ސިމްނާއާ ގުޅޭތޯ ޝާލޫ ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ސިމްނާގެ ފޯނު އޮންނަނީ އަބަދު ވެސް ނިވާލާފައެވެ. އައިމިނަ އާއި ސުލޭމާނަކާއި ވެސް ނުގުޅެއެވެ.
ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާން ފެށުމުން ޝާލޫ މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. ދަރިފުޅާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ޝާލޫ ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ ދަރިފުޅަށް އެންމެ ރަނގަޅުވާނީ އެގޮތްކަން ވިސްނުނު ހިސާބުންނެވެ. އެކަމުގެ ތެރެއަށް އޭނާ ވަންނަން މަސައްކަތްކޮށްފިނަމަ ނުކުންނަ ނަތީޖާ ހިތިވެދާނެއެވެ. އޭނާގެ ސަބަބުން ދަރިފުޅުގެ މުސްތަޤުބަލު ބަނަވެދާނެއެވެ. ދަރިފުޅަށް ބޭނުންވާ ކަންތައްތައް އެންމެ ފަސޭހައިން ހަމަޖެހޭނީ އެމީހުން ގާތު ހުރެގެންނެވެ. އޭނާއާމެދު ޒިނާން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އައިމިނަ އާއި ސުލޭމާން އަދި ސިމްނާ ހުއްޓައި ދަރިފުޅަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަޤީންކަން އޭނާއަށް އަބަދު ވެސް އޮވެއެވެ.
އޮފީހުން ނުކުމެގެން ގެއަށް އައި ޝާލޫއަށް ލިބުނީ ހައިރާންކަމެވެ. އޭނާއާ ބައްދަލުކުރަން ފާޒިލް ބުނެގެން ބަޔަކު އައިސްދާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުކުރެއެވެ. ފާޒިލްއާމެދު އޭނާއަށް ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވެ މަޢާފަށް އެދުނު ދުވަހު ފާޒިލް ކަންތައް ކުރި ގޮތުން ލިބުނު މާޔޫސްކަން އަދިވެސް ފިލާނުދެއެވެ. ގާތްގާތުގައި ކުރިމަތިވި އެ މާޔޫސްކަމުން އަރައިގަތުމަށް އޭނާ ކުރަމުންދިޔަ މަސައްކަތް އެހެން މީހަކަށް ނޭނގޭނެއެވެ.
“ފާޒިލް ފޮނުވައިގެން ރަންކިޔާތޯ މިއައީ..” އިވުނު ޖުމްލައާއެކު ޝާލޫގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެ ޖުމްލައެއް އަހާލުމަށް ކިތަންމެ ބޭނުންވި ނަމަވެސް އިވިދާނެކަމުގެ އުންމީދު ގެއްލިފައިވާ އެ ޖުމްލަ އަޑުއިވުމުން އޭނާއަށް ޙަމްދު ކުރެވުނެވެ. އޭނާގެ އުންމީދުތައް ހާސިލް ވެދާނެކަމުގެ ކޮޅުމަތި ފެނުނު ހިސާބުން ފެށިގެން ވެސް ޝުކުރު ދަންނަވަންޖެހޭ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ.
ފާޒިލްއާ ކައިވެނި ކުރުމަށް ޝާލޫ ރަންކިޔެވެ. އޭނާގެ ބައްޕަ ޒަމީރު ވަލީ ވެސް ދިނެވެ.
“އެދުވަހު އަހަރެން ބުނިހެން ފާޒިލާއި ކައިވެނިކޮށްގެން ހުރިނަމަ މިއަދު ތިހެން ހެވިލާފައި ދޮންތައަށް ހުރެވޭނެތަ؟ ނަސީބެއްނު ފާޒިލާއި ނީނދެވުނުކަން. ދޮންތަގެ ތިޔަ އުފާވެރިކަން ފެނި އަހަރެން މާ އުފާވެއްޖެ.” ހެމުންހެމުން އައި ހަސްމާ ޝާލޫގެ ގައިގާ ބައްދާލިއެވެ.
ފާޒިލް ޝާލޫއާ ކައިވެނި ކުރީ އޭނާ ބޭނުންވެގެންނެވެ. އެއީ އޭނާގެ ދިރިއުޅުމާއި އޭނާގެ މުސްތަޤުބަލެވެ. އެކަމުގައި ގޮތް ނިންމާނީ އޭނާއެވެ. ޚިޔާލެއް ނުވަތަ މަޝްވަރާއެއް ދިނުމަށް އެންމެ އެކަށީގެންވާ ބަޔަކީ އޭނާގެ މައިންބަފައިންނެވެ. އެމީހުން ތިބީ ފާޒިލްގެ ނިންމުމާއި ހިތުން ރުހުމުން ޤަބޫލުވެގެންނެވެ. ޝާލޫއަކީ ޅަދަރިމައެއްތޯ، ކައިވެންޏެއްކޮށް ކައިވެނި ރޫޅިފައިވާ މީހެއްތޯ ބަލާނީ ވެސް އޭނާއެވެ. އެކަމުގައި ގޮތް ކިޔާކަށް އެހެން މީހުން ނުޖެހޭނެއެވެ. ކައިވެންޏެއް ކުރާ ކޮންމެ މީހަކު އަލަތު ކައިވެނި ކުރާނަމަ ފިރި މަރުވެފައިވާ މީހުންނާއި އަނބި މަރުވެފައިވާ މީހުން ދިރިއުޅުމުގެ އުފަލާއި ހިތްހަމަޖެހުމުން މަޙުރޫމް ވާންވީތޯ ވެސް އެއީ އުފެއްދިދާނެ ސުވާލެކެވެ. އެކަން އެހެން ނިންމަވަނީ އެހެން ފަރާތަކުން ކަމަށްވާއިރު އެކަމުގައި އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމީ ޙަޤީޤަތެވެ.
ފާޑު ކިޔާ މީހުން ފާޑު ކިޔާށެވެ. މަލާމަތްކުރާ މީހުން މަލާމަތް ކުރާށެވެ. އެ އަޑުތަކުން އޭނާއަކަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެއެވެ. ފާޒިލް ހުރީ އޭނާގެ ގޮތުގައެވެ. އެންމެ ބޭނުންވި ވަގުތު ނުލިބުނު ނަމަވެސް އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް ޝާލޫ ހަދަން ފުރުސަތު ލިބުނީތީ އޭނާ ހުރީ އުފަލުންނެވެ.
ފާޒިލްގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން ޝާލޫގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައެވެ. އެ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅު ފަތޯނާއާއެކު އެދެމަފިރިން ހޭދަކުރަމުން ދިޔައީ އުފާވެރި ދުވަސްތަކެކެވެ. ހިތްހަމަޖެހުމުން ފުރިގެންވީ ދިރިއުޅުމެކެވެ.
“އޭތް އަޙްމަދު. ކަލޭ ހަމަ މިހާރު އާދޭ. ތިހެން އަހަރެންނަށް ފިލައިގެން ކަލެއަކަށް ނޫޅެވޭނެ. އަހަރެން ކަލޭ ދުލެއް ނުކުރާނަން. އަހަރެންގެ ދަރިފުޅު ރަށްމެދަށް ބަލިވެ ބައިންދާފަ ފާޑުފާޑަށް..” ގޯތިތެރެއަށް ވަދެގެން އައި ޢަލީ ނަޒީރުގެ ބާރު އަޑަށް އެންމެން ދިޔައީ ސިއްސައިގެންނެވެ. ރުޅި އައިސް ރަތްވެފައި ހުރި ޢާލީ ނަޒީރު ތުރުތުރުއަޅައެވެ. ދެންމެދެންމެ އަޙްމަދުގެ ގައިގައި ޖަހާފާނެހެން ވެސް ހީވިއެވެ. ޢަލީ ނަޒީރާއިއެކު އެހެން ވެސް ހައެއްކަ މީހުން އައިސް ގޯތިތެރެއަށް ވަނެވެ.
“އަލިބޭ! ނުކުމޭ! އަލިބެމެން ބޭނުންހާ އެއްޗެއް ވެސް ނުހެދޭނެ. އަހަރެންގެ ދޮންބެއެއް ކަލޭމެންނަކަށް ނުގެންދެވޭނެ. ކަލޭގެ އަންހެނުންނާއި ދަރިފުޅުގެ ރޭވުން ކާމިޔާބެއް ނުވާނެ.” ދުވެފައި ކަހަލަ ގޮތަކަށް އައި ފަތޯނާ ހުއްޓުނީ ޢަލީ ނަޒީރުގެ ކުރިމައްޗަށެވެ. ރުޅި އައިސް ރަތްވެފައި ހުރި ޢާލީ ނަޒީރު ޖައްސާހާ ވައްތަރެއް ބެލުން އޭނާއަކަށް މުހިންމެއް ނޫނެވެ. ޝާލޫއަށް ހޭވެރިކަންވީ އެހިސާބުންނެވެ.
“އަޅުގަނޑަކީ ޙުސެއިން ނާހިލް. އަޅުގަނޑަކީ އަޙްމަދު ނާއިޒްގެ ޤާނޫނީ ވަކީލް. އަޙްމަދުގެ މައްސަލައެއް އޮތްނަމަ ޤާނޫނީ އިމުގެ ތެރެއިން އެކަމެއް ކުރައްވާ. ބޭބެ ތިޔަ ވިދާޅުވާހެން ކަންތައް ވެފައިވާނަމަ ބޭބެއަށް ކާމިޔާބު ހޯދައިދޭން ހިލޭ ސާބަހަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން.” ޢަލީ ނަޒީރު ކައިރިއަށް ޖެހިލަމުން ވާހަކަ ދެއްކި ނާހިލް އޭނާގެ ޖީބުން ނެގި ކާޑު ޢަލީ ނަޒީރަށް ދައްކާލިއެވެ.
މަންމައާ ދިމާވުމުން ލިބުނު އުފަލާއި ހިތްހަމަޖެހުން ގެއްލި ބިރުވެރިކަމާއި ހާސްކަމުގެ ތެރެއަށް އަޙްމަދު ވެއްޓޭކަށް މާގިނައިރެއް ނުނެގިއެވެ. އެހީއަކަށް އެދޭ ފަދައަކުން ޝާލޫގެ އަތުގައި އޭނާއަށް ހިފަހައްޓާލެވުނީ އެއްވެސް އިހުތިޔާރެއް ނެތިއެވެ. ދުވަހަކު ވެސް އެއަތުން ދޫކޮށްނުލާށޭ ބުނާ ފަދައަކުން ވެސް މެއެވެ.
“ކޮން ވަކީލެއް ވަކީލެއް ކިޔާކަށް. ކާޑު ހިފައިގެން ކަލޭ ގޮސް އޮވެބަލަ ގޭގަ. އަހަރުން..” ނާހިލްގެ ވާހަކަތައް އަޑުއަހާކަށް ޢަލީ ނަޒީރު ބޭނުމެއް ނުވިއެވެ. އޭނާ އައިސްފައިވާ ރުޅިއަށް އަދިވެސް ބަދަލެއް ނާދެއެވެ.
“އަދަބެއް ސަދަބެއްނެތި މީސްމީހުންގެ ގޯތިގެދޮރަށް ވަދެ އަޑުގަދަ ނުކޮށް އަލިބެ ވެސް ގޮސް އޮންނަންވީނު ގޭގަ.” ގޯތިތެރެއަށް ވަދެގެން އައި ފާޒިލްގެ އަޑަށް އެންމެންނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. ފެންނަމުންދިޔަ މަންޒަރާއި އިވުނު އަޑުތަކުގެ ސަބަބުން ކަމެއް ގޯސްވެއްޖެކަން އޭނާއަށް ޔަޤީންވިއެވެ.
“މަންމަގެ ހަށީގައި ހޭ ހުރިހާ ހިނދަކު އެމީހުންނަކަށް ދަރިފުޅެއް ނުގެންދެވޭނެ. ހަމަޖެހޭ.” ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލައިދެމުން އަޙްމަދަށް ޝާލޫ ހިތްވަރު ދިނެވެ. އޭނާގެ ހިތުގައި އެ ދަރިފުޅަށްޓަކައިވާ ލޯބި އަންގައިދިނެވެ.
ފާޒިލް ފެނުމާއިއެކު ފަތޯނާ އޭނާއާ ދިމާއަށް ދުއްވައިގަތެވެ.
“ބައްޕާ! އަޙްމަދު އެއީ އަހަރެންގެ ދޮންބެ. މި އަލިބެ އުޅެނީ ދޮންބެ ގެންދަން. އަނިޔާ ކުރަން. ގެންދިޔަޔަ ނުދޭތި.” ފާޒިލް ކައިރިއަށް ހުއްޓެމުން ފަތޯނާ އާދޭސްކުރިއެވެ.
އިވުނު އަޑުތަކުން ލިބުނު ހައިރާންކަމާއި އުފެދުނު ސުވާލުތަކަށްވުރެ ބޮޑަށް ފާޒިލް އިސްކަންދިނީ މައްސަލަ ހައްލުކުރާށެވެ. ފާޒިލް ފޯނުކޮށްފައި ބުނުމުން ޕޮލިހުން އައެވެ. ޢަލީ ނަޒީރާއި ވާހަކަ ދައްކައި ކަންކަން އޮންނަ އުސޫލުން ކަންކަން ކުރުމަށް ނަސޭޙްތްތެރިވިއެވެ. އެވާހަކަތައް ޢަލީ ނަޒީރު އަޑުއެހި ވެސް މެއެވެ.
މަންމައާ ބައްދަލުވުމުން އަޙްމަދު ވަރަށް އުފާވިއެވެ. އެތައް ދުވަހެއްވީ އޭނާގެ އެ އުންމީދު ހާސިލުވުމުން މާތް ﷲ އަށް ޝުކުރު ދެންނެވިއެވެ. އެ އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އޭނާ ލަހައްޓަވާތޯ އެތައް ދުޢާއެއް ކުރިއެވެ. އެރަށުން އޭނާއަށް ލިބުނު ގާތް އެކުވެރިޔާ ފަތޯނާއަކީ އޭނާގެ އެއްބަނޑު ކޮއްކޮކަން އެނގުމުން އަޙްމަދުގެ އުފަލާއި ހިތްހަމަޖެހުން އިތުރުވިއެވެ. ފާޒިލްގެ ފަރާތުން ވެސް އަޙްމަދަށް ލިބުނީ ލޯތްބާއި އަޅާލުމެވެ. ދޮންމަންމަ ދޮން ނިޔަނދުރަކަށް ވިޔަސް ދޮންބައްޕަ އެހެނެއް ނުވިއެވެ. ޝާލޫ އާއި ފަތޯނާ ފަދައިން ފާޒިލް ވެސް އަޙްމަދުދެކެ ވަރަށް ލޯބިވެއެވެ.
އެހާ ދުވަހަށްފަހު ވެސް ދަރިފުޅާއި ބައްދަލުވީތީ ޝާލޫ ނުހަނު އުފާކުރިއެވެ. އޭނާގެ ދުޢާ އިޖާބަ ކުރެއްވީތީ ޙަމްދުކުރިއެވެ. އޭނާގެ ދަރިފުޅު އަބަދުގެ އަބަދަށް އޭނާ ގާތު ލަހައްޓަވާތޯ ވެސް ދުޢާކުރިއެވެ.
އަޙްމަދު ފުރައިގެންދާ ވާހަކަ ބުނުމުން ޝާލޫ އާއި ފަތޯނާ ވަރަށް ދެރަވިއެވެ. އެ ޙާލުގައި އަޙްމަދު އުޅެން ދާކަށް އެ ދެމައިން ބޭނުމެއް ނުވިއެވެ. އެކަމަށް އެއްބަސްވާކަށް ހިތެއް ނުރުހުނެވެ. އަޙްމަދު އެ ޙާލުގައި އުޅެން ދާކަށް ފާޒިލް ވެސް ބޭނުމެއް ނުވިއެވެ. އަޙްމަދު ބޭނުންނަމަ މިކޮޅުގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދީ ރަށުން ވަޒީފާއެއް ހޯދައިދީފާނެކަމަށް ވެސް ބުންޏެވެ.
ދޮންމަންމަ ދޮން ނިޔަނދުރަކަށް ވިޔަސް ދޮންބައްޕަ އެހެނެއް ނުވިއެވެ. އުފަން ބައްޕަގެ ފަރާތުން އަޙްމަދަށް ނުފެނު ލޯތްބާއި އަޅާލުން އަދި އޯގާތެރިކަމާއި ބަލައިގަތުން ފާޒިލްގެ ފަރާތުން ފެނުނެވެ. އަޙްމަދަކީ ޝާލޫގެ ދަރިފުޅުކަން އެނގުނު ހިސާބުން ފެށިގެން އެއީ އޭނާގެ ވެސް ދަރިއެއްކަމުގައި ނިންމިއެވެ. ފަތޯނާއެކޭ އެއްފަދައިން އަޙްމަދަށް ދޭންޖެހޭ ސަމާލުކަންދީ ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދެއެވެ. މިގެއާއި ގޭގައިވާ ކޮންމެ އެއްޗަކީ އަޙްމަދުގެ ވެސް ތަކެތިކަމުގައި ބުންޏެވެ. ކަމަކު ބޭނުންވެއްޖެނަމަ ފަސްނުޖެހި ބުނުމަށް ބުންޏެވެ.
އަޙްމަދު މާލެ ދިއުމާއި ބެހޭގޮތުން އަޙްމަދުގެ އިތުރުން ސިމްނާގެ ދެމަފިރިން ވެސް ޝާލޫމެންނާއި ވާހަކަ ދެއްކިއެވެ. ކުރަން އުޅޭ މަސައްކަތް ކާމިޔާބުވާން އޮތީ އަޙްމަދު ވެސް މާލެ ގޮސްގެނެވެ. ވަގުތާއި ހާލަތަށް ބަލާއިރު މަޑުން ތިބެގެން ވާކަށް ނެތެވެ. އެންމެ ސިކުންތެއް ވެސް ގެއްލިއްޖެނަމަ ހީވެސް ނުކުރާފަދަ ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ވަގުތު ކުޑަތަންވަމުން އަންނަނީ ހީކުރިވަރަށްވުރެ އަވަހަށެވެ. ޚިޔާލަށް ވެސް ނާންނަފަދަ އެތައް ކަމެއް ފެނިއްޖެއެވެ.
“ދަރިފުޅާ އަޙްމަދު. ދަތުރު ހަމަޖެހިއްޖެ. ދޭއް ޖަހާއިރު ފުރާ ލޯންޗުން ތިން ޖާގަ ހަމަޖައްސާފަ މިއައީ. އެއްގަޑި ފަންސާސްހާއިރު ލޯންޗަށް ދިޔައިމަ ރަނގަޅުވާނެ.” ގޭތެރެއަށް ވަދެގެން އައި ފާޒިލް އަޙްމަދަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ.
އަޙްމަދުމެން ތިން މީހުން ފުރައިގެން ދިއުމުން ގޭތެރެއަށް ވެރިވި ފަޅުކަން އަދިވެސް ފިލައިގެން ނުދެއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޝާލޫމެން އަޙްމަދަށް ފޯނުކޮށް ޙާލު ބަލައެވެ. ކަންތައްތައް ވަމުންދިޔަ ގޮތް ގާތުން ބަލަމުން ދިޔައެވެ. އަވަހަށް އަންނަން ބުނެއެވެ.
ރޭގަނޑަށް ކައިގެން ފަތޯނާމެން ތިން މީހުން ތިބީ އަށެއްގެ ޚަބަރު ބަލާށެވެ.
“އަސްލު އޮޅުވާލުމުގެ ގޮތުން ލިޔުމެއް ތައްޔާރުކޮށް އެކަމުން ނާޖާއިޒް ފައިދާ ހޯދަން މަސައްކަތްކުރުމުގެ ކުށުގައި ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން ކުޑަ އަންހެންކުއްޖާގެ މަޢުލޫމާތު ލީކުވެއްޖެ. އުމުރުން ސޯޅަ އަހަރުގެ އަންހެންކުއްޖެއް ބަލިވެ އިންކަމަށް ލިޔުމެއް ތައްޔާރުކޮށް އެ ލިޔުން ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދަން މަސައްކަތް ކޮށްފައިވާކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ކުޑަ އަންހެންކުއްޖާއަކީ ހދ. ނާވައިދޫ ވަގަރު ފާތިމަތު ނިހާރާ ޢަލީ ނަޒީރުކަމަށް އިތުބާރުހުރި މަސްދަރަކުން މި ޗެނަލަށް މަޢުލޫމާތު ދީފައިވޭ. މިކަމާއި ގުޅިގެން ހައްޔަރުކޮށްފައިވާ އަނެއް ތިން މީހުންގެ މަޢުލޫމާތު މިހާތަނަށް ލިބިފައިނުވާއިރު މިކަމުގައި ޝާމިލްވަނީ ފިރިހެނަކާއި ދެ އަންހެނުން ކަމަށް މަޢުލޫމާތު ލިބޭ.” ސިއްސައިގެން ދިޔަ ފަތޯނާއަށް ބަލާލެވުނީ ޝާލޫގެ މޫނަށެވެ.
އަވަސްއަވަހަށް ތެދުވެގެން ބޭރަށް ނުކުންނަންދިޔަ ފަތޯނާ ހުއްޓުނީ ޝާލޫ ކުރި ސުވާލު އަޑުއިވުމުންނެވެ. ފަތޯނާ ކަންތައްކުރި ގޮތުން ފާޒިލް ވެސް އިނީ ހައިރާންވެފައެވެ.
“އަލިބެއަށް އެ ޚަބަރު ލިބުނުތޯ ބަލާލަން މިދަނީ. އޭނާގެ ދަރިފުޅުގެ ރަނގަޅު ވާހަކަ ދައްކާލާ އެއްޗެއް ވިސްނޭތޯ އަހާލަން ވެސް ޖެހޭނެއެއްނު.” ފާޒިލާއި ޝާލޫއަށް ބަލާލަމުން ފަތޯނާ ޖަވާބު ދިންއިރު އޭނާގެ ކިބައިން ފެނުނީ ޖޯޝާއި ފޯރިއެވެ. ވަރުގަދަ ކުރިމަތިލުމަކުން އޭނާއަށް ބޮޑު ކާމިޔާބެއް ލިބުނު ކަހަލައެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި