ޑާކްރެއިން އެންޓަޓެއިންމަންޓުން އަންނަ މާޗްމަހު ރިލީޒްކުރާ ފިލްމު ‘ވަކިން ލޯބިން’ ގެ ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ‘ޕަރީ’ މިއަދު ރިލީޒްކޮށްފި އެވެ. މަޝްހޫރު ބޭންޑް އިކުއޭޓިކް ވައިބް ގެ ލީޑް ވޯކަލިސްޓް ޝައްމޫން މުހައްމަދު (ޝައްމު) ގެ ހިތްގައިމު އަޑުން އިވިގެން ދާ މި ލަވަ ރިލީޒްކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ޔޫޓިއުބްގަ އެވެ.

ވީޑިއޯއިން ފެށިގެންދަނީ ޖުމައްޔިލް (އަޒާން) ގެ ދަރިފުޅު، ޔާލާ (އައިރާ) ޕާސްތާ ތައްޓެއް ހިފައިގެން ހިންޏަށް ކާންދޭން އިންދާ އެތަނަށް ޖުމަލް ގޮސް އޭނާގެ ދަރިފުޅާއި ދެމެދު ދެކެވޭ ވާހަކަކޮޅަކުންނެވެ. ފިލްމުގައި ޖުމަލް ގެ ދަރިއެއްގެ ރޯލުން ފެނިގެންދާ ތުއްތުތުއްތު ޔާލާ ވެސް ވަރަށް ލޯބިކޮށް ވާހަކަދައްކައެވެ. ލަވައަށް ‘ޕަރީ’ ކިޔާފައިވަނީ ދަރިފުޅަށް ނިސްބަތްކޮށްގެންކަން ވީޑިއޯއިން އެނގެއެވެ. ލަވައިން ޝައްމު ވެސް ފެނިގެންދެއެވެ.

މީގެ އިތުރުން ‘ޕަރީ’ އިން ފިލްމުގެ ގިނަ މަންޒަރުތަކެއްވެސް ވަނީ ދައްކާލާފަ އެވެ. ޑާކްރެއިންގެ ފިލްމުތަކުގައި ހިމެނޭ ލަވަތަކަކީ ފިލްމުގެ ޕްރޮމޯޝަނަށް އަދި ފިލްމުތެރޭގައި ލިޕްސިން ނުކުރާގޮތަށް ހިމަނާ ލަވަތަކެކެވެ.

މިއީ އައިޝަތު ފުއާދު ގެ ސްކްރީންޕްލޭ އަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ އިތުރުންވެސް މި ފިލްމުން މަޝްހޫރުވަމުން އަންނަ ގިނަ ތަރިންތަކަކާއި މަޝްހޫރު ތަރިންތަކެއްވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގައި ހަ ވަރަކަށް ލަވަ ހިމެނޭ އިރު މިހާރު އާއްމުކޮށްފައިވާ ތިން ލަވައިގެ ތެރެއިން ވީޑިއޯ ނެރެފައި މިވަނީ ‘ޕަރީ’ ގެ އެވެ. މި ލަވައިގެ އިތުރުން ސްކޯޒް އޮފް ފްލެއާޒްގެ “ލޯބިން” އާއި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ދެވަނަ ހޯދި ހަމޫދު އަހުމަދު ކިޔާފައިވާ ލަވަ “ހިތުގެ ނަށާ ރާނީ” ވެސް ހިމެނެ އެވެ.

މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ 05 މާޗް 2018 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.