7 އަހަރަށްފަހު އަމީތާބް ބައްޗަންއާއި އަޖޭ ދޭވްގަން އެކުގައި ފެނިގެންދާ ފިލްމު “މޭޑޭ” އަންނަ އަހަރުގެ ފިޠުރު ޢީދާއި ދިމާކޮށް އޭޕްރިލް 29 ގައި ރިލީޒްކުރަން ތާވަލުކޮށްފިއެވެ.

އަޖޭއާއި އަމީބާތުގެ އިތުރުން ރަކުލް ޕްރީތު ސިންގ މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ އަޖޭ ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކުރާ ފިލްމެކެވެ. މިއީ އަޖޭގެ 2008 ގެ ފިލްމު “ޔޫ، މީ އޯރް ހަމް” އިން ޑައިރެކްޝަނަށް ނުކުތް ފަހުން އަމީތާބްގެ ފިލްމެއް އަޖޭ ޑައިރެކްޓްކުރާ ފުރަތަމަ ފަހަރުވެސްމެއެވެ.

އިންޑިއާގެ މަހަރާޝްތްރާގައި އޮކްޓޯބަރު 22 ގައި ސިނަމާތައް ހުޅުވާލާއިރު ކުރިންވެސް އަޖޭ ބުނެފައިވާ ގޮތުގައި މި ފިލްމު ރިލީޒްކުރާނީ ސިނަމާތަކުގައެވެ. އޭވިއޭޝަން ތުރިލާގެ ވާހަކައާއި ބެހޭގޮތުން މާގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައި ނުވި ނަމަވެސް ޚަބަރުތައް ބުނާގޮތުގައި އަޖޭއާއި ރަކުލް ކުޅެނީ ޕައިލެޓުންގެ ބައެވެ. އަމީތާބް ކުޅެނީ ނެގެޓިވް ރޯލެއް ކަމަށްވެސް ޚަބަރުތައް ބުނާއިރު ފިލްމުގެ ވަރަށް މުހިންމު ރޯލަކުން ބޮމަން އިރާނީއާއި އަންގިރާ ދާރްވެސް ފެނިގެންދާނެއެވެ.

“މޭޖަރ ސާބް”، “ހަމް ކިސީސޭ ކަމް ނަހީނ” އާއި “ކާކީ” ފަދަ ފިލްމުތައް އެކީގައި ކުޅުނު އަޖޭއާއި އަމީތާބް އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ 2013 ގައި ރިލީޒްކުރި ސިޔާސީ ފިލްމް “ސަތިޔަގްރަހަ” އެވެ.

“މޭޑޭ” ގެ އިތުރުން އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އޮކްޓޯބަރު 22 ގައި ރިލީޒްކުރާ ރޯހިތު ޝެޓީގެ “ސޫރިޔަވަންޝީ”، ސަންޖޭ ލީލާ ބަންސާލީގެ “ގަންގޫބާއީ ކަތިއާވާޅީ”، އިންދުރަ ކުމާރްގެ “ތޭންކް ގޯޑް”، ތެލުގޫ ފިލްމު “އާރްއާރްއާރް” އަދި އަމިތު ޝަރްމާގެ “މައިދާން” ހިމެނެއެވެ.

އަމިތާބްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނަގްރަޖް މަންޖޫލޭގެ “ޖުންޑް”، އަޔާން މުކަރްޖީގެ “ބްރައްމަސްތުރަ” އަދި ވިކާސް ބޭލްގެ “ގުޑްބާއި” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.