ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ޝްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާ އެކުވެގެން ހިންގި ނުރައްކާތެރި ބަޣާވާތެކެވެ. އެދުވަހުގެ ޙަމަލާއަކީ ދިވެހި ތާރީޚުގައި އަދި މިހާތަނަށް ފާހަގަ ކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާއެވެ. އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. މީގެ ތެރޭގައި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 މީހުން ހިމެނުނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ.

އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިއެވެ. އެއީ ޢާންމު ރައްޔިތުންގެ 11 މީހުންނާއި ސިފައިންގެ 8 މީހެކެވެ. ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމުތަކެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން ޢަސްކަރީ އެހީއަށް އެދުނީ އިންޑިޔާ ސަރުކާރުގައެވެ. އެހެންކަމުން ވަރަށް އަވަހަށް އިންޑިޔާ ސަރުކާރުގެ ޢަސްކަރީ އެހީ ރާއްޖެއަށް ލިބުނެވެ. ކުލީސިފައިން ވެރިކަން ބަދަލުކުރުމަށް ޙަމާލާދޭން ފެށިތާ ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ. އިންޑިޔާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު، ހަނގުރާމަ ވަނީ މައިތިރިވެފައެވެ.

އެހެންކަމުން އެބައިމީހުންނަށް ހަނހގުރާމަ ކުރާކަށެއް ނުޖެހެއެވެ. ބާޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން މާލޭގެ ބަނދަރުގައި އޭރު އޮތް މުދާ އުފުލާ ބޯޓެއްކަމުގައިވާ “ޕްރޮގްރެސްލައިޓް”ގައި ފުރައިގެންދަނިކޮށް އެމީހުން އަތުލައިގަތީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރުންނެވެ. ބާޣީން “ޕްރޮގްރެސްލައިޓް” ފުރައިގެން ދިޔައިރު އެތަކެއް ދިވެހީން ރަހީނުންގެ ގޮތުގައި ގޮވައިގެން ދިޔައެވެ. މީގެ ތެރޭގައި އޭރު ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްފައެވެ.

ގާތްގަޑަކަށް 18 ގަޑިއިރުވަންދެން ދިވެހި ސިފައިން ބާޣީންނާއި ހަނގުރާމަ ކުރަމުން ގެންދިޔައީ އެންމެ މިޒަމާނުގެ ހަތިޔާރު ބޭނުންކޮށްގެންނެވެ. ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ އެތައް ބަޔަކު ޝަހީދުވެފައިވެއެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. މާތްﷲ ގެ މަދަދާއިއެކު ދިވެހިން ކުރި ހިތްވަރާއިއެކު ޙަނގުރާމައިގައި ކާމިޔާބު ލިބި، ޚާއިނުންގެ އަނިޔާވެރި މަކަރުވެރި ރޭވުންތަކުން ދިވެހި އުންމަތް ސާލާމަތްވެ އޯގާވަންތަ މާތްﷲ ގެ ރަޙުމަތުން ނަޞްރު ލިބުނީއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ޢުދުވާނީ ޙަމަލާއަކީ، ރާއްޖެއަށް އެކިފަހަރުމަތިން ކުރިމަތިވެފައިވާ ދުޝްމިނުންގެ ޙަމަލާތަކުގެ ތެރެއިން ސަރުކާރާއި ރައްޔިތުންގެ ފަރާތުން މިޒަމާނުގެ ހަތިޔާރާއި ހުނަރުތައް ބޭނުންކުރެވުނު އެންމެ ވަރުގަދަ ޙަމަލާއެވެ.

މިއަދަކީ މީގެ 33 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ޤައުމަށް ނަސްރުހޯދައިދިން ދިވެހިންގެ ނަސްރުގެދުވަހެވެ. މިއަދަކީ މިހާދިސާއަށް 33 އަހަރު ފުރޭ ދުވަހެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.