ބޮލީވުޑްގެ ޒުވާން ބަތަލުންގެ ތެރެއިން އެންމެ އަވަދިނެތި އުޅޭ އެއް ބަތަލަކީ ކާތިކް އާރްޔާންއެވެ. ފުލުފުލުގައި ފިލްމުތަކުގެ ޝޫޓިންގ ކުރިއަށް ގެންދާއިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ލިސްޓު ވަރަށް ދިގެވެ. އޭގެ ތެރެއިންވެސް އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމަކީ “ބޫލް ބުލައްޔާ 2” އެވެ.

ކާތިކްގެ އިތުރުން ކިއާރާ އަދުވާނީއާއި ތައްބޫ މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ-ކޮމެޑީގެ ސީކުއެލްއެކެވެ. ސީކުއެލް ޑައިރެކްޓްކުރަނީ އަނީސް ބަޒްމީއެވެ.

މިއަދު ކާތިކްގެ އިންސްޓަގްރާމްގައި އޭނާ ވަނީ ފިލްމުގެ އިތުރު ތަފްސީލެއް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ މިއަދު އޭނާ ފިލްމުގެ ކްލައިމެކްސް ޝޫޓްކޮށްފިން ކަމަށާއި އެއީ އޭނާއަށް އެންމެ ޗެލެންޖިންގ އެއް މަންޒަރު ކަމަށެވެ. އޭގެ އިތުރަށް އޭނާ ބުނެފައިވަނީ މުޅި ހަފުތާ އެއްކޮށް އެންމެން އުޅުނީ އެކަމުގައި ކަމަށާއި ޓީމް ވާރކް ވަރަށް ބަރާބަރު ކަމަށެވެ.

އެ ޕޯސްޓުގައި ކާތިކް ވަނީ ފިލްމު ރިލީޒްކުރާ ތާރީޚުވެސް އިޢުލާނުކޮށްފައެވެ. މިހާރު ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ މިއަހަރު ނޮވެމްބަރު 19 އަށެވެ. ރިލީޒްކުރާ ތާރީޚު އިޢުލާނުކުރި ނަމަވެސް ފިލްމު ރިލީޒްކުރާނީ ކޮންތާކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

“ބޫލް ބުލައްޔާ 2” ގެ އިތުރުން ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިމިފައި އޮތް ރާމް މަދުވާނީގެ “ދަމާކާ” އާއި އެކްތާ ކަޕޫރްގެ “ފްރެޑީ” އާއި “ޝެހެޒާދާ” ގެ އިތުރުން ހަންސަލް މެހެތާގެ “ކެޕްޓަން އިންޑިއާ” ހިމެނެއެވެ. އޭގެ އިތުރުންވެސް އަދި ނަން އިޢުލާނު ނުކުރާ ފިލްމުތަކެއްވެސް އޭނާގެ ލިސްޓުގައި އެބަހުއްޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.