ސްރީ ލަންކާގައި މާދަމާ ފަށާގޮތަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ޓިކެޓްގެ އަގު ހެޔޮކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފުރަތަމަ އިއުލާން ކޮށްފައިވާ ގޮތުގައި މާދަމާރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ވަންނަ ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 5000 ލަންކާ ރުޕީސް (385 ރުފިޔާ) އަށެވެ.

ޓިކެޓްގެ އަގު ބޮޑު ކަމުގެ ޝަކުވާ ދިވެހި ސަޕޯޓަރުންގެ ބޮޑުވެފައިވަނިކޮށް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގެންނެވުމުގެ މަތިން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

“މިހާރު ވަނީ ދިވެހިންނަށް 3000 ލަންކާ ރުޕީސް (231 ރުފިޔާ)އަށް ޓިކެޓް ވިއްކުމަށް ނިންމާފައި.”

މަހުލޫފް ވިދާޅުވި އެވެ.

ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ ދެ ސަރަަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. ޓިކެޓް ވިއްކާނީ ވެކްސިން ދެ ޑޯޒު ޖަހާފައިވާ މިހުންނަށެެވެ. މެޗު ބަލަން ދިވެހިން ތިބެން ޖެހޭނީ ދަނޑުގައި އަވޭ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގަ އެވެ.

ކޮވިޑްގެ ހާލަތްތަކުގެ ތެރޭގައި ފޯ ނޭޝަންސް ކަޕް ކުޅެން ޖެހޭއިރު، ލަންކާ ސަރުކާރުން ރާވާފައިވަނީ މެޗުތައް ކުޅޭ ރޭސްކޯސް ސްޓޭޑިއަމްގެ ޖާގައިގެ ދެބައިކުޅަ އެއް ބަޔަށް ސަޕޯޓަރުން ވައްދަން ކަމަށް މީގެ ކުރިން މަޝްވަރާ ކުރެވިފައިިވެ އެވެ.

 

ލަންކާ ފެޑެރޭޝަނުން ދިވެހިންނަށް ހާއްސަކޮށް ވިއްކަން ހަމަޖެހިފައިވަނީ ކިތައް ޓިކެޓް ކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ. ލަންކާގެ ފެޑެރޭޝަނުގެ އިއުލާނުގައި ވަނީ ޓިކެޓް ވިއްކާނީ އެންމެ އަވަހަށް އަންނަ މީހުންނަށް ކަމަށެވެ.

ޓިކެޓް ވިއްކަން ފަށާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު 15:00 އިން 18:00 އަށެވެ. އަދި މާދަމާ ޓިކެޓް ވިއްކާނީ ހެނދުނު 11 އިން 14:00 އަށް ކަމަށް އިއުލާނުގައިވެ އެވެ. ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ މާދަމާރޭ ލަންކާ ގަޑިން 21:00 ޖަހާއިރު ކުޅޭ ގޮތަށެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 20:30 ގަ އެވެ. މެޗުގެ ކުރިން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާގޮތަށް ހަމަޖެހިފައިވެ އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސާފައިވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކުމަށެެވެ. އެ ގޮތުން ލަންކާގެ ސަޕޯޓަރުންނަށް 200 ރުޕީސް އަށް އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.