“ހަމް އާޕްކޭ ހޭ ކޯން” އާއި “ހަމް ސާތު ސާތު ހޭ” ފަދަ ކާމިޔާބު އާއިލީ ފިލްމުތައް އުފައްދާފައިވާ ސޫރަޖް ބަރްޖަތިޔާގެ އާ ފިލްމު “އޫންޗާއީ” ގެ ކާސްޓާއި ޑެނީ ޑެންޒޮންގްޕާއާއި ސާރިކާ ތާކުރް ގުޅިއްޖެއެވެ.

މި ފިލްމުގައި ކިޔައިދެނީ އުމުރު 60 އަށްވުރެ މައްޗަށް ގޮސްފައިވާ ހަތަރު އެކުވެރިއެއްގެ ދިރިއުޅުމުގެ ވާހަކަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަތަރު އެކުވެރިންގެ ރޯލު އަމީތާބް ބައްޗަންއާއި ބަމަން އިރާނީއާއި އަނުޕަމް ކޭރްއާއި ޑެނީ ޑެންޒޮންގްޕާ ކުޅޭއިރު ބަތަލާއިންނަށް ހަމަޖައްސާފައިވަނީ ޕަރިނީތީ ޗޯޕްރާއާއި ނީނާ ގުޕްތާގެ އިތުރުން ސާރިކާ ތާކުރް ކަމަށް ޕިންކްވިލާގައި ރިޕޯޓްކޮށްފައިވެއެވެ. ބޮލީވުޑް

އަންނަ އޮކްޓޯބަރު މަހު ޝޫޓިންގ ފަށަން ނިންމާފައިވާ “އޫންޗާއީ” ގެ ޝޫޓިންގ ނޭޕާލުގައި 40 ދުވަހު ކުރިއަށް ގެންދާނެއެވެ. އެއަށްފަހު މުމްބާއީއާއި ދިއްލީގައިވެސް ޝޫޓްކުރާނެ ކަމަށްވެއެވެ. ޖުމްލަ 5 މަސްދުވަސް ޝޫޓިންގއަށް ހޭދަވާނެ މި ފިލްމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރަނީ އަންނަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ.

“މެއިނޭ ޕިޔާރް ކިޔާ” އާއި “ވިވާހް” ފަދަ ލޯބީގެ ފިލްމުތައްވެސް އުފައްދާފައިވާ ސޫރަޖް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ސަލްމާން ޚާންއާއި ސޯނަމް ކަޕޫރާއެކު 2015 ގައި ގެނެސްދިން “ޕްރޭމް ރަތަން ދަން ޕާޔޯ” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.