އަހަރުގެ އެންމެ އުފާވެރި އެއްދުވަސް ކޮޅެވެ. ދިވެހި ރާއްޖޭގެ މިނިވަން ދުވަސް ކައިރިވަނީއެވެ.މިކަހަލަ ދުވަސްވަރެއް ވިއްޔާ ބަލިތައް ފެތުރުމަކީ އާއްމު ކަމެކެވެ. އެހެންކަމުން މިފަހަރުވެސް ބަލިތައް ދިޔައީ އިންތިހާއަށް ފެތުރެމުންނެވެ.

އަހަރެން ވެސް މާލެ ދިޔައީ ހިތްހަމަ ޖައްސާލުމަށެވެ. އެކުވެރިންނާ ބައްދަލުވެލުމަށެވެ. އެގޮތަށް އެކުވެރިންނާ އެކު ނިކުތް ދުވަހެކެވެ. އެތަނުން ކުއްޖެއްގެ ކޮއްކޮ އެއް ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވި ޚަބަރު ލިބުނެވެ. ކޮންމެއަކަސް އެކުއްޖާ އަކީ އަހަރުމެން އެންމެންގެވެސް ވަރަށް ގާތް ކުއްޖަކަށް ވާތީވެ، އެންމެންވެސް ދާން ބޭނުންވިއެވެ. ބަލިމީހުނަށް ޒިޔާރަތް ކުރެވޭ ގަޑިއާ ދިމާވިކަން ނަސީބެކެވެ.

އައި.ޖީ.އެމް.އެޗް ގެ ދެވަނަ ފަންގިފިލާގެ ކުޑަ ކުދިން ވޯޑްގެ 7 ނަންބަރު އެނދުގައި އޮތް ލައި އާއި ބައްދަލުކުރީ ހިނިތުންވުމަކާ އެކުގައެވެ. އިރުކޮޅަކު އެކުއްޖާއާ ސަކަރާތް ޖަހާލުމަށްފަހު އަހަރެން އެތަނުން ދުރަށްޖެހިލީ މަންމަ ގުޅީމައެވެ. މަަންމައާ ވާހަކަ ދައްކަމުން އަހަރެން ގޮސްވަނީ އެވޯޑް ގައި ހުންނަ ‘ޕްލޭ އޭރިޔާ’ ތެރެއަށެވެ. އޭރު އެތަށް ކުދިންނެއް އެތާނގައި އެކި ކަންކަމުގައި މަސްއޫލުވެގެން ތިބޫއެވެ. ކުޑަކުދިން އެންމެ ގަޔާވާ ގޮތަށް އެކި ޒާތްޒާތުގެ ފޮތްތަކާ ކުޅޭ އެއްޗެއްސާ އަދި ކާޓޫން އަޅުވާފައި ހުރުންވީ ކުޑަކުދިންގެ އެތަނަށް ހިތްޖެހުނު ސަބަބަކަށެވެ.

ކުދިންގެ އެހުނުމުގެ އަޑު އަހާލުމަކީ ވަރަށް ވެސް ހިތްގައިމުކަމެކެވެ. ފޯނުކޯލު ނިމުމުން ވެސް އަހަރެން އެތާ މަޑުކޮށްލީ އެހެނެްވެއެވެ. ބައެއްކުދިން ކުދިން އައިސް ކުރިމަތީ ހުއްޓިލާ ތުއި ދައްކާލާ ރަކި ގޮތަކަށް ހީލާފާ ދެއެވެ. އަނެއްބައި ކުދިން އައިސް އުނގު ތެރެއަށްވެސް ވަދެލައެވެ. އެކުދިންނާ ކުޑަކޮށް ސަކަރާތް ޖަހާލެވުމުން އަހަންނަށް ވެސް ނޭގޭ ޒާތެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.

އެސަކަރާތުގައި އަހަރެން އިންދާ އަންހެނެއް އައިސް އަހަންނާ ޖެހިގެން ހުރި ގޮނޑީގައި އިށީންނެވެ. އޭނާ އުރާލައިގެން ދޮޅު އަހަރުގެ ފިރިހެން ކުއްޖެއް އޮތެވެ. އެކުއްޖާ މޫނު ބަލާލުމުން އެކުއްޖާ އޮތީ ހުންއައިސް ރަތްވެފައިކަން އަހަންނަށް ނަގައިގަނެވުނެވެ. އަހަރެން މަޑުމަޑުން އެއަންހެން މީހާ ކައިރީ ކިހިނެއްވީތޯ އަހާލީމެވެ. ހުންއައިސްގެން އުޅޭވާހަކަ އޭނާ ބުންޏެވެ. އަދި އެކަމާ ވަރަށް ދެރަވާ ވާހަކައާ ހުރި ހަމަ އެކަނި ދަރި ކަމަށް އޭނަ ބުންޏެވެ.

އަހަރެން ކުރެންވެސް ކޮންރަށެއްތޯ އަހާ ސުވާލު ކުރިއެވެ. އަހަރެން ރަށް ބުނުމުން އެއީވެސް ހަމަ އަހަރެންގެ ރަށު މީހެއްކަމަށް ބުންޏެވެ. އާއްމުކޮށް ވާގޮތެކެވެ. ރަށުންބޭރުގަ އުޅެނިކޮށް ރަށުމީހަކާ ބައްދަލު ވެވިއްޖެއްޔާ ވަރަށް ވާހަކަ ދައްކާހިތްވެއެވެ. އެހާމެ ވާހަކަ ދެއްކޭވެސް މެއެވެ. ރަށުގެ އެކިތަންތަނުގެ ވާހަކައާއި އެކި ކަންތައްތަކުގެ ވާހަކަ އަހަރުމެން ދެއްކީމުއެވެ. އެދެއްކި ވާހަކަ ތަކުން އެތައް އެތައް ކަމެއް އަހަންނަށް ފާހަގަ ކުރެވުނެވެ.  ކޮންމެ މީހަކީވެސް ވަރަށް ރަނގަޅު ބައެއްކަމުގައި އޭނާ ދެކޭކަމެވެ. އަބަދުވެސް މީހުނާ ހީސަމާސާ ކުރާހިތްވާ ކަމެވެ. އޭނާގެ ދަރިފުޅަކީ އޭނާގެ ހުރިހާވެސް އެއްޗެއްކަމެވެ.

އެކި ވާހަކަ ތަކުގައި ތިބި އިރު ވަރަށް އަޖައިބުވި ވާހަކައެއްވެސް އޭނާ ބުންޏެވެ. މިނިވަންދުވަހުގެ ޕެރޭޑް ވަރަށް ބަލާހިއްވެޔޭ ބުންޏެވެ. އަދި ފޫހިވަނީ މިފަހަރު އެޕެރޭޑް ބަލަން ދަރިފުޅު ބަލިވުމުގެ ސަބަބުން ނުދެވޭތީ ކަމަށް ބުންޏެވެ. އެހާ ވަރަށް ދަރިފުޅު ދެކެ ލޯބިވާ ކަމަށް ބުނަމުން އައިމީހާ، އެވަރުގެ ކަމަކާ ދަރިފުޅު ދެކެ ފޫހިވޭ ބުނީމާ ކޮންމެއަކަސް އަހަރެން ވަރަށް އަޖައިބުވިއެވެ. އެ ދަރިފުޅަކީ އޭނާގެ އެކަަހަލަ ކަންކަމަށް އޮތް ހުރަހެކޭ ބުނުމުން އަހަރެން ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ.

އަހަރުމެން އޮލަ ވާހަކައިގައި ތިއްބާ އެތަނަށް އަހަރެންގެ ރައްޓެހި ކުއްޖަކު އައެވެ. ކަންދިމާކުރި ގޮތުން އެއީ ހަމަ އަހަރުމެން ރަށު ކުއްޖެކެވެ. އަދި އެ އަންހެން ކުއްޖާވެސް ދަންނަ ކުއްޖެކެވެ. އޭނާ އައިސް ވަރަށް ހަމަޖެހިލާފައި އެކުއްޖާއާ ވަރަށް ވާހަކަ ދެއްކިއެވެ. އަހަރެންވެސް އިނީ އެމީހުންގެ ވާހަކައިގަ ވަރަށް ވެފައެވެ. އެހެންތިއްބާ އެއަންހެން ކުއްޖާ ހޯދަން މީހަކު އައުމުން އޭނާ ހިނގައްޖެ އެވެ. އިރުކޮޅަކު އިންދެލާފައި އަހަރެންގެ އެކުވެރިޔާ ކުރެން އެއީ ކާކުތޯ އަދި ކިހިނެއް ދަންނަ ކުއްޖެއްތޯ ސުވާލު ކުރީމެވެ. އޭނާ ބުނި ގޮތުން އެއީ މޮޔަ ކުއްޖެކެވެ. އަދި އެއަށްވުރެ ހައިރާންވީ އެކުއްޖާ އަތުގަ އެއޮތް ކުޑަ ފިރިހެން ކުއްޖަކީ އޭނާގެ އެ މޮޔަކަމުގެ ފައިދާ މީހަކު ނަގައިގެން އޭނަ އަށް ދީފައިވާ ލަނޑެއް ކަމަށް ބުނުމުންނެވެ.

ކޮންމެ އަކަސް އެރޭވީ އަހަރެންގެ ބޮލަށް ވަރަށް ބަރުރެއަކަށެވެ. އަހަރެންގެ ބޮލު ތެރޭގައި ދައުރުވަމުން ދިޔަ ސުވާލުތައްް ޚުދު އަހަންނަށް ވެސް ނޭގުނެވެ. އަހަރެންގެ ހިތަށް އަރަމުންދިޔައެވެ. އެ ހިނގައިދިޔަ ކަންތަކުގައި އެކުއްޖާގެ އޮތީ ކޮންކުށެއްބާވައެވެ؟ މޮޔަ ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އައުންބާވައެވެ؟ ނޫނީ އެކަމުގެ ފައިދާ އެހެން މީހަކު ނެގުން ބާވައެވެ؟ ނޫނީ އެކުއްޖާގެ ބަލަދުވެރިން އެކުއްޖާއާ ދޭތެރޭ ވި ޚިޔާނާތެއް ބާވައެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް އަހަރެންގެ ހިތް އެކުއްޖާއާ ދޭތެރޭ ހަމްދަރުދީއިން ފުރުނެވެ. އެކުއްޖާއާ އޭނާގެ ދަރިފުޅު މިދުނިޔެއަށް ގިނަ ކުރަންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އެހާ ވަރަށް އެކަހަލަ އެއްޗެހި އަހަރެންގެ ހިތަށް އަރަމުން ދިޔައީ އެކުއްޖާގެ ވާހަކައިން އެހެންމީހުންގެ ފުރައްސާރައާ، މަލާމާތާ އަދި އުނދަގޫ ކުރިމަތި ވާކަން ފާހަގަވީމާ ކަމަށް ވެސް ވެދާނެއެވެ.

 

އޭގެ ހަފުތާއެއް ފަހެވެ. އަހަރެން ދިޔައީ އަހަރެންގެ ބޭބެއަކާއި އެކު ރަށަށް ފުރުމަށްޓަކައެވެ. ކުޅުދުއްފުއްޓަށް ފުރަން އޮތް ބަހާދަރު ބޯޓާއި ކައިރިއަށް އަހަރެން ގޮސް ހުއްޓުނު އިރަށް ފުރަތަމަ ވެސް އަހަރެންގެ ލޯ ގޮސް ހުއްޓުނީ އެބޯޓުގެ އެތެރޭން ފެންނަން ހުރި ކުޑަ ކުއްޖެއް އުރައިގެން ހުރި އަންހެނަކަށެވެ. އަހަންނަށް ޝައްކެތް ނެތްހާ ގައިމުވިއެވެ. އެއީ ހަމަ އެ އަންހެން ކުއްޖާއެވެ. ނަންވެސް އަހަރެން ހަނދާން ހުއްޓެވެ. “ލިއުޝާ”.

ކަންދިމާކުރި ގޮތުން ބޯޓުގައި އަހަރެން އިންނަން ޖެހުނީވެސް އެކުއްޖާ ފެންނަ ހިސާބުގައެވެ. އަހަންނަށް އެސްފިޔައެއްޖަހާވެސް ނުލާ އެކުއްޖާއަށް ބަލަމުން ގެންދެވުނެވެ. ހަވީރު ފަހެއް ޖެހިއިރު ބޯޓު މާލޭ ފަޅުން ނިކުތީ ބާރަ ގަޑިއިރުގެ ދިގު ދަތުރަކަށެވެ. އަހަރެންގެ ނަޒަރު ހުރީ ހަމަ އެންމެ ދިމާއަކަށެވެ. ބޯޓު ނައްޓާލުމާއެކު އެކުއްޖާ އޭނާގެ ދަރިފުޅާއެކު އުޅޭގޮތް އަހަރެން އިންތިހާއަށް ބަލަމުން ގެންދިޔައިމެވެ. އެކި އެކި ސަކަރާތް ޖެހުމުގައި އޭނާ އުޅެއެވެ. އެންމެ އިރު ކޮޅެއްވެސް އޭނާގެ ލޯ އޭނާގެ ދަރިފުޅުން ނެއްޓިގެން ނުދެއެވެ.

ރޭގެ އަށެއް ޖެހި އިރަށް ބޯޓުން ކެއުން އިއުލާން ކުރިއެވެ. އަންހެނުންނާއި ކުޑަކުދިންނަށް ކާއެއްޗެހި އެމީހުން ތިބި ތަނަށް ފަޅުވެރިން ގެންނަން ހަމަޖެހިފަވާތީ، އެކަމުގައި އެމީހުން އަވަދިނެތި އުޅެމުން ދިޔައެވެ. ކަންދިމާކުރި ގޮތުން އަހަންނަށް ވުރެ ކުރިން ލިއުޝާގެ ދެމައިންނަށް ކެއުން ލިބުނެވެ. ލިއުޝާ އޭނާގެ ދަރިފުޅަށް ކާންދޭން ފެއްޓިއެވެ. ﷲގަންދީ ހުވާ ކުރަމެވެ. އެހާ ލޯބިން އަދި މަޔަކު ދަރިއަކަށް ކާންދޭތަން ނުދެކެމެވެ. އެކުޑަ ކުއްޖާ އަށް ބަތްސުވާ ލަވައިދީފައި ކޮންމެ ފަހަރަކު ބުރަކަށީގަ ފިރުމާލައެވެ. ކޮންމެވެސް އެއްޗެއް ބުނެލައިގެން އެކުއްޖާގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެވޭތޯ ބަލައެވެ.

ކައި ނުމުނުތާ މާ ގިނައިރެއް ނުވެ އެކުޑަކުއްޖާ ޕުއްޕު ލިއެވެ. މިހާތަނަށް އަހަންނަށް ފެނިފައި ހުރީ އެކަހަލަ ދަތުރެއްގެ މަތީގައި ވެއްޖެއްޔާ ކުއްޖަކު ޕުއްޕު ލައިފިއްޔާ މައިމީހާ ވެސް މޫނު ކުނި ކުރާތަނެވެ. އެހެންނަމަވެސް، މީ ހަމަ އަޖައިބެކެވެ. ދުނިޔެމަތީގެ ހަތްވަނަ އަޖައިބު ތޯއްޗެކެވެ. އޭނާ އެކަމާ ކުޑަކޮށްވެސް ޖެހިލުމެއް ނުވިއެވެ. ވަރަށް މަޖާވެލާފައި ގޮސް ދޮއްވައިގެން އައެވެ. އަދި ކޮންމެވެސް އެއްޗެއް ދީފައި ބޭއްވިއެވެ. ނަމަވެސް އަނެއްކާވެސް މާގިނަ އިރެއްނުވެ އެކުޑަ ކުއްޖާއަށް ޕުއްޕު ލެވުނެވެ. އަހަރެން ހިކުރީ މިފަހަރު ކުޑަނަމަވެސް ބަދަލެއް ފެންނާނެ ކަމަށެވެ. ނަމަވެސް އެއީވެސް އަހަންނަށް ކުރެވުނު ކުށްހީ އެކެވެ.

އެރޭ ކިތަންމެ ފަހަރަކު އަހަރެން ތެދުވެ އިނދެ އެދެމައިންގެ ހަރަކާތް ތަކަށް ބަލަން އިނީމެވެ. ކިތަންމެ ފަހަރަކު އެދެމައިން ތެދުވެ އުޅެއެވެ. ނަމަވެސް އެއަންހެން ކުއްޖާގެ މޫނުމަތިން ފޫހި ކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތެވެ. އެކުޑަ ކުއްޖާ ނިދާފައި އޮންނަ ވަގުތުގައިވެސް ލިއުޝާ ނިދާފައި އޮތް ތަނެއް ނުދެކެވެ. އިންނަނީ ހަމަ، ހަމަޖެހިލައިގެން އެކުޑަ ކުއްޖާ ގައިގައި ފިރުމާށެވެ. އަހަރެންގެ ދެލޯ ފެންކަޅި ވިއެވެ. އެވެސް ލޯތްބެވެ.

 

ހެނދުނު ހައެއްޖެހި އިރު ބޯޓުން ފައިބައިގެން ފޮށި ތަންމަތި ހިފައިގެން އެމީހެއްގެ މަންޒިލަށް އެމީހަކު ހިނގައްޖައޫއެވެ. އޭރު އަހަރެންގެ ހިތުގައި އެދެމައިންގެ ސޫރަ ވަނީ ބިންވަޅު ނެގިފައެވެ. އެމީހުންގެ ރީތި ކަމަކުން ނޫނެވެ. އެމީހުންގެ ފުދުންތެރިކަމަކުންވެސް ނޫނެވެ. ނަމަވެސް އެދެމައިންގެ ދޭތެރޭގައި އޮތް ލޯބީގެ ސަބަބުންނެވެ.

މިދުނިޔެމަތީގެ ކޮންމެ މަންމައަކުވެސް ދަރިން އެހާ ލޯބިން ގެންގުޅޭނެ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. ނޫނީ ބުއްދި ސަލާމަތުން ތިބޭ މީހުނަށް ދަރިންނާ އެހާލޯބިން އަޅައިލުމަކީ ކުރަންނުޖެހޭ ކަމަކީ ހެއްޔެވެ؟ އެހެން ކަމުގައިވާނަމަ އެކަހަލަ މޮޔަ މީހަކަށް އެމީހެއްގެ މަންމަ ވުމަށް ކޮންމެ ދަރިއެއްވެސް ދުޢާ ކުރާނެކަން ޔަޤީނެވެ. އަހަރެންވެސް ބޭނުމީ އެކަހަލަ މަންޒަރު  ދުށުމަށެވެ. އެކަހަލަ މަންޒަރު ތަކުން އަހަރެންގެ ހިތުގަ އެމީހުނަށް ލޯބި ވަނީ ފުރިފައެވެ. މޮޔައީ އެއަންހެން ކުއްޖާއެއް ނޫނެވެ. މޮޔައީ އެ ކުއްޖާ އަކީ މޮޔައެކޭ ކިޔާ މީހުންނެވެ. އެހެނީ އެކުއްޖާއަށް ލިބިފައެވާ ލޯބިވުމާ އަޅައިލުމުގެ މިސާލެއް ނެތްފަދަަ ސިފަ އެހެންމީހުނަށް ބަލައިނުގަނެވެނީ ކީއްވެބާއެވެ؟

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް