“އެއީ ބޭކާރު މީހެއް. އޭނާގެ ސަބަބުން ލިބުނު ހިތާމައާ ހިތްދަތިކަމުގައި ޒިނާން މަރުވީ ވެސް. ޒިނާން މަރުވުމުގެ ކުރިން އޭނާގެ ހުރިހާ މުދަލެއް ވަނީ އަހަރެންނަށް ދީފައި. ކަލޭ ބޭނުން ނެތިއްޔާ އަވަހަށް ދޭ. ބޭކާރު ވާހަކަތަކެއް ދައްކާނެކަމެއް ނެތް.” އަޙްމަދުގެ ވާހަކަ ނާހިލް ބުނުމުން އަނީގާއަކަށް މަޑަކުން ނީންދެވުނެވެ. ނާހިލްގެ ވާހަކަތައް މެދުކަނޑާލަމުން އޭނާ ދައްކަން ބޭނުންވި ވާހަކަތައް ފެށިއެވެ.
“އަސްލު އަހަރެން މިއައީ އެތަން ވަރަށް ބޭނުންވެގެން… އެކަމު މިވަރުގެ ބޮޑު ނިންމުމެއް ނިންމާއިރު މިކަން ދާއިމީކޮށް އޮންނާނެކަމުގެ ޔަގީންކަން އަހަރެން ވެސް ބޭނުންވާނެދޯ؟ މާދަމާ ވެސް އޭނާ އައިސް އަހަރެން އެތަނުން ބޭރުކުރަން މަސައްކަތް ކޮށްފިއްޔާ އަހަރެން ކީއްކުރާނީ؟ އޭރުން އަހަރެންނަށް ކިހާ ބޮޑު ލަނޑެއް އެލިބުނީ. ތަން ކިތަންމެހާވެސް ބޭނުން. އެކަމުގެ އޭގެ ކުރިން އެތަނުގެ ވެރި ފަރާތް ޔަގީންކުރަން އަހަރެން ބޭނުން. އެއް އަހަރަށްވާ ފައިސާ ދޭނަން އެޑްވާންސްކޮށް.” ދާން އުޅޭގޮތް ދައްކާލި ނަމަވެސް ނާހިލް މަޑުކުރިއެވެ. ކުރަން އުޅޭ ކަންތައް ކާމިޔާބުވާނީ ކެތްތެރިކަމެއް ވެސް ހުރެގެންނެވެ.
“އޯކޭ. މައްސަލައެއް ނެތް. ކަލޭ އާދޭ ހަފްތާއެއްހާ ދުވަސްފަހުން. ރަޖިސްޓްރީއާ އެއްޗިހި އަހަރެންގެ ނަމަށް ބަދަލުކުރާނަން އޭރަށް. އޭރުން ކަލޭ ހިތްހަމަޖެހޭވަރު ވާނެއެއްނު. އެކަމު ބުނަން… ހަނދާންކޮށް އެޑްވާންސް ފައިސާ ދޭންވާނެ ބުނިގޮތަށް.” އެއް އަހަރަށްވާ އެޑްވާންސް ފައިސާ ދޭނެކަމަށް ބުނި ހިސާބުން ފެށިގެން އަނީގާގެ ބަސްމަގު ބަދަލުވިއެވެ. ކޮންމެ ގޮތަކުން ނަމަވެސް އެ ފައިސާ ހޯދުމުގެ ދަހިވެތިކަން އޭނާ ވަށައިލިއެވެ.
“ޝުކުރިއްޔާ! އަހަރެން ދެން ގޮސްލަނީ. ފަންސަވީސް ހިސާބުގައި އަހަރެން އަންނާނަން.” ނާހިލް ދިޔަގޮތަށް ގޮސް އެގެއިން ނުކުތެވެ.
ޒިނާންގެ މަރުގެ ޚަބަރު ލިބުމާއިއެކު ސިމްނާ ރޯންފެށިއެވެ. އެވާހަކަތައް ޤަބޫލު ނުކުރާނެކަމަށް އެތައް ފަހަރަކު ބުންޏެވެ. އެއީ އަނީގާގެ ރޭވުމެއްކަމަށް ތުހުމަތު ކުރިއެވެ. ސުލޭމާނާއި އައިމިނަ އައްޑޫގައި ނިޔާވީ އެކްސިޑެންޓެއްގައެވެ. އެއީ ބަޔަކު ގަސްދުގައި ދިން ހަމަލާއެކެވެ. ޕޮލިހުންނަށްވެސް ހޯދުނީ އެވަރެވެ. އިތުރު މަޢުލޫމާތެއް ނުލިބުނެވެ. އަހްމަދުމެން އައްޑުއަށް ދިޔަ ދުވަހު އެއާރޕޯޓް ކައިރިން އެއްޗެއް ގޮއްވާލިއެވެ. އެމީހުން ދަތުރުކުރި ފުލައިޓް ބަދަލުނުވިނަމަ އެކަމެއް ހިނގާނީ އަހްމަދުމެން އެއާރޕޯޓުން ނުކުތް ވަގުތުއެވެ. އެއާރޕޯޓުން އެ ކާރަށް މީހުން އެރުވި މީހާ ކާރަށް އަރުވާފައިވަނީ ސިމްނާ އުމުރުގެ އަންހެނަކާއި ހައިކަލް އުމުރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އަހްމަދުމެން އުމުރުގެ ޒުވާނެކެވެ. ތިން މީހުންނަކީ އެކުއެކުގައި އެއާރޕޯޓުން ނުކުތް ބަޔެކެވެ. ރާވައިގެން ގަސްދުގައި ދިން ހަމަލާއެއްކަން ސާބިތުވި ނަމަވެސް ހަމަލާދިން މީހުނެއް ނުހޯދުނެވެ. ޝައްކުކުރެވޭ ބަޔަކުވެސް ފެނުނު ކަމަކަށް ނުވިއެވެ. ޒިނާން މަރުވީ އިޓަލީގައި ހިނގި އެކްސިޑެންޓެއްގައެވެ. އެކަމާއިބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ދިމާއަކުން ހާމަކުރިކަން އެނގޭކަށް ނެތެވެ. މިއީ ހަމަ ހުސް އިއްތިފާޤު ހެއްޔެވެ؟
ސިމްނާގެ ސިކުނޑިއަށް ބާރު ބޮޑުވިއެވެ. އަރިއަޅާލައިގެން ވެއްޓެންދިޔަ ސިމްނާގެ ގައިގާ ނާހިލް ހިފެހެއްޓިއެވެ. ފަރުވާ ދިނުމަށް އަވަސްވެގަތެވެ.
އޮއްސުނުއިރާއިއެކު މަގުތަކުން މީހުންތައް ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް، މާލޭގެ މަގުތަކަށް ހަމަހިމޭންކަން ވެރިވާވަރެއް ނުވިއެވެ. ދުނިޔެވީ ކަންކަމުން އަތް ދޫކޮށްލައި މަޣުރިބު ނަމާދަށް ގިނަ ބަޔަކު އިސްކަން ދިން ނަމަވެސް އެއިން ކަމަކަށް ސަމާލުކަންނުދޭ އެތައް ބަޔަކުވެސް ތިއްބެވެ. އެއްބަޔަކު އުފަލާއި މަޖާކުރުންތަކައިގެން އުޅެމުން ދިޔައިރު އަނެއް ބަޔަކު އުޅުނީ ދުނިޔޭގެ އެދުމައިގެންނެވެ. ކަސްރަތަށް ނުކުމެ އުޅޭ މީހުންވެސް މަދެއް ނޫނެވެ.
އަޙްމަދުގެ މައްސަލައިގައި ނާހިލް ހޯދަން ބޭނުންވި ހުރިހާ މަޢުލޫމާތެއް ވަރަށް ފަސޭހައިން ލިބުނެވެ. ދައުލަތުގެ އެއްވެސް ތަނެއްގައި އެއްވެސް ދުވަސްވަރެއްގައި އަޙްމަދުގެ އެއްވެސް މައްސަލައެއް ރަޖިސްޓްރީ ކޮށްފައެއް ނެތެވެ. އެކަމައިގެން އުޅޭނެ މީހަކު ނެތުމުންނާއި އަޙްމަދު ގަނެފައިވާ ބިރެއްގެ ސަބަބުން އަނީގާ ބޭނުންވި ގޮތަށް ކަންތައްވެފައި އޮތީއެވެ. އެއީ އެއްވެސް އަސްލެއް ނެތް ޚިޔާލީ އެއްޗެކެވެ. ރާވައިގެން އަޙްމަދަށް ދައްކާފައިވާ ބިރެކެވެ.
ރޭގަނޑަށް ކައިގެން ބޭރަށް ނުކުތް ނާހިލް މިސްރާބު ޖެހީ ގަލޮޅު ދަނޑާއި ދިމާއަށެވެ. މުހިންމު ކަމަކާއި މަޝްވަރާކޮށްލަން ރައްޓެއްސަކު ބުނެފައިވާތީ އެކަމުގެ ބޭނުމުގައެވެ. ގަލޮޅު ދަނޑު ކައިރިއަށް ސައިކަލް މަޑުކޮށްލަމުން ވަށައިގެން ހޯދާލިއިރު ރަހުމަތްތެރިޔާ ފެންނާކަށް ނެތެވެ. ގުޅާލުމާއިއެކު ދާންވީތަން އޭނާ ބުނެދިނެވެ. ލިބުނު ހައިރާންކަމާއިއެކު އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދުނެވެ. ޖަވާބު ހޯދަން ބޭނުންވި ނަމަވެސް އެވާހަކަ ދެއްކުމަށްވުރެ މުހިންމީ ވެގެން އުޅޭގޮތް ސާފުކުރަން ކަމަށްވާތީ އެކަމަށް އިސްދެމުން ސައިކަލް ދުއްވާލިއެވެ.
އެފިހާރައެއް ކުއްޔަށް ހިފުމަށް ނާހިލް މަސައްކަތް ކުރަމުންދިޔަ ފިހާރަ ކައިރީ މަޑުކޮށްލައިގެން އޭނާގެ ރަހުމަތްތެރިޔާ ޒަބީރު ހުއްޓެވެ. ނާހިލް ގޮސް ސައިކަލް މަޑުކޮށްލުމާއިއެކު މައްޗަށް އަންނާށޭ ބުނަމުން ޒަބީރު އެތެރެއަށް ހިނގައިގަތެވެ. ކުރިން އުފެދުނު ސުވާލުތަކަށް ޖަވާބެއް ނުލިބިގެން އުޅެނިކޮށް އަނެއްކާ ވެސް އިތުރު ސުވާލުތަކެއް އުފެދުނެވެ.
ނާހިލްގެ ކުރިން ފިހާރައަށް ވަދެގެންދިޔަ ޒަބީރު ދިޔަގޮތަށް ދިޔައީ ދެވަނަ ފަންގިފިލާއަށެވެ. އެތަނުގައި ހުރި އޮފީހުގައި ތިބި ދެ މުވައްޒަފުން އޭރު ވެސް އެމީހުންގެ މަސައްކަތައިގެން އުޅެމުން ދިޔައެވެ. ނާހިލް އައިސް ޒަބީރު ކައިރިއަށް މަޑުކޮށްލުމާއިއެކު ޒަބީރު ވާހަކަ ދައްކަން ފެށިއެވެ.
“ވަރަށް ސަޅި ޑީލެއް ލައްވާލައިގެން މިއުޅެނީ. ނާއްޓޭ ބޭނުމިއްޔާ ބައިވެރިވާންވީ. ހަފްތާއެއްހާ ދުވަސްތެރޭ ލައްކައެއް ލިބޭނެ. މިކަހަލަ ސަޅި ޗާންސެއް ލިބޭނީ މަދު ފަހަރަކު. ކުޑަކަމެއް ކޮށްލައިގެން…” ޒަބީރު ދައްކަންފެށި ވާހަކަތައް ނުނިމެނީސް ނާހިލް ވާހަކަ ދައްކަން ފެށިއެވެ. ޒަބީރު އެބުނާ ޑީލްގައި ނުބައެއް އުޅޭހެން ހީވި ހިސާބުން ފެށިގެން ނާހިލަކަށް މަޑަކުން ނުހުރެވުނެވެ.
“މި ފިހާރައިގެ ވެރިމީހާ ވަރަށް ފަހުން މަރުވެއްޖެ. އޭނާގެ އަންހެނުން ބޭނުންވަނީ މިތަނުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްލަން. ބޮޑު އަގުގައި ކުއްޔަށް ނަގަން ބޭނުންވެގެން މީހަކު އުޅޭތީ ވަރަށް އަވަހަށް ނިންމަން ވެސް ބޭނުންވޭ. ޖޮއިން ވާންވީނު. ފައިސާކޮޅެއް ހޯދާލަން ކިހާ ފަސޭހަ މަގެއް މީ. މައްސަލައަކައިގެން ކޯޓަށް ދެމިދެމި ވަރުބަލިވާފަހުން ދިހަވަރަކަށް ހާސް ރުފިޔާ މިލިބެނީ. ސަޅިއެއް ނޫންތަ މި ޗާންސް.” ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ކެތްމަދުވެފައިވާ ޒަބީރު ވާހަކަ ދައްކަމުންދިޔައެވެ.
“ވެރިމީހާގެ މަރު ފޯމާއި އެއްޗިހި ކޮބާ؟… ތަނުގެ ރަޖިސްޓްރީ ކޮބާ؟” ނާހިލަށް މަޑަކުން ނުހުރެވުނެވެ. އެހާ އަވަސް އަރުވާލައިގެން އަނީގާ އެއުޅޭ އުޅުމުގައި އިތުރު ނުބައެއް އުޅެދާނެހެން ނާހިލަށް ހީވާ ކަހަލައެވެ.
“ޝާލޫ ޢަބްދުއް ރައްޒާޤު. ވީވަރު ހދ.ނާވައިދޫ. ދޮންބެ ދައްތަ. އަޙްމަދުގެ މަންމަ… ހިނގާ ދާން އެރަށަށް.” ނާހިލް ދިން މަޢުލޫމާތާއިއެކު ސިމްނާގެ މޫނުމަތިން އުފާވެރިކަން ވިދައިގަތެވެ. ސިމްނާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން އަޑާއި ހަރަކާތްތަކުން ކިތަންމެހާ ވެސް ރަނގަޅަކަށް ފާހަގަވިއެވެ.
ސިމްނާ ބޭނުންވަނީ އަނީގާއަށް އެންމެ ފުރުސަތެއް ވެސް ނުދީ އޭނާގެ މަސައްކަތް ކާމިޔާބު ކުރާށެވެ. ކަންތައްތައް ވަމުންދާ ގޮތުންނަމަ އަނީގާއަށް ކާމިޔާބު ލިބުމަކީ ކިހާ ކައިރި ކަމެއްކަން ނާހިލަށް ވިސްނެއެވެ. ބައެއް މީހުންގެ ދިރިއުޅުމުގެ ހަމައެކަނި މަޤުސަދަކީ އުފަލާއި އަރާމެވެ. ހަމަޖެހޭ ތަނަވަސް ދިރިއުޅުމެކެވެ. ނުޙައްޤުން ވިޔަސް ވަރިހަމައެވެ.
ސިމްނާގެ ދެމަފިރިން ކުޅުދުއްފުށި ސިޓީއަށް ދިޔައީ އެހެން މީހަކަށް އަންގާލުމެއް ވެސް ނެތިއެވެ. އެކަމާއި ބެހޭގޮތުން އެހެން މީހަކަށް އެއްވެސް މަޢުލޫމާތެއް ދޭކަށް އެމީހުން ބޭނުމެއް ނުވެއެވެ.
އަޙްމަދުމެން މަސައްކަތްކުރާ ސައިޓަށް ސިމްނާމެން ދިޔައިރު އެމީހުންނާއި ހަވާލުވެގެން މަސައްކަތް ކުރަމުންދިޔަ ޢަލީ ނަޒީރެއް ފެންނާކަށް ނެތެވެ. އެތަނުގައި ހުރި ބިދޭސީއެއްގެ ފަރާތުން އެނގުނު ގޮތުގައި އަޙްމަދާއިމެދު ޢަލީ ނަޒީރު ކަންތައް ކުރަމުންދަނީ ވަރަށް އިހާނެތިކޮށެވެ. ކާން ވެސް ދެނީ ހިތަށްއެރި ފަހަރަކުއެވެ. ގެންގުޅެނީ އެމީހުނާއިއެކު އެމީހުން އުޅޭ ކޮޓަރިއެއްގައެވެ. އެއީ ހަދަމުންދާ އިމާރާތުގައި އެމީހުން ތިބުމަށް ހަދާފައިވާ ވަގުތީ ތަނެކެވެ. މިހާރު ވެސް އަޙްމަދު އޮތީ ބަލިވެއެވެ. ޑޮކްޓަރަށް ދައްކަން ދާކަށް ހުއްދައެއް ނުދެއެވެ.
އަޙްމަދު އޮތް ޙާލު ފެނުމާއިއެކު ސިމްނާއަށް ރޮއިގަނެވުނެވެ. އިތުރަށް މަޑުކުރާކަށް ޢަލީ ނަޒީރު ހޯދާކަށް ސިމްނާ ބޭނުމެއް ނުވިއެވެ. ޓެކްސީއެއް ހޯދައިގެން ނާހިލާއި ސިމްނާ ދިޔައީ އަޙްމަދު ގޮވައިގެން ހޮސްޕިޓަލަށެވެ.
އަޙްމަދު ގޮވައިގެން އޭނާ ކުރިން ހުރި ނާވައިދޫއަށް ދާން ސިމްނާމެން އުޅުމުން އަޙްމަދު ދެކޮޅު ހެދިއެވެ. އޭނާއާ ބެހޭގޮތުން އެރަށުތެރޭގައި ދެކެވެމުންދާ ވާހަކަތައް ސިމްނާމެނަށް ކިޔައިދިނެވެ. އެފަދަ އެއްވެސް ކަމެއް އޭނާ ނުކުރާކަމަށް ބުންޏެވެ. އޭނާއާހެދި ނިހާރާ އުޅޭވަރާއި ނިހާރާ ކަންތައްކުރާ ގޮތް ކިޔައިދިނެވެ. އެދެމައިންނަކީ އަނީގާގެ އަޅުންފަދަ ބައެއްކަން ހަނދާންކޮށްދިނެވެ. ފައިސާއަށްޓަކައި އެމީހުން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ޢަލީ ނަޒީރަށް އައިސްގެން އުޅޭ ބަދަލަކީ ނިހާރާގެ އެ ހާދިސާއާ ގުޅިގެން އައިސްގެން އުޅޭ ބަދަލެކެވެ. އެ ހާދިސާއަށްފަހު ޢަލީ ނަޒީރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ހުރިހާ ކަމެއް ވެސް ކުރަމުން ދިޔައީ އަޙްމަދުގެ ކިބައިން ބަދަލުހިފަން ކުރަމުންދާ ފަދައަކުންނެވެ.
ދާން ބޭނުން ނުވި ނަމަވެސް ސިމްނާގެ އެދުމަށް ދެކޮޅު ހަދާކަށް އަޙްމަދު ބޭނުމެއް ނުވިއެވެ. އަޙްމަދަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ނާހިލްގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަން އޭނާ ދިނެވެ. އަޙްމަދާއި ދެކޮޅަށް ދެން އެއްވެސް ކަމެއް ޢަލީ ނަޒީރަކަށް ވެސް އަދި އެހެން މީހަކަށް ވެސް ނުކުރެވޭނެއެވެ. ދާންޖެހުނު ކޮންމެ ތާކަށް ގޮސް ދައްކަން ޖެހޭ ކޮންމެ ވާހަކައެއް ދެން ދައްކާނީ ނާހިލްއެވެ. ނާހިލްއަކީ ސިމްނާގެ ފިރިމީހާ އެކަންޏެއް ނޫނެވެ. އަޙްމަދުގެ ޤާނޫނީ ވަކީލް ވެސް މެއެވެ.
ސިމްނާ ބޭނުންވި ފަދައިން އަޙްމަދުގެ ބޮލާއި ތުނބުޅި ތުނިކޮށް އަންނައުނު ބަދަލުކޮށްލިއެވެ. އަޙްމަދަށް ގެނައި ބަދަލާއިއެކު އޭނާގެ ކުރިމަތިން ޒިނާން ފެނުނު ކަހަލައެވެ. ހިނިތުންވެލަމުން ސިމްނާ ގޮސް އަޙްމަދުގެ ގައިގާ ބައްދާލީ އަނީގާ ދެއްކި ވާހަކަތައް ހަނދާންވުމުންނެވެ. އެވާހަކަތައް އަޙްމަދު ގާތު އަދި ދައްކާކަށް ސިމްނާއާއި ނާހިލް ބޭނުމެއް ނުވެއެވެ. އެކަމަށްޓަކައި ހޯދަންޖެހޭ އެތައް މަޢުލޫމާތެއް އަދި އެބަހުއްޓެވެ.
ފަތޯނާއާ ވާހަކަ ދައްކަން ޖޯލިފަތީގައި އޮށޯވެލައިގެން އޮތް ޝާލޫ ޖޯލިފަތިން ތެދުވަމުން ދޮރޯއްޓާއި ދިމާއަށް ބަލާލީ ސަލާމް ގޮވާލި އަޑަށެވެ. ކަންފަތުގައި އެއަޑު ޖެހިލި ހިސާބުން ވެސް ތަފާތު އިހުސާސެއް ކުރެވުނެވެ. އަވަސްއަވަހަށް އެދިމާއަށް ހިނގައިގަނެވުނެވެ.
“ޝާލޫ ދައްތާ.” ދޮރޯށިން އެތެރެއަށް ވަތް އަންހެންމީހާ އޭނާގެ މޫނު ބުރުގާގެ ފޮތިގަނޑު ހިއްލާލަމުން ޝާލޫއަށް ގޮވާލިއެވެ.
ސިމްނާ ފެނުމާއިއެކު ޝާލޫގެ މޫނުމަތިން އުފާވެރިކަން ވިދައިގަތެވެ. ކުރިޔަށްވުރެ ބާރަށް ސިމްނާއާ ދިމާއަށް ދެވުނެވެ.
“ސިމް… ސިމް… ކޮބާ އަހަރެން ދަރިފުޅު؟ އަހަރެންގެ ދަރިފުޅު ނާއިޒް ކޮބާ؟ އޭނާ ރަނގަޅުތަ؟ އަހަރެންނަށް އޭނާ ފެންނާނެތަ؟ އޭނާއަށް އަހަރެން އެނގޭތަ؟” ސިމްނާގެ ގައިގާ ބައްދާލަމުން އަވަސްއަވަހަށް ޝާލޫ ސުވާލުތައް ކޮށްލިއިރު އޭނާއަށް ރޮވިއްޖެއެވެ. ސިމްނާ ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަހަލައެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި
Apdate kobe