އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ)އަށް އެއް އަހަރު ފުރުން ފާހަގަކޮށްފިއެވެ. އެއް އަހަރު ފުރުން ފާހަގަކޮށްފައިވަނީ މިމަހުގެ 05 ވަނަ ދުވަހުގެރޭ މިކަމަށްޓަކައި މާގިރި ހޮޓަލުގައި ބޭއްވި ޚާއްޞަ ހަފުލާއެއްގަައެވެ.

އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ)އަކީ ދުޅަހެޔޮ، އުފާވެރި، ހިތްހަމަޖެހޭ ހަރުދަނާ މުޖުތަމައުއެއް ބިނާކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

މި ހަފުލާ ފެށީ އީއެމްސީގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތުން އެެއްވަނަ ހާސިލްކުރި ދަރިވަރު މަލްކާ މުޙައްމަދު ޙަބީބުގެ ކިޔެވުމުންނެވެ. ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ޖެންޑަރ މުޙައްމަދު ޝިހާބު، އީއެމްސީގެ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް އެ ޖަމިއްޔާގެ ލަނޑުދަނޑިތައް އިފްތިތާހްކޮށްދެއްވިއެވެ. މި އިފްތިތާހުގެ ތެރޭގައި އީއެމްސީގެ މެންބަރުން ތައާރަފުވެގެން ދިޔައެވެ. އެއަށްފަހު ޝަރަފުވެރި މެހެމާނު މުޙައްމަދު ޝިހާބު ވާހަކަފުޅު ދެއްކެވިއެވެ.

މި ހަފުލާގައި އީއެމްސީގެ ފައުންޑަރ ރީމާ ރަޝީދުގެ ވާހަކައިގައި އީއެމްސީގެ އެއް އަހަރު ދުވަހުގެ ދަތުރުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލިއެވެ. އެގޮތުން ވޭތުވެދިޔަ އަހަރު މިޖަމިއްޔާއިން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލިއެވެ. އެގޮތުން 14 ސެލްފް ގްރޯތު ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، 13 ވާރޗުއަލް ސެޝަންގެ އިތުރުން ފިޒިކަލް ސެޝަނެއް ކުރިއަށް ގެންދިޔަކަން ފާހަގަކުރިއެވެ.

މީގެ އިތުރުން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލް، ސްޓަޑީ ސްކިލް، ޕޭރެންޓިން ސްކިލް ސެޝަންތަކަށް އަލިއަޅުވައިލައްވައި ކުރު ގޮތަކަށް އެ ސެޝަންތަކުގެ ބައިވެރިންގެ ވާހަކަތައް ވާރޗުއަލްކޮށް ގެނެސްދީފައިވެއެވެ. އެގޮތުން ޓީޗަރުން، ބެލެނިވެރިން އަދި ދަރިވަރުންގެ ވާހަކަތައް ވަރަށް ރަނގަޅަށް އެ ވާރޗުއަލް ޕްރެޒެންޓޭޝަންގައި ގެނެސްދިންކަން ފާހަގަކޮށްލެވެއެވެ.

މި ހަފުލާގައި އީއެމްސީއާ އެކު ވޮލަންޓިއަރޒް އެމީހުންގެ ކާމިޔާބީތައް ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ޖެނެރަލް މެނޭޖަރ ލީޑަރޝިޕް އެންޑް ޑިވެލޮޕްމެންޓް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ އާދަމް ނަސީރު ވާހަކަފުޅު ދެއްކެވިއެވެ.

އެކި ގޮތްގޮތުން އީއެމްސީއަށް ވާގިވެރި ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދިނުންވެސް މި ހަފުލާގައި ކުރިއަށް ގެންދިޔައެވެ. މީގެ އިތުރުން އީއެމްސީގެ މެންބަރުންނަށް ސެޓްފިކެޓްވެސް ހަވާލުކޮށްފައިވެއެވެ. މިގޮތުން އީއެމްސީގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ހައިސިއްޔަތުން މުނިއަވަސް އިން ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލައެއް ދީފައިވެއެވެ.

ހަފުލާ ނިންމައިލީ އީއެމްސީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ސަޕޯޓްކޮށްދެއްވާފައިވާ ފަރާތްތަކަށް ޝުކުރުދެންނެވުމުންނެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ އީއެމްސީގެ ނައިބް ރައީސް މާދިހް މުޙައްމަަދު އެވެ.

މި ހަފުލާގައި ހުރިހައި ބޭފުޅުންވެސް އީމްއެމްސީން ހޯދި ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.