ޔޫއްޕެ ޕްރޮޑަކްޝަނުން ބްލެކް މީޑިއާ، އެޕެކްސް ޕިކްޗަރސް އަދި ސްޓޫޑިއޯ ގްރީން އާއި ގުޅިގެން އުފައްދާފައިވާ ފިލްމު ‘ދެވަންސޫރަ’އިގައި ޢަލީ އާޒިމް (ދޮންއައްޔަ) ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުން ކަމަށް އޭނާ ބުނެފިއެވެ.

މުނިއަވަސް އަށް ޢަލީ އާޒިމް (ދޮންއައްޔަ) ދިން ޚާއްޞަ އިންޓަވިއުއެއްގައި ބުނީ ‘ދެވަންސޫރަ’އި ގައި އައްޔަ ކުޅެފައިވާ ރޯލަކީ ކުޅެލަން ވަރަށް ބޭނުންވެފައި ހުރި ރޯލެއް ކަމަށެވެ. އަދި ޔޫއްޕެ އާއި އެކުގައި އެފަދަ ރޯލެއް ކުޅެލަން ލިބުމުން އައްޔަ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށްވެސް ބުންޏެވެ.

“އުއްމީދުވެސް ނުކުރަން މިސާލަކަށް ޔޫއްޕެ އާ އެއް ލެވެލް އެއްގަ މަސައްކަތްކޮށްލަން ލިބޭނެޔެކޭ އަސްލު ހިތަށްވެސް ނާރުވަން. އެކަމަކު ހަމަ އެފުރުޞަތުވެސް މީނދީ ‘ދެވަންސޫރަ’އިން ލިބިފަ.” ވަރުގަދަ ތަފާތު ރޯލެއް ޔޫއްޕެ އާއި އެކުގައި ކުޅެން ލިބޭނެކަމަށް އައްޔަ އުއްމީދު ނުކޮށް ހުއްޓަސް ‘ދެވަންސޫރަ’އިން އަށްޔަ އަށް މިއޮތީ އުއްމީދުކުރި ކަހަލަ ފުރުޞަތެއް ލިބިފައިކަން އައްޔަގެ ވާހަކަތަކުން އެނގުނެވެ.

“އައްޔަ ބުނާނީ މިއަހަރުގެ ހަމަ އެންމެ ތަފާތު އެއް ކެރެކްޓަރ އަށް އަޔަގެ ވާނޭ ‘ދެވަންސޫރަ’އިގަ މީނދަ ކެރެކްޓަރ.” އައްޔަ އަށް މި ފިލްމުގައި ލިބިފައިވަނީ ކޮންކަހަލަ ތަފާތު ކެރެކްޓަރ އެއްކަން އައްޔަ ވެސް އަދި ޕްރޮޑަކްޝަން ޓީމުންވެސް ބޭނުންވަނީ ބެލުންތެރިންނަށް ‘ސަޕްރައިޒެއް’ ގެ ގޮތުގައި ދޫކޮށްލާށެވެ.

“މި ކެރެކްޓަރ ބެލުންތެރިން ބަލައިގަންނާނެ، ވަރަށް ތަފާތު މޮޅު ކެރެކްޓަރ އެއް އޭގަ އައްޔަ ދައްކުވައިދީފަ އިންނާނީ.”

‘ދެވަންސޫރަ’އި ގައި އައްޔަ ދައްކުވައިދޭ ތަފާތު ކެރެކްޓަރ އާއިބެހޭ މާބޮޑު ތަފްސީލެއް ނުލިބުނަސް މިހައިތަނަށް ދޫކޮށްލާފައިވާ ޓްރެއިލަރ އިން ފެނިގެންދަނީ އައްޔަ އެ ބުނާހެން ވަރަށް ތަފާތު ކެރެކްޓަރ އެއްކަމަށް ބެލެވެއެވެ.

‘ދެވަންސޫރަ’އިގެ ޝޫޓިން ކުރިއަށްދިޔައިރު ޑައިރެކްޓަރ ޔޫއްޕެގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން އައްޔަ އިތުރަށް ފާހަގަ ކުރިއެވެ. އައްޔަ ބުނީ ކޮންމެ ފިލްމެއްގައިވެސް ސީނިއަރ ސްޓާރުންގެ ފަރާތުން ވަރަށް ބޮޑެތި އެހީތެރިކަން ލިބެމުން އަންނަކަމަށެވެ.

‘ދެވަންސޫރަ’ އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. މީގެއިތުުން މުޙައްމަދު ފައިސަލް، ފާތުމަތު އާޒިފާ (އަޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު، އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަޒްލީމް، އިބްރާހީމް ޖިހާދު (ޖިމީ)، ޖާދުﷲ އިސްމާއީލް (ޖާދު)، އަދި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން ވެސް މި ފިލްމުގެ މުހިންމު ބައިތަކަކުން ފެނިގެންދާނެ އެވެ. މިތަރިންނާއިއެކު ފިލްމުގެ އަންހެން ލީޑް ރޯލުން ފެނިގެންދާނީ ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ މަރިޔަމް ޝިފާ އެވެ.

އަންނަ މަހު 06 ގައި އަޅުވަން ޝެޑިއުލްކޮށްފައިވާ މި ފިލްމު ރިލީޒް ކުރުން އޮލިމްޕަހާއި ޝުވެކް ސިނަމާގައި އޮންނާނެ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރ ޝާހް މަޢުލޫމާތު ދެއެވެ. މިހާރު ޓިކެޓް ވިއްކަން ފަށާފައިވާ “ދެވަންސޫރަ” އިގެ 15 ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ. އަދި މީގެ އިތުރަށް ރާއްޖޭގެ ވީހާވެސް ގިނަ ރަށެއްގައިވެސް ފިލްމު ދެއްކުމަށް ޕްރޮޑަކްޝަން ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.