ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ، އެކްޓަރު ސިދާތު މަލޯޓްރާއާއެކު ވެބް ސީރީޒެއް ހަދަން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ރޯހިތު ޕްރޮޑިއުސްކުރާ މި ވެބް ސީރީޒަކީ އޭނާގެ ފަހުގެ ހުރިހާ ފިލްމުތަކެއްހެން ބިނާކޮށްފައިވާ ކޮޕުންގެ ކެރެކްޓާއަކަށް ބިނާކޮށް ހަދާ ސީރީޒެއް ކަމަށް ވެއެވެ. އެމެޒޯން ޕްރައިމް ވީޑިއޯއިން އަންނަ އަހަރު ޕްރިމިއާކުރަން ނިންމާފައިވާ މި ވެބް ސީރީޒްގައި ވިކީ ކޯޝާލްއާއި ޓައިގާ ޝްރޯފްވެސް މުހިންމު ރޯލުތަކެއް ކުޅޭނެކަމަށް ޚަބަރުތައް ބުނެއެވެ. އަދި ނަމެއް ހަމަނުޖައްސާ މި ވެބް ސީރީޒް ޕްރޮޑިއުސް ކުރުމުގެ އިތުރުން ސްކްރިޕްޓް ލިޔުމުގައާއި އެކްޝަން ސީންތަކުގައިވެސް ރޯހިތުގެ ބައިވެރިވުން ވަރަށް ބޮޑުވާނެކަމަށް ވެއެވެ.

ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އޮގަސްޓު 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރިމިއާކުރި ވަތަނީ ފިލްމު “ޝޭރްޝާހް” އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި މޮޅު އެކްޓިންގއަށްފަހު އޭނާއަށް އަންނަނީ ގިނަ ހުށަހެޅުންތަކެއް ލިބެމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު ޝޫޓިންގ ކުރިއަށްދާ އިންދުރަ ކުމާރްގެ “ތޭންކް ގޯޑް” އަދި ރޯނީ ސްކްރޫވާލާގެ “މިޝަން މަޖްނޫ” އާއި އަދި މަސައްކަތް ނުފަށާ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމެއްވެސް ހިމެނެއެވެ. އޭގެ އިތުރުން ރޯހިތު ގެނެސްދޭން ނިންމި ވެބް ސީރީޒަކީވެސް ސިދާތުގެ ކުރިއަށް އޮތް ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

އޭގެ އިތުރުން ރޯހިތު މިހާރު އަންނަނީ އޭނާގެ އުންމީދީ ފިލްމު “ސޫރިޔަވަންޝީ” ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމު އަންނަ ނޮވެމްބަރު މަހުގެ 5 ގައި ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާއިރު، އަންނަ އަހަރު ރިލީޒްކުރަން ނިންމާފައިވާ “ސާކަސް” ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ރަންވީރް ސިންގ ޑަބަލް ރޯލު ކުޅޭ މި ފިލްމުގެ ބަތަލާއިންނަކީ ޖެކްލިން ފެނާންޑޭޒް އާއި ޕޫޖާ ހެގްޅޭއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.