މިއުޒިކީ ދާއިރާގައި ރާއްޖެއިން ފާހަގަކޮށްލެވޭ ޢާއިލާތަކެއް އޮވެއެވެ. އެންމެ ކުރީ ޒަމާނުން ފެށިގެންނެވެ. ފަންނުގެ ހުނަރަކީ ޢާއިލީގޮތުން އޭގެ ޒާތުގައި ވާރުތަވުމެއް އޮންނަ އެއްޗެކެވެ. މިގޮތުން، މިއުޒިކާއި ލަވަކިޔުމުގެ ދާއިރާގައި ‘ޢާމިރު އާއިލާ’ އަކީ ނަމުގެ ފަހަތަށް ހުނަރުވެރި އާމިރުތަކެއް ނިސްބަތްވާ އާއިލާއެކެވެ. ފަޒީލާ ޢާމިރު، އަޙްމަދު ޢާމިރު މިއީ އެ އާއިލާގައި އިބްރާހީމް ޢާމިރުގެ އިތުރަށް ތިބި މިއުޒިކީ ދެ އާމިރެވެ.

އިބްރާހީމް ޢާމިރުގެ މިއުޒިކީ ހުނަރުވެރިކަން އެންމެ ފުރަތަމަ ފަހަރަށް ފާހަގަވެގެން ދިޔައީ 1993ގައި ރިލީޒްކުރި ‘ހިތް ފަހި’ އަލްބަމުންނެވެ. އޭގެ ފަހުން އޭނާގެ ލަވަކިޔުމުގެ ހަޔާތަށް އެތަކެއް ފުރުޞަތުތަކެއް ފަހިވެގެން ދިޔައެވެ. ގިނަ ލަވަތަކެއް ކިޔީ ފަޒީލާ ޢާމިރު އާއި އެކީގައެވެ.

‘ފަށުވި’، ‘ސަމޭދާން’ ފަދަ އަލްބަމްތަކަކީ އިބްރާހީމް ޢާމިރުގެ ހިތްގައިމު ލަވަތަކެއް އިވިގެންދިޔަ އަލްބަމްތަކުގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ދެ އަލްބަމެވެ.

2006 ވަނަ އަހަރު، އަލްބަމްތަކާއި ފިލްމުތަކަށް ލަވަކިޔުން އިބްރާހީމް ޢާމިރު ހުއްޓައިލިއެވެ. ލަވައިގެ ދުނިޔޭގައި ހިތްގައިމު އަޑުގެވެރިޔާ ރާފިޔަތު ރަމީޒާ އާއި ކައިވެނިކުރުމަށްފަހު އާމިރު އިސްކަން ދިނީ އާއިލާ ރޭވުމުގައި މަސްޢޫލުވުމަށެވެ.

މިއަދު، އިބްރާހީމް ޢާމިރަކީ ލޯބިލޯބި ދެ ފިރިހެން ކުދިންގެ ބައްޕައެކެވެ. ޒިންމާދާރު ފިރިއެކެވެ. ލަވަކިޔުމުގެ ދުނިޔޭގައި އަނބިމީހާއަށް ސަޕޯޓްދެމުން އަންނަ އެކުވެރި މިތުރެކެވެ. ލަވަކިޔުމުގެ ދާއިރާއާއި އެއްކޮށް ގުޅުން ކަނޑައިނުލިޔަސް، ލަވަކިޔުމާއި ކުޑަކޮށް ނަމަވެސް ދުރުގައި ހުރުމަށްފަހު އިބްރާހީމް ޢާމިރު އެނބުރި އަންނަނީ އޭނާގެ ވަރުގަދަ އަޑުގެ ޖާދޫގައި ޖެހިފައިވާ ފޭނުންނަށް ހަދިޔާއެއް ހިފައިގެންނެވެ. އޭނާގެ މުޅިން އައު އަލްބަމަކާ އެކުގައެވެ. އާމިރުގެ އެނބުރި އައުމަށް މުނިއަވަސް އިން މަރުހަބާ މި ކިޔަނީ އާމިރުގެ އެކްސްކްލޫސިވް އިންޓަވިއުއަކާ އެކީގައެވެ.

އިބްރާހީމް އާމިރު އާއި ރާފިޔަތު، އެމީހުންގެ ދަރިންނާއެކު – ފޮޓޯ: މުނިއަވަސް

ލަވަކިޔުމުގެ ތެރެއަށް ވަދެވުނީ ކިހިނެއް؟ ކޮންއިރަކު؟

އަސްލު ސްކޫލް ދައުރުއްސުރެ ސްކޫލްގަވެސް މިއުޒިކް ކުޅެމުން އަންނަނީ.. ސްކޫލް ބޭންޑްގަޔާ ސްކޫލް ބްރާސް ބޭންޑްގަވެސް މިއުޒިކް ކުޅެމުން އައީ.. އޭރު ބޮޑަށް ޝައުޤުވެސް ހުންނަނީ އަދި މިހާރުވެސް ބޮޑަށް ހުންނަނީ ވެސްޓާން މިއުޒިކަށް.. ދެން އަލްބަމްތަކަށް، މީ ހިންދީ ރާގުތަކަށް ލަވަ ރިކޯޑްކުރަން ފުރުސަތު ލިބުނީ އާމިރުގެ ބައްޕަ، ގޭ ސްޓޫޑިއޯގަ ހެދި “ހިތްފަހި 1” އަލްބަމަކުން ފުރަތަމަ ފުރުސަތު ލިބުނީ.. އެއީ “ދަނީހެ އައިސްބަލާ” އެ ލަވަ ރިކޯޑްކުރަން.. ބައްޕަގެ ރިކުއެސްޓަކަށް އެ ލަވަ ރިކޯޑްކުރީ.. އެހިސާބުން ޕްރޮޑިއުސަރުން ފުރުސަތު ދޭން ފެށީ.. އެހިސާބުން ލަވަ ކިޔުމުގެ ތެރެއަށް ބޮޑަށް ވަދެވުނީ..

މިހާތަނަށް ކިހާ ލަވައެއް ރެކޯޑް ކުރެވިފައިވާނެ؟

އެހެން ނޯޓުކޮށްލެވިފައެއް ނެތް ރިކޯޑް ކުރެވުނީ ކިހާ ލަވައެއް ކަމެއް.. އެކަމު އުޅޭނެ ރިލީޒް ނުކުރާ ލަވަތައްވެސް.. ސްކޫލް ނިމިގެން އިނގިރޭސި ލަވަވެސް ހުންނާނެ ބައިވަރު ރިކޯޑް ކޮށްފަ.. ދެން ގާތްގަނޑަކަށް އުޅޭނެ ކަންނޭނގެ 120 ވަރަކަށް ލަވަ ރިކޯޑް ކުރެވިފަ.. އެއްގޮތަކަށްވެސް ސީދާ އަދަދެއް ބުނާކަށް ނޭނގެ..

ލަވަކިޔުމުގެ އިތުރުން އާމިރު މިއުޒިކީ ދާއިރާގައި ކުރަނީ ކޮން މަސައްކަތްތަކެއް؟ އިންސްޓްރޫމެންޓެއް ކުޅުނަސް ނޫނީ ޅެން ހެދިޔަސް..

ލަވަ ކިޔުމުގެ އިތުރުން ގިޓާ ކުޅެން، ޑްރަމްސް ކުޅެން.. ދެން ޅެންވެސް ހަދަން..

އިބްރާހީމް ޢާމިރުގެ ބައްޕަ އާއި މަންމައާ އެކު – ފޮޓޯ: މުނިއަވަސް

ކުރީގަ ޑުއެޓް ލަވަ ރެކޯޑް ކުރަނީ ދެމީހުން އެކީގަ ގޮހެއްނު.. އެންމެ ފަސޭހައީ ކާކާ އެކީގަ ލަވަ ކިޔާލަން؟

އެއްވެސް ލަވައެއް އެއްކޮށް ރެކޯޑެއް ނުކުރަން.. ސްޓޫޑިއޯތައް ހެދިފަ ހުންނަ ގޮތުން ވަކިން ރެކޯޑިންގ ހަދަނީ.. ދެން އެންމެ ގިނަ ލަވަ އާމިރަށް ކިޔިފަ ހުރީ ފަޒީލާއާ ރާފިޔަތުއާ އެކީގަ.. އެމީހުންނާ އެކީގަ ރިކޯޑިންގއެއް ހަދަންޏާ އެންމެން އެއްކޮށް ސްޓޫޑިއޯއަށް ދަނީ.. ދެން ވަރަށް މަޖާކޮށް ރިކޯޑިންގ ދަނީ.. އެ ދެމީހުންނާ އެކީގަ އެންމެ ފަސޭހައީ..

އާމިރު ގިނައިން ކިޔާފައި ހުރީ އަވަސް، ވަރަށް އުފާވެރި ލަވަތަކެއް.. ހިތާމަވެރި ނޫނީ ލަސް ލަވަތައް ކިޔާހިތް ނުވަނީތަ ނޫނީ ކޮބާ އޭގެ ސަބަބަކީ؟

ބޮޑަށް ހަމަ ކިޔާ ހިތްވަނީ އަވަސް ލަވަ.. ގިނައިން އަވަސް ލަވަތައް ރިކޯޑް ކުރެވިފަ ހުރީމަ ކަންނޭނގެ ޕްރޮޑިއުސަރުންވެސް އާމިރަށް އަވަސް ލަވަތައް ދެނީ.. ހިތާމަވެރި ނޫނީ ލަސް ލަވަ ކިޔާހިތް ނުވަނީކީ ނޫން.. އެކަމު ބޮޑަށް ކިޔާ ހިތްވަނީ އަވަސް ލަވަތައް..

ކުރީގަ ވިޔަސް އެއްވެސް ލަވަކިޔުންތެރިޔަކާ އެކީ ލަވަ ނުކިޔަންވެގެން ލިބުނު ފުރުސަތެއް ދޫކޮށްލިންތަ؟

ނޫން.. ލިބުނު ޗާންސެއް ވިއްޔާ ބޭނުން ހިފަމުން ދިޔައީ..

ލަވައެއް ކިޔަން ފުރުސަތު ލިބުނީމަ ލަވަ ގަބޫލުކުރުމުގަ ބަލަނީ ކޮން ކަންތައްތަކަކަށް؟

އާމިރު ބޮޑަށް ބަލަނީ ލަވައިގެ ޅެމަށާއި ރާގަށް..

އެހާ އެކްޓިވްކޮށް އުޅެފައި ކުއްލިއަކަށް އާމިރު ގެއްލުނީ ކީއްވެ؟

އަސްލު ގެއްލުނީކީ ނޫން.. އަލްބަމްތަކަށް ލަވަ ރެކޯޑް ނުކުރިޔަސް އިންޑަސްޓްރީ ތެރޭގަ ވަރަށް ބޮޑަށް އިންވޯލްވް ވެގެން އުޅެވުނީ.. އާމިރު ރިކޯޑިންގ ހުއްޓާލި ފަހުންވެސް ބޭންޑްތަކާ އެއްކޮށް ރިސޯޓުތަކަށް ގޮސްވެސް ކުޅެފަ ހުންނާނެ.. ފަޒީއާ އާ ރާފިޔަތުގެ ރެކޯޑިންގ ތަކުގަޔާ ގޭގަ ހަދާ އަލްބަމްތަކުގަވެސް އާމިރު ހުންނާނެ އެކްޓިވްކޮށް އުޅެފަ.. ދާއިރާއާ ދުރެއް ނުވަން.. ހަމަ އެކަނި ލަވަ ރެކޯޑް ނުކުރާކަން..

އިބްރާހީމް ޢާމިރު އާއި ރާފިޔަތު ރަމީޒާ – ފޮޓޯ: މުނިއަވަސް

އާމިރު އެނބުރި ލަވަކިޔުމުގެ ތެރެއަށް އަންނަން އަލްބަމެއްގެ މަސައްކަތް ކުރަމުން އަންނަކަމަށް ޚަބަރު ލިބިފަ އޮތީ.. އަލްބަމްގެ މަސައްކަތް ކިހާ ހިސާބަކަށް ގޮސްފަ އޮތީ؟ އަދި ކިހާ ހިސާބެއްގަ އެ ލަވަތައް އަޑު އަހާލަން ލިބޭނެ؟

އަސްލު ލޮކްޑައުން ތެރޭ ގޭގަ ހުންނަން ޖެހުނީމަ ކުރަން ފެށި މަސައްކަތެއް އެއީ.. ލަވަތައް ލިޔެ ހެދީ.. ފަހުން ހިތަށް އެރީ ރެކޯޑިންގ ހަދާލާފަ އަލްބަމެއް ސިފައިގަ ފޭނުންނަށް ނެރެދޭނީއޭ.. އިރާދަކުރެއްވިއްޔާ އަންނަ އަހަރު މި އަލްބަމް ރިލީޒް ކުރެވޭވަރު ވާނެ.. މިހާރުވެސް މިދަނީ އަލްބަމްގެ މަސައްކަތްތައް ކުރަމުން..

Amir

މިފަހަރު ނެރެނީ ކޮންކަހަލަ އަލްބަމެއް؟ އަލްބަމްގަ ހިމެނެނީ ކޮން ކަހަލަ ލަވަތަކެއް؟ ސޯލޯތަ ނޫނީ ޑުއެޓް ލަވަތަކާ ދެބައި އެއްކޮށްތަ؟

ގިނައިން ހުންނާނީ ހަމަ އާމިރު ކުޑައިރުއްސުރެ އަޑުއެހި ވެސްޓާން ސްޓައިލްގެ ރާގުތަކަށް ހަދާފަ ހުރި ލަވަ.. މި އަލްބަމް ހެދިއިރު އާމިރު ބޮޑަށް ބެލީ މެލޮޑީއަށާ މިއުޒިކަށް.. އެހެންވީމަ އުންމީދުކުރަން މި ލަވަތައްވެސް ފޭނުންނަށް ކަމުދާނެކަމަށް..

އާމިރު ކުރިން ކިޔާފަ ހުރި ލަވަތަކުން ލަވައެއް އަލުން ކިޔާލަން ލިބޭނަމަ ކިޔާނީ ކޮން ލަވައެއް؟

“ޖާދޫއެކޭ ކަލާ ހެދީ ވުމުން ލޯބި ޚިޔާލް” ހިތަށް އަރަނީ މިހާރު މި ލަވަ ކުރިން ކިޔާލެވިފަ އިންވަރަށްވުރެ ރަނގަޅަށް ރީއްޗަށް ކިޔާލެވޭނެޔޭ.. އެހެން އެ ލަވަ އަލުން ރެކޯޑްކޮށްލަން ބޭނުންވަނީ..

އާމިރަށް އެންމެ ގިނަ ޑުއެޓް ކިޔިފައި ހުރީ ފަޒީއާ އެކީގަ.. އޭގެ އެއްވެސް ޚާއްސަ ސަބަބެއް އެބައޮތްތަ؟

އެއީ ހަމަ ޕްރޮޑިއުސަރުންގެ ޗޮއިސް.. އާމިރަށް ހީވަނީ އާމިރުމެން މި ކިޔާފަ ހުރި ރާގުތަކުން، ޑުއެޓް ކިޔަން އެންމެ ގުޅެނީ ފަޒީއާހެން.. އެހެންވެގެން ކަންނޭނގެ ފަޒީއާ އެއްކޮށް ގިނަ ޑުއެޓް ކިޔަން ޕްރޮޑިއުސަރުން ފުރުސަތު ދީފަ އެހުރީ..

އެކީގަ ލަވައެއް ކިޔާލަން ބޭނުންވެ، އެކަމަކު ފުރުސަތު ނުލިބުނު ލަވަކިޔުންތެރިއެއް އެބަހުރިތަ؟

އެހެން ވަކި ނުވިސްނަން ވަކި މީހަކާ އެކީ ކިޔާކަށް.. މިހާތަނަށް އެކީގަ ލަވަ ކިޔާލަން ބޭނުންވި ހުރިހާ އެންމެންނާ އެއްކޮށްވެސް ކިޔާލަން ފުރުސަތު ލިބުނު..

ތަންކޮޅެއް ކުރިން އަޑުއިވުނު ވާހަކައެއް އާމިރުއާ ރާފި އާ ދެމީހުންގެ ޑުއެޓް އަލްބަމެއް ހަދަން އުޅުނު ވާހަކަ.. އެއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް؟ އެކަން ވީގޮތް ކިޔާލަދީބަލަ

ތީ ހަމަ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް.. އަދި ނެތް ވިސްނުމަކު..

އާމިރުއާ ރާފިގެ ޑުއެޓް އަލްބަމެއް ނެރެން ވިސްނަންތަ؟

ނޫން.. އަދި ނުވިސްނަން ޑުއެޓް އަލްބަމެއް ނެރޭކަށް.. އެކަމު އާމިރުގެ އަލްބަމް ނިންމާފަ ރާފިގެ ސޯލޯ އަލްބަމެއްގެ މަސައްކަތް ކުރަން އަދި ވިސްނާފަ އޮތީ..

އާމިރު ބޮޑަށް ކިޔާ ހިތްވަނީ ސޯލޯ ލަވަތަ؟ ނޫނީ ޑުއެޓް ލަވަތަ؟ އަދި އާމިރަށް ލަވަކިޔާލަން ބޮޑަށް ފަސޭހައީ ލައިވްކޮށްތަ؟ ނޫނީ ރެކޯޑިންތަ؟ ކޮން ގޮތަކަށް ފަސޭހައީ؟

ބޮޑަށް ކިޔާ ހިތްވަނީ ސޯލޯ ލަވަ.. ލައިވްކޮށް ބޮޑަށް ފަސޭހައީ.. ބޮޑަށް ކިޔާ ހިތްވަނީވެސް ލައިވްކޮށް.

އާމިރު ކިޔާފަ ހުރި ވަރަށް ގިނަ ލަވަ އެބަހުރި ވީޑިއޯ ހަދާފަވެސް.. އާމިރުގެ އަޑު މިވެނި ތަރިއަކާ ވަރަށް ގުޅެޔޭ އެގޮތަށް ފާހަގަކުރެވޭ އެކްޓަރެއް ހުރޭތަ؟

އާމިރަށް ހުރިހާ އެކްޓަރުންނާވެސް ގުޅޭ އާމިރުގެ އަޑު.. އެކަމު ރީކޯ މޫސަ، ޔޫއްޕެ، އިސްމާއީލް ވަޖީހާ ވަރަށް ގުޅޭކަމަށް ފާހަގަކުރެވޭ..

ދެން ދާއިރާގެ މަސައްކަތްތަކާ ކުޑަކޮށް ދުރަށް ޖެހިލާފަ އަމިއްލަ ދިރިއުޅުން ކުޑަކޮށް ކިޔާލަދީބަލަ

އާމިރަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް.. އާމިރަށް އެންމެ މުހިންމު ބަޔަކަށް ވާނީ އާމިރުގެ އާއިލާ.. އާމިރުގެ ދެ ކުދިންނާ އަންހެނުންނާ އާމިރުގެ އެކްސްޓެންޑެޑް ފެމިލީ އަދި އަންހެނުންގެ ފެމިލީ.. އެހެންވީމަ އާމިރު ބަލަނީ ވީހާވެސް ގިނަ ވަގުތު އެމީހުންނަށް ދީގެން އުޅެން.. ވަރަށް ހަމަޖެހިގެން އުޅެވޭތޯ ބަލަނީ.. ދެން ވަރަށް ސިމްޕަލް ލައިފެއް އުޅެން ބޭނުންވާ މީހެއް އާމިރަކީ..

ދާއިރާއިން ކުރެވޭ އުންމީދުތަކަކީ ކޮބާ؟

މިހާރު އަސްލު މި ދާއިރާ މިދަނީ މަޑުމަޑުން ކުރިއަށް.. ކުރީގަ އާމިރުމެން އަލްބަމްތަކަށް ލަވަ ރެކޯޑްކޮށްފަ ކެސެޓް ރޯލަށް ނޫނީ ސީޑީއަށް އަޅައިގެން ބާޒާރަށް ނެރެ ވިއްކަނީ.. ފިހާރަތަކަށް.. އެކަމު މިހާރު މިއޮތީ ޒަމާން ބަދަލުވެފަ.. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އައިސްފަ މިއޮތީ.. ލަވަފޮށި، ބައިސްކޯފު، ދެން މިހާރު ފަހުން އައިއްސަ ރާއްޖެއަށް ތައާރަފުކޮށްފި ސްޕޮޓިފައި.. އެހެންވީމަ އާޓިސްޓުން ރެކޯޑްކުރާ ލަވަތައް މިހާރު މި ޕްލެޓްފޯމްތަކަށް ލައިގެން އާޓިސްޓުންނަށް މީގެން އާމްދަނީ ހޯދުމުގެ ފުރުސަތު މިއޮތީ ލިބިފަ ވަރަށް ބޮޑަށް.. ރަނގަޅު އެއްޗެއް ހަދައިފިއްޔާ އާމިރަށް ހީވަނީ ރަނގަޅު އާމްދަނީއެއް ލިބޭނެހެން.. އޭގެ އިތުރުން ރިސޯޓުތަކުގަ މިއުޒިކް ކުޅޭ ކުދިންނަށްވެސް މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފަ.. ވަރަށް ގިނަ ރިސޯޓުތައް ރާއްޖޭގަ އެބަހުރި، ވަރަށް ގިނަ ކުދިން އެގޮތަށް އާމްދަނީވެސް އެބަ ހޯދާ.. އެހެންވީމަ މި ދާއިރާ އޮތީ ކުރިއަށް ޑިވެލޮޕްވާ ގޮތަށް.. ވަރަށް އުންމީދު ބޮޑު މި ދާއިރާއަށް.. އާމިރުވެސް ގަސްތުކުރަނީ މި ދާއިރާގެ މަސައްކަތްތަކެއް ކޮށްގެން ދާއިރާއިން ކުރިއަށް ދާން ހަމަ..

ނިންމާލަމުން އާމިރުގެ ފޭނުންނަށް ބުނެލާނީ ކީކޭ؟

ފޭނުންނަށް ބުނެލާނީ ވަރަށް ބޮޑަށް ޝުކުރުވެރިވަމޭ މިހާތަނަށް އާމިރަށް ދިން ސަޕޯޓަށް.. އަދިވެސް އެގޮތުގަ ދެމިތިބޭށޭ.. އާމިރުމެން ކުރިއަށް ދާން ލިބޭ ހިތްވަރަކީ ތިދޭ ސަޕޯޓޭ.. މިހާރުވެސް އާމިރާ ވާހަކަ ދައްކަމުންދާ ސަޕޯޓަރުން ތިބޭނެ.. އެހެންވީމަ އާމިރު ބުނެލާނީ އާމިރު މި ދާއިރާގަ ދެމިހުންނާނަމޭ.. އިރާދަކުރެއްވިއްޔާ އަންނަ އަހަރު އާމިރުގެ އާ އަލްބަމް ފޭނުންނާ ހަމައަށް ފޯރުކޮށްދެވޭވަރު ވާނެ..

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.