މުނިފޫހިފިލުވުމުގެ ހުރިހައި އެއްޗެއް އެއްތަނަކުން ބަލައިލެވޭގޮތަށް ހަދާފައިވާ މޮބައިލް އެޕް “ބައިސްކޯފު”ން އާއްމުންނަށް ޚިދުމަތްދޭން ފެށީ 12 ނޮވެމްބަރު 2018ގަ އެވެ. މިގޮތުން މިއަދަކީ ބައިސްކޯފަށް ތިން އަހަރު ފުރުން ފާހަގަކުރާ ދުވަހެވެ. މި ދުވަހާ ގުޅިގެން ބައިސްކޯފުން އާ ސީރީޒްތަކެއް ދައްކަން ފަށާނެކަން ބައިސްކޯފުން ވަނީ މީޑިއާއަށް ހިއްސާކޮށްފައެވެ.

މިގޮތުން ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވެބް ސީރީޒް “ގިރިޓީ ލޯބި”ގެ ޓްރެއިލާއެއް މިއަދު ނެރެފައިވާއިރު، މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 20 ގައެވެ.

މީގެ އިތުރުން 06 އެޕިސޯޑްގެ މައްޗަށް ތައްޔާރުކުރާ “ނޫންތަ؟” ސީރީޒްގެ ޓްރެއިލާވެސް މިއަދު އާއްމުކޮށްފައިވެއެވެ. ތިން އެޕިސޯޑް އަޙްމަދު އިޤްބާލް (އައިކިއު)، ތިން އެޕިސޯޑް ނާއިޝާ ޑައިރެކްޓްކޮށްފައި ވާއިރު، “ނޫންތަ؟” އިން ފެންނާނީ ކޮންމެ އެޕިސޯޑެއްގަަވެސް ތަފާތު ވާހަކައެއްކަން ފާހަގަކޮށްލެވެއެވެ. “ނޫންތަ؟”ގެ ފުރަތަމަ އެޕިސޯޑުވެސް މިމަހު 20ގައި ބައިސްކޯފުން ދައްކާގޮތަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން އާމިނަތު މުޙައްމަދު ޑައިރެކްޓްކޮށް އަންނަ އަހަރު ޖެނުއަރީގައި ރިލީޒްކުރުމަށް ހަަމަޖެހިފައިވާ “އޮފީސް ލޯބި”ގެ ސީރީޒްގެ ޓްރެއިލާވެސް މިއަދު ވަނީ އާއްމުކޮށްފައެވެ. ހަމަ އެއާއެކު ދަ އިންގްލިޝްއާއެކު “ސަޕް ރާއްޖެ” ނަމުގައި ގެނެސްދޭ ސީރީޒްގެ ފުރަތަމަ އެޕިސޯޑްވެސް މިއަދު ދައްކާނެއެވެ. “ސަޕް ރާއްޖެ” އަކީ މުޖުތަމަޢުގައި ހިނގާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި މަޖާގޮތަކަށް އިބްރަތްތެރި ވާހަކަތަކަކާއެކު ޑްރަމަޓައިޒް ކޮށްގެން ގެނެސްދޭ ސީރީޒެކެވެ. “ސަޕް ރާއްޖެ”، “އޮފީސް ލޯބި”، “ނޫންތަ؟” މިއީ ބައިސްފުގެ އުފެއްދުންތަކެއް ކަން ފާހަގަކޮށްލެވެއެވެ.

ބަައިސްކޯފުގެ އަހަރީ ދުވަހާ ގުޅިގެން މަޒްލޫމްގެ ތިންވަނަ އެޕިސޯޑް “މިންޖު” މިއަދުގެ ވަގުތެއްގައި ވަނީ ރިލީޒްކޮށްފައެވެ. ކަޒްމިކް އިންޓަނޭޝަނަލް އާއި އައިފިލްމްސް އާ އެފިލިއޭޓްވެގެން ގެނެސްދޭ މި އެންތޮލޮޖީ ސީރީޒަށް ޢާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ފަސީގެ “ލޯންގް ޓައިމް އެގޯ”ގެ ނަމުގައި 2022 ޖެނުއަރީ މަހު ނެރުމަށް ހަމަޖެހިފައިވާ ޚާއްޞަ އަލްބަމްގެ ޓްރެއިލާވެސް މިއަދު އާއްމު ކުރާނެއެވެ.

ބައިސްކޯފުގެ އަހަރީ ހަފުލާ، މި އަންނަ އަހަރު ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބައިސްކޯފުން ހާމަކޮށްފައިވެއެވެ.

”ބައިސްކޯފު“ އެޕަށް މާބޮޑު މާލީ މަންފާއެއް ނުލިބުނަސް، ފިލްމީ އަދި މިއުޒިކީ ދާއިރާ ކުރިއެރުވުމަށް ކޮށްދެމުން އަންނަ މަސައްކަތްތައް ދާއިރާގެ ފަންނާނުން ބަލައިގަނެއެވެ. އެކަން ބައިސްކޯފަށް އިތުރުވަމުންދާ ކޮންޓެންޓްތަކަށް ބަލައިލުމުން ދޭހަވެއެވެ.

”ބައިސްކޯފު“ގެ ތިން އަހަރުގެ މި ދަތުރުގައި މުނިއަވަސް އިން ބައިވެރިވީވެސް ބައިސްކޯފުގެ އަމާޒާ މުނިއަވަސް ގެ އަމާޒާއި ހުރި ގާތް ގުޅުމުގެ ސަބަބުންނެވެ. ”ބައިސްކޯފު“ގެ ތިންވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ކުންފުނީގެ ހުރިހައި ބޭފުޅުންނާއި ފަންނުވެރީންނަށް މުނިއަވަސް ޓީމުން ކިޔަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.