ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލުންގެ ތެރޭގައި ހިމެނޭ ރަންވީރް ސިންގ ލީޑް ރޯލުން ފެނިގެންދާ “83” ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

1983 ވަނަ އަހަރު އިންޑިއާގެ ކްރިކެޓް ޓީމަށް ވޯލްޑް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި އަދި ޓީމުގެ ކެޕްޓަން ކުޅުންތެރިޔާ ކަޕިލް ދޭވްގެ ޙަޔާތުގެ މައްޗަށް އުފައްދާފައިވާ “83” އަކީ ރަންވީރުގެ އިތުރުން ދީޕިކާ ޕަޑުކޯން އާއި ސާޤިބް ސަލީމް އާއި ޕަންކަޖް ތުރިޕާޓީ އަދި ތާހިރް ރާޖް ބަސީން ފަދަ އެތައް ތަރިންނެއް މުހިންމު ރޯލުތަކަކުން ފެނިގެންދާ ފިލްމެކެވެ.

މިއަދުގެ ވަގުތެއްގައި ފިލްމުގެ ޓްރެއިލާ ދޫކޮށްލާފައިވާއިރު، ޓްރެއިލާ ބެލި ގިނަ ބަޔަކު ވަނީ ޓްރެއިލާ ވަރަށް ކަމުގޮސްގެން އެވާހަކަ ދައްކާފައެވެ. އޭގެ އިތުރުން މަޝްހޫރު ޓްރޭޑް އެނަލިސްޓް ތަރަން އަދަރްޝް ވެސް ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށް، މި ޓްރެއިލާ ބަލައިލުމުން ގައިން ހީބިހި ނަގައިފި ކަމަށާއި އެ ތާރީޚީ މެޗުގެ ހަނދާންތައް ވަރަށް ތާޒާވެއްޖެކަމަށް ބުނެފައެވެ. ފިލްމުގެ މަސައްކަތް ނިމިފައި އޮންނަތާ ގާތްގަނޑަކަށް ދޮޅު އަހަރުވެފައިވާ މި ފިލްމުގެ ޓްރެއިލާއަށް މިހާތަނަށް 25 މިލިއަން ވިއުސް ލިބިފައިވެއެވެ.

ކްރިސްޓްމަސް އާއި ދިމާކޮށް އަންނަ ޑިސެމްބަރު މަހުގެ 24 ގައި “83” ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާއިރު، މިއީ ސަލްމާން ޚާންއާއެކު “ބަޖްރަންގީ ބައިޖާން” އާއި “ޓިއުބްލައިޓް” ގެނެސްދިން ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިން އުފެއްދުމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން ފަސް އެޕިސޯޑްގެ “ދަ ފޮގޮޓެން އާރމީ – އާޒާދީ ކޭ ލިޔޭ” އެވެ.

“83” ގެ އިތުރުން ރަންވީރްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް “ޖަޔޭޝްބާއީ ޖޯރްދާރް” އާއި ޝޫޓިންގ ކުރިއަށްދާ ރޯހިތު ޝެޓީގެ “ސާކަސް” އާއި ކަރަން ޖޯހަރްގެ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.