެންވަރު ރަނގަޅުކަމުގެ ވާހަކަ ދައްކާފައި ކަމަށެވެ. ފައިސަލް ވެސް  މި އިންޓަވިއުގައި ބުނެފައިވަނީ “……. އެގޮތުން  ޝިފާ ވެސް ހަމަ އަލަށް ނިކުތް ކުއްޖަކާ ބަލާފަ ވަރަށް ވަރަށް ފާހަގަ ކުރެވޭ ޝިފާގެ އެކްޓިން ވަރަށް މޮޅު.” މިހެންނެވެ.

ފައިސަލް: ޔޫއްޕެ ވެސް ފާހަގަ ކުރި ޝިފާގެ އެކްޓިން ޓެލެންޓް ވަރަށް ރަނގަޅު ކަމަށް. އާކުއްޖަކާ ބަލާފަ ހަމަ ވެރީ ވެރީ ޓެލެންޓެޑް އޭ ބުނެވޭނީ. ޝީ ޕިކްސް އެވްރީތިންގ ވެރީ ފާސްޓް. އޭތި ޔޫއްޕެ ވަރަށް ފާހަގަ ކުރި. ހަމަ ޑައިލޮގްވެސް ބަލާލާފަ، އެންމެ ބޮޑަށް މީހުންނަށް އުދަގޫވަނީ ޑައިލޮގް. އެއްކަލަ ބަލާލާފަ އެ ޑައިލޮގުތައް ރީއްޗަށް ޑެލިވަރ ކުރުން. އެކަމަކު ޝިފާ ޑައިލޮގްތަކަށް ބަލާލާފަ ވަރަށް ނެޗުރަލްކޮށް ވަރަށް ރީތިކޮށް ޑެލިވަރ ކޮށްދޭ. އެކްޓިންގ އާ ޑައިލޮގް ޑެލިވަރީ ހަމަ ވަރަށް ރަނގަޅުކަމަށް ޔޫއްޕެ ވެސް ފާހަގަކުރި.

 

ހަމަ ގައިމުވެސް ޝިފާ ގެ އުއްމީދަކަށްވާނީ ‘ދެވަންސޫރަ’ އިން އޭނާގެ އެކްޓިން ކެރިއަރ ބިނާކުރުމަށް ރަނގަޅު ބިންގަލެއް އެޅޭނެ ކަމަށެވެ. މުނިއަވަސް އާއި ކިޔުންތެރިންގެ ފަރާތުންވެސް ޝިފާ ކުރަމުންދާ ފޮނި އުންމީދު ޙާސިލްވުމަށް އެދެމެވެ. 

ތ. ބުރުނީގައި ‘ފޯޓީ ޕްލަސް’ ގެ ޝޫޓިންގައި ބުރަކޮށް، ވަދިކޮށް އުޅެމުންވެސް ޝިފާ އާއި ފައިސަލް މި އިންޓަވިއުއަށް ފުރުސަތު ދިނީތީ ޝުކުރުވެރި ވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.