“ލުކަ ޗުއްޕީ” އަށްފަހު ކާތިކް އާރްޔަންއާއި ކްރިތީ ސަނަން އެކުގައި ފެނިގެންދާނެ ފިލްމު “ޝެހެޒާދާ”ގެ ޝޫޓިންގ ފަށަން ތައްޔާރުވެއްޖެކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

މި ހިނގާ އޮކްޓޯބަރު 12 ގައި މުމްބާއީގެ ފިލްމު ސިޓީގައި ޝޫޓިންގ ފަށާ މި އެކްޝަން ކޮމެޑީ ޑްރާމާ ޝޫޓްކުރުމަށް އެ ސްޓޫޑިއޯގައި ވަނީ ބޮޑު ސެޓެއް ތައްޔާރުކޮށްފައެވެ. އެތާނގައި 10 ދުވަސް ވަންދެން ޝޫޓިންގ ކުރިއަށް ގެންދާނެކަމަށްވެއެވެ. ރަސްމީކޮށް އިޢުލާނުކޮށްފައިނުވާ މި ފިލްމުގައި ކާތިކާއި ކްރިތީގެ އިތުރުން ޕަރޭޝް ރަވާލްއާއި މަނީޝާ ކޮއިރާލާވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ބޮލީވުޑް ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދޮށީ ދަރިފުޅު ރޯހިތު ދަވަން ޑައިރެކްޓްކުރާ މި ފިލްމަކީ ތެލުގޫ ފިލްމު “އާލާ ވައިކުންތަޕުރަމުލޫ” ގެ އޮފިޝަލް ހިންދީ ރީމޭކެވެ.

ރޯހިތު އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ ކޮއްކޮ ވަރުން ދަވަންއާއި ޖޯން އަބްރަހަމްއާއި ޖެކްލިން ފެނާންޑޭޒް ލީޑް ކުޅުނު 2016ގެ ފިލްމު “ދިޝޫމް” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.