“35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ” ނުވަތަ ކާނިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނީ “35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ”ގައި ބުނެފައިވަނީ މި އިވެންޓްގައި ބައިވެރިވުމަށް މީގެ ކުރިން އެންސީއިން ހުޅުވައިލި ފުރުޞަތަށް އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ، އަލުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

އިންޑިއާގެ ސޫރަޖްކުންޑް، ފަރީދްއާބާދު، ހަރިޔާނާގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ 4 ން 20ށް ބޭއްވުމަށް ހަމަޖެހިފައިވާ 35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައިވާއިރު މިއިވެންޓްގައި 10 – 15 މެމްބަރުންގެ ސަގާފީ ގްރޫޕެއްގެ އިތުރުން ދިވެހިރާއްޖޭގެ ސަގާފަތް ދައްކުވައިދޭ މަސައްކަތާއި ހުނަރު ދައްކުވައިދޭ 4 ނުވަތަ 5 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވެއެވެ.

މިއިވެންޓްގައި ބައިވެރިވެލައްވާ ފަރާތްތަކަށް އިންޑިއާގައި ހުރުމާއި، ކެއުން އަދި އިންޑިއާގެ އެތެރޭގެ ދަތުރުތައް މިއިވެންޓް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެއެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތްތަކުން ކަމަށް އެންސީއޭ އިން ބުނެއެވެ.

މި އިވެންޓަގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެންސީއޭގެ ރިސެޕްޝަން ސީވީ ހުށައެޅުމަށް ނުވަތަ [email protected] އަށް ސީވީ މެއިލް ކުރުމަށް އެންސީއޭއިން އެދެއެވެ.

“35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ” އާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންްސީއޭގެ ނަންބަރު 3313456 އަށް ގުޅުމަށް އެންސީއޭ އިން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.