ކުޅިވަރުތައް ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ގޮތުން ސްރީލަންކާއާ ރާއްޖެއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކުރުމަށް ނިންމައިފިއެވެ.

ދެ ގައުމު ދެމެދުގައި ގާއިމުކުރުމަށް ނިންމާފައިވާ “ޔޫތު އެމްއޯޔޫ” ގެ ތެރެއިން ރާއްޖޭގެ ކުޅިވަރަށް ގިނަ އެހީތަކެއް ވާން ލަންކާ އިން އެއްބަސްވެފައިވާ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެއެވެ. ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތާ ވަޑައިގެން ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގެންދަވަނީ ދިވެހި ކުޅިވަރާއި ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ލަންކާގެ ސްޕޯޓްސް ކައުންސިލާއި، ކަމާއި ގުޅުންހުރި އެހެން ފަރާތްތަކާ ވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އަންނަކަމަށް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިއަދު ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސައާ އެކު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ޔޫތު އެމްއޯޔޫގެ ތެރެއިން ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އެމްއޯޔޫގެ ތެެރެއިން މި ވަގުތު ކުރަން ނިންމާފައިވާ ކަންތައްތަކަށް ބަލާއިރު، އަންނަ މަހު ލަންކާގެ ގައުމީ ވޮލީ ޓީމު ރާއްޖެ އަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އަންނަ ގޮތަށް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ރާޅާއެޅުންތެރިންނާއި، ލަންކާގެ ރާޅާއެޅުންތެރިން އެކުވެ، ލަންކާގައި ފެސްޓިވަލެއް ބޭއްވުމަށް ވާހަކަ ދެކެވިފައިވާއިރު، އަންނަ ޖެނުއަރީ މަހު ލަންކާ އާއި ރާއްޖޭގެ ދެމެދުގައި ޖޫނިއާ ޓީޓީ މުބާރާތެއް ބޭއްވުމާއި ލަންކާގެ ބީޗްވޮލީ ޓީމު ރާއްޖެ ދަތުރުކުރުން ހިމެނެއެވެ.

މީގެއިތުރުން، އެމްއޯޔޫގެ ތެރެއިން ލަންކާގެ އެހީގައި ރާއްޖޭގެ ދެ ލޯންގް ޑިސްޓެންސް ދުވާ އެތުލީޓުން ކެންޏާ އަށް ތަމްރީން ހެދުމަށް ފޮނުވަން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި، ޒުވާނުން ބިނާކުރުމާއި ތަމްރީނު ކުރުމުގެ ބޭނުމުގައި “ޔޫތު އެކްސްޗޭންޖް” ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.