ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މިއުޒިކީ ފަންނާނު ޔޮހާނީ، “ބިގް ބޮސް 15” ގައި އޭނާގެ މަޝްހޫރު ލަވަ ‘މެނިކޭ މަގޭ ހިތޭ’ ކިޔާނެ ގޮތް ސަލްމާން ޚާނަށް ދަސްކޮށްދޭ މަންޒަރު ދައްކައިދޭ ވީޑިއޯއެއް ވައިރަލްވެއްޖެއެވެ.

“މެނިކޭ މަގޭ ހިތޭ” ލަވައިން މުޅި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ޔޮހާނީ ޑިލޯކާ ޑީ ސިލްވާ މިވަގުތު ހުރީ އިންޑިއާގައެވެ. ބިގް ބޮސް 15ގެ ސްޓޭޖްމަތީގައި ޔޮހާނީގެ ލަވަ ސަލްމާން ޚާނަށް ކިޔައިދީ ދަސްކޮށްދޭ މަންޒަރު ފެނިގެންދެއެވެ. ސަލްމާން އޭނާގެ ސަކަ މިޒާޖުގައި ލަވަ ކިޔަމުން ގޮސް ލަވައިގެ ލިރިކްސްގައި ހިމެނޭ ‘ސިހިވޭވީ’ ކިޔާ ތަންކޮޅަށް ސަލްމާން ކިޔަނީ ސްރީދޭވީ އެވެ. އެ ގޮތަށް އެތަންކޮޅު ކިޔުމުން ޔޮހާނީއަށް މަޖާވެގެން ގޮސް ހީނގަންނަ މަންޒަރު ފެނެއެވެ.

ދޫކޮށްލާފައި ކުރުކުރު ވީޑިއޯގައި ޔޮހާނީ ފެންނަނީ ޅިޔަ އަޅާފައިވާ ޑެނިމް ޖީންސަކާއި ކެހެރި ޖެކެޓެއް ލައިގެން ކަޅުކުލައިގެ ކްރޮޕް ޓޮޕެއްގައެވެ.

https://www.youtube.com/watch?app=desktop&v=1GwkOPfgyxc

ޔޮހާނީގެ “މެނިކޭ މަގޭ ހިތޭ” އަށް ލިބުނު ތަރުހީބު ބޮޑުކަމުން، ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބައެއް ތަރިން ވެސް މި ލަވައިގެ އަވާގައި ޖެހުނެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން އާއި މަދޫރީ ޑިކްސިޓާއި ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދްކޯނާއި ޓައިގާ ޝްރޮފާއި ރިތިކް ރޯޝަން ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ. ކަން މިހެން އޮތް އިރު ޔޮހާނީގެ ހުވަފެނަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔުމެވެ.

ޔޮހާނީ ބުނީ މިހާރު އޭނާގެ އެންމެ ބޮޑު ހުވަފެނަކީ އިންޑިއާގެ ކުޅަދާނަ މިއުޒިޝަން އޭއާރް ރަހްމާނާ އެކު މަސައްކަތް ކުރުން ކަމަށެވެ.

“…އަދި ސޯނޫ ނިގާމާއި އަރިޖިތު ސިންގް އާއި ބާދުޝާ އާއި ޑިވައިން ފަދަ ފަންނާނުންނާ އެކީ މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ހުވަފަނެއް،” ދެހާސް ސޯޅައިން ފެށިގެން މިއުޒިކް ތެރޭގައި އުޅޭ ޔޮހާނީ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.