“ހެލޯވް.. ޒިނާން! ކޮބާ ކިހިނެއް؟” ޒިނާނަށް ގޮވާލަމުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އިޝްޤީ މަސްތީ ރާގަކަށް ވާހަކަ ދެއްކި އެ އަޑުގައި ހުރި ހިތްދަމައިގަތުން ޒިނާންގެ ހިތަށް އަސަރު ކުރުވިއެވެ. ވާހަކަ ދައްކާލަން ބޭނުންވިއެވެ.

“ތީ ކާކު؟” އެއީ ކާކުތޯ ބަލަން ޒިނާން ބޭނުންވިއެވެ.

“ތީ ޒިނާން ކަމަށް ވަންޏާ އަހަރެން އެނގޭނެ.. އާދޭ ހަޓްކުއިޒިންއަށް..” ދަޢުވަތު ދެމުން އަންހެން ކުއްޖާ ފޯނު ކަނޑާލިއެވެ. ވާހަކަ ދައްކަން ބޭނުންނަމަ ކަންތައް ކުރަންވީ ގޮތް އޮތީ ބުނެދީފައެވެ. ދާންވީ ދިމާއެއް ނިންމާނީ ޒިނާނެވެ.

ހަޓްކުއިޒިން ކުރިމައްޗަށް ސައިކަލު މަޑުކޮށްލި ވަގުތު ޒިނާންގެ މާޒީ އައިސް އޭނާއާ ހަމަކުރި ކަހަލައެވެ. އެއްފަހަރާ އެތައް ހަނދާނެއް އޭނާ ވަށާލިއެވެ. އޭނާގެ އަލަތު ލޯބި އަދި އެމީހަކަށްޓަކައި ދުނިޔެ އުމުރު ހޭދަކުރަން ނިންމައިގެން ހުރި އަނީގާ އާއެކު އެންމެ ގިނައިން އޭނާ ވަގުތު ހޭދަކުރި ތަނަކީ އެ ރެސްޓޯރެންޓެވެ. އެ ދުވަސްތައް ދުވަހަކު ވެސް ޒިނާންގެ ހަނދާނުން ފިލައިގެން ނުދާނެއެވެ.

ހަޓްކުއިޒިންގެ ދޮރުން އެތެރެވި ވަގުތު ވެއިޓަރަކު އައިސް ދިއްކޮށްލި ކަރުދާސްކޮޅު ބަލާލިއިރު އޭގައިވަނީ ދާންވީ މޭޒުގެ ނަންބަރު ލިޔެފައެވެ. އެއީ ހަމަ އެ މޭޒެވެ. އެ މޭޒެއް ކައިރީ އެތައް ރެއެއްގެ އެތައް ވަގުތެއް އޭނާ ހޭދަކުރިއެވެ.

މޭޒާއި ދިމާއަށް ދިޔަ ވަގުތު ފެނުނު މަންޒަރުން ޒިނާންގެ ދެފައިގައި ތަޅުލެވުނު ކަހަލައެވެ. ޤަބޫލުކުރަން ދަތިވެގެން ކަހަލަ ގޮތަކަށް އިރުކޮޅަކު ހުރެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. ފެނުނު މަންޒަރު ޔަޤީންކޮށްލި ކަހަލައެވެ.

“އާދޭ..” އަނީގާ ގޮވާލުމުން ޒިނާން އެދިމާއަށް ހިނގައިގަތެވެ.

މޭޒު ކައިރީ އިށީންއިރު ވެސް ޒިނާންގެ ކިބައިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އަނީގާއާ ދިމާއަށް ބަލަމުން ދިޔައީ ސުވާލުތަކުން ފުރިގެންވާ ފަދައަކުންނެވެ. ކަމެއް ޤަބޫލު ނުކުރެވިގެން އުޅޭ ކަހަލައެވެ. ލައިގެން އިން ނިވާކަން ކުޑަ ޒަމާނީ ހެދުމުގެ ސަބަބުން އަނީގާގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެފައިވެއެވެ. ހިފެހެއްޓުމެއް ނެތި ދޫކޮށްލާފައިވާ ފަންފަން އިސްތަށިގަނޑު މަޑުމަޑުން ވިހުރިލަ ވިހުރިލާ އޮތެވެ. ކަޅުކަން ގަދަ އެ އިސްތަށިގަނޑުގެ ތެރެއިން އެ ދޮންދޮން ރީތި މޫނު ފެންނައިރު ކަޅުވިލާގަނޑެއްގެ ތެރެއިން ސާދަވިލޭރޭގެ ހަނދު ފެންނަ ކަހަލައެވެ.

“ޒިނާން! އަހަރެންނަށް މަޢާފްކުރޭ.. ޒިނާންގެ އަނތްބަކަށް އަހަރެން ހަދައިދީ.. ދެ އަނތްބަށް ވިޔަސް ހެޔޮ.. އަހަރެންނަކަށް ކެތެއް ނުވާނެ..” އަނީގާގެ އަޑުގައިވި ހިތާމަތަކާއި ހިތްދަތިކަން ޒިނާންގެ ހިތުގެ އެންމެ ހިމަ ނާރާއި ކުޅެލިއެވެ. ކެތްކުރަން ދަތިވިއެވެ.

އޯޑަރު ނެގުމަށް ވޭޓަރު އައުމުން މެދުކަނޑާލި ވާހަކަތައް، އޭނާ ދިއުމުން ފެށުނެވެ.

“އަލީފް ކޮބާ؟ އޭނާ ކިހިނެއްވީ؟ އަނީގާ ބުނީމެ..” ޒިނާން ދައްކަންފެށި ވާހަކަ ހުއްޓާލީ އަނީގާ އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އެވާހަކަތައް އަޑުއަހާކަށް އަނީގާ ބޭނުމެއް ނުވިއެވެ.

“އޭނާ ކައިރިން އަހަރެން ވަރިވެއްޖައިން.. އޭނާގެ ނަޒަރުގައި ހުރިހާ ވެސް އެއްޗަކީ ފައިސާ.. މަންމަމެން ބޭނުންވިހެން އެ މީހުން ބޭނުން ވަރަކަށް އޭނާ ފައިސާ ދޭ.. އެކަމަކު.. އެއީ.. އެއީ.. ވިޔާނުދާ މީހެއް.. ގޮތެއްފޮތެއް ނެތް މީހެއް.. އެއްވެސް މީހަކު އަހަރެން ދައްކާ ވާހަކަ ޤަބޫލެއް ނުކުރި.. ޒިނާން ވެސް ޤަބޫލު ކުރާނެކަމެއް ނޭނގެ.. އޭނާ މަސައްކަތްކުރީ އަހަރެން ވިއްކައިގެން ފައިސާ ހޯދަން.. އެވެސް.. އަހަރެން ޖިންސްގެ ޔޫރަޕް މީހަކަށް.. ލަދުން ވެސް ހަލާކުވާވަރުވޭ.. އެކަން ކާމިޔާބު ނުވުމުން ވަރަށް އަނިޔާ ވެސް ކުރި.. ވަރި ނުކުރަން އެހާ މަސައްކަތްކުރި.. މަންމަމެންގެ ނުރުހުމުގައި ކޯޓަށް ގޮސްގެން ވަރިވީ ވެސް.. އެކަން އެނގިގެން މަންމަމެން އަހަރެން ގެއިން ނެރެލީ.. މިހާރު މި ހުންނަނީ ރައްޓެއްސެއް ކައިރީ.. އަހަރެންނަށް އެހީތެރިވެދީ.. އަހަރެންނަކީ ޒިނާންގެ މީހަކަށް ހަދައިދީ..” ރޮމުން ރޮމުން އަނީގާ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލީ ޒިނާން އެދުމުންނެވެ. އަނީގާ ގެނެސް މޭގައި ލައްކޮށްލަމުން ޒިނާން އޭނާއަށް ހިތްވަރު ދިނެވެ. ލޯތްބާއި އޯގާތެރިކަމާއެކު ބޮލުގައި ފިރުމާލިއެވެ.

ޒިނާންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން އަނީގާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ކުރިމަތިވެފައިވާ މާޔޫސްކަމާއި ހިތްދަތިކަމުން ދިރިއުޅުމުގެ އުންމީދުތައް ގެއްލިފައިވާ އެ ހިތުގައި އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. އެ ޖިސްމަށް ދިރުން އައެވެ. އެތައް ހިތްވަރެއް ކޮށްގެން ނަމަވެސް ހިނިތުންވެލިއެވެ.

ރޭގަނޑަށް ކައިގެން ޒިނާނާއި އަނީގާ ދިޔައީ އަނީގާ ހުންނަ ގެއަށެވެ. އަނީގާ ބޭނުންވި ފަދައިން އޭނާއާ ވާހަކަ ދައްކާލަން މަޑުކޮށްލާ އޭނާ ހިތްހަމަޖައްސާލަދޭށެވެ. އެފަދަ ޙާލެއްގައިވާ މީހަކަށް އެންމެ ބޮޑަށް ބޭނުންވާނީ އޭނާގެ ވާހަކަތައް އަޑުއަހާނެ މީހެއް ކަމުގައި ޒިނާނަށް ވިސްނުނެވެ. މިހާލަތުގައި އެވާހަތައް ކޮންމެވެސް ވަރަކަށް ނަމަވެސް ދައްކާލެވިއްޖެނަމަ އަނީގާގެ ސިކުނޑިއަށް ލުޔެއް ލިބޭނެކަން ޒިނާނަށް ޔަޤީނެވެ.

އާދައިގެ ގޮތަކަށް ހަދާފައި ހުރި ދެބުރި ގެއެކެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނީގާ ބޭނުންވީ ވާހަކަ ދައްކާލަން ކޮޓަރީގައި މަޑުކޮށްލާށެވެ.

އަނީގާގެ ފަހަތުން ކޮޓަރިއަށް ވަދެގެންދިޔަ ޒިނާނަށް ލިބުނީ ހައިރާންކަމެވެ. ދެއަތަކަށް ބޯ ހަލުވާލެވުނީ ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެގެންނެވެ. ކޮޓަރީގެ ހަތަރުފާރު ފުރެންދެން ފޮޓޯ ހިއްޕާފައި ހުރިއިރު، މުޅިން ވެސް ހުރީ ޒިނާނާއި އަނީގާގެ ފޮޓޯއެވެ. އެ ދެމީހުންގެ ލޯބީގެ ދުވަސްވަރު އެކުގައި ނަގާފައިވާ ލޯތްބާއި މަސްތުން ފުރިގެންވީ ގައިގޯޅި ހަނދާންތަކެވެ. ދުވަހަކު ވަކިނުވެ އެކުގައި ވުމަށް ވެފައިވާ އަހުދުތަކާއި ވަޢުދުތަކުގެ އެތައް ހަނދާނެއް އެ ފޮޓޯތަކާއި ގުޅިފައިވާ އެތައް ފޮޓޯއެއް އެތަނުގައި ވެއެވެ.

“ކިހިނެއްވީ؟ ވަރަށް ހައިރާންވެއްޖެ ދޯ؟ އަހަރެން ޒިނާން ދެކެ ލޯބިވާވަރު އަދިވެސް ޤަބޫލު ނުކުރެވޭތަ؟” އަނީގާ އައިސް މަޑުކޮށްލީ ޒިނާންގެ ނޭވާގެ ހޫނުކަން އިހުސާސްވާހާ ކައިރިއަށެވެ.

ޒިނާންގެ ކޮނޑުގައި އަތް އަޅުވާލަމުން އަނީގާ ގާތްވެލި ގާތްވެލުމަށް ޒިނާންގެ ހިތް އެދެވުނެވެ. މާޒީ އިޔާދަވި ކަހަލައެވެ. އަނީގާ ބޭނުންވި ފަދައިން ޒިނާން އޭނާ ގެނެސް މޭގައި ލައްކޮށްލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު އަނީގާގެ ގައިގާ ފިރުމާލިއެވެ. ޒިނާންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން އަނީގާއަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. އެންމެ ސިކުންތަކަށް ވެސް އެ އުފާވެރިކަން ގެއްލިގެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ. އަނީގާ ބޭނުންވި ފަދައިން ޒިނާން އޭނާގެ ޢަމަލުތަކަށް ހިތް ޖައްސުވަމުން އޭނާއާ ދިމާއަށް ލަންބުވަމުން ދިޔައެވެ. އެތައް އަހަރަކަށްފަހު އަނީގާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމާ ދުރަށް ދާކަށް ޒިނާންގެ ހިތެއް ހަމައެއް ނުޖެހުނެވެ.

ޒިނާންގެ އިންތިޒާރުގައި އިންނަތާ އެތައް އިރެއް ވީއިރު ވެސް ޚަބަރެއް ނުވުމުން ޝާލޫ އޭނާއަށް ގުޅިއެވެ.

ގަޑިން ވީވަރު ޒިނާނަށް ފެނުނީ ގޮނޑިމަތީގައި އޮތް ގަމީސް ނަގަމުން ފޯނަށް ބަލާލި ވަގުތުއެވެ. އަނީގާއާއެކު ކިހާ ވަގުތެއް އޭނާއަށް ހޭދަކުރެވިއްޖެކަން ޒިނާނަށް އިހުސާސްވީ އެވަގުތުއެވެ.

“މި ލޯތްބާއި އަޅާލުމަށް މި މަސްތީ އުފަލާއި ހިތްހަމަޖެހުމަށް މިހާރު ހިތެއް ނޭދޭތަ؟ ދެން ކޮންއިރަކުން އަންނާނީ؟ އަހަރެންނަކަށް ޒިނާނާ ނުލައެއް ކެތެއް ނުވާނެ.. ހާދަ އަރާމެކޭ ތި ކޮށްލަދިނީ.. އަދިވެސް ހަމަ..” ޒިނާންގެ ފަހަތަށް ހުއްޓިލަމުން އަނީގާ ބައްދާލުމާއިއެކު ޒިނާންގެ ހިއްސުތަކުގައި ކަރަންޓް ޖެހުނު ކަހަލައެވެ. މުޅި ހަށިގަނޑަށް ފެތުރިގެން ދިޔަ އިޝްޤީ މަސްތީ އޮއިވަރާއިއެކު އަނީގާ ގެނެސް ކުރިމައްޗަށް ލަމުން ބައްދާލިއެވެ. އެއްވެސް ނިވާކަމެއް ނެތް އެ ހަށިގަނޑުގައި ލޯތްބާއި އޯގާތެރިކަމާއެކު ފިރުމާލިއެވެ. އެ އަރާމާއި އުފަލަށް އެ ހިތްހަމަޖެހުމާއި މަސްތަށް އޭނާގެ ހިތް އެދިއެދި ހުރިވަރު ޢަމަލުން ދައްކާލިއެވެ.

“މިހާރު ދިހައެއް ޖަހާ ދިޔައީ.. ފަހުން ގުޅާނަން..” ޒިނާނަށް ހޭވެރިކަންވީ ދެވަނަ ފަހަރަށް ފޯނު ރިންގްވާން ފެށުމުންނެވެ.

ޒިނާން ގޮސް ގެއަށް ވަތްއިރު އޭނާގެ އިންތިޒާރުގައި ފެންޑާތެރޭގައި ޝާލޫ އިނެވެ. ޒިނާނަށް ބަލާލަމުން ޝާލޫ ހިނިތުންވެލުމުން ޒިނާން ވެސް ހިނިތުންވެލިއެވެ. ހަމަޖެހޭގޮތް ދައްކާލަމުން ޝާލޫއާ ގާތްވެލިއެވެ.

“ހިނގާ ދާން ކާން.. ޒިނާން އަންނަންދެން އަހަރެން މިހުރީ ނުކައި..” ކޮޅަށް ތެދުވަމުން ޝާލޫ ވާހަކަދެއްކިއެވެ.

“ރައްޓެހިންތަކަކާ ޖެހިގެން ލަސްވީ.. އެމީހުނާއިއެކު ކައިގެން މިއައީ.. ޝާލޫ ގޮސް ކައިގެން އާދޭ.. އަހަރެން މަޑުކޮށްލާނަން ކޮޓަރީގައި..” ޒިނާން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

ބަދަލުވެގެންދިޔަ މޫސުމާއިއެކު ވައި ބަދަލުވިއެވެ. ޒިނާންގެ މިސްރާބަށް އަންނަމުންދިޔަ ބަދަލު ޝާލޫއަށް ފާހަގަކުރެވި އެވާހަކަ ދެއްކި ނަމަވެސް ޒިނާން އެކަމަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ޝާލޫއާމެދު ފަރުވާކުޑަ ކުރަމުންދިޔަ ފަރުވާ ކުޑަކުރުމަކަށް ބަދަލެއް ނައެވެ. ދުވަހަކަށްވުރެ ދުވަހެއް ޝާލޫއާ ދުރުވަމުން ގޮސް ޝާލޫގެ މުހިންމުކަން އޭނާއަށް ކެނޑުނު ކަހަލައެވެ. އެވާހަކަތައް އިތުރު މީހެއް ކައިރީ ދައްކާކަށް ޝާލޫއަކަށް ނުކެރުނެވެ.

ބޭސް ފަރުވާއަކަށް އިންޑިޔާއަށް ދިޔަ ސުލޭމާނާއި އައިމިނަ އެތަނުގައި މަޑުކުރަން ޖެހުން ވެގެންދިޔައީ އެ ދެމަފިރިންނަށް ކުރިމަތިވި ނުހަނު ބޮޑު ކަންބޮޑުވުމަކަށެވެ. ޝާލޫ މިހާރު އިން ހާލަތުން އޭނާއާ ދުރުގައި އެންމެ ދުވަހަކު ވެސް ހުންނާކަށް އައިމިނަ ބޭނުމެއް ނުވެއެވެ. ޝާލޫގެ ކަންކަމަށް އައިމިނަ ބަހައްޓާ ފަރުވާތެރިކަމާއި ދެމުންދާ ސަމާލުކަމަކީ ސުލޭމާނަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ބޭސްފަރުވާގެ ކަންކަން އަވަހަށް ނިންމައި ރާއްޖެ އައުމަށްޓަކައި ކުރަންޖެހޭ ކަންކަން އަވަސް މަގަކުން ނިމޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ސުލޭމާން ކުރަމުން ދިޔައެވެ.

ޒިނާނާއި އަނީގާ ތިބީ އެމީހުންގެ އާދައިގެ މަތިން ހަޓްކުއިޒިންގައެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު އެ ދެމެދުގައި ކޮންމެ ވެސް މުހިންމު ވާހަކަތަކެއް ވެސް ދެކެވެމުން ދިޔައެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލިކަމާއި މަޑުމަޑު މިއުޒިކުން ދެހިތަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުންދިޔަ ކަހަލައެވެ. ހިނިތުންވުމާއިއެކު ޒިނާނަށް ބަލަހައްޓައިގެން އިން އަނީގާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން އޭނާގެ ކިބައިން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުން ދިޔައެވެ.

“އަހަރެން މިބުނީއެއްނު ދެއަނތްބައް ވިޔަސް އަހަރެން މައްސަލައެއްނެތޭ.. އަހަރެން ޝަކުވާއެއް ނުކުރާނަމޭ.. އަހަރެން ބޭނުންވަނީ ޒިނާނާއިއެކު ދިރިއުޅެން.. މާދަމާ ވެސް އަހަރެން މިތަނުން ނުކުންނަން ޖެހިދާނެ.. އަހަރެންނަކީ ވަންނާނެ ގެދޮރެއް އަޅާލާނެ މީހެއް ނެތް އެކަނިވެރިއެއް.. ޕްލީޒް ޒިނާން އަހަރެންނަށް އެހީތެރިވެދީ..” ޒިނާންގެ އަތުގައި ހިފާލަމުން އަނީގާ އާދޭސްކުރިއެވެ. ތަކުރާރުކޮށް އޭނާގެ ހާލަތު ބުނެދިނެވެ.

މެންދުރެއްކަން ހާއިރެވެ. ސިމްނާ ގޮވައިގެން ޝާލޫ ހޮސްޕިޓަލަށް ދިޔައީ ޒިނާނަށް ގުޅައި ފޯނު ނުނެގުމުންނެވެ. އިތުރަށް ގުޅައިފިނަމަ ދެން ކަންތައް ވާނެގޮތް އެނގޭތީ އިތުރަށް ގުޅާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ސިމްނާ ގާތު ވެސް އެވާހަކައެއް ނުދައްކައެވެ. އެހެން މީހަކަށް އެކަން އެނގިދާނެތީ އޭނާ ކަންބޮޑުވެއެވެ. އެއިން އެއްވެސް ކަމެއް ސުލޭމާނާއި އައިމިނައަށް އެނގޭކަށް ޝާލޫ ބޭނުމެއް ނުވެއެވެ.

“ދޮންބެދައްތާ! އަހަރެން ވާހަކައެއް އަހާލަންތަ؟” ޝާލޫއާއެކު ޑޮކްޓަރަށް ދައްކަންދިޔަ ސިމްނާ އިނީ އެފަދަ ވަގުތެއްގެ އިންތިޒާރުގައެވެ. ޝާލޫއަށް އަންނަމުންދިޔަ ބަދަލުތައް ސިއްރުކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ސިމްނާއަކަށް ސިއްރެއް ނުވިއެވެ. އައިމިނަ އާއި ސުލޭމާންގެ ލޮލުގައި ޝާލޫ އަޅުވައިގެން އުޅުނު އަނދުން ސިމްނާގެ ލޮލަކު ނޭޅުވުނެވެ.

ޑޮކްޓަރަށް ދައްކާ ނިންމާލުމަށްފަހު ސިމްނާއާއި ޝާލޫ އެތަނުގައި މަޑުކޮށްލީ ޝާލޫ އަރާމް ކޮށްލަން ބޭނުންވުމުންނެވެ.

“ހިހި.. އަހާބަލަ.. ކޮންއިރަކުތަ އަހަރެން ސިމްނާއަށް ސުވާލުކުރުން މަނާކުރީ؟” ސިމްނާއަށް ހިނިތުންވެލަމުން ޝާލޫ ވެސް ސުވާލެއް ކޮށްލިއެވެ.

“ވަރަށް އެހެން ކަހަލަ ސުވާލެއް ވީމަ.. އަސްލު އަހަރެން ދެކެނީ ޝާލޫ ތީ ދޮންބެދައްތައެއްގެ އިތުރުން ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައި.. ތަޢުލީމާ ދާއިރާއިން އަހަރެންނަށް ލިބުނު ކާމިޔާބީތަކުގެ އިތުރުން ދިރިއުޅުމުގައި އަހަރެންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން މީހެއް ދައްތައަކީ.. ހިތްހަމަ ނުޖެހެންޏާ ޖަވާބު ނުދިނަސް އޯކޭވާނެ.. މި ސުވާލު ކުރަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.. ކެތްނުވެގެން މިހެން އަހަން ވެސް މިޖެހުނީ.. ސުވާލު..” ސިމްނާ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލީ ޝާލޫ އޭނާއަށް ބަލާލި ގޮތުންނެވެ. އެ ބަލާލުމުގެ ފޮރުވިފައިވާ މާނައެއް ސިމްނާއަކަށް ދެނެއެއް ނުގަނެވުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.