“އަލިބެއަށް އެ ޚަބަރު ލިބުނުތޯ ބަލާލަން މިދަނީ. އޭނާގެ ދަރިފުޅުގެ ރަނގަޅު ވާހަކަ ދައްކާލާ އެއްޗެއް ވިސްނޭތޯ އަހާލަން ވެސް ޖެހޭނެއެއްނު.” ފާޒިލާއި ޝާލޫއަށް ބަލާލަމުން ފަތޯނާ ޖަވާބު ދިންއިރު އޭނާގެ ކިބައިން ފެނުނީ ޖޯޝާއި ފޯރިއެވެ. ވަރުގަދަ ކުރިމަތިލުމަކުން އޭނާއަށް ބޮޑު ކާމިޔާބެއް ލިބުނު ކަހަލައެވެ.
“އަލިބެއަށް އެއްޗެއް ވިސްނައިދޭކަށް ދަރިފުޅު ދާނެކަމެއް ނެތް. އަލިބެއާއި ދެން ވެސް ތިބި ބަޔަކަށް ވިސްނޭ އެއްޗެއް ވިސްނޭނެ އަދި. އަޙްމަދޭ ކިޔައިގެން ދެއްކި ދޮގު ވާހަކަތަކުގެ ޙަޤީޤަތް ވެސް އަދި ހާމަވާނެ. އެމީހުނަށް ވެސް އެ ޚަބަރު ލިބޭނެއެއްނު. އަވަހަށް އާދޭ. އަހަރުމެންނަކީ އެއްވެސް އިރެއްގައި ތިހެން އުޅުނު ބަޔެއް ނޫން.” ފަތޯނާއާ ދިމާއަށް ހިނގައިގަންނަމުން ޝާލޫ ވާހަކަ ދެއްކިއެވެ. އަޙްމަދާއިމެދު ނިހާރާމެން ކަންތައް ކުރަމުން އައި ގޮތާއިމެދު އަބަދުވެސް ނުރުހުން ފާޅުކުރަމުންދިޔަ ފަތޯނާއަށް ދޭންޖެހޭ ސަމާލުކަން މިހާރު ކުރިޔަށްވުރެ އިތުރުކަން ޝާލޫއަށް ވިސްނޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފަތޯނާގެ ހިތުގައި ވަނީ އަޙްމަދަށްޓަކައި މާ ޚާއްސަ ލޯތްބެކެވެ.
އަނީގާ ގާތު އެއްބަސްވި ފަދައިން އޭނާއާ ބައްދަލުކުރަން ނާހިލް އެގެއަށް ދިޔައެވެ. އަނީގާ ހުރީ ނާހިލް އައުން ލަސްވެފައެވެ. ވީހާވެސް އަވަހަކަށް އެއްބަސްވުމުގެ ކަންތައް ނިންމަން ބޭނުންކަމަށް ބުންޏެވެ.
އެއްބަސްވުމުގެ ކަންތަކާއި ބެހޭގޮތުން ވާހަކަދައްކަން ނާހިލާއި އަނީގާ ތިބީ ފެންޑާތެރޭގައެވެ. ގޭތެރެއިން އިތުރު އެއްވެސް މީހަކު ނުފެނެއެވެ. ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ.
“ކުރިން ވެސް އަހަރެން ބުނިން ދޯ މިހުރިހާ މުދަލެއްގެ ވެރިއަކީ އަހަރެންނޭ. ޒިނާން މަރުވެއްޖޭ.. ދެން ކޮންހާ ހާސަރެއް ތި ދަމަނީ. ބޭނުން ނެތިއްޔާ އަވަހަށްދޭ. އެހެރީ ވަން ދޮރު.” ފިހާރައިގެ ވެރިފަރާތާއި ބެހޭގޮތުން ނާހިލް ސުވާލުކުރަން ފެށުމުން އަނީގާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ކެތްތެރިކަން ކޮޅުންލިއެވެ.
އަނީގާ ވާހަކަދައްކާ މަޝްވަރާކުރަން ގަޑިއެއްހާއިރު ނާހިލް މަޑުކުރިއެވެ. ދެމީހުން ބޭނުންވާ ގޮތަށް އެއްބަސް ވެވުނީ އެތައް އިރެއްގެ ވާހަކަތަކަށްފަހުއެވެ. ނާހިލް އެގެއިން ނުކުމެގެން ދިޔައީ ދެދުވަހެއް ފަހުން އެގްރީމެންޓްގައި ސޮއިކުރަން އަންނަގޮތަށް ހަމަޖައްސާފައެވެ. އާ މަހެއް ފެށެން ހަތަރުވަރަކަށް ދުވަސް އޮތުމުން ނާހިލް ބޭނުންވީ އަންނަ މަހުން ފެށިގެން އެތަން ކުއްޔަށް ނަގާށެވެ.
އަޙްމަދު ފޯނުކޮށްފައި ބުނުމުން ޝާލޫމެން ތިން މީހުން މާލެ އައެވެ. ޝާލޫމެން މާލޭގައި ތިބީ ނާހިލްމެން ދިރިއުޅެމުންދިޔަ ތަނުގައެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ އެ އެޕާރޓްމެންޓަކީ ދެމަސް ދުވަހަށް ނާހިލް ކުއްޔަށް ނަގާފައިވާ ތަނެކެވެ. އޭނާ ލަފާކޮށްފައިވާ ގޮތުގައި ދެ މަހެއްހާ ދުވަސްތެރޭގައި އޭނާގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވޭނެއެވެ. ސިމްނާ ގާތު އަދި ނާހިލްގެ މައިންބަފައިން ގާތު އޭނާ ވަޢުދުވީ ފަދައިން ސިމްނާމެނަށް އެމީހުންގެ ޙައްޤު ހޯދައިދީފައި ނޫނީ ނާހިލް އޭނާގެ މަސައްކަތް ހުއްޓައެއް ނުލާނެއެވެ. ހުރިހާ ވަގުތެއް އޭނާ ހުސްކޮށްގެން ހުރީ އެކަމަށްޓަކައެވެ.
އެއްވެސް އަންހެނަކީ ހުތުރު މީހެއް ނޫނެވެ. އެކި މީހުނަށް ރީތިވާނީ އެކި މީހުނެވެ. އެކި ސިފަތަކެވެ. ކޮންމެ މީހެއްގެ ކިބައިގައި ވެސް ރީތި ކޮންމެވެސް ސިފަތަކެއް ނުވަތަ ސިފައެއް ހުންނާނެއެވެ.
ހެދިހުރި އަންހެންވަންތަ ފުރިހަމަ ހަށިގަނޑެކެވެ. ވަނާތަކާއި ބައްޓަންތައް ރިވެތިވެފައި ޗާލެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ކަޅުކަން ގަދަ ދިގު ފަން އިސްތަށިގަނޑެކެވެ. ތޫނުފިލި ދެލޮލާއި ރީތި ކަޅިރަވައެކެވެ. ހިތިފަތު ބުމައެކެވެ. ތުންފަތާއި ކޯތާފަތްމަތިން މަޑު ރަތްކުލައެއް ފާޅުވާން ހުއްޓެވެ. ގައިގެ ކުލަ އަލިވެފައި މޫނުމަތިން ތާޒާކަމާއި އުފާވެރިކަން ފެންނަން ހުއްޓެވެ. ކޮށްފައިވާ ފުރިހަމަ މޭކަޕާއި ލައިގެންހުރި ޒަމާނީ ހެދުމުގެ ސަބަބުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަވެފައިވެއެވެ.
މަތިންދާބޯޓުން ފައިބަމުންދިޔަ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި ހުރީ އެ ޒުވާނާއާ ދިމާއަށެވެ. މެދު އުމުރުން މައްޗަށް ގޮސްފައިވާ ފިރިހެނެއްގެ އަތުގައި ހިފައިގެން ބޯޓުން ފޭބި އެ އަންހެންކުއްޖާ އުޅުނުގޮތުން ހީވަނީ އޭނާގެ އެހީއާނުލައި އެ ފިރިހެންމީހާއަށް ހިނގަން އުނދަގޫވާތީ އުޅޭހެންނެވެ.
އަނީގާގެ ސަބަބުން ޝާލޫގެ އަލަތު ދިރިއުޅުން ބަރުބާދުވެގެންދިޔަ ނަމަވެސް ޝާލޫ އެކަމަކާ މިހާރު ނުވިސްނައެވެ. އެގޮތަށް އެކަން ދިމާވީ އަނީގާގެ ސަބަބުން އެކަންޏެއް ނޫނެވެ. އެގޮތް ޒިނާން ބޭނުން ނުވިނަމަ އެގޮތަށް އެކަން ނުވީހެވެ. އެގޮތަށް ކަންތައް ދިމާވީ އޭނާގެ ނަސީބު ރަނގަޅުކަމުން ކަމުގައި ޝާލޫ ނިންމީ ފާޒިލްގެ ސަބަބުން އޭނާގެ ޙަޔާތައް އައި އުފާވެރި ދުވަސްތަކުގެ ސަބަބުންނެވެ. ފިރިއެއްގެ ފަރާތުން ޝާލޫ ބޭނުންވި ހުރިހާކަމެއް ފާޒިލްގެ ފަރާތުން ވިއެވެ. ފިރިއަކާއިމެދު އަނތްބަކު ފަޚުރުވެރިވާނެ އެތައް ސިފައެއް ފާޒިލްގެ ފަރާތުން ޝާލޫއަށް ފެނުނެވެ. ދަރިއަކަށް ބަފައެއްގެ ފަރާތުން ދޭންޖެހޭ ލޯތްބާއި އަޅާލުން، ހިމާޔަތާއި ރައްކާތެރިކަން ފާޒިލްގެ ފަރާތުން ފަތޯނާއަށް ލިބުނެވެ. އެހެން މީހަކާއިމެދު ވިސްނަން ޖެހޭވަރަށްވުރެ ޝާލޫގެ ދިރިއުޅުން މިހާރު މާ އުފާވެރިވެފައި ހަމަޖެހެއެވެ.
އަޙްމަދާއިމެދު އަނީގާ ކަންތައްކުރި އިހާނެތި ގޮތް އެނގުނު ހިސާބުން ޝާލޫގެ ވިސްނުމަށް ބަދަލެއް އައެވެ. މީހެއްގެ ކިބައިން ބަދަލު ހިފުމަށް ދުވަހަކު ވެސް މަސައްކަތް ނުކުރި ނަމަވެސް، ކުރަން ބޭނުންނުވި ނަމަވެސް އޭނާގެ ދަރިފުޅުގެ ޙައްޤު ހޯދައިދޭން ކުރަން ޖެހުނު ކޮންމެ ކަމެއް އޭނާ ކުރާނެއެވެ. މައެއްގެ ފަރާތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، ލޯތްބާއި އަޅާލުން ދޭންޖެހޭ ވަގުތު އެ ފުރުސަތު ނުލިބުނަސް މިއަދު އެހެނެއް ނުވާނެއެވެ. ދަރިފުޅު ހުރީ އޭނާ ގާތުގައެވެ. ދަރިފުޅަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނެއް އޭނާ މިހާރު ވާނެއެވެ. އެކަން ހުއްޓުވާނެ އެއްވެސް މީހަކު ނާންނާނެއެވެ. ދޭން ޖެހުނު ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ފާޒިލްގެ ފަރާތުން އޭނާއަށް ލިބޭނެއެވެ.
ލިބެމުންދިޔަ ކާމިޔާބީތަކަށް އުފާ ފާޅުކުރަމުން އަތް ޖަހަމުންދިޔަ އަނީގާ ހުރީ ވަރަށް އުފަލުންނެވެ. މިހާރުން މިހާރަށް ވެސް އެންމެ ބޭނުން ކަންތައް ހަމަޖެހޭތީ އޭނާގެ އުފަލާއި ހިތްހަމަޖެހުން އިތުރުވެފައިވެއެވެ.
ފިހާރައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ނާހިލްއާއެކު ސިމްނާމެން އެންމެން ވެސް އެގެއަށް ދިޔައެވެ. އަނީގާގެ އިތުރުން ޒުވާންފުރައިގެ އަންހެންކުއްޖަކާއި ދެ ވަކީލުން ވެސް އެތަނުގައި ތިއްބެއެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް އެ އަންހެންކުއްޖާއަކީ ހޮސްޕިޓަލް ޖަރީމާގެ ތެރެއިން ފެނުނު އަންހެންކުއްޖާކަން ދެނެގަންނާކަށް ނާހިލަކަށް އުނދަގުލެއް ނުވިއެވެ. އެތައް ދުވަހެއް ވާންދެން އެކުގައި އުޅުނު ނަމަވެސް، މޫނު ބުރުގާ އަޅައިގެން ހުރުމުން އަނީގާގެ ދެ ބެއިންނަށް ސިމްނާއެއް ފާހަގައެއް ނުވިއެވެ.
ވާހަކަދައްކާލަން ހޭދަވެގެންދިޔަ ދެތިން މިނެޓަށްފަހު ސޮއިކުރުމާއި ހަމައަށް ދިޔައެވެ. އަނީގާ އާއި ދެ ހެކިން ސޮއިކޮށް ނާހިލް ސޮއިކުރުމަށް އެއްބަސްވުން ދިނެވެ.
ނާހިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމަށް އިށީންނަމުން ޝާލޫ މޭޒުމަތީގައި ބޭއްވި އައިޑީ ކާޑާއި ދައުލަތުގެ ލިޔުން ފެނުމާއިއެކު އަނީގާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި އެއިނީ އެ ފިހާރަ ކުއްޔަށް ދިނުމަށް އޭނާ މަސައްކަތް ކުރަމުންދާ ފިހާރައިގެ ވެރިމީހާއެވެ. ޒިނާންގެ އަލަތު އަނބިމީހާއެވެ. ދައުލަތުގެ ލިޔުމުން އެތަނަކީ ޝާލޫގެ ތަނެއްކަން އެނގެން އޮތެވެ. އެތަނަކީ ޒިނާންގެ މައިންބަފައިންގެ ތަނެއް ނޫނެވެ. ޒިނާނަކާއި ބެހޭވެސް ތަނެއް ނޫނެވެ.
“ތީ ހުސް ދޮގު. ކަލޭމެން ހަދައިގެން ގެނައި އެއްޗެއް ތީ. ޒިނާން ބޭނުން ނެތިގެން ވަރިކޮށް ރަށަށް ފޮނުވާލި މީހަކަށް ކޮން ފިހާރައެއް ދޭނީ؟ ޒިނާންގެ ބޮލަށް ޖަހާފަ ދިޔަ ދަރިވެސް ބެލީ އަހަރެން. ތީ ހުސް ފޭކު. އޮޅުވާލުމާއި މަކަރު ހެދުން. ބުއްދި ޤަބޫލުކުރާ ކަހަލަ އެއްޗެއް ދައްކަބަލަ. އަމިއްލަ އެދުން ބޮޑުވިޔަސް ތި ދެން ބޮޑުވަރެއްނު.” ހިތްހަމަނުޖެހުމާއިއެކު ޝާލޫއަށް ބަލާލަމުން އަނީގާ ވާހަކަދެއްކިއެވެ.
“އާނ. ދޮންމަންމައާ ދޮންމަންމަގެ ކޮއްކޮ ނޫން އެންމެން ވެސް ކުރާނީ ފޭކު ކަންކަން. ދައްކާނީ ފޭކު ވާހަކަ. އުޅޭނީ އަމިއްލަ އެދުމައިގެން. ދުނިޔެ ބައްކުރަން. އެކަމަކު.. ދޮންމަންމަގެ ދެބެއިން މުޅިން ތަފާތުވާނެ. ހުރިހާ ކަމެއް ވެސް ކުރާނީ ލިއްލާހިއަށްޓަކައި. އެނޫން އެހެން އެއްވެސް ނިޔަތެއް ނޯންނާނެ.” ގޭތެރެއަށް ވަންނަމުން ވާހަކަދެއްކި އަހްމަދުގެ އަޑުއިވިފައި އަނީގާ ދިޔައީ ސިއްސައިގެންނެވެ. އެއްވެސް އިޚްތިޔާރަކާއިނުލައި އެދިމާއަށް ބަލައިލެވުނެވެ.
“ދަރިފުޅާ އަޙްމަދު. އަވަހަށް އާދޭ. މި މީހުން މިއުޅެނީ ބައްޕަގެ ފިހާރަ ދަމައިގަންނަން. ފާޑެއްގެ ލިޔުމެއް ހަދައިގެން އައިސް މަންމައަށް އޮޅުވާލައިގެން އެތަން އަތުލަން އުޅެނީ. މި މީހުން ކައިރީ ބުނޭ ދާން އުޅޭށޭ.” އަވަސްއަވަހަށް ތެދުވެގެން އައި އަނީގާ މަސައްކަތްކުރީ އަޙްމަދުގެ ސަމާލުކަން ހޯދާށެވެ.
“ބައްޕަ ކޮބާ؟” އަޙްމަދު ބަލާލީ އަނީގާގެ މޫނަށެވެ.
“ދަރިފުޅާ.. ދަރިފުޅާ އަހްމަދު.. ބައްޕަ.. ބައްޕަ ނިޔާވެއްޖެ. އެކަން ދަރިފުޅަށް އަންގަން މަންމަ ވަރަށް މަސައްކަތް ކުރިން. ޕޮލިހަށް ގުޅައިގެން ވެސް އެވާހަކަ ދެއްކިން. އެމީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނު. ބައްޕަ ނިޔާވެއްޖެ. ޒިނާން ނިޔާވެއްޖެ. އަހަރެންގެ ފިރިމީހާ ނިޔާވެ އަހަރެން އެކަނިވެއްޖެ.” ރޮމުންރޮމުން ތިރިވި އަނީގާ އަޙްމަދުގެ ފައިގައި ހިފަހައްޓާލިއެވެ. އެހީތެރިކަމަށް އެދި އާދޭސް ކުރި ކަހަލައެވެ. ޒިނާންގެ މަރުގެ ސަބަބުން އަނީގާއަށް ވަނީ ނުހަނު ބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ކުރިމަތިވެފައެވެ.
އިވުނު ވާހަކަތަކާއިއެކު އަޙްމަދުގެ ސިކުނޑިއަށް ބާރުބޮޑުވިއެވެ. އެވާހަކަތައް ޤަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ހިތްވަރުކުރަން ކިތަންމެ ބޭނުންވި ނަމަވެސް އެ ހިތްވަރެއް ނުލިބުނެވެ. އެއްވެސް އިޚްތިޔާރަކާއިނުލައި ރޮއިގަނެވުނެވެ.
ޝާލޫ އައިސް އަޙްމަދުގެ އަތުގައި ހިފިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު އަޙްމަދުގެ ބޮލުގައި ފިރުމާލަމުން މަޑުމަޑުން ގެނެސް ގައިގައި ލައްކޮށްލިއެވެ. ހިތްވަރާއި ނަސޭޙަތްދިނެވެ. މައެއްގެ ލޯބިވެތި އޯގާތެރި ފިރުމުންތަކުން އެ ސިކުނޑިއަށް ކުޑަނަމަވެސް ހަމަޖެހުމެއް ގެނެވޭތޯ މަސައްކަތްކުރިއެވެ.
“ތީ ހުސް ދޮގު. ތިޔަ ހުރިހާ ކަމަކީ ވެސް ކަލޭގެ ރޭވުން. ދޮންބެ މަރުވިއްޔާ މަރުވާނީ ކަލޭ ރާވައިގެން ދިން ބޮނޑިއަކުން. ކަލެއާއި މިހިރަ ފެންނަ ކަލޭގެ ކޮއްކޮގެ ހިތުގަ ނޯންނާނެ ތަނަވަސްކަން ނޫން އެހެން އެއްވެސް އެއްޗެއް. ކަލޭ ކިތަންމެ ބޭނުންވިޔަސް.. ފުލުފުލުގައި ރޭވުންތައް ރާވައިގެން ކިތަންމެ ކަމެއް ކުރިޔަސް ކަލެއަކަށް މިތަނުން ލޯލާރިއެއް ވެސް ނުލިބޭނެ. މި ބިމުން އަކަފޫޓެއްވަރުގެ ތަންކޮޅެއް ވެސް ނުލިބޭނެ. ކަލޭ ބޭނުންހާ އެއްޗެއް ދެން ނުހެދޭނެ. މިއީ އެދުވަހެއް ނޫން. ހަނދާންކުރާތި.” އަނީގާއާ ގާތަށް ޖެހިލަމުން ސިމްނާ ދިނީ އިންޒާރެވެ. ކަންފަތުގައި އަޑު ޖެހުނު ހިސާބުން އެއީ ސިމްނާކަން އަނީގާގެ ދެބެއިންނަށް ޔަޤީންވިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި