ލޯތްބަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނެއް ވުމަށް ޝާލޫ ހުރީ ތައްޔާރަށެވެ. ޒިނާނާއި ނުލައި އޭނާއަކަށް ނޫޅެވޭނެއެވެ. ޒިނާނަކީ އޭނާގެ ދިރިއުޅުމުގެ އެއްބަޔެވެ. ފުރާނައިގެ ދިރުމެވެ. ޒިނާން ބޭނުންވި ފަދައިން އޭނާއާ ކައިވެނިކުރުމަށް ޝާލޫ މާލެ ދިޔައެވެ. މައިންބަފައިން ކަންތައް ކުރިގޮތުގެ ސަބަބުން ލިބުނު ހިތާމައާއި ހިތްދަތިކަމުން އަރައިގަނެވިދާނެކަމުގެ ހިތްހަމަޖެހުން ޒިނާންގެ ފަރާތުން ލިބުނެވެ.

ސާދަ ފަންގިފިލާއަށް ވާގޮތަށް ހަދާފައިވާ ބޮޑު ގެއެކެވެ. ކޮންމެ ފަންގިފިލާއެއްގައި ފަސް ކޮޓަރިއާއި ބޮޑު ފެންޑާއެއްގެ އިތުރުން ބަދިގެއަކާއި ކާގެއެއް ހުރެއެވެ. ގެއާއި ހަމައަށް ދިއުމަށް މަގެއް ދޫކޮށް ދެން ހުރި ހުރިހާ ތަނެއް ވަނީ ބާވަތްބާވަތުގެ ގަސްތަކާއި ވެޔޮތަކުން ފުރާލާފައެވެ. މައު އަޅާ ބާވަތްތަކުގެ އިތުރުން މޭވާ އާއި ތަރުކާރީ ވެސް ހިމެނެއެވެ.

ޒިނާންމެން ދިރިއުޅޭ ފަންގިފިލާއަށް ދާން ޖެހުނީ ލިފްޓަށް އަރާށެވެ. ތިންވަނަ ފަންގިފިލާއިން ދޮރުހުޅުވާލުމާއިއެކު ފެނުނީ މެދު އުމުރުގެ އަންހެނެކެވެ. ޒިނާނަށް ބަލާލަމުން ހިނިތުންވެލި ހިނިތުންވުލެމުން އުފަލުން ފުރިގެންވީ އެތައް މާނައެއް ޝާލޫއަށް ފާހަގަ ކުރެވުނެވެ.

“މަންމާ! މިހިރީ ކާކު؟” އޭނާގެ ފުރަގަހުގައި ހުރި ޝާލޫ ކުރިޔަށް ޖައްސާލަމުން ޒިނާން ކޮށްލި ސުވާލާއިއެކު އައިމިނައަށް ލިބުނީ ހައިރާންކަމެވެ. ސުވާލުތަކުން ފުރިގެންވާ ފަދައަކުން ޝާލޫއަށް ބަލާލިއެވެ. ޤަބޫލުކުރަން ދަތިވެގެން ކަހަލަ ގޮތަކަށް މަޑުމަޑުން ދެއަތަކަށް ބޯ ހަލުވާލިއެވެ.

“ޙާލު ކިހިނެތް؟ ކޮން ނަމެއް ކިޔަނީ؟ ވަރަށް ވަރުބަލި ދޯ؟ ހިނގާ ދާން ސައިބޯން.. ސައިބޮއިގެން އަރާމްކޮށްލަން ވާނެއެއްނު.. ކޮބާ ދަބަސް؟” ޝާލޫ ފެނުމާއިއެކު އައިމިނަގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ. އެދުވަހެއްގެ އިންތިޒާރުގައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ ދުވަހެއް ފެނުނު ކަހަލައެވެ.

“ޙާލު ރަނގަޅު.. އަޅުގަނޑަށް ކިޔަނީ ޝާލޫ ޢަބްދުއްރައްޒާޤު.. ނާވައިދޫ.. ދަބަހެއް ނުގެންނަން..” ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން ޝާލޫ މަޑުމަޑުން ޖަވާބު ދިނެވެ. ޝާލޫ މަސައްކަތްކުރީ އޭނާގެ އާންމު ހާލަތު އައިމިނައަށް ދައްކާށެވެ.

“ޝާލޫ ދަބަހެއް ނުގެނޭ.. ހިނގާ ދާން އެއްޗިހި ގަންނަން.. އޭރުން..” ދައްކަންފެށި ވާހަކަ ފުރިހަމަނުކޮށް ޒިނާން ހުއްޓާލީ އޭނާއާ ދިމާއަށް އައިމިނަ ބަލާލިގޮތުންނެވެ. އައިމިނަ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެން ހީވިއެވެ.

“ސާބަސް ދަރިފުޅަށް.. ސައިފޮދެއް ބޮއި އަރާމްކޮށްލައިގެން ދޯ ތަނަކަށް ދެވޭނީ.. ސައި ނުބޮންޏާ ޒިނާން ދޭ ނިދާލަން.. ޝާލޫގެ ކަންކަން ހަމަޖައްސައިލަން މަންމައާ ކޮއްކޮ ވެސް ރަނގަޅުވާނެ..” އައިމިނަ ދެއްކި ވާހަކަތައް އަޑުއިވިފައި ގަތް ލަދުން ޝާލޫ އިސްޖަހާލިއިރު ޒިނާން ގާތަށް އައީ ހިންޏެވެ. ބައްދަލުވި ފުރަތަމަ ފަހަރު ވެސް ޝާލޫއާމެދު އައިމިނަ އެހާ ގާތްކޮށް ދެކުމުން ޒިނާން ވަރަށް އުފާވިއެވެ.

ދިމާވި ހާދިސާއާމެދު ވިސްނާލަމުން އެނދުގައި ޖައްސާލި ޝާލޫއަށް ނިދޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ. އޭނާ ހުރީ އެތައް ގޮތަކުން ވަރުބަލިވެ ނިންޖަށް ނުހަނު ބޭނުންވެފައެވެ.

“ދޮންތަ ދިޔައިމަ ހާދަ ފޫއްސޭ.. މަ އެވަރަށް ބުނީމަ ވެސް އެދިޔައީނު.. ފާޒިލް އަހަރެންނަށް މާރަނގަޅު..” ސައިބޯން އިން ހަސްމާ ވާހަކަ ދައްކަމުން ދިޔައީ އެ ދެބޭންގެ މަންމަ އާގިސާއާއެވެ.

ޝާލޫ ކަންތައް ކުރިގޮތުން އާގިސާ ވެސް ހުރީ ނުހަނު ދެރަވެފައެވެ. ހިތްހަމަ ވެސް ނުޖެހިފައެވެ. ޝާލޫ އެފަދައިން ކަންތައް ކޮށްފާނެ ކަމަކަށް ފަހަރެއްގައި ވެސް އޭނާ ހިޔެއް ނުކުރެއެވެ. ލޮލުގެ ކޮއި ފަދައިން ބަލައި ބޮޑުކުރި ދަރިފުޅުގެ އެ ޢަމަލުން އާގިސާގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. ހިތާމަތަކާއި ހިތްދަތިކަން އޭނާ ވަށާލި ކަހަލައެވެ.

ޝާލޫއަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. އަވަސްއަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވާލިއިރު އެތަނުގައި ހުރީ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. ހީވާގޮތުން އޭނާއަށް ވާނީ ސޯޅަ ނޫނީ ސަތާރަ ވަރަކަށް އަހަރެވެ. ޝާލޫ ފެނުމުން ހިނިތުންވެލިއެވެ.

“ކާން ދާންވީނު.. ހެނދުނު ސައި ވެސް ނުބޮއެއްނު ތިހުރީ.” ޝާލޫއަށް ބަލާލަމުން ސިމްނާ ވާހަކަދެއްކިއެވެ.

“ތިއީތަ ޒިނާންގެ ކޮއްކޮ؟ ނަމެއް ވެސް ނުބުނަމެއްނު.. މިއީ ޝާލޫ..” ޝާލޫ ސަލާން ކޮށްލުމުން ސިމްނާ ވެސް ސަލާން ކޮށްލިއެވެ.

“އަސްލު ކޮއްކޮއެއް ނޫން.. އެކަމު.. މި ޢާއިލާ އެންމެންވެސް ދެކެނީ އަހަރެންނަކީ ހަމަ އެމީހުންގެ މީހެއްގެ ގޮތުގަ.. މިއީ ވަރަށް ހެޔޮ އިންސާނުންތަކެއް.. ނަސޭޙަތަކަށް ވެސް ފުރަތަމަ ބަހަކަށް ވެސް އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް.. ކާންދޭ އަތުގައި ދަތް އަޅަން މަސައްކަތް ނުކުރާހާ ހިނދަކު މިފަދަ ހެޔޮލަފާ އޯގާތެރި ބަޔަކު ނުލިބޭނެ.. އަހަރެންނަކީ އެކަން ލޮލުން ދެކި އަތުން ހިފި މީހެއް..” އޭނާގެ ހާލަތު ހަނދާންވުމާއިއެކު ސިމްނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

“ތައްޔާރުވެލައިގެން އާދޭ.. އަހަރެން މަޑުކޮށްލާނަން ސިޓިންގްރޫމްގަ.. އަދި އެބަޖެހެއެއްނު ވިޔަފާރިކޮށްލަން ދާންވެސް..” ލޯ ކައިރި ފޮހެލަމުން ސިމްނާ ހިނގައިގަތެވެ.

ޝާލޫ ކޮޓަރިން ނުކުތް ވަގުތު ވެގެން ދިޔައީ ޒިނާނާއި އައިމިނަ ވެސް އައިސް ގެއަށް ވަތް ވަގުތަށެވެ. އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލިއެވެ. އައިމިނަ އައިސް ޝާލޫ ގާތަށް ހުއްޓެމުން މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ.

“މަންމަ ވަރަށް އުފާވެއްޖެ ޝާލޫ ނަމާދުކޮށްގެން އައި ވާހަކަ ބުނީމަ.. ހިނގާ ކާން ދަމާ..” އައިމިނަގެ ފަހަތުން ހިނގައިގަތް ޝާލޫ ހުއްޓުނީ ޒިނާން އައިސް އޭނާގެ އަތުގައި ހިފުމުންނެވެ.

“މަންމައަށް ފެނިދާނެ..” ހާސްކަމާއެކު އަވަސްއަވަހަށް ޝާލޫއަށް ބުނެވުނެވެ.

“ކައިވެނީގެ ކަންތަކުގަ އުޅެލާފަ މިއައީ. ވަރަށް އަވަހަށް ހަމަޖެހޭނެހެން ހީވަނީ.. އަރީޒް ބުނީ ޝާލޫގެ ބައްޕަ ވެސް ވަރަށް އޯކޭކޮށޯ ހުރީ.. ވަލީގެ ކަންތަކުގަ ކޯޓަށް ދާންވީމަ އަންގާލާށޭ ބުންޏޯ..” ޝާލޫއާ ކައިވެނި ކުރެވޭގޮތް ވުމުން ޒިނާން ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. އެދިއެދި ހުރި ކަމެއް ހާސިލްވާގޮތް ވުމުން މީހަކު އުފާވާނެ އެންމެ ބޮޑަށް އުފާވެރިކަން އޭނާގެ ކިބައިން ފެންނަމުން ދިޔައެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދިޔައިރު މަންމަ އާއި ބައްޕައާ ވާހަކަ ދައްކާލެވޭނެ ގޮތެއް ވޭތޯ ޝާލޫ އެތައް މަސައްކަތެއް ކުރިއެވެ. މަންމަގެ ފޯނާއި ބައްޕަގެ ފޯނު ވެސް ރިންގުވެއެވެ. އެއްވެސް ފޯނަކުން ޖަވާބެއް ނުދެއެވެ. ގުޅަނީ އޭނާކަން އެނގޭތީ ނުނަގަނީ ކަމަށް ވެސް ވެދާނެއެވެ. ރައްޓެހިންނާއިމެދު ކަންތައް ކުރެވުނު ގޮތުގެ ސަބަބުން އެމީހުނަށް ގުޅާކަށް ނުކެރުނެވެ.

ކައިވެނީގެ ކަންތައް ކުރިޔަށް ގެންދިޔައީ ޝާލޫ ބޭނުންވި ގޮތަށެވެ. އާދައިގެ ގޮތަކަށް ބާއްވާލި ކުޑަ ޕާޓީއަކުން އޭނާގެ ހިތްހަމަޖެހުނެވެ. ވަގުތާއި ހާލަތުގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ. ބޮޑު ޕާޓީއެއް ބާއްވައި ބޭކާރު ޚަރަދުތަކެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައިރު އައިމިނަ އާއި ޒިނާންގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ޝާލޫ ހަމައަކަށް އެޅެމުން ދިޔައެވެ. ސިމްނާ ވެގެން ދިޔައީ ޝާލޫ ބޭނުންވިފަދަ ގާތް ރައްޓެއްސަކަށެވެ. ހަސްމާ ނެތުމުން ކުރިމަތިވި ހިތާމަތަކަށް ލުޔެއް ގެނެސްދިން ކޮއްކޮއަކަށެވެ. ޢާއިލާގެ މީހުނާއި ވާހަކަދައްކަން ކުރި މަސައްކަތަށް އެމީހުންގެ އެއްބާރުލުން ނުލިބުމުން ޝާލޫ އެކަން ހުއްޓާލިއެވެ. ދޫކޮށްލާފައިވާ ވާގަނޑެއްގެ އެއްކޮޅަށް ކިތަންމެ ވަރަކަށް ދެމިޔަސް ވާން ނުވާނެކަން އޭނާއަށް ވެސް އެނގެއެވެ.

ދުވަހުގެ މެންދުރެއްކަން ހާއިރެވެ. އައިމިނަ އުޅުނީ ކޮޓަރީގައެވެ. ސިމްނާ ވީ ސްކޫލަށް ގޮހެވެ. ރިޒޯޓް ކަމެއްގައި ބައްދަލުވުމަކަށް ދިޔަގޮތަށް ޒިނާން އަދި ނާދެއެވެ. ފެންޑާތެރޭގައި އިށީންދެލައިގެން ފޯނާއި ކުޅެލަކުޅެލައި އިން ޝާލޫ ސިއްސައިގެން ދިޔައީ މީހަކު ސަލާން ގޮވާލި އަޑަށެވެ. އަވަސްއަވަހަށް ދޮރާއި ދިމާއަށް ބަލާލިއިރު މެދު އުމުރުގެ ފިރިހެނަކު އެތަނުގައި ހުއްޓެވެ. ޝާލޫއަށް ހިނިތުންވެލައިގެން ހުރި އެމީހާގެ ކޮނޑުގައި ކުޑަވަރެއްގެ ދަބަހެއް އޮތެވެ. ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ބުނީ އައިމިނައާއެވެ.

“ވަޢަލައިކުމުއްސަލާމް.. ވަންނަވާ.. މިތަނުގައި އިށީންނަވާ.. އަޅުގަނޑު އަންނާނަން މަންމައަށް ގޮވާލާފައި..” އިށީންނާނެ ތަނެއް އެމީހާއަށް ދައްކަމުން ޝާލޫ ބުންޏެވެ.

ބައްދަލުކޮށްލަން މީހަކު އައިސް ހުރި ވާހަކަ ބުނުމުން ފެންޑާއަށް ނުކުތް އައިމިނައަށް ލިބުނީ ހައިރާންކަމެވެ. ސުވާލު އުފެދިފައިވާ ފަދައަކުން ޝާލޫއަށް ބަލަމުން އައި އައިމިނަ އައިސް އެމީހާގެ މަގަތުން އިށީނެވެ. ޝާލޫ ގާތު ވެސް އިށީންނާށޭ ބުންޏެވެ.

“މިއީ އަހަރެމެންގެ ޅީދަރިފުޅު ޝާލޫ.. ކިހިނެއް؟” އެމީހާއަށް ޝާލޫ ދައްކާލަމުން އައިމިނަ ހިނިތުންވެލިއެވެ.

“ވަރަށް ރަނގަޅު.. ދެވަނަ އައިމިނައަށް ވާނެކަމާމެދު ޝައްކެއް ނުކުރަން.. އެކަމު.. ދަރިފުޅަކަށް ބައްޕައެއް ނޭނގުނު ދޯ؟” ޝާލޫއަށް ތަޢުރީފު ކުރަމުން ސުލޭމާނު ހިނިތުންވެލިއެވެ.

ގެއަށް އައި މެހެމާނަކާއިމެދު ކަންތައް ކުރާހެން އޭނާއަށް ކަންތައް ކުރެވުނީ ޒިނާންގެ ބައްޕައާމެދުކަން އެނގުމުން ޝާލޫ ލަދުގަތެވެ. ބައްޕަގެ ދަތުރާއިބެހޭ އެއްވެސް ވާހަކަ ޒިނާން ދައްކާފައި ނުވާތީ ހިތުގައި ޝަކުވާ ވެސް އުފެދުނެވެ. ބައްޕަގެ ފޮޓޯއަށް ދޭންވާ ސަމާލުކަން ނުދެވުނު މޮޔަ ހީވިއެވެ. ކޮންމެ ވެސް ވަރަކަށް ކަންބޮޑު ވެސް ވިއެވެ.

“ދަރިފުޅުގެ މެހެމާންދާރީއާމެދު ބައްޕަ އުފާކުރަން.. ކުރިޔަށް އޮތްތަނުގައި ވެސް މެހެމާނުންނާއިމެދު ތިޔަފަދައިން ރަނގަޅަށް ކަންތައް ކުރާނެކަމަށް އުންމީދު ކުރަން.. ޒިނާން ބުނި އެއްޗެއް ބަލާލަން ބައްޕަ އެހެން ހެދީ..” ސުލޭމާން އެފަދައިން ކަންތައް ކުރީ ކީއްވެގެންކަން އެނގުމުން ޝާލޫ ހިތްހަމަޖެހުނެވެ.

ސުލޭމާން ދަބަހުން ނަގައި ދިއްކޮށްލި ރަން ފަށާއި ގަހަނާތައް ފެނުމުން ޝާލޫއަށް ލިބުނީ ހައިރާންކަމެވެ. އެފަދަ އެއްޗެއް ލިބިދާނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިޔެއް ނުކުރެއެވެ. ޤަބޫލުކުރަން ދަތިވިއެވެ. ކުރާނެ ހަރަކާތެއް ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި އެތައް އިރަކު އިނދެވުނެވެ.

“ދަރިފުޅާ ޝާލޫ! އޭގައި ހިފާ.. އެއީ ދަރިފުޅަށް ބައްޕަ ގެނައި ހަދިޔާއެއް..” ޝާލޫއަށް ގޮވާލަމުން އައިމިނަ އެދުނެވެ.

“ބައްޕަމެން އަތުގައި ބަހައްޓާ.. އަހަރެން އަތުން ތި ގެއްލިދާނެ..” އޭގައި ހިފަން ޝާލޫ ޖެހިލުންވި ސަބަބާއިއެކު ބުންޏެވެ.

“އެކަމާ ނުވިސްނާ.. ގެއްލުނީމަ އަނެއްކާ ވެސް ހޯދާނީ.. ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުގެ އަންހެނުންނަށް ގެނައި އަލަތު ހަދިޔާއަށް ތިހެން ހެދީމަ ބައްޕަ ވެސް ކިހާ ދެރަވާނެ..” ސުލޭމާން މަސައްކަތްކުރީ ޝާލޫ ހަމައަކަށް އަޅުވާށެވެ.

ގަހަނާތައް އެނދުމަތީގައި ބަހައްޓާލައިގެން އެއަށް ބަލަހައްޓައިގެން ޝާލޫ އިންދައި ޒިނާން އައިސް ކޮޓަރިއަށް ވަނެވެ. ފެނުނު މަންޒަރުން ވީ ހައިރާނާއިއެކު ސުވާލު ވެސް އުފެދުނެވެ.

“ކިހިނެއްވީ؟ އަސްލެއް ނޫންތަ؟ ބައްޕަ ގެނައި އެއްޗެއްދޯ؟” ޝާލޫއާ ދިމާއަށް އަންނަމުން ޒިނާން އަހާލިއެވެ.

“ހޫމް.. ބަފައިބެ އަހަރެންދެކެ ހާދަ ލޯތްބެއްވެޔޭ ދޯ؟” ޝާލޫގެ މޫނުމަތިން ފާޅުވި އުފާވެރިކަން ޒިނާންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ.

ޝާލޫ ވެގެން ދިޔައީ ޒިނާންގެ ޢާއިލާއިން ބޭނުންވިފަދަ ޅީދަރިއަކަށެވެ. އިސްލާމްދީނުގެ ކަންކަމަށް ނުހަނު ސަމާލުކަންދޭ އަނެކުނަށް ކުރަންޖެހޭ އިޙްތިރާމާއި ޤަދަރު ކުރުމަށް އިސްކަންދޭ ޒުވާނަކަށެވެ. މަސައްކަތްތަކަށް ކުޅަދާނަވެފައި ފަރިތައެވެ. ސާފުތާހިރުކަމަށް ލޯބިކުރެއެވެ.

ތަޢުލީމު ހޯދަން އިތުރަށް މަސައްކަތް ކުރުމަކީ ޝާލޫ ބޭނުންވި ކަމެއް ނޫނަސް ޒިނާނާއި އޭނާގެ މައިންބަފައިން އެދިގެން ޝާލޫ ކިޔަވަން ފެށިއެވެ. އެންމެ ޝައުޤުވެރިވި މެނޭޖްމަންޓް ދާއިރާއިން މާސްޓާރސް ހެދިއެވެ. ވިޔަފާރީގެ ކަންތަކުގައި ޒިނާނަށް އެހީތެރިވަމުން ދިޔައެވެ. ޝާލޫއަށްޓަކައި ފަޚުރުވެރިވަނީ ޒިނާން އެކަންޏެއް ނޫނެވެ. ޒިނާންގެ މުޅި ޢާއިލާ ވެސް ޝާލޫއާމެދު އުފާކުރެއެވެ.

ޑޮކްޓަރަށް ދައްކާފައި އައިސް ޝާލޫ އާއި ޒިނާން ގެއަށް ވަތްއިރު ސުލޭމާނާއި އައިމިނަ ތިބީ ފެންޑާ ތެރޭގައެވެ.

“ދަރިފުޅާ! ޑޮކްޓަރު ކީކޭ ބުނީ؟ ދަރިފުޅު ރަނގަޅުތަ؟” ޝާލޫ ފެނުމާއިއެކު އައިމިނަ ތެދުވެގެން އައިސް ޝާލޫއާ ވާހަކަ ދެއްކިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ޝާލޫގެ ބަނޑުގައި ފިރުމާލިއެވެ.

“ބައްޕައަށް ހީވަނީ ޝާލޫ ދެން ގޭގައި މަޑުކުރަންވީހެން.. މިހާރު ގޮސް ހަތްމަސް ވީއެއްނު.. އަރާމް ކުރަންވާނެ..” ސުލޭމާން ހުށަހެޅީ އޭނާގެ ޚިޔާލެވެ. ހާމަކުރީ އޭނާ ބޭނުންވާ ގޮތެވެ.

“އާނ.. ޑޮކްޓަރު ވެސް ބުނެފި އަރާމް ކުރާށޭ.” ސުލޭމާންގެ ވާހަކައިގައި ބައިވެރިވަމުން ޒިނާން ވާހަކަ ދެއްކިއެވެ.

ޝާލޫ ބަނޑުބޮޑުވީއްސުރެ އައިމިނަ އާއި ސުލޭމާން ތިބެނީ ވަރަށް އުފަލުންނެވެ. އަލަތު ކާފަ ދަރިފުޅު ނުވަތަ އަލަތު މާމަ ދަރިފުޅުގެ އިންތިޒާރުގައި އެ ދެމަފިރިން ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެދުވަސް ފެނުމުގެ ކޮޅުމަތި ފެނުނީއްސުރެ ޝާލޫގެ ކަންކަމަށް އެ ދެމަފިރިން ދެމުންދިޔަ ސަމާލުކަން އިތުރުކުރިއެވެ. އަލަށް ދިމާވި ދުވަހުއްސުރެ ޝާލޫގެ އެންމެ ގާތް ރަހުމަތްތެރިއެއްކަމުގައިވި ސިމްނާ ވެސް ހުންނަނީ ނުހަނު އުފަލުންނެވެ. ކަމަކު ބޭނުންވެގެން ޝާލޫ ގޮވާލާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ރިޒޯޓްގައި ކުރަން ހުރި މުހިންމު މަސައްކަތްތަކެއް ނިންމާލުމަށްފަހު ޒިނާނަށް މާލެ އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. ސައިކަލާއި ދިމާއަށް މިސްރާބުޖެހި ވަގުތު ފޯނު ރިންގްވާން ފުށުމުން ޒިނާން އެކަމަށް ސަމާލުކަން ދިނެވެ.

“އައްސަލާމް ޢަލައިކުމް..” ނުވެސް ދަންނަ ނަންބަރަކުން ކުރި އެ ފޯނަށް ޖަވާބު ދެމުން ޒިނާން ގޮވާލިއެވެ.

“ހެލޯވް.. ޒިނާން! ކޮބާ ކިހިނެއް؟” ޒިނާނަށް ގޮވާލަމުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އިޝްޤީ މަސްތީ ރާގަކަށް ވާހަކަ ދެއްކި އެ އަޑުގައި ހުރި ހިތްދަމައިގަތުން ޒިނާންގެ ހިތަށް އަސަރު ކުރުވިއެވެ. ވާހަކަ ދައްކާލަން ބޭނުންވިއެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.