“އޭރުން ފާޒިލަށް ކިހިނެއް ވާނީ؟” ޝާލޫގެ ވާހަކަތަކުން ޒިންދުއަށް ލިބުނު ހައިރާންކަމުގައި އަވަސްއަވަހަށް އަހައިލެވުނެވެ.

“ދައްކާ ވާހަކަ.. ޒިންދުއަށް ވެސް އެނގޭނެ އަހަރެން ބޭނުންވަނީ ރަނގަޅަށް ކިޔަވައިގެން މޮޅު މީހަކަށް ވާންކަން. ފާޒިލްއާ އިނދެގެން ކިހިނެއް އެކަންވާނީ؟ މަހަށް ގޮސްގެން އެ ލިބޭ ކުޑަ ލާރިކޮޅުން ކިހިނެއް ދިރިއުޅުން ދެކޮޅު ޖައްސާނީ. އަހަރެން ބޭނުން އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް.. ސިކުނޑިން ވިސްނަބަލަ. މާލޭގައި އުޅެގެން ނޫނީ އެއްކަމެއް ވެސް ވާކަށް ނެތް. މާލޭގައި އަހަރެންނަށް ހުރެވޭނެ ގޮތެއް ހަދައިދެވޭކަށް އަހަރެންގެ ޢާއިލާއަކަށް ނެތް. ފާޒިލަކަށް ވެސް އެކަމެއް ނުވާނެ.” ޝާލޫ ހާމަކުރީ އޭނާގެ ވިސްނުމާއި ފިކުރާއި ޚިޔާލެވެ. އޭނާ ބޭނުންވާ ގޮތެވެ.

“ތިއެއް އެނގޭނީ ފާޒިލްއާ ވެސް ވާހަކަ ދެއްކީމައެއްނު. ޝާލޫގެ ޢާއިލާއިން އެއްފަހަރު ވެސް ބުނިތަ މާލޭގައި ބެހެއްޓޭކަށް ނެތޭ. އެހިސާބަށް ދިޔައިމަ ދޯ އެނގޭނީ.” ޝާލޫގެ އެ ވާހަކަތައް ޒިންދުއަކަށް ކަމަކު ނުދިޔައެވެ.

“ތިއީ ޒިންދުމެންގެ މައްސަލައަކީ. އަދިވެސް ތަރައްޤީއެއް ނުވޭ. ތިޔަ މުސްކުޅި ވިސްނުން ދޫކޮށްލާފަ ދެހާސް އެކާވީހަށް އައިސްބަލަ. މިތާ ތިބެގެން ނެތޭ އެއްވެސް ކަމެއް ވާކަށް. އެއްވެސް ޚިދުމަތެއް ލިބޭކަށް. ކުރިޔަށް ދެވޭކަށް. ކުރިއެރުމެއް ލިބޭކަށް.” ޝާލޫގެ ވާހަކަތަކުން އޭނާގެ ވިސްނުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވަމުން ދިޔައެވެ.

ޝާލޫގެ އެ ވިސްނުމަށް ތާއީދު ނުކުރި ނަމަވެސް ޝާލޫއާއި ދެކޮޅަށް ޒިންދު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ބުނަން ބޭނުން ނުވީއެއް ނޫނެވެ. ގާތް އެކުވެރިކަމާއި ރަހުމަތްތެރިކަމަށްޓަކައި ދެކޮޅަށް ވާހަކަ ދައްކަން ބޭނުން ނުވީއެވެ.

ޝާލޫ އާއި ފާޒިލްގެ މެދުގައިވާ ލޯބީގެ ގުޅުމަކީ ދެ ޒުވާނުން ވެސް ބޭނުންވެގެން އުފެއްދި ގުޅުމެކެވެ. ދެފަރާތުގެ ޢާއިލާގެ ރުހުމާއި ތާއީދު ލިބިފައިވާ ދުވަސްވީ ގުޅުމެކެވެ. މި އަހަރަކީ ޝާލޫގެ ތަޢުލީމީ ޙަޔާތް ނިމޭ އަހަރު ކަމަށްވާތީ އަންނަ އަހަރުގެ ކުރީކޮޅު އެ ދެ ޒުވާނުންގެ ކައިވެނި ކުރުމަށް ވަނީ މަޝްވަރާ ކުރެވި ހަމަޖެހިފައެވެ.

ރޭގަނޑުގެ ނުވައެއް ޖަހާކަން ހާއިރެވެ. އެކްސްޓްރާ ގަޑި ނިންމާލުމަށްފަހު ޝާލޫ ގެއަށް އައިއިރު އޭނާގެ އިންތިޒާރުގައި ޖޯލިފަތީގައި ފާޒިލް އޮތެވެ. ފާޒިލަށް އެއްވެސް ސަމާލުކަމެއް ނުދީ ޝާލޫ ދިޔަގޮތަށް ގޮސް ގޭތެރެއަށް ވަނުމުން ފާޒިލަށް ލިބުނީ ހައިރާންކަމެވެ. މީގެކުރިން ދުވަހަކު ވެސް އެފަދައިން ކަންތައް ކޮށްފައި ނުވާތީ އެއް ފަހަރައި އެތައް ސުވާލެއް އުފެދުނެވެ.

ދިހަވަރަކަށް މިނިޓް މަޑުކޮށް ޝާލޫގެ ޚަބަރެއް ނުވުމުން ފާޒިލް ގޮސް ގޭތެރެއަށް ވަނެވެ. ފެންޑާ ތެރޭގައި އިން ފާރިހާއަށް ހިނިތުންވެލަމުން ފާޒިލް ގޮސް ޝާލޫގެ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލިއިރު ޝާލޫގެ ކިބައިން ފެންނަމުން ދިޔައީ ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއްގެ އަސަރުތަކެވެ.

“ފާޒިލް މިރޭ ގޮސްލަންވީނު. މާދަމައަށް ނިންމަންޖެހޭ ވަރަށް މުހިންމު ފިލާވަޅެއް އެބައޮތް.” ފާޒިލަށް ބަލައިލަމުން ޝާލޫ ވާހަކަ ދެއްކިއެވެ. ފާޒިލަށް ލިބުނީ ހައިރާންކަމެވެ. މީގެ ކުރިން އެތައް ފިލާވަޅެއް ދަސްކުރުމުގައި އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދާފައިވާ ޝާލޫ އެހެން ބުނެފާނެ ކަމަކަށް ފާޒިލް ހިޔެއް ނުކުރެއެވެ.

“ކީއްވެ ތިހެން ތިބުނީ؟ އަހަރެން އެހީތެރި ވާނަމޭ.” ފާޒިލް ބޭނުންވީ ޝާލޫއަށް އެހީތެރިވާށެވެ.

“ފާޒިލަކަށް މި މާއްދާއެއް ނޭނގޭނެ. ދެން މިރޭ ދޭ.” ޝާލޫ ބޭނުންވީ ކޮޓަރީގެ ދޮރު ލައްޕަންކަން އެނގުމުން ފާޒިލް ދުރަށް ޖެހިލިއެވެ. އިތުރުވަމުންދިޔަ ހައިރާންކަމާއިއެކު ހިތުގައި އުފެދުނު ސުވާލުތައް ގިނަވިއެވެ.

ގެއިން ނުކުންނަން ހިނގައިގަތް ފާޒިލްގެ ކިބައިން ފެންނަމުންދިޔަ މާޔޫސްކަން ފާރިހާއަށް ފާހަގަ ކުރެވުނެވެ. ކޮންމެވެސް ގޯހެއް އުޅޭހެން ހީވިއެވެ.

“ފާޒިލް! ކިހިނެއްވީ؟ ހާދަ އަވަހަށް ތިދަނީ.” ކޮންމެރެއަކު ވެސް ދިހައެއް ޖަހާލާކަންހާއިރު ވާންދެން ޝާލޫއާ ވާހަކަދައްކަން މަޑުކުރާ ފާޒިލް މިރޭ އެހާ އަވަހަށް ގެއަށް ދާނީ ކޮންމެވެސް ކަމެއް ވެގެންކަމުގައި ފާރިހާގެ ހިތް ބުނި ކަހަލައެވެ.

“މާދަމާއަށް ކޮންމެހެން ވެސް ނިންމަންޖެހޭ މުހިންމު ފިލާވަޅެއް އޮތީމަ ޝާލޫ ބޭނުންވީ އެކަނި އިނދެ އެކަން ކޮށްލަން.” ޝާލޫ ކަންތައް ކުރިގޮތުން ކުރިމަތިވި ހިތްހަމަނުޖެހުން ފޮރުވަން މަސައްކަތް ކުރަމުން ފާޒިލް ޖަވާބު ދިނެވެ. އެވާހަކަތައް ފާރިހާ ކައިރީ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.

ހެނދުނުގެ ވަގުތެވެ. އެހެން ދުވަސްތަކަށްވުރެ އަވަހަށް މިއަދު ޝާލޫ ސުކޫލަށް ދިޔައީ އޭނާގެ ރޭވުން ކާމިޔާބު ކުރާށެވެ. އެހެން ދަރިވަރުންތައް އައުމުގެ ކުރިން ކުލާހަށް ވަދެ ބަލަންޖެހޭ ބެލުންތައް ބެލިއެވެ. ކޮންޕިއުޓަރު ކުލާސް މިއަދު ބަލަންޖެހޭ ދަރިވަރަކީ ޝާލޫއަށް ވުން ވެގެން ދިޔައީ އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަށެވެ. އެތަނުގައި ކަންތައްތައް ހުންނަންޖެހޭ ގޮތަށް ހުރިތޯ ޗެކްކުރުމަށްފަހު އެތަނުން ނުކުތުމުގެ ކުރިން ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ބައެއް އެއްޗެހި ނޯޓުކުރާށާއި ކޮންމެހެން ބަލާލަން ޖެހޭ މުހިންމު ނޯޓްތައް ރައްކާކޮށްގެން ޒިނާން ގެންގުޅޭ ފޮތް ކޮންޕިއުޓަރު ކައިރީ އޮތެވެ. އޭނާގެ އަތުގައި އޮތް ފޮތުގެ ތެރެއިން ނެގި ނޯޓްކޮޅަށް ބަލާލަމުން އެ ފޮތާއި ދިމާއަށް ހިނގައިގަތްއިރު ޝާލޫގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ލިބުނު ކާމިޔާބަށް ހިތާހިތުން ހިނިތުންވެލެވުނެވެ.

ކިޔަވައިދޭ މީހަކުނަމަ ދަރިވަރުންނާއި ހަމައަށް ދިއުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކެއް ހުންނާނެކަމީ ޒިނާން އަބަދު ވެސް ޤަބޫލުކުރާ އުސޫލެވެ. އެ ނޫން ގޮތަކަށް ދަރިވަރުންނާއި ހަމައަކަށް އޭނާ ނުދާނެއެވެ. މިއަދު ވެސް ގަޑި ޖެހުމުގެ ގަޑިއެއްހާއިރު ކުރިން ކުލާހަށް އޭނާ އައީ އެ ބޭނުމުގައެވެ.

އިއްޔެ ނޯޓްކުރި ބައެއް ލިޔުންތައް ބަލައިލާން ފޮތް ހުޅުވާލި ވަގުތު ފެނުނު މަންޒަރުން ޒިނާނަށް ލިބުނީ ހައިރާންކަމެވެ. އަވަސްއަވަހަށް އެ ކަރުދާސްކޮޅު ނަގަމުން ކިޔާލިއެވެ.

“އަހަރެން ވެސް ޒިނާންދެކެ ވަރަށް ލޯބިވޭ. ޒިނާންގެ މީހަކަށް އަހަރެން ހަދައިދީ.” ބޭނުންވި ޖަވާބު ލިބުމުން ޒިނާނަށް ހިނިތުންވެލެވުނެވެ. ހިތާހިތުން ދުޢާ ދެންނެވުނެވެ. ޝުކުރު ޙައްޤުވާ ފަރާތަށް ޝުކުރު އަދާކުރެވުނެވެ. ކަރުދާސްކޮޅު މޭގައި ޖައްސާލަމުން ގޮނޑީގައި ހަމަޖެހިލި ޒިނާނަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމާއެވެ.

ޝާލޫ އާއި ޒިނާންގެ ނަން ލޯބިވެރިންގެ ލިސްޓަށް އިތުރުވެގެން ދިޔައީ އެ ދެ ޒުވާނުން ފިޔަވާ އެހެން އެންމެނަށް ސިއްރުންނެވެ. އެކަމާ ބެހޭގޮތުން އިތުރު އެއްވެސް މީހަކާއި ވާހަކަ ދައްކާކަށް ޝާލޫ ބޭނުމެއް ނޫނެވެ. އޭނާގެ އެ ނިންމުން އެހެން މީހުން ޤަބޫލެއް ނުކުރާނެއެވެ. އޭނާ ބޭނުން މީހަކާއި ގުޅުމުގެ ޙައްޤު އޭނާއަށް ވެސް އޮންނަން ވާނެއެވެ. އެއީ އޭނާގެ ދިރިއުޅުމެވެ. އެކަމާ ބެހޭގޮތުން އެހެން މީހުން ދައްކާ ވާހަކަތައް އަޑުއަހާކަށް އޭނާގެ ޝައުޤުވެރިކަމެއް ނެތެވެ.

ގަޑީގެ ސިކުންތު ކަށީގެ ހިނގުން ލަސްވެގެން ޝަކުވާކުރާ ބަޔަކު ތިބިނަމަ އޭގެ ތެރެއިން އެކަކަށް ޝާލޫ ވާނެކަން ޔަޤީނެވެ. ކޮންމެ ސައުވީސް ގަޑިއިރަކުން ދުވަހެއް ފާއިތުވެގެން ދާއިރު އޭނާއަށް ދުވަސް ދައުރުވާލެއް ވެސް ލަހެވެ. އިންތިޒާރަށް ނިމުން އަންނަން ދެ މަހެއްހާ ދުވަހު އިންތިޒާރު ކުރުން އޭނާއަށް އަދި މާލަހެވެ. އެއީ ދެ އަހަރޭ ވެސް އޭނާއަށް ހީވާ ކަހަލައެވެ. ޝާލޫގެ އެ ޝަކުވާތަކަށް ޖަވާބުދީދީ މީހަކު ފޫހިވާނެނަމަ ޒިނާން މިހާރު އޭނާދެކެ ފޫހިވެއްޖައީހެވެ.

ޓެސްޓް ގާތްވަމުން އައިވަރަކަށް ކިޔެވުމަށް ދެމުންދާ ސަމާލުކަން ޝާލޫ އިތުރުކުރަމުން ދިޔައެވެ. ލޯބީގައި ހޯދި ކަހަލަ ފުރިހަމަ ކާމިޔާބެއް ޓެސްޓްގައި ވެސް ހޯދަން އޭނާ ބޭނުންވެއެވެ. ތޭރަ އަހަރު ދުވަހު ކިޔެވި ކިޔެވުން ބޭކާރު އެއްޗަކަށް ވިޔަނުދިނުމަށް ޒިނާން ދެމުންދާ ނަސޭޙަތް ޝާލޫގެ ހަނދާނުގައި އަބަދުވެސް ހަރުލާ ހުރެއެވެ. ޒިނާނަށްޓަކައި ވެސް އޭނާ އެކަން ކުރާނެއެވެ. އޭނާއާމެދު ޒިނާން އުފާވާ ކަހަލަ ނަތީޖާއެއް ހޯދުމަކީ ޝާލޫ ވެސް ބޭނުންވާ ގޮތެވެ.

އޭލެވެލް އިމްތިހާންގެ އެންމެ ފަހު ޓެސްޓް ނިންމާފައި ސްކޫލުން ނުކުތް ވަގުތު ނިހާމާ އާއި ޝާލޫ ދިމާވިއެވެ. ދެތިން ދުވަހެއްގެ މެދުކެނޑުމަކަށްފަހު ދިމާވުމުން ދެމީހުން ވެސް ބޭނުންވީ ވާހަކަ ދައްކަން މަޑުކޮށްލާށެވެ. ސްކޫލާއި މާ ދުރުނޫން ހިސާބެއްގައި ހުރި ފިނިބުއިން ވިއްކާ ތަނާއި ދިމާއަށް ޝާލޫ ހިނގައިގަތީ ނިހާމާ ދިން ދަޢުވަތަށެވެ.

ޖޫގޯ ދެތަށި ހިފައިގެން މޭޒެއް ކައިރީ އިށީންދެލައިގެން ތިބިއިރު ދެޒުވާނުންގެ މެދުގައި ކޮންމެވެސް މުހިންމު ވާހަކަތަކެއް ދެކެވެމުން ވެސް ދިޔައެވެ. އަޑާއި ހަރަކާތުން އަދި މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރު އަންގައިދެނީ އެ ދެ ޒުވާނުންނަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމެވެ.

“އަހަރެން ދެން ބޭނުމެއް ނޫން ކިޔަވާކަށް. މީހަކާއި އިނދެލައިގެން ދަރިން ބަލަން ގޭގައި އިންނާނީ.” ނިހާމާއަށް ބަލާލަމުން ޝާލޫ ބުނީ އޭނާ ނިންމާފައިވާ ގޮތެވެ. ޝާލޫގެ އެ ނިންމުމުގެ ސަބަބުން ނިހާމާއަށް ލިބުނު ހައިރާންކަން އޭނާގެ މޫނުމަތިން އަންގައިދިނެވެ.

“އައްދެ. އެކީއްވެ؟ ތީތި ކަޑައޭ. ނަތީޖާ ލިބޭއިރަށް އަހަރެން ދާނަން މާލެ. ޓީޗިން ހަދައިގެން އައިސް ޝާލޫމެންގެ ދަރިންނަށް ކިޔަވައިދޭން ހުންނާނީ. ބަސްނާހާ އުޅެންޏާ އަހަރެން ބުނާނަން މަންމަ އުޅުނުހެނޭ ތިޔަ އުޅެނީ. ހަހަހަ..” ހެމުންހެމުން ނިހާމާ ނިންމާލި ވާހަކައިގެ ސަބަބުން ޝާލޫ ގާތަށް ވެސް ހިނިއައެވެ.
“ފާޒިލް ބޭނުންވަނީ އަވަހަށް ކައިވެނި ކުރަންދޯ؟ އެހެންނު ވާނީ. ރީތީގެ ރާނީ ގެއްލިދާނެތީ އެހާ ކަންބޮޑުވޭވިއްޔަ.” އެތަނަށް ވަދެގެން އައި ޒިނާން ފެނުމާއިއެކު ނިހާމާއަށް ހުއްޓުން އެރިއެވެ. އެނޫން ދިމާއަކަށް ނުބެލުނެވެ. ދައްކަންފެށި ވާހަކަ ވެސް ހަނދާން ނެތުނު ކަހަލައެވެ.
ނިހާމާއަށް އައި ބަދަލު ކިތަންމެ ރަނގަޅަކަށް ވެސް ޝާލޫއަށް ފާހަގަ ކުރެވުނެވެ. ހިތްހަމަނުޖެހުނު ނަމަވެސް އެއްޗެކޭ ނުބުނެ ކެތްކޮށްލައިގެން އިނީ ޒިނާނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ބޭކާރު ކަންކަން ކުރަން ހަދައިގެން ބުޅާ ގޯނިން ބޭރުވެދާނެތީ ވެސްމެއެވެ.
“ދެކުދިން. ކޮބާ ކިހިނެއް؟ ޓެސްޓް ފަސޭހަތަ؟” ޝާލޫމެން ކައިރިއަށް ހުއްޓެމުން ޒިނާން އަހާލިއެވެ.
“ރަނގަޅު. ޓެސްޓް ވަރަށް ފަސޭހަ. ސަރ ކޮންއިރަކުން ފުރަނީ؟” ޝާލޫއަށް ބަލާލުމެއް ވެސް ނެތި އަވަސްއަވަހަށް ނިހާމާ ޖަވާބު ދިނެވެ. ޒިނާނާއި ވާހަކަދައްކާލަން ފުރުސަތެއް ނުލިބިފައި އިންހެން ވެސް ހީވިއެވެ.
“މާދަމާ ހެނދުނު ފުރަން ކަމަށް މިއުޅެނީ. ޝާލޫ. ކިހިނެއް؟ ސަރދެކެ ރުޅިއައިސްފައިތަ؟ ދެން ގޮސްލީ.” ނިހާމާއަށް ހަނާ އަޅާލަމުން ޒިނާން ހިނގައިގަތީ ޝާލޫ އެއްވެސް އެއްޗެކޭ ނުބުނުމުންނެވެ.
ޝާލޫ އެފަދައިން ކަންތައް ކުރީ ކީއްވެގެންކަން ޒިނާނަށް އެނގެއެވެ. އިތުރަށް ވާހަކަ ދައްކަން މަޑުނުކޮށް ޒިނާން އެތަނުން އަވަހަށް ދިޔައީ ވެސް އެހެންވެއެވެ.
“މަގޭ ހިތަށްއަރާ ޒިނާން ސަރ މަށާ އިންނާނެނަމައޭ.. އޭރުން ދެން.. ވާއު.. މަމީ..” ނިހާމާ ދައްކަން ފެށި ވާހަކަތައް ނުނިމެނީސް ޗޮކެއް ކަނޑާލަމުން ޝާލޫ ތެދުވިއެވެ.
“ކަލޭ ނިކަން މޮޔަވެބަލަ.. އިތުރަށް ނުކިޔަވާ މީހަކާއި އިންނަ ވާހަކަ މަ މިބުނީ ޒިނާނާއި އިންނަންވެގެނޭ.. ހޭބުއްދި ކުޑަވެގެން ނޫޅެ ހަމަބިމަށް ތިރިވެބަލަ.. ރަނގަޅަށް ވާނުވާ ބަލާބަލަ.. ރުފިޔާ ފޮއްޗެއް ގެންގުޅޭ ކޮންމެ މީހަކު ފެންނައިރަށް ކަލޭ ތިޔަ ހުންނަނީ އިންނަން ބޭނުންވެފަ.. މީ ދެން ބޮޑުވަރެއްނު..” ހިތްހަމަނުޖެހުމާއިއެކު މޭޒު ކައިރިން ތެދުވި ޝާލޫގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އިތުރަށް އެންމެ ސިކުންތަކު ވެސް މަޑުކުރާކަށް ނުހަދައެވެ. ބޭނުން ހުރިހާ އެއްޗެއް ކިޔާލުމަށްފަހު ނިހާމާއަށް އެއްވެސް ސަމާލުކަމެއް ނުދީ ދިޔަގޮތަށް ގޮސް ބޭރަށް ވެސް ނުކުތެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.