ރޭގަނޑަށް ކައިގެން ޒިނާނާއި އަނީގާ ދިޔައީ އަނީގާ ހުންނަ ގެއަށެވެ. ވާހަކަ ދައްކަމުން ދައްކަމުން ގޮސް ކޮޓަރިއަށް ވަތްއިރު އަނީގާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުންދިޔަ ކަހަލައެވެ. އިރުއިރުކޮޅުން ޒިނާނާއި ބައްދާލައެވެ. ލޯބީގެ ކޮންމެވެސް ހަރަކާތެއް ކޮށްލައެވެ.

ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން އަނީގާ ނުކުތްއިރު ވެސް ޒިނާން އިންގޮތަށް އިނެވެ. ލިބުނު ހައިރާންކަމާއިއެކު އުފެދުނު ސުވާލު ވެސް ގިނައެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ޔަޤީންވިއެވެ.

ނިވާކަންކުޑަ ނިދާ ހެދުމެއްގައި ހުރި އަނީގާ އައިގޮތަށް އައިސް ޒިނާންގެ އުނގަށް އެރިއެވެ. އިޝްޤީ މަސްތީ ނަޒަރަކުން ޒިނާނަށް ބަލާލަމުން ތުންފަތުގައި ބޮސްދިނެވެ. އެންމެ ސިކުންތަކަށް ވެސް ބޭކާރުކޮށްލަން ބޭނުންނުވާ ފަދައަކުން ބައްދާލިއެވެ. ޒިނާންގެ ހަށިގަނޑަށް ކަރަންޓް އައި ކަހަލައެވެ. ހޭލައްވާލި ހިއްސުތަކާއިއެކު އަތްފައިގެ ހަރަކާތް އަވަސްވިއެވެ.

ނުވައެއް ޖަހާކަންހާއިރު ހޮސްޕިޓަލަށް އަންނާނެކަމަށް ބުނި ޒިނާންގެ ޚަބަރެއް ނުވިއެވެ. އެގާރަ ޖަހަންވީރު ވެސް ސިމްނާ ގެއަށް ނުދިއުމުން އައިމިނަ ގުޅިއެވެ. ޒިނާން އަދިވެސް ނާންނަ ވާހަކަ ބުނުމުން އައިމިނަ ހިތްހަމަނުޖެހުނެވެ. ކޮންމެ ކަމެއް އެންމެ ގާތުން ބަލަމުންދިޔަ ސުލޭމާނަށް އެކަން އެނގުމާއިއެކު ޒިނާނަށް ގުޅިއެވެ.

އިޝްޤީ މަސްތީ އޮއިވަރެއްގައި ފަތަފަތާ ވަރުބަލިވެފައި އޮތް ޒިނާނަށް ހޭވެރިކަންވީ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސްއަވަހަށް ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ ސުލޭމާނެވެ. ކުރިމަތިވި ހާސްކަމާއި ކަންބޮޑުވުމާއެކު ފުންމައިގެން ކަހަލަ ގޮތަކަށް އެނދުން ފައިބަމުން ޓީޝާޓް ބޮލަށް މަހާލިއެވެ. ރިންގްވަމުންދިޔަ ފޯނާއިއެކު ޒިނާނަށް ވީގޮތް އަނީގާއަށް ފާހަގަ ކުރެވުނެވެ.

“ކިހިނެއްވީ؟ ނުފެންނަތާ ގިނައިރު ވެގެން ގުޅަން ފެށީ ދޯ؟” އަނީގާ ފާޅުކުރީ ހިތްހަމަނުޖެހުމެވެ.

“ބައްޕަ! ހޮސްޕިޓަލަށް ނުގޮސްގެން އެ ގުޅަނީ.. މާދަމާ އަންނާނަން..” ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ޒިނާން ވާހަކަ ދެއްކިއެވެ.

“ސާބަސް. ބަލަ މަވެސް މީ ކަލޭގެ އަނތްބެކޭ.. އަބަދު ގޮސް އޭނާ ކައިރީތަ އޮންނަން ޖެހެނީ؟ އެ ސިމްނާ ވެސް އެންމެ ރެއަކު އެތަނުގަ މަޑުކޮށްލިއްޔާ ކީއްތަ ވާނީ؟ ތިހާވަރުން ސިއްރުކޮށްގެން އުޅެންޏާ ނީންނަމައެއްނު.. ތިވަރުގެ ފިނޑިން ކީއްކުރަން ދެއަނތްބަށް މީހުނާ އިންނަނީ؟ ބުނަން ނުކެރެންޏާ ވަރިކުރަންވީނު..” ހިތްހަމަނުޖެހިފައި ހުރި އަނީގާ ކުދިކިޔައިގަތެވެ. އަރައިގެންފައި ހުރި ރުޅިއެއްގެ ސަބަބުން ކިޔުނު އެއްޗެއް ވެސް ނޭނގުނެވެ.

އަނީގާ ދެއްކި ވާހަކަތަކަށް ސަމާލުކަމެއް ނުދީ ޒިނާން ނުކުމެގެން ދިޔަ ގޮތަށް ދިޔައީއެވެ.

ޒިނާންގެ އުޅުމަށް އައިސްފައިވާ ބަދަލު އަމިއްލަ ލޮލުން ދެކި، ޒިނާން ގާތު އައިމިނަ އެވާހަކަ ދެއްކިއެވެ. މިހާރުން މިހާރަށް އުޅުން އިސްލާހުކޮށް ޝާލޫއާއި ނާއިޒަށް ދޭންވާ ސަމާލުކަން ދިނުމަށް އެދުނެވެ. ޒިނާން ކިތަންމެ މަސައްކަތެއް ކުރިޔަސް ޝާލޫފަދަ ބައިވެރިއަކު ނުލިބޭނެކަމަށް ބުނެ ހެކި ދެއްކިއެވެ. ޝާލޫގެ ސަބަބުން ޒިނާންގެ ޙަޔާތަށް އައި ކާމިޔާބާއި ކުރިއެރުން ހަނދާންކޮށް ދިނެވެ. އެ އުފަލާއި ހިތްހަމަޖެހުން ގެއްލެމުންދާތީ ހިތާމަކުރާ ކަމަށް ބުންޏެވެ. ސުލޭމާނާއި އައިމިނަގެ އާދޭހަކީ އެއީކަމަށް ބުނެ އެތައް ނަސޭހަތެއް ދިނެވެ.

ޝާލޫ އާއި ދަރިފުޅު އަޙްމަދު ނާއިޒް ހޮސްޕިޓަލުން ދޫކޮށްލި ދުވަހު އެއްކޮށް ކަހަލަ ގޮތަކަށް ޒިނާން އުޅުނީ ގޭގައެވެ. ޒިނާނަށް އައި ހެޔޮ ބަދަލުގެ ސަބަބުން ޝާލޫ ވަރަށް އުފާވިއެވެ. ކުރީގެ އުފާވެރި ދިރިއުޅުން އަނބުރާ ލިބޭނެކަމުގެ އުންމީދު އާވިއެވެ. އެކަމަށްޓަކައި ދުޢާ ކުރިއެވެ.

ބަލިކަމެއްގައި ކުއްލިއަކަށް އައިމިނަ އާއި ސުލޭމާން އިންޑިޔާއަށް ދާން ޖެހުމުން ދެމަފިރިން ވެސް ކަންބޮޑުވިއެވެ. ނާއިޒް ދޫކޮށްލާފައި ދާކަށް އެކަކު ވެސް ބޭނުމެއް ނޫނެވެ. ފުރުމުގެ ކުރިން ޝާލޫ ގާތު އައިމިނަ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ދަރިފުޅުގެ ކަންކަމުގައި ދޭންޖެހޭ ސަމާލުކަން ދިނުމަށް ތަކުރާރުކޮށް ބުންޏެވެ. ގަދަވެ ސަލާމަތުން ހެޔޮޙާލުގައި ހުރުމަށްޓަކައި ކާންޖެހޭ ބޭސްތައް ކެއުމަށާއި ކެއިން ބުއިމަށް ފަރުވާކުޑަ ނުކުރުމަށް އެދުނެވެ. ދީނީ ކަންކަމަށް ދެމުންދާ ސަމާލުކަން އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް ހުރުމަށް ނަސޭޙަތް ދިނެވެ. އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ ސިމްނާ ގާތު ބުނުމަށް ނުވަތަ އޭނާއަށް ގުޅުމަށް ބުންޏެވެ. ނާއިޒާއި އޭނާދެކެ އައިމިނަގެ ދެމަފިރިންވާ ލޯބި ތަކުރާރުކޮށް ހަނދާންކޮށް ދިނެވެ.

ގަދަ ވަޔާއިއެކު ވިދާ ގުގުރާ ވެހެން ފެށި ވާރޭގެ ނުރައްކާ ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. ހޮޅިލާ ނަގާ ބިންދަމުންދިޔަ ރާޅުތައް ހައްތަހާ ދިޔައީ ބޮޑުވަމުން އުސްވަމުންނެވެ. ވިދާލާ ވިދުވަރުގެ އަލިން މުޅި ބިން އަލިވެގެންދާހާވެއެވެ. ޖަހާލާ ގުގުރީގެ ބާރު އަޑާއިއެކު ސިއްސަސިއްސައިގެން ގޮސް ހަތަރެސްފައި ކޮޅަށް ޖެހިގެންދާވަރުވެއެވެ. ކުރިމަތިވަމުންދިޔަ ނާމާންކަމާއި ނުރައްކާތެރިކަމުން ސަލާމަތް ވެވޭތޯ އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރަމުންދިޔަ މީހުން ގިނަވަމުން ދިޔައެވެ.

ގެންފައިވާ ބިރަށްވުރެ ބޮޑަށް ސިމްނާއަށް ސަމާލުކަން ދެވުނީ ޝާލޫގެ ދެމައިންނަށެވެ. އެމީހުނަށް ކަމެއް ވެދާނެތީ އޭނާ ނުހަނު ކަންބޮޑުވެއެވެ. ހާސްވެ ނުތަނަވަސްވެއެވެ. އިރުއިރުކޮޅުން ކޮޓަރިން ނުކުމެވެނީ ޝާލޫ އޭނާއަށް ގޮވާލާފާނެހެން ހީވާވަރުންނެވެ.

މެންދަމުން އަލިވެ ތިނެއް ޖަހާކަންހާއިރެއެވެ. ފެންޑާތެރޭ ގޮނޑި ސެޓްގައި އިށީންދެލައިގެން ނިދިފައި އިން ސިމްނާއަށް ހޭލެވުނީ ޒިނާންގެ އަޑަށެވެ. އަވަސްއަވަހަށް ތެދުވަމުން ޒިނާނާއި ދިމާއަށް ބަލާލެވުނެވެ.

“ސިމް! ކީއްވެފަ މިތާ ތީނީ؟ މާބޮޑަށް ބިރުގަތީތަ؟ އިރުކޮޅަކުން ރަނގަޅުވެދާނެ.. އަވަހަށްދޭ ކޮޓަރިއަށް..” ޒިނާން ދިޔައީ ކާގެއާ ދިމާއަށެވެ.

ކުއްލިއަކަށް ކުރިމަތިވި ބިރުވެރިކަމުން ފުރިގެންވީ ވިއްސާރައަށް ނިމުން އައިއިރު ވަނީ އެތައް ބަޔަކަށް އެތައް ގެއްލުމެއް ލިބިފައެވެ. އެތައް އިމާރާތެއް ފުނޑުފުނޑުވެ އަލުން މަރާމާތުކޮށްގެން ވެސް ބޭނުން ނުކުރެވޭވަރު ވެފައެވެ. އެތައް ބަޔެއްގެ ދިރިއުޅުން ވިއްސިވިހާލިވެ އާފެށުމަކުން ފަށަން ޖެހިފައެވެ.

“ފައްތިޔަ ކަނޑައިގެން ގޮސް ލައްވީތަ؟ އޭރުވެސް އަހަރުންނަށް އިނގޭ ގަދަ ކޮޅިގަނޑެއް ލައްވާލައިފިއްޔާ ތިހާކަންވަރުކަން ވާނީ.. ރީތި އެއްޗެއް ހެދިއްޖެއްނު.. އަދިވެސް ތާކުން ފިރިހެނަކު ފެންނައިރަށް ހިތާވެގެން ފަހަތުން ދުވާތި.. ދަރިފުޅު ވެސް ނުދިންދޯ؟” ލާންޗުން ފައިބައިގެން ރޮމުން ރޮމުން ގެއާ ދިމާއަށް ދިޔަ ޝާލޫ ފެނުމާއެކު ރާއިދު އައިސް އޭނާއާ ހަމަކުރިއެވެ.

ރާއިދުގެ ވާހަކަތަކަށް ރައްދު ދޭކަށް ޝާލޫ ނޫޅެއެވެ. އަޅާވެސް ނުލިއެވެ. ދިޔަގޮތަށް ދިޔައީ ގެއަށެވެ.

ރޭގައި އެކަށީގެންވާވަރަށް ނުނިދުމުގެ ސަބަބުން ސިމްނާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ކޮޓަރީ ދޮރުގައި ކޮންމެވެސް މީހަކު ޓަކިޖަހާ އަޑު އޭރު އިވެމުން ދިޔައެވެ. ފުންމައިގެން އެނދުން ފޭބި ސިމްނާ އަވަސްއަވަހަށް ދޮރާއި ދިމާއަށް ދިޔައީ އޭނާއަށް ގޮވަނީ ޝާލޫ ކަމަށް ހީކޮށެވެ.

ދޮރުހުޅުވާލި ވަގުތު ފެނުނު މަންޒަރާއިއެކު ފާރިހާގެ ހަތަރެސްފައި ތަޅުލެވުނު ކަހަލައެވެ. ކުރާނެ ހަރަކާތެއް ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި ހުރެވުނީ ގަނޑުވެފައިވާ ފަދައަކުންނެވެ.

“ދޮންތަ! މަންމާ! ބައްޕާ! ދޮންތަ އައިސްފި..” ޝާލޫ ފެނުމާއިއެކު ހަސްމާ ދުވެފައި އައިސް ޝާލޫއާ ބައްދާލިއެވެ. އެތައް އަހަރަކަށްފަހު ވެސް ޝާލޫއާ ބައްދަލުވުމުން އޭނާ ނުހަނު އުފާވިއެވެ. ދޮންތަބެއާއި ކޮއްކޮ ކޮބައިތޯ ސުވާލުކުރިއެވެ.

ރޮމުން ރޮމުން ޝާލޫ ބުނެލި ޖުމްލައާއެކު ފާރިހާ ދިޔައީ ސިއްސައިގެންނެވެ. ޝާލޫ ކަންތައްކުރި ގޮތުން ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް ޝާލޫގެ ހާލަތު އެނގުމުން އަޅާނުލައި ހުންނާކަށް އެހިތަކަށް ކެތެއް ނުވިއެވެ. މައިލަގޮނޑިއަށް ބާރުކުރިއެވެ. މަޑުމަޑުން ޝާލޫ ގެނެސް މޭގައި ޖައްސާލާ ކަރުނަ ފޮހެލަދިނެވެ. ލޯތްބާއި އޯގާތެރިކަމާއެކު ބުރަކަށީގައި ފިރުމާލަމުން ހިތްވަރާއި ނަސޭހަތް ދިނެވެ.

“އަބަދު ކަމަކީ ނިދުން ދޯ؟ އަން.. މީނަ ބަލާ.. އަދި ހުރީ ސައި ވެސް ނުހަދާ..” ފެނުނު މަންޒަރުން ހުއްޓުން އަރާފައިހުރި ސިމްނާއަކަށް ވާނުވާއެއް ނޭނގުނެވެ. ލިބުނު ހައިރާންކަމާއިއެކު އުފެދެމުންދިޔަ ސުވާލުތައް ގިނަވަމުން ދިޔައެވެ. ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް ނޭނގުނެވެ. އަޙްމަދު އުރާލައިގެން ހުރީ ނުވެސް ދަންނަ މީހަކަށްވާތީ އެއީ ކާކުތޯ އާއި ޝާލޫ ކޮބައިތޯ އަހާކަށް ވެސް ނުކެރުނެވެ.

އަޙްމަދު އުރާލައިގެން ކޮޓަރިން ނުކުތް ސިމްނާގެ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއް އައި އެ އަންހެންމީހާ ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާއަކީ އަނީގާއެވެ. އެއީ ޒިނާންގެ އަންހެނުންނެވެ. އޭނާގެ ދޮންބެދައްތައެވެ. ދެން އެގޭގައި ހިނގާނީ އޭނާގެ ބަހެވެ. ޝާލޫއެއް ދެން ނާންނާނެއެވެ. މިހާރު އެއީ ޒިނާންގެ އަނތްބެއް ވެސް ނޫނެވެ. އުޅެން ބޭނުމިއްޔާ އޭނާ ބުނާގޮތް ހަދައިގެން އެގޭގައި ހުންނަންވީއެވެ. ނޫނީ އަވަސްވީ ގޮތަކުން ރަށަށް ދާންވީއެވެ.

ޝާލޫ ކަންތައް ކުރިގޮތުން އެންމެ ބޮޑަށް ދެރަވި އަދި ހިތްހަމަނުޖެހުނު މީހަކީ އޭނާގެ ބައްޕަ ޒަމީރެވެ. ދުވަހަކު ކޮޅުން ވެސް ޝާލޫއަށް މަޢާފް ނުކުރާނެކަމަށް ބުނި ޒަމީރަށް ޝާލޫގެ ހާލަތު އެނގުމުން ކެތެއް ނުވިއެވެ. ދަރިފުޅު ކައިރީގައި ބައިންދަމުން ހިތްވަރާއި ނަސޭޙަތް ދިނެވެ. މާޒީން ޢިބުރަތް ހާސިލުކޮށް މުސްތަޤުބަލު އުޖާލާ ކުރުމަށް ކުރެވިދާނެ އެތައް ކަމެއް ބުނެދިނެވެ. މައިންބަފައިން ތަރުބިއްޔަތުގައި ހިފައިގެން މިހާ ދުވަހު ހުރިނަމަ މާޔޫސްވާން ނުޖެހޭނެކަން ހަނދާންކޮށްދިނެވެ.

ނުވެސް ވިސްނައި ހުއްޓައި ކުއްލިއަކަށް ކުރިމަތިވި ހިތާމައާއި ހިތްދަތިކަމުން އަރައިގަންނަން ޝާލޫއަށް އުނދަގޫވިއެވެ. މާތް ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ. އޭނާއަށް ވެސް ކޮންމެވެސް ގޮތެއް އޮންނާނެއެވެ. ކުރިޔަށްވުރެ ރަނގަޅު ގޮތްތަކެއް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭނާއަކީ ކަމެއް ދިމާވާއިރަށް މާޔޫސްވެ ކަރު އެލުވާލާނެ މީހެއް ނޫނެވެ. އޭނާގެ އެ ހިތްވަރާއި ކެރުން ހުންނާނެއެވެ.
ބައްދަލުކޮށްލަން މީހަކު އައިސް ހުރި ވާހަކަ ބުނުމުން ބޭރަށް ނުކުތް ފާޒިލަށް ލިބުނީ ހައިރާންކަމެވެ. ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ. އެއްފަހަރާ އެތައް ކަމެއް ހަނދާންވިއެވެ. އުފަލާއި ހިތްދަތިކަމެވެ. މާޔޫސްކަމާއި ނާއުންމީދެވެ. ޤަބޫލުކުރަން ދަތިވި އެތައް މަންޒަރަކާއި އަހަން ބޭނުންނުވި އެތައް އަޑެކެވެ. ޚިޔާލީ އޮއިވަރެއްގެ ތެރެއަށް އޭނާ ދަމައިގަތެވެ.
“ފާޒިލް! އަހަރެންނަށް މަޢާފްކުރޭ..” ފާޒިލަށް ގޮވާލަމުން ޝާލޫ މަޢާފަށް އެދުނެވެ.
ޝާލޫއާ ދިމާއަށް ބަލަހައްޓައިގެން ހުރުން ފިޔަވާ އެއްވެސް ކަމެއް ފާޒިލަކަށް ނުކުރެވުނެވެ. ފެންނަމުންދިޔަ މަންޒަރު އަދިވެސް އޭނާއަށް ޤަބޫލު ނުކުރެވޭ ކަހަލައެވެ. ވާހަކަ ދައްކަން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެއެވެ. ދޭނެ ޖަވާބަކާއިމެދު ވިސްނަނީ ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ފާޒިލް ކައިރިއަށް ޝާލޫ އައީ އޭނާގެ ކިބައިން މަޢާފަށް އެދޭށެވެ. އޭނާ ކުރަން އައި ކަންތައް އޭނާ ކުރިއެވެ. އެހެން މީހުން ފަދައިން ފާޒިލް ވެސް އޭނާއަށް މަޢާފް ކުރުމަކީ އޭނާ ބޭނުންވާ ގޮތެވެ. މަޢާފް ކުރުމާއި ނުކުރުން އައީ ފާޒިލްގެ ކަމެކެވެ.
އިރުކޮޅަކު މަޑުކުރުމަށްފަހު ފާޒިލްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޝާލޫ ހިނގައިގަތެވެ. ކަންތައްވީ ގޮތުން ދެރަވި ނަމަވެސް، އެހެން ވާން ޖެހުނީ އޭނާގެ ސަބަބުން ކަމަށްވާތީ ފާޒިލާއިމެދު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ.
އައިމިނަމެން އެދިގެން ނަމަވެސް ތަޢުލީމު ހާސިލުކުރެވުނީތީ އޭގެ ފައިދާ ޝާލޫއަށް ކުރިއެވެ. ރަށު ކައުންސިލުން އިޢުލާންކުރި އެޑްމިން އޮފިޝަރގެ މަގާމް ޝާލޫއަށް ލިބުނީ ނުހަނު ފަސޭހައިންނެވެ.
ސިމްނާއާ ގުޅޭތޯ ޝާލޫ ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ސިމްނާގެ ފޯނު އޮންނަނީ އަބަދު ވެސް ނިވާލާފައެވެ. އައިމިނަ އާއި ސުލޭމާނަކާއި ވެސް ނުގުޅެއެވެ.
ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.