ޖަވާބުގައި ވާހަކަދެއްކުމަށް ހުޅުވައިލި ރަމީޒުގެ އަނގަ ބަންދުކޮށްލީ އޭނައަށްވުރެ ކުރިން ކުރި ސުވާލުގެ ޖަވާބު މޫސަ ދޭން ފެށުމުންނެވެ.
“އާނ ރަމީޒުމެން އުޅޭނެއެއްނު މިކަހަލަ ތަންތާނގައި، ޝަރީފާމެން އުޅެންޏާ މިތަންތަނުން ރަމީޒުމެން ކަހަލަ ކުދިންނެއް ނުފިލާނެ؟ ދޯ ރަމީޒު؟” މޫސަ އެއްލި ދޯއަށް ރަމީޒަށް ޖަހައިލެވުނީ އިހެވެ. މޫނުމަތިން ފާޅުވީ ލަދުވެތިކަމެވެ. އެއަޑު އަހަން އިން ޝަރީފާއަށްވެސް ނޭނގި އޭނަގެ ހިތް ނުރުހުންވިއެވެ. މަރީނާ ކުރި ސުވާލަށް މޫސަ ޖަވާބު ދިނުމުންކަމެއް ނުވަތަ މޫސާ ޖަވާބު ދިން ގޮތުންކަމެއް އެނގޭނީ ހަމަ އެ ހިތަށެވެ. އެވަގުތު ފައިން ފެށިގެން ބޮލަށް އަރައިގެން ދިޔަ ފިނިގަނޑާއެކު އެހުރި ގޮތަށް ދޮންމުޙައްމަދު ގަނޑުވި ކަހަލައެވެ.
އެއްގޮތަކީ މޫސަ އެ ބަސް ރައްދުކުރީ ދޮންމުޙައްމަދަށް ކަމުގައި އޭނައަށް ހީވުމެވެ. އެއީ ދޮންމުޙައްމަދު އެތަނަށް އައިސް ހުރުމުގެ ޙަޤީޤީ ބޭނުމަކީ އެއީ ކަމަށް ވާތީއެވެ. އަނެއް ގޮތަކީ ދޮންމުޙައްމަދު ނޫން އެހެން މީހެއްގެ ހިތް ޝަރީފާއަށް އެދޭކަމުގެ ޝައްކެއް އޭނަގެ ހިތުގައި އުފަންވުމެވެ. ކޮންމެ ގޮތަކަށް ކަންތައް ވީކަމުގައި ވިޔަސް އެކަމުން ދޮންމުޙައްމަދުގެ ޟަމީރަށް ކަސިޔާރު ގޮތަކަށް އަސަރު ކޮށްފިކަން އޭނަގެ ޙަރަކާތްތަކަށް އައި ކުއްލި ބަދަލުން ހާމަވެގެން ގޮސްފިއެވެ. ދެރައީ އެ މަންޒަރު ޝަރީފާއަށް ނުފެނުނުކަމެވެ. ފެނުނުނަމަ ޔަޤީނުންވެސް އެކަން ވީހީ ޝަރީފާއަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމުގައެވެ.
ގަތް ލަދަކުން އެތަނުގައި ހުންނަން ނުކެރިގެން އަވަހަށް ރަމީޒު އެތަނުން ދުރަށް ދިޔައެވެ. އޭނަގެ ފަހަތުން މޫސައާއި ދެންވެސް ތިބި މީހުން ހެމުންހެމުން އައެވެ. ވެދިޔަ އެއްވެސް ކަމެއް ނުދެނަހުރިކަމުގައި ހަދައިގެން ޝަރީފާ ހަމަ ކުރިންވެސް އިސްޖެހިގޮތަށް އިސް އުފުލައިވެސްނުލައި މަސައްކަތައިގެން ކުރިއަށްދިޔައެވެ. ދެކެވުނު އެއްވެސް ވާހަކައަކުން ޝަރީފާގެ މޫނުމަތީގެ ކުލަވަރަށް ބަދަލެއް އައިތޯ ދޮންމުޙައްމަދު ވަރަށް ރަނގަޅަށް ބެލިއެވެ. އެހެނަސް އޭނައަށް އެފަދަ އެއްވެސް ކަމެއް ފާހަގަނުވުމުން އެވަގުތަށް ހިތްހަމަޖައްސައިލީ ފަހުން ނަގައިފާނެ ބިޔަ ރާޅެއްގެ އިންޒާރާއިމެދު ސަމާލުވެ ހުރުމަށް އޭނާގެ ހިތަށް ކަނޑަނޭޅި އަނގަމުންނެވެ.
މޫސަ ކުރި ސަމާސައެއްގެ ސަބަބުން ޙަޤީގަތުގައިވެސް ރަމީޒުގެ ހިތް ޝަރީފާއާއިމެދު ވިސްނަން މާބޮޑަށްވެސް މަޖުބޫރުކުރުވަން ފަށައިފިއެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް ރަމީޒަށް ޝަރީފާ ކަމުދިޔައެވެ. އޭނާގެ ފުރިހަމަ ބުރުސޫރައިގައިވާ ވިދާ ބެބުޅުމެވެ. ތޫނު ކަޅިރަވައިގެ ދެ ލޮލެވެ. ގަނޑު ލޭކޮޅެއްފަދަ ދެ ތުންފަތެވެ. ޝަރީފާ ވާހަކަ ދެއްކި އެންމެ ފުރަތަމަ ފަހަރުވެސް ރަމީޒަށް ސިފަވެގެން ދިޔައީ މާ ފުރިހަމަ ރީތި ރާގަކަށް އެ ތުންފަތް ހަރަކާތް ކުރަމުން ދަނީ ކަމުގައެވެ. ޝަރީފާގެ ރީތިކަމުން އެހެން ކޮންމެ މީހަކަށްވެސް އަސަރު ކުރުވާ ފަދައިންނެވެ. ފޫހިކަމެއްނެތި އެ މަންޒަރު ބަލަން ކިތަންމެ ގިނައިރަކު ރަމީޒަށް އިނދެވުނީސްކަން ގައިމެވެ. އެކަމަކު އެ ޚިޔާލުތަކާއި ދުރަށް ދިއުމަށް މަޖުބޫރުކުރުވީ ރަމީޒުގެ ބީރައްޓެހިކަމެވެ. ރަށުން ބޭރުން އައިސް ހުރި ގޮތް ނޭނގޭ ބީރައްޓެއްސަކަށް ޝަރީފާގެ ހިތް ފަތަޙަކުރެވިދާނެކަމުގެ އުންމީދު ހިތުގައި އުފަންކުރުވުމަށް ޖެހިލުންވުމެވެ. ޝަރީފާއަކީ ކޮން ފެންވަރެއްގެ ކޮން މިޒާޖެއްގެ ކޮން އާއިލާއެއްގެ ކާކުކަން ނޭނގުމެވެ. މި ހުރިހައި ކަމަކުން ހިތުތެރޭގައި އުފެދުނު ނާއުންމީދު މަޖުބޫރުކުރުވީ އެ ޚިޔާލުތަށް ރަމީޒުގެ ހިތުގެ އެންމެ އެތެރޭގައި ފަސްއަޅައި ފޮރުވާލުމަށެވެ. އެހެނަސް މޫސަގެ މި ޢަމަލުން އަނެއްކާވެސް ޝަރީފާގެ ޚިޔާލުތަކުގެ މައްޗަށް އެޅި ފަސްކޮޅު ކަހައިލައި އެޚިޔާލުތައް ހިތުގެ ތެރޭގައި އުފަންކުރުވުމަށް މަޖުބޫރު ކުރުވީއެވެ. ޝަރީފާއަކީ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދުނީއެވެ. އެފަދަ ރީތީ ފަތްމިންޏެއްގެ ހިތުގައި އެހެން މީހެއްގެ ނަމުން ވިންދުޖަހަމުންދޭތޯ ބެލުމަށް ހިތް އެދެވެން ފެށީއެވެ. އެހެން ނަމަވެސް އަދި އެއަށްވުރެ ފުނަށް ފީނައިގަތުން މަޑުޖައްސައިލީ ފަހުން ނިކުމެދާނެ ނަތީޖާއަކާއިމެދު ވިސްނައި މިވަގުތައް އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ރަމީޒަށް ޤަބޫލު ކުރެވުމުންނެވެ.
ބޮޑުމާލޫދުގެ ތައްޔާރީތައް ދިޔައީ ފަތުއަޑުކިޔައިފައި ކުރިއަށެވެ. ދުވަހުގެ އިރު އޮއްސުމަކާއި ހަމައަށް ދިޔައިރު ހަރުގެވެސް ހުރީ ތައްޔާރުކޮށް ނިމިފައެވެ. ކެއްކުމުގެ ގޮތުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެސް އެއްކޮށް ނިންމައިލައިފިއެވެ. މާލޫދު ކިޔަވާ ދުވަހުގެ ކުރިން ކޮންމެހެން ތައްޔާރުކުރަންޖެހޭ ބާވަތްތައް ހުރީ މުޅިން އެއްކޮށް ތައްޔާރުކޮށް ނިމިފައެވެ. ފިރިހެންވެރިން ކުރީބައިގައި ރަށަށް އަންނަ އެންމެނަށް ކެއްކޭނެވަރަށް ވަލުތެރެއިން ކުކުޅުވެސް ހޯދައިފައި ހުއްޓެވެ. ޢަޞުރުން ފައިބާންވީއިރު ޝަރީފާމެންވެސް ގަބުޅި ގޭނުމުގެ މަސައްކަތް ނިންމާލައިފައި ގެޔަށް ގޮސް ނަމާދު ކޮށްލައިގެން އައިސް ހަނޑޫ ހޮވުމުގައި ބައިވެރިވެ އެ މަސައްކަތްވެސް އިރު އޮއްސުމާއި ހަމައަށް ދިޔައިރު ނިންމާލައިފިއެވެ. މިހާރު ދެން މަސައްކަތުގައި އުޅުނު އެންމެންވެސް ގެޔަށް ދާންވީކަމުގައި އެކަމާއި ޙަވާލުވެހުރި ކާސިންފުޅުގެ އަންހެނުން މަރިޔަމް އަންގައިފިއެވެ. އަދި މާދަމައަށް ކެއްކުމުގެ މަސައްކަތް މިރޭ ފަތިހު 3 ޖަހާއިރު ފަށަންވާނެކަމުގައި އަނގައިފިއެވެ. އަދި މީހުންނަށް ގޮވުމަށްދާނެ ވަކި ބަޔަކާ މީހުން މަސައްކަތަށް އަންނަންވާއިރަށް އެތަނުގައި ފުޅިބައްތި ދިއްލައި އަލިކުރުމުގެ މަސައްކަތަށް މީހުން ހަމަޖެއްސުމަށްފަހު އެމީހަކު އެމީހެއްގެ ގެޔަށް ދިޔަސް ދެން އެންމެ ރަނގަޅުކަމުގައި ބުންޏެވެ.
“ދޮންމުޙައްމަދު ފިސާރި ހިތްވަރު ކުރި ދުވަހެއްތާ ދޯ މީ؟ މަ ހުރީ ހަމަ އޭނާގެ ހިތްވަރު ފެނިފައި ބުނާނެ އެއްޗެއް ނޭނގިފައި.” ގެޔަށް ދިޔަ މަގުމަތީގައި ޝަރީފާއާއި މުޚާތަބުކޮށް މަރީނާ އެވާހަކަ ބުނީ ދޮންމުޙައްމަދުގެ ޙަރަކާތްތައް މިއަދު މަރީނާއަށް ވަރަށް ރަނގަޅަށް ފެނުނީމައެވެ. އަދި އެއިން އެއްވެސް ކަމަކަށް ޝަރީފާ ސަމާލުކަން ނުދޭކަންވެސް ރަނގަޅަށް އެނގި ހުރެއެވެ.
“އާނ! މަށަށްވެސް އެކަން އެނގުނީ މޫސަމެން އެއްކަލައިރު ގަބުޅިތައް ގެނައި ވަގުތު ބަލައިލުމުން. މަ ހާދަހާވާ ފޫއްސެއްވިއޭ އެކަމާ. މަށަކަށް ހިއެއްނުވޭ މަގޭ ބޯކޮޅު ބަލައިފައި އޭނައަށް 10 ގަބުޅިވެސް ހެހެވުނުހެނެއް.”
ފޫހި ރާގެއްގައި ޝަރީފާ ވާހަކަ ދެއްކީ ދޮންމުޙައްމަދު އޭނަގެ ބޯކޮޅު ބަލަމުން ހިނގުމަކީ އެއްވެސް ވަރަކަށް އޭނާ ހިތްހަމަޖެހޭ ކަމަކަށް ނުވާތީއެވެ.
“ދެން ޝަރީފާ އެ ސޮރަށް އާނބަސް ބުނަން ވީނު. އެ ސޮރު ހާދަ ހިތްވަރެއް އެބަކުރެޔޭ.”
މަރީނާ ހަމަ ގަސްތުގައި ޝަރީފާއާއި ސަމާސަ ކޮށްލީއެވެ.
“އަހަރެންނަށް އޭނަ ހަޑީކީ ނޫން. ދޮންމުޙައްމަދަކީ ބަލާލަން ރީތި މީހެއް ކަމަކު އޭނަގެ ކަންނެތްކަން މަރީނާއަށްވެސް ހަމަ ރަނގަޅަށް އެނގޭނެ. އެކަހަލަ މީހަކާއެކު ކިހިނެއް ދިރިއުޅުން އާރާސްތުކުރާނީ؟ މަށަކަށް ނުވާނެ! ހެޔޮ އޭނަ ކިތަންމެ ހިތްވަރެއް ދައްކައިފައި އުޅުނަސް.”
ޝަރީފާ އަބަދުވެސް އެ ސުވާލަށްދޭ ޖަވާބު މިފަހަރުވެސް ދިނެވެ. ދޮންމުޙައްމަދުގެ ހުރި ކަންނެތްކަމުގެ ސަބަބުން ޝަރީފާ ވަނީ މާބޮޑަށްވެސް ދޮންމުޙައްމަދު ދެކެ ފޫހިވެފައެވެ. އެކަން ކާމިޔާބު ކުރުމަށް ދޮންމުޙައްމަދު ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް އެ ވިސްނުން ބަދަލުވާނެ ކަމުގައެއް ނުފެނެއެވެ.
“ދެން ޝަރީފާ އެދޭވަރުގެ މުރާލި މަސައްކަތްތެރި މީހެއް ރަމީޒު ނޫނީ ނެތް މި ރަށަކު. އެވެސް އަދި މިރަށު މީހެއްވެސް ނޫން.”
މިފަހަރުވެސް މަރީނާ ކޮށްލީ ސަމާސާއެކެވެ. ގަސްތުގައި ޝަރީފާ ރުޅިއަރުވައިލުމުގެ ގޮތުންނެވެ. ޝަރީފާ މޫނަށް ފާޑެއްގެ ގޮތެއް ހަދައިލުމަށްފަހު މަރީނާގެ ކޮނޑުގައި އަޅައިކޮށްޕައިލިއެވެ. އެކަމަކު މަރީނާގެ އެ ޖުމުލައިން ޝަރީފާގެ ހިތަށް އަސަރެއް ކުރުވައިފިކަން ދެނަހުރި ދެވަނަ ފަރާތަކީވެސް ހަމަ ޝަރީފާގެ ހިތެވެ.
އޭރު އެ ދެމީހުންނަށް ވަނީ މަރީނާގެ ގެ، އާދެ ރަށުގެ ކުޑަކަތީބުގެ ގެޔާއި ހަމައަށް އާދެވިފައެވެ. އޭރު މަޣްރިބް ނަމާދު ބަންގި ގޮވައިފިއެވެ. އިރު މުޅިން އޮއްސި މުޅި ޖައްވުގައި ރަތްވިލާ ލައިފިއެވެ. އެހާމެ ހިތްގައިމު ކުލަތަކަކުން މުޅި ފަޒާ ވިދައި ބަބުޅައެވެ. ގޯއްޗަށް ވަންނަން ހުރި ދޮރާއި އަރައި ހަމަވެފައި ދެމީހުން އެކީގައި މަޑުކޮށްލިއެވެ.
“ޝަރީފާ މަޑުކޮށްލަންވީނު މިރެއަށް ކެއްކުމުގައި އަހަރެންނަށް އަތްގާތްކޮށްލަދީ ހަދައިފައި އަހަރެންނާއެކު ކައިގެން ދާން؟ ބައްޕަ ގެޔަށް އަންނާނީ އިޝާ ނަމާދުން ފައިބައިގެން ކަންނޭނގެ. އެހާއިރަށް އަހަރެން ގޭގައި އެކަނި އުޅޭނީ. މިގޭގަ އުޅޭ ސޮރަށް ޖެހޭނެ އެހާއިރަށް ކާންހަދައިފައި ބަހައްޓަން. މިއަދު އަނެއްކާ ވަރަށް ވަރުބަލިވެސް ވެއްޖެ.”
ބައެއް ދުވަސްދުވަހު ހަވީރު ދެމީހުން އެއްކޮށް ބޭރަށް ގޮސްފައި އައިސް ޝަރީފާ ބައެއް ކަންކަމުގައި މަރީނާއަށް އެހީވެދިނުމަށް އެގޭގައި މަޑުކޮށްދެއެވެ. ގިނަ ފަހަރު މަރީނާގެ ބުނުމެއް ނެތިއެވެ. މަރީނާ ނުވެސް ބުނާނެއެވެ. މަދުފަހަރަކު ވަރަށް ބޮޑަށް އެހީތެރިކަމެއް ބޭނުންވިއްޔާ މެނުވީއެވެ. އެކަމާއިމެދު ޝަރީފާ ޝަކުވާ ކުރާލެއްވެސް މަދެއްނޫނެވެ.
މަރީނާ ވަރަށް ކުޑައިރު އޭނަގެ މަންމަ ވަނީ މަރުވެފައެވެ. ރާއްޖޭގައި ވަރަށް ބޮޑު ބަލިމަޑުކަމެއް ފެތުރުނު ދުވަސްވަރެކެވެ. އެ ރަށަށްވެސް އެ ބަލީގެ އަސަރު ވަރަށް ބޮޑަށް ފޯރިއެވެ. ބަލިޖެހޭ މީހުން ގަދައަށް ހުންއައިސް ބޭރަށް ހިނގިއެވެ. ބައެއް މީހުންގެ ކަރުންނާއި ނޭފަތުން ލޭވެސް އައިކަމަށްވެއެވެ. ބަލީގައި މާބޮޑުވަރުވި މީހުން މަރުވީއެވެ. އޭގެ ތެރޭގައި މަރީނާގެ މަންމަވެސް ހިމެނުނެވެ. ދުވަސްވަރުގެ ގޮތުން މާ އެދެވޭ ފަރުވާއެއްވެސް ބަލިޖެހުނު މީހުންނަށް ނުދެވުނެވެ. ފަންޑިތަ ހަދައިލައި ފެންތަށި ކިޔަވައިލުންފަދަ ކަމަކަށްވުރެ އިތުރު މޮޅު ބޭސްވެރިކަމެއް އޭރު އެރަށުގައި ނެތެވެ. އެކަމުން ރަނގަޅު ނުވެއްޖެނަމަ ދެން ހެއްދެވި ފަރާތަށް ދުޢާ ކޮށްލަކޮށްލައި ތިބުން ނޫން ގޮތެއް ނޯވެއެވެ.
އެއިރުއްސުރެ މަރީނާ ބަލައިބޮޑުކުރީ އޭނަގެ ބައްޕަ އެކަންޏެވެ. ދެވަނަ ކައިވެންޏެއް ކުރުމަށް ގަސްދެއް ނުކުރެއެވެ. މަރީނާއަށް ނިކަމެތިކަމެއް ލިބިދާނެތީއެވެ. މަރީނާއަކީވެސް ހީވާގި މަސައްކަތްތެރި އަންހެނެކެވެ. ގޭތެރޭގެ ހުރިހައި މަސައްކަތެއްވެސް ކުރަނީ އަމިއްލައަށެވެ. މަރީނާގެ މުޅި ދުވަހުގެވެސް އޮންނަނީ ކޮންމެވެސް މަސައްކަތެކެވެ. ކައްކައި ތެލިތަށި ދޮވުމެވެ. ފޮޅައި ސާފުކުރުމެވެ. ދޮވެ އިސްތިރި ކުރުމެވެ. ކިތަންމެ ބުރަވިޔަސް އެއްވެސް މަސައްކަތެއް ނުކުރެވި ފަހުން ކުރަން ބަހައްޓާފައެއް ނުހުރެއެވެ. މާބޮޑަށް ބުރަވެއްޖެނަމަ ޝަރީފާގެ އެހީތެރިކަން ހޯދަނީއެވެ. އެކަމަކު އެއީ ވަރަށް މަދު ފަހަރަކުއެވެ.
ކޮންމެއަކަސް މަރީނާގެ އެދުމަށް އޭނައަށް އަތްގާތްކޮށްލަދީ ހެދުމަށް ޝަރީފާ އެގޭގައި މަޑުކުރިއެވެ. އެކަމަކު އެކަން ޝަރީފާގެ މަންމައަށް އަނގަންޖެހޭނެއެވެ. އިރު އޮއްސިފައިވުމުން ވީނުވީއެއް ނޭނގި ހާސްވެގެން އުޅޭދާނެކަމަށެވެ. އެހެން ހުރިހައި ފަހަރުތަކެކޭ އެއްގޮތައް އެކަން ހަމަޖެއްސީ މަރީނާއެވެ. ޖެހިގެން ހުރިގޭ ކުއްޖެއް ފޮނުވައިގެން ޝަރީފާގެ މަންމައަށް އެކަން އަންގައިފިއެވެ.
ރޭގަނޑުގެ ކެއުމަށް ތަށިތައް މޭޒުމަތީގައި އަތުރަމުން ދިޔަ ވަގުތެވެ. މޭޒުމަތީގައި ދެތިން ބާވަތެއްގެ ކާއެއްޗެހި ތައްޔާރުކޮށްފައި ހުއްޓެވެ. މެހެމާނަކު ގެޔަށް އައިސް އުޅޭތީ ބައްޕަގެ އެދުމުގެ މަތިން މަރީނާ ކެއުން ރަނގަޅުކޮށްލީއެވެ. ބަތާއި ގަރުދިޔައާއި ފިހުނު މަހެވެ. ކަނޑުމަހު ރިހައާއި ސަޓަނިވެސް ހުއްޓެވެ. ދެން ހޫނު ކަޅުސައެވެ. ކެއުމަށް ތައްޔާރު ކުރުމުގެ ތެރެއިން ދެމީހުން ތަފާތު އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ.
މިގޮތަށް ދެކެވުނު ވާހަކައެއްގެ ތެރެއިން ރަމީޒު އެރަށަށް އައިސް ހުރީ ބޮލަށް ޒާތެއްގެ އުނދަގޫތަކެއް ކުރާތީ އެކަމަށް ބޭސްކުރުމަށް ކަމުގައި މަރީނާ ބުންޏެވެ. އަދި ބޭސްކޮށްލުމަށް 15 އެއްހާ ދުވަހު އެރަށުގައި ހުންނަށްޖެހޭ ކަމުގައި ރަމީޒު ބުނެފައިވާ ކަމަށްވެސް މަރީނާ ބުންޏެވެ. މަރީނާގެ ބައްޕަ، ކަތީބު ހުސެއިން މަނިކާއި ރަމީޒު އިޝާ ނަމާދުން ފައިބައިގެން އައިސް ކެއުމަށްޓަކައި ކާގެއަށް ވަނީ ޝަރީފާމެން އެގޮތުގައި ވާހަކައިގައި ތިއްބައެވެ. ޝަރީފާ އިސްޖަހައިލައިގެން ކާގެއިން ނިކުމެގެން މެދުގޭތެރެއަށް ދިޔައެވެ. އަދި މަރީނާވެސް ފެންތައްޓަށް ފެން އަޅައިދީފައި ޝަރީފާއާއި ވާހަކަ ދައްކައިލުމަށްޓަކައި އައިސް މެދުގޭތެރޭގައި މަޑުކޮށްލިއެވެ. ރަމީޒުމެން ކައި ނިމުނީމައި ދެމީހުން އެއްކޮށް ކާންދިއުމަށް މަޑުކޮށްލައިގެން ތިބީއެވެ. އެގޮތުގައި ވާހަކައިގައި ތިއްބާ ވައިގަދަވެ ވިއްސާރައިގެ އަސަރު ދައްކާލައިފިއެވެ. އިރަކަށްވުރެ އިރެއް ބާރުކޮށްލަމުން ދިޔަ ވައިން މާގިނައިރުތަކެއް ނުވެ ވިއްސާރަވެދާނެކަން އަންގަމުން ދިޔައެވެ.
“ޝަރީފާ އަވަހަށް ހިނގާ ކާން. ވިއްސާރަވުމުގެ ކުރިން ކައިގެން ގެޔަށް ދެވޭތޯ ބަލަން އުޅެން.” ވިއްސާރަވާން އުޅޭތީއާއި ޝަރީފާ ނުކައި ގެޔަށް ގޮސްދާނެތީ މަރީނާ ހާސްވިއެވެ.
“ނޫން އަހަރެން ދެން އިހަށް ގެޔަށް ގޮސްލާނީ. ކައިގެން ދާން މާބޮޑަށް ލަސްވެދާނެ. ގެޔަށް ގޮސް ގެއިން ކާނީ.” ވާރޭ ވެހެން ފަށައިފިނަމަ ގެޔަށް ނުދެވިދާނެތީ ޝަރީފާ ބޭނުންވީ އަވަހަށް ގެޔަށް ދާށެވެ.
“އަވަހަށް ހިނގާ ގެޔަށް ދާން. އަހަރެންވެސް ދާނަން ޝަރީފާއާއެކު.” މަރީނާ އަވަސްއަވަހަށް ބުނެލިއެވެ. އެކަމަކު އެ ހުރިހާ އެހީތެރިކަމެއް ވެދިނުމަށްފަހު ނުކައި ޝަރީފާ ގެޔަށް ދާން ޖެހުނީމައި މަރީނާ ދެރަވިއެވެ.
“އަހަރެން އެކަނި ގޮސްލާނަން. މަރީނާވެސް ގޮސްފައި އަންނަން ޖެހޭނީ އެކަނިންނެއްނު. އަނެއްކާ އޭގެ ކުރިން ވިއްސާރަޔާއި ލައިގަނެފިނަމަ މަރީނާއަށްވެސް ނާދެވި ތާށިވާނީ.” ޝަރީފާ އެކަނި ދިއުމަށްވުރެ ބޮޑަށް އޭނަ ހާސްވީ މަރީނައަށް ގޮސްފައި ނާދެވިދާނެތީއެވެ.
“އެހެންވިއްޔާ ބަލައިގެން ދާތި އިނގޭ.” ޝަރީފާ އެކަނި ފޮނުވަން ޖެހުމުން މަރީނާ ވަރަށް ދެރަވިއެވެ.
މަރީނާގެ ގެއިން ނިކުމެގެން ޝަރީފާމެންގެ ގެޔަށް ދެވޭނީ ދިހަވަރަކަށް މިނެޓުންނެވެ. ދެ ގެވެސް ހުންނަނީ މާދުރުދުރުގައި ނޫނަސް ރޭގަނޑުގެ އެ ވަގުތުގައި އެކަނި ދާން އެއީ ދުރެވެ. ބާރު އަދި ހަލުވި ހިނގުމެއްގައި ހިނގަމުންދިޔަ ޝަރީފާ ވަނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. އެކަމަކު މަރީނާ ގެނެސްގެން އޭނައަށް އަނބުރާ ގެޔަށް ނުދެވުމަށްވުރެ ޝަރީފައަށް އެގޮތް ރަނގަޅީއެވެ. ހިނގަމުން ދިޔަ ޝަރީފާއަށް ކުއްލިއަކަށް ހިނގުން މަޑުކޮށްލެވުނީ ފަހަތުން މީހެއްގެ ހިލަމެއް ވެގެންނެވެ. މީހެއްގެ ފައިވާނު ފިޔަވަޅު އަޑު އިވުނުހެން ހީވެގެންނެވެ. އެކަމަކު އެއްކޮށް ހިނގުން ހުއްޓައެއް ނުލައެވެ. ހިނގުން މަޑުކޮށްލުމަށްފަހު ފަހަތް ބަލާލައިފައި އަނެއްކާވެސް ބާރަށް ހިނގައިގަތީއެވެ. ފަހަތުގައި މީހަކު ފެންނަން ނެތީމައެވެ. އެއީ ޝަރީފާއަށް ހީވި ހީވުމަކަށް ބަލައިފައެވެ. ނޫންނަމަ އެއީ އަބަދުވެސް ޝަރީފާގެ ބޯކޮޅު ބަލަމުން ހިނގާ ދޮންމުޙައްމަދު ކަމަށްވެދާނެ ކަމަށްބަލައިފައި އަޅައިނުލުމަށެވެ. އެހެން ނުވެ ނުދާނެ ނޫންހެއްޔެވެ؟ ރޭގަނޑު ގަޑީގައި ރަށެއްގެ އަނދިރި މަގުމަތިން އަންހެންކުއްޖަކު، ޚާއްސަކޮށް ޝަރީފާ ކަހަލަ ރީތި، ގިނަ ފިރިހެނުންގެ ލޯތައް އަމާޒުވާ އަންހެންކުއްޖަކު އެކަނި ހިނގައިފައި ދިޔުން އެއީ ރައްކާތެރި ގޮތަކަށްވެސް ނުވާނެއެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭކަނި ޖަހަން ފަށައިފިއެވެ. އެކަމަކު ތެމޭވަރަށްވުރެ ތުނިކޮށެވެ.
ނަސީބަކުން ވާރޭ ބޯކޮށްލުމުގެ ކުރިން ޝަރީފާއަށް ގެޔާއި ހަމައަށް އާދެވިއްޖެއެވެ. ފަހުން މީހެއްގެ އެއްވެސް ހިލަމެއް ނުވުމުން ކުރިން ޝަރީފާއަށް ހީވި ހީވުމަކީ ހަމަ ކަށަވަރު ހީވުމެއް ކަމުގައި ބަލައި ގެޔަށް ވަދެގެން ގޮއްސިއެވެ.
ޝަރީފާ ގެޔަށް ވަދެގެން ދިޔުމުން އެގެޔާއި މާދުރު ނޫން ހިސާބެއްގައި ހުރި ގަހެއްގެ ނިވަލުގައި ހުރި މީހާވެސް ގަހުގެ ނިވަލުން ނިކުމެ ހިނގައިގަތެވެ. ބެލެވޭގޮތުން އޭނަ އެތަނަށް އައި ބޭނުން ފުދުމުން އެތަނުން ދިޔުމަށް ހިނގައިގަތީއެވެ.
( ނުނިމޭ )
ލިޔުންތެރިޔާގެ ފުރަމަލަ
- ޔޫޝަޢު އަކީ ބައެއް އޮންލައިންތަކަށް ވާހަކަ ލިޔެފައިވާ ތަޖުރިބާހުރި ވާހަކަލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 7 ސެޕްޓެމްބަރ 2021ވާހަކަދެބަންވެލި – 03
- 17 އޯގަސްޓް 2021ބިރުވެރިދެބަންވެލި – 02
- 10 އޯގަސްޓް 2021ބިރުވެރިދެބަންވެލި – 01
Maalas apdat